މާދަމާއަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީގެ ސްޓޫޑެންޓް ކައުންސިލަށް ދަރިވަރުން ހޮވާ ދުވަހެވެ. ސްކޫލްގެ އެންމެ އިސް މަގާމް ކަމުގައިވާ ކެޕްޓަންކަމުގެ މަގާމަށް މިފަހަރު ވަނީ 9 ދަރިވަރުން ކުރިމަތި ލާފައެވެ. އެ ދަރިވަރުން ކެޕްޓަން ކަމުގެ މަގާމަށް ކުރިމަތިލީ ކިއްވެބާވައެވެ.
ޢައިޝަތު ޝާލީ ފަހީމް (ކެންޑިޑޭޓް ނަންބަރު 1)
ޝާލީ ކެޕްޓަންކަމަށް ކުރިމަތިލީ ޝާލީ ގައިގާ މަސައްކަތްކުރުމާއި މީހުންނަށް އެހީތެރިވުމުގެ ހުނަރު ހުންނާތީއެވެ. ގާބިލުކަން ހުންނަކަން އެނގޭތީއެވެ. އަދި ކުދިންވެސް ހިތުލައިގެން އުޅޭ މަގާމަކަށް ކުރިމަތިލުމުގެ ފުރުޞަތު ލިބުމުން އެ ފުރުސަތު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށާއި ޓީޗަރުން އޭނާއަށް ދައްކައިދިން ލޯތްބާއި އިހުތިރާމް ދިހަގުނަ އިތުރަށް އަނބުރާ ދޭން ބޭނުންވާތީއެވެ. އަހްމަދިއްޔާ ގައި ކުރެވުނު ތަޖުރިބާތަކާއި ލިބުނު ހުނަރުތައް ހިއްސާކުރަން ބޭނުންވާތީއެވެ. މީގެ އިތުރުން މި ސްކޫލުގެ ރީތިނަން ދެމެހެއްޓުމަށާއި ސްކޫލުގެ އެންމެހާ ފަރާތްތައް ގުޅުވާ މުޢާމަލާތުކުރުމަށް ފަސޭހަ ކުރުމަށް ޝާލީ ބޭނުންވެއެވެ.
ޝާލީ މިމަގާމަށް ހޮވިއްޖެނަމަ ސްކޫލުގެ ފަރާތުން ކަންކަމަށް އެދޭއިރު ދަރިވަރުންގެ ބޭނުންތަކާއިމެދު ވިސްނާ އެކަންކަމަށް އެދޭނެކަމަށް ބުންޏެވެ. އޭނާ ބުނީ އިސް މަގާމުގައި ނޫޅޭ ހުނަރުވެރި ދަރިވަރުންގެ ޚިޔާލުތައް ސްކޫލުގެ ކަމުވޮށިގެންވާ ފަރާތްތަކަށް ހުށައެޅުމުގެ ފުރުސަތު ދޭނެކަމުގައެވެ. ދަރިވަރުންނަށް އިތުރު ހަރަކާތްތަކާއި ކިޔެވުމުގައި ކާމިޔާބުގެ ދޮރު ހުޅުވާލަދޭނެ ކަމުގައެވެ.
"އަޅުގަނޑުގެ ޢަޒުމަކީ ކެޕްޓަންކަމުގައި ހުރެގެން ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ގެނައުން. މުބާރާތްތަކުގެ މުއްދަތު އިތުރުކުރުމާއި ކުޅިވަރުގެ މުބާރާތްތަކަށް އަވަހަށް ތައްޔާރުވުމާއި ކުލާސްތެރޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމާއި ވަކިވަކި ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއެހުންފަދަ ކަންކަން ކޮށްދީ ސްކޫލުތެރޭގައި 'ސަޖެސްޝަން ބޮކްސް' އެއް ބަހައްޓައިދޭނަން. މިއީ ޔަގީންކަމާއެކު އަޅުގަނޑަށް ކުރެވޭނެ ކަންކަން." ޝާލީ ބުންޏެވެ. ދަރިވަރުންނަށް ހިތްވަރުދީ، ލޯބިކުރާ އަދި އެކުދިން ބޭނުންވާ ކަންތައްތަކަށް އެއްބާރުލުން ދޭނެ ކުއްޖަކީ ހަމަގައިމުވެސް އޭނާ ކަމާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު ކުދިންނަށް އަމާންކަމާއި ރަހުމަތްތެރިކަން ދެމިހުންނަ ތަނަށް ހެދުމަކީ އޭނާގެ އެންމެ ފޮނި އުންމީދު ކަމުގައި ޝާލީ ބުންޏެވެ.
ފާޠިމަތު ޝިޔަމް ޢުމަރު (ކެންޑިޑޭޓް ނަންބަރު 2)
ފާޠިމަތު ޝިޔަމް ޢުމަރު ކެޕްޓަން ކަމަށް ކުރިމަތިލީ މިހާރަށްވުރެވެސް އިތުރަށް ސްކޫލަށް ޚިދްމަތްކުރަން އެދޭތީއެވެ. ޝިޔަމް އަކީ އެންމެ ކުޑައިރުއްސުރެ ކަންކަމުގައި އިސްނަގާ ކަންކަން ކުރުމަށް ޝައުގުވެރިކަން ހުންނަ ދަރިވަރެކެވެ. މީގެ އިތުރުން ސްކޫލްގެ ކެޕްޓަންކަން ކުރުމަކީ، ތަޢުލީމް ދައުރު ފެށުނީއްސުރެ ދެކެމުންއައި ފޮނި ހުވަފެނެކެވެ. ޝިޔަމްގެ ޢަޒުމަކީ، ސްކޫލަށް ޚިދްމަތް ކޮށްދިނުމުގައި ކަންކަމުގައި އިސްނަގާ ހުނަރުވެރި ގާބިލް ދަރިވަރެއްކަން ސާބިތު ކޮށްދިނުމެވެ.
ޝިޔަމަށް ވޯޓްދޭންވީ ސަބަބެއްކަމުގައި ޝިޔަމް ބުނަނީ، އޭނާ ސްކޫލްގައި ހޭދަކުރި 3 އަހަރުގެ ތެރޭގައި ދަރިވަރުންގެ ފަރާތުން ވަރަށް ގިނަ ޚިޔާލުތަކެއް ލިބިފައިވާތީ ކެޕްޓަނެއްގެ ހައިސިއްޔަތުން މި ޚިޔާލުތައް ސްކޫލްގެ އިސްވެރިންނާ ހިއްސާކޮށް އަމަލީ މަސައްކަތް ގެނައުމަށެވެ.
"އަޅުގަނޑަކީ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުންނަ އަޅުގަނޑުގެ ގާބިލިއްޔަތުކަން ހުރި ވަރަކުން އެހީތެރިވުމަށް މަސައްކަތް ކުރާ ދަރިވަރެއް. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަޅުގަނޑަކީ ދަރިވަރުންގެ ޚިޔާލުތަކާއި ޝުޢޫރުތައް އަޑުއަހައި ސްކޫލްގެ ތެރެއިން ދިމާވާ ދަތިތަކާއި ކުރިމަތިލުމަށް އެހީތެރިވެވޭނެ ދަރިވަރެއް." ޝިޔަމް ބުންޏެވެ.
ޝިޔަމްގެ އަމާޒަކީ ސްކޫލުގައި ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތައް ސްކޫލްގެ އިސްވެރިންގެ އެހީތެރިކަމާއެކު ހައްލުކޮށްދީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ދަރިވަރުންނަށް ރައްކާތެރި އިހުނަށްވުރެ ބަދަހި ވެއްޓެއް ބިނާވެފައިވާ ތަނަކަށް ހަދައިދިނުމެވެ.
ޙުސައިން އާދު އާސިމް (ކެންޑިޑޭޓް ނަންބަރު 3)
ސްކޫލް ދައުރު ނިމުމުގެ ކުރިން ސްކޫލެއްގެ ކެޕްޓަނަކަށް ވުމަށް އާދު ވަރަށްބޮޑަށް އަމާޒު ހިފިއެވެ. އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ކެޕްޓަނަކަށް ވުމަކީ އޭނާ ދެކޭގޮތުގައި ވަރަށްބޮޑު ފަޚުރެކެވެ. މީގެ އިތުރުން އާދު ބޭނުންވަނީ ސްކޫލް މާހައުލު ރަނގަޅު އެންމެން ގުޅިގެން މަސައްކަތްކުރާ ވެއްޓަކަށް ހެދުމެވެ. ހަމަ އެފަދައިން އޭނާގެ ކެޕްޓަންކަމުގެ ދައުރު ސްކޫލު ސްޓޫޑެންޓް ކައުންސިލާއި ސްކޫލް މެނޭޖްމަންޓާ އެކުގައި މަސައްކަތްކޮށް ކޮންމެ ކަމެއް ކުރުމުގައިވެސް އެކަމެއް އެންމެ ފުރިހަމައަށް ހާސިލް ކުރުމެވެ.
"އަޅުގަނޑަކީ ކޮންމެ ކަމެއް ކުރުމަށްވެސް ގާބިލްކަން ހުރި ދަރިވަރެއް. ކޮންމެ ދަރިވަރެއްގެ މައްސަލަތައް އަޅުގަނޑު ސްކޫލުގެ މެނޭޖްމަންޓާއިއެކު މަސައްކަތްކޮށް އެކަމެއް ހައްލު ކުރާނަން. އަޅުގަނޑު އެކަމެއް ވީހާވެސް އަވަހަކަށް ހަމޖެއްސޭތޯ ބަލާނަން. އަޅުގަނޑުގެ ޒިންމާއަކީ ކޮންމެ ދަރިވަރެއްވެސް މައްސަލަތަކާއި ޚިޔާލުތައް މެނޭޖްމަންޓަށް ފޯރުކޮށްދިނުން. އަޅުގަނޑުގެ ދައުރު ބޭނުންވަނީ ދަރިވަރުންނަށްވެސް މަޖާ އުފާވެރި ދައުރަކަށް ހެދުން. އިންޓަރ ސްކޫލް މުބާރާތްތަކާއި އިންޓަރ ހައުސް މުބާރާތްތައް ބޭއްވުން." އާދު ބުންޏެވެ.
ޔޫސުފް ބިން ޢަބްދުﷲ (ކެންޑިޑޭޓް ނަންބަރު 4)
ޔޫސުފަކީ، އަބަދުވެސް ސްކޫލް ކެޕްޓަންގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުންވާ ދަރިވަރެކެވެ. އޭނާގެ އެންމެބޮޑު އެއް އުންމީދަކީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ވަކިވެގެން ދާއިރު މި ސްކޫލަށް ގިނަ ޚިދުމަތްތަކެއް ކުރުމަށްފަހު އަހުމަދިއްޔާގެ ތާރީޚް ދުށް އެންމެ ފުރިހަމަ ކެޕްޓަންއަކަށް ވުމެވެ.
" ސްކޫލުގެ ރީތިނަން ދެމެހެއްޓުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. ހުރިހާ ކުދިންގެ ޚިޔާލުތައް އަޑުއަހައި ކުދިން އެދޭ ކަންކަން ސްކޫލް މެނޭޖްމަންޓާއި މަޝްވަރާކޮށް އެކުދިން އެދޭ ކަންކަން ކޮށްދިނުމަށް ގަދައަޅައި މަސައްކަތް ކުރާނަން. މިގޮތުން ކުޅިވަރުތަކާއި އަދަބިއްޔާތުގެ އެކިއެކި ހަރަކާތްތަކާއި މުބާރާތްތައް ބާއްވަދޭނަން. ހުރިހާ ކުދިންގެ ނަމޫނާއަކަށް ވުމަށް މަސައްކަތް ކުރާނަން. ހުރިހާ ދަރިވަރުންނާއިއެކު ގުޅިގެން މަސައްކަތް ކުރާނަން." ޔޫސުފް ބުންޏެވެ.
އަލާ ޢަބްދުއް ސައްތާރު (ކެންޑިޑޭޓް ނަންބަރު 5)
އަލާ ކެޕްޓަންކަމަށް ކުރިމަތިލީ ސްކޫލުން އޭނާއަށް ލިބުނު ފުރުޞަތުތަކުގެ އަގުވަޒަންކޮށް އޭނާއަށް ވީވަރަކުން އޭގެ ބަދަލު ސްކޫލަށް އަދާ ކޮށްދިނުމަށެވެ. އަދި ސްކޫލުގައި ތަޢުލީމް ހާސިލްކުރުމުގެ ތެރެއިން އަލާއަށް ދަސްވި ހުނަރުތަކުގެ އެހީގައި ތަޢުލީމީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ސްކޫލުގެ އައު އުސްމިންތަކަށް ގެންގޮސްދިނުމަށް މަސައްކަތްކޮށް ދިނުމަށެވެ. މީގެ އިތުރުން ދަރިވަރުންގެ ޝުޢޫރުތައް އަޑުއަހައި އެކަންކަން ކޮށްދިނުމަށް ގަދައަޅާ މަސައްކަތް ކޮށްދިނުމަށެވެ.
"އަޅުގަނޑަށް ވޯޓްލާންވީ ސަބަބަކީ އަޅުގަނޑަކީ އިސްނަގައިގެން މަސައްކަތްކުރާ ދަރިވަރަކަށްވާތީ. އެހުނަރުގެ އެހީގައި އަޅުގަނޑު ދަރިވަރުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް މަސައްކަތްކުރާނަން. ހަމައެއާއެކު ދަރިވަރުންނާއި ސްކޫލުގެ އިސްވެރިންނާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަކީވެސް އަޅުގަނޑުގެ އަމާޒު. އަދި ވަކިން ޚާއްސަކޮށް އަޅުގަނޑަށް މި މަޤާމު ލިބިއްޖެނަމަ ކޮންމެ ހަރަކާތެއްގެ ދަރިވަރުންނަށްވެސް ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރާނަން." އަލާ ބުންޏެވެ. އަލާގެ އުއްމީދަކީ މުދައްރިސުންނާއި ގުޅިގެން މި މަސައްކަތްތައް ކުރުމުގެ ސަބަބުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް އަދަށްވުރެ ފެހި މާދަމާއެއް ހޯދައިދިނުމެވެ.
އަޖުމަލް ޚާލިސް (ކެންޑިޑޭޓް ނަންބަރު 6)
އަޖުމަލް ސްކޫލުގެ ކެޕްޓަންކަމުގެ މަޤާމަށް ކުރިމަތިލި ސަބަބުތަކަކީ، އޭނާއަކީ، އަބަދުވެސް ކުދިންނާއެކު ކަންކަމުގައި އިސްނަގައިގެން އުޅޭ ދަރިވަރަކަށް ވާތީއެވެ. އަދި ގްރޭޑް 7 ކުން ފެށިގެން އޭނާއަށް އެންމެ ފުރިހަމަ ތަރުބިއްޔަތު ދެމުންއަންނަނީ މި ސްކޫލުން ކަމަށްވެފައި ދަރިވަރެއްގެ ހައިސިއްޔަތުން ކޮށްދެވޭނެ އެންމެ ބޮޑު ޚިދުމަތެއް ފޯރު ކޮށްދިނުމަށެވެ.
" އަޅުގަނޑަށް ވޯޓް ދޭންވީ ސަބަބުތައް ވަރަށް ގިނަ. އޭގެތެރޭގައި ހުރިހާކުދިންނާއިމެދުގައިވެސް ގުޅުމެއް ބަހައްޓާ ހުރިހާ ކުދިންގެ ޚިޔާލުތަކާއި ފިކުރުތައް އެއްވެސް ބާކީކުރުމެއްނެތި ދެނެގަނެ ގިނަބަޔަކާ ކަންކަމާމެދު މަޝްވަރާކޮށް އެންމެ ރަނގަޅުކަމަށްފެންނަ މަގަކުން ހަލުވިކަމާއެކު ހުރިހާކުދިން ގޮވައިގެން ދާނޭ ދަރިވަރަކަށް އަޅުގަނޑު ވުމަކީ މީގެ އެއް ސަބަބު. މޭމަތީ ރީތި ޓެގެއް ޖަހައިގެން އަރާމުގައި ދެފައި ދަމާލާ ނުހުރެ އަޅުގަނޑަށް ކުރެވުނު އެންމެ ފުރިހަމަޔަކަށް ތިކުދިންގެ އެދުންތައް ފުއްދާ ދިނުމަށްޓަކައި ދާ އޮހޮރުވައި މަސައްކަތްކުރާނެ ދަރިވަރަކަށް ވާތީވެސް މެ. ކުޅިވަރާ އިތުރު ހަރަކާތްތަކަށްވެސް އިސްކަމެއް ދީގެން ޓީޗަރުންނާއި ދަރިވަރުންނާއިވެސް މަޝްވަރާކޮށްގެން ކުރިއަށް އޮތް އަހަރު ވަރަށް ފޯރިއާއި ޖޯޝާއެކު ކުރިއަށް ގެންދާނެތީ. ހުއްޓުމަކަށް އައިސްފައިވާ ހަރަކާތްތައް ތަޢާރަފްކޮށް އަޅުގަނޑަށް ކުރެވުނު އެންމެ ފުރިހަމައަކަށް ތި ކުދިންގެ އެދުންތައް ޙާސިލްކޮށްދޭނެތީ. އަދި ތިޔަ ދަރިވަރުންނަށްޓަކައި މަސައްކަތް ކޮށްދޭނެތީ." އަޖްމަލް ބުންޏެވެ.
ޔޫސުފް ހަމްޒާ (ކެންޑިޑޭޓް ނަންބަރު 7)
ހަމްޒާގެ ކިބައިގައި ކެޕްޓަނެއްގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ގާބިލްކަން ހުންނަކަން އޭނާއަށް އެގެއެވެ. އޭނާއަކީ ކުރާ ކޮންމެ ކަމެއްގައި އިސްނަގައިގެން މަސައްކަތް ކުރާ ކުއްޖެކެވެ. އަދި މީގެ އިތުރުން އެހެން ދަރިވަރުންނާއި ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްވެސް ކުރެވޭނެ ދަރިވަރެކެވެ.
"އަޅުގަނޑު ދަރިވަރުންގެ ވާހަކަ ކަނުލާ އަޑުއަހާ ދަރިވަރުންގެ މެދުގައި ތަފާތުކުރުމެއްނެތި ހަމަހަމަކަމާއި އެކީ އެކަންކަމާދޭތެރޭ އަމަލުކުރާނަން. ކަންކަމާ ދޭތެރޭ ގޮތް ނިންމުމުގެ އަމިއްލަ އެދުމާއި އަމިއްލައަށް ދެކޭގޮތުގެ ބަދަލުގައި ދަރިވަރުންގެ މަޝްވަރާއާއި ލަފައާއި އެކީ ގޮތް ނިންމާނަން. ދަރިވަރުންގެ ޝަކުވާތައް ސްކޫލްގެ އިސްވެރިންނަށް އަވަސްކަމާއި އެކީ ހިއްސާ ކުރާނަން. ހިއްވަރާއެކީ މަސައްކަތް ކުރާނަން. ކަންކަމުގައި ފަހެއް ނުޖެހޭނަން." ހަމްޒާ ބުންޏެވެ.
ޢައިޝަތު އިންޝާ ޢިމްރާން (ކެންޑިޑޭޓް ނަންބަރު 8)
އިންޝާގެ ކިބައިގައި އެންމެ ތުއްތު އިރުއްސުރެ ކަންކަމުގައި އިސްނަގައިގެން އަދާހަމައަށްވެސް ތަފާތު އިސްމަގާމް ތައް އަދާ ކުރުމަށް ޝައުގުވެރިކަން ހުރެއެވެ. އިންޝާ ގަބޫލުކުރާ ގޮތުގައި އޭނާއަށް ކެޕްޓަންކަމުގެ މަގާމް ލިބިއްޖެނަމަ ފުރިހަމަ ފުރުސަތުގެ ބޭނުން ކޮށް ސްކޫލަށް އިތުރު ކުރިއެރުންތަކެއް ގެނެވޭނެއެވެ. އޭނާއަށް ދަސްވާ ހުނަރު ތައް ބޭނުންކޮށްގެން އިތުރު އިސް މަގާމް ތައް އަދާކުރެވޭނެއެވެ.
"ދަރިވަރުން އަޅުގަނޑަށް ވޯޓް ދޭންވީ، އަޅުގަނޑަކީ އެއްވެސް ކަމެއް ކުރަން ފަސްނުޖެހޭ ދަރިވަރަކަށްވާތީ. ދަރިވަރުންގެ ޝުޢޫރުތައް އަޑުއަހައިގެން ހިއްމަތްތެރި ކަމާއެކު މަސައްކަތްކުރާނެ ކަމަށް ވާތީ. އަޅުގަނޑަކީ ކަންކަމުގައި އިސްނަގައި ސްކޫލްގައި ހިންގާ ތަފާތު ހުރިހާ ހަރަކާތެއްގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ދަރިވަރަކަށް ވާތީ." ަިއިންޝާ ބުންޏެވެ.
އިންޝާ ބުނީ، އިތުރު ހަރަކާތްތަކުގައި އުޅޭ ދަރިވަރުންނަށް ދިމާވާ އުދަގޫތަކުގެ ވާހަކަ އަޑުއަހައި ސްކޫލްގެ އިސްވެރިންނާއި އެވާހަކަތައް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދޭކަމުގައެވެ. ދަރިވަރުންނާއެކު މަސައްކަތް ކޮށްގެން ސްކޫލްގައި ތަފާތު ހަރަކާތްތައް ހިންގާ ސްކޫލަށް ރީތިނަމެއް ގެނައުމަށް މަސައްކަތް ކުރާނެކަމުގައެވެ.
މޫސާ ހުމާމު ސަލީމް (ކެންޑިޑޭޓް ނަންބަރު 9)
ހުމާމް ކެޕްޓަން ކަމަށް ކުރިމަތިލީ ގްރޭޑް 10 ނިންމައިގެން އަޙްމަދިއްޔާއިން ނުކުމެގެންދާއިރު މުދައްރިސުންނަށާއި ދަރިވަރުންނަށް ވެސް ހަނދާން ނައްތާލެވޭކަހަލަ ކުއްޖަކަށް ނުވުމަށެވެ. އަދި އަޙްމަދިއްޔާއަށް ރަނގަޅު ޚިދްމަތެއް ކޮށްދިނުމަށްޓަކައެވެ.
ހުމާމު ބުނީ އޭނާ އަޙްމަދިއްޔާއަށް ވަރަށް ގިނަ ޚިދްމަތްތަކެއް ކޮށްދީފި ކަމުގައެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ހިޔާ ޖަމްޢިއްޔާގެ ލީޑަރކަން އަދާކުރުން ފާހަގަ ކުރިއެވެ. އޭނާ ކެޕްޓަންކަމަށް ހޮވައިފިނަމަ ހުރިހާކުދިންގެ ވާހަކަތައްވެސް އަޑުއަހާނެ ކަމަށް ބުންޏެވެ. އޭނާ އަދާކުރަންޖެހޭ ޒިންމާތައް އަދާ ކުރާނެ ކަމާއި އެއްވެސް ކުއްޖެއް ދޫނުކޮށް ހުރިހާ ކުދިންގެ ބޭނުންތައް އޭނާއަށް ކުރެވޭ ވަރަކަށް ކުރާނެ ކަމަށްވެސް ބުންޏެވެ.