އާރޓިކަލް 138 : އިސްލާމީ ޢަޤީދާގައި ތަވްޙީދޭ ބުނެވޭބަހުގެ މާނައަކީ ކޮބައިހެއްޔެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

މާތްﷲ އީ އެއްކައުވަންތަ އިލާހެވެ. އެކަމާއި ޚިލާފުވުމަކީ ﷲ ގެ އެއްކައުވަންތަކަމަށް އިންކާރު ކޮށް، އެކަލާނގެއާ އެހެންފަރާތްތައް އިލާހުވަންތަ ކަމުގެ އެއްވެސް ދާއިރާއެއްގައި ބައިވެރިކުރުމެވެ. އެފަދަކަމެއް ކުރުމުން އެއީ ޝިރުކު ކުރުމެވެ. ވީމާ ތައުޙީދު ގެ އިދިކޮޅަކީ ޝިރުކެވެ.

މުޅި ޤުރުއާނުގެ ހުރިހައި އާޔަތްތަކަށް ނަޒަރު ހިންގާލުމަށްފަހު، ދަންނަބޭކަލުން އިޖްމާޢުވެފައިވަނީ އެކަލާނގެ އެއްކައުވަންތަ ކުރުމުގައި ތިން ދާއިރާއަކުން އެއްކައުވަންތަ ކުރަންޖެހޭކަން ޤުރުއާނާއި ސުންނަތުން އެނގިގެންދާ ކަމަށެވެ. އަދި މިއިން ބައެއް ދާއިރާތަކުގައިވާ ތައުޙީދު ނުވަތަ އެއްކައުވަންތަކަން ޤަބޫލުކޮށް، އަނެއްބައި ދާއިރާތަކުގައި އެކަން ޤަބޫލުނުކުރިޔަސް އެއްކައުވަންތަކުރި ދާއިރާއަކަށް ނުވަތަ ދާއިރާތަކަކަށް ބެލުމެއް ނެތި އެމީހަކާމެދު ނިންމަންޖެހޭ ގޮތަކީ އެއީ ޝިރުކުކުރާ މީހެއްކަމުގައެވެ. ވީމާ ޤުރުއާނާއި ސުންނަތުގައި އެކަލާނގެ އެއްކައުވަންތަކަމާއި މެދު އައިސްފައިވާ ހުރިހައި ދާއިރާތަކުން އައިސްފައިވާ އެންމެހައި ޚަބަރުތަކެއް އެއްވެސް ޝައްކެއް ނެތި ޤަބޫލުކުރުމަށް ދާންދެން އެމީހަކު މާތްﷲ އަށް އީމާންވީ ކަމުގައި ނުބެލެވޭނެއެވެ. ވީމާ ތައުޙީދުގެ ތިން ބައި ކަމުގައިވާ ތައުޙީދުއް ރުބޫބިއްޔާ، ތައުޙީދުލް އުލޫހިއްޔާ އަދި ތައުޙީދުލް އަސްމާއި ވައްޞިފާތު މިތިން މައުޟޫޢިން މުޅި ޤުރުއާނާއި ސުންނަތުގެ އެއްވެސް ނައްޞެއް ނުނިކުންނާނެއެވެ. އަދި އެއިން އެއްވެސް ދާއިރާއަކުން ޤުރުއާނާއި ސުންނަތުން އެނގެން އޮންނަ ތައުޙީދުގެ ގޮތާއި ޚިލާފު ޢަޤީދާއެއް ނުވަތަ ބުނުމަކުން ނުވަތަ ޢަމަލަކުން ވިޔަސް އެމީހަކު ޝިރުކުކުރި ކަމުގައި ބެލެވި އެމީހަކު ދީނުން ބޭރުވާނެއެވެ. ސަބަބަކީ ޝިރުކުގެ ޢަމަލެއް އެމީހެއްގެ ފަރާތުން ފާޅުވުމެވެ. އެއީ އިންސާނަކު ކުރާ އެންމެ ނުބައި އަދި އެންމެ އަނިޔާވެރި ޢަމަލެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَإِذْ قَالَ لُقْمَٰنُ لِٱبْنِهِۦ وَهُوَ يَعِظُهُۥ يَٰبُنَىَّ لَا تُشْرِكْ بِٱللَّهِ ۖ إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ﴾ سورة لقمان: 13 މާނައީ: [އަދި ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަޞޭޙަތްތެރި ވެލައްވަމުން ވިދާޅުވި ހިނދެވެ. އޭ ތިމަންގެ ދަރިފުޅާއެވެ. ﷲ އާ އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރާށެވެ. ހަމަކަށަވަރުން ޝިރުކަކީ ބޮޑުވެގެންވާ އަނިޔާވެރިކަމެކެވެ.]

މިކަމުގެ ތަފްޞީލަށް ދާއިރު، ޤުރުއާނުގައި މާތްﷲ ވަނީ ރުބޫބިއްޔަތުގެ ދާއިރާގެ ކަންކަމާއި އެކަންކަމުގައި އެކަލާނގެއާ ބައިވެރިވާ އެހެން އެއްވެސް ފަރާތެއް ނުވާކަމާއި، ރުބޫބިއްޔަތުގައި އެކަލާނގެއީ އެއްކައުވަންތަ އިލާހުކަން ބަޔާންކުރައްވާފައެވެ. އެގޮތުން އެކަލާނގެއީ މުޅި އެންމެހައި ޢާލަމްތަކެއްގެ ވެރިއިލާހުކަމާއި، އެކަލާނގެއީ އެންމެހައި ތަކެތި އުފެއްދެވުމުގެ މާކުރީންވެސް އެއެންމެހައި ކަމެއްގެ ޙާލަތު ފުރިހަމައަށް ދެނެވޮޑިގެންވާ ޙާލު، އެކަލާނގެ އިރާދަފުޅު ކުރެއްވުމުން އެއެންމެހައި ތަކެތި ޚަލްޤުކުރެއްވިކަމާއި، މުޅި ކާއިނާތުގެ އެންމެހައި ކަމެއް ތަދްބީރު ކުރައްވާކަމާއި، އެންމެހައި ތަކެތި ނެތުމުގެ ތެރެއިން ނެރުއްވާ ދިރުއްވައި އަދި މަރުގެންދަވާކަމާއި، ވާރޭވެއްސަވާ ގަސްތަކާއި ދަނޑުގޮވާމާއި މޭވާތައް ފަޅުއްވާކަމާއި އިރާއި ހަނދާއި، ދުވާލާއި ރޭގަނޑު ދައުރުކުރައްވާކަމާއި، އެންމެހައި ތަކެއްޗަށް ރިޒުޤުދެއްވާކަމާއި އަދި އެނޫންވެސް އެފަދަ އެންމެހައި ކަމެއްގައި އެކަލާނގެ އެއްކައުވަންތަ ކުރުމަކީ ރުބޫބިއްޔަތުގައި އެކަލާނގެ އެއްކައުވަންތަ ކުރުމެވެ. އެއިން ކަމެއްގައި އެހެން ފަރާތެއްގެ ބައިވެރިވުން ހިމަނައިފިނަމަ، އެދާއިރާއިން ޝިރުކު ކުރެވުނީއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ﴾ سورة الفاتحة: 2 މާނައީ: [އެންމެހައި ޙަމްދެއް ލިބިވޮޑިގެންވަނީ ﷲ އަށެވެ. އެކަލާނގެއީ ޢާލަމްތަކުގެ ވެރިއިލާހެވެ.]

އެކަލާނގެއީ ޢާލަމްތަކުގެ ވެރިއިލާހު ކަމުގައިވާއިރު، އެކަލާނގެ ޒާތުފުޅު ވޮޑިގެންވާކަމާއި، އެކަލާނގެ ވޮޑިގެންވަނީ ހަތްއުޑުގެ މަތިން ޢަރުޝީގެ މަތީން ކަމާއި، އެކަލާނގެއަށް އެންމެހައި ރިވެތި ނަންފުޅުތަކާއި ސިފަފުޅުތައް ލިބިވޮޑިގެންވާކަމަށް އީމާންވާންޖެހެއެވެ. ނަމަވެސް ރިވެތި ނަމެއްކަން ނުވަތަ ރިވެތި ސިފަފުޅެއްކަންވެސް އެއްވެސް އިންސާނަކަށް އަމިއްލައަށް ނިންމާ އެކަލާނގެއަށް ނިސްބަތް ނުކުރެވޭނެތެވެ. އެކަލާނގެއަށް ހަމައެކަނި ނިސްބަތްކުރެވޭނީ އެކަލާނގެ ނަންފުޅެއްގެ ގޮތުގައި ނުވަތަ ސިފަފުޅެއްގެ ގޮތުގައި، ކީރިތި ޤުރުއާނާއި ޞައްޙަސުންނަތުގައި ހިމެނޭ ނަންފުޅުތަކާއި ސިފަފުޅުތައް އެކަންޏެވެ. އަދި އެއިން ކަމެއް އެއްވެސް ނައްޞެއްގައި ބަޔާންވުމުން އެއަށް ޤުރުއާނާއި ސުންނަތުގައިވާ ފަދައިން އެއްވެސް ބަދަލެއް ގެނައުމެއް ނެތި ބަޔާންވެފައިވާ ގޮތަށް ޤަބޫލުކޮށް އީމާންވާންޖެހެއެވެ. އެކަލާނގެ ކޮންމެ ނަންފުޅަކާއި ސިފަފުޅެއް ދަލީލުކޮށްދެނީ އެއީ އެސިފަފުޅެއްގައި އެއްވެސް ޢައިބުކަމެއްނެތް ފުރިހަމަ ސިފަފުޅެއްގެ ގޮތުގައެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ﴾ الأعـرَاف: 180 މާނައީ: [ﷲ އަށް ރިވެތިނަންފުޅުތައް ލިބިވޮޑިގެންވެއެވެ. ފަހެ، އެނަންފުޅުތަކުން އެކަލާނގެއަށް ތިޔަބައިމީހުން ދުޢާކުރާށެވެ. އަދި އެކަލާނގެ ނަންފުޅުތަކަށް އެއްވެސް ބަދަލެއް ގެނައުން ތިޔަބައިމީހުން އެކީއެކައްޗަކަށް ދޫކޮށްލާހުށިކަމެވެ.] މިދާއިރާގައި ބަޔާންވެގެންވާ ކަންކަމަށް އީމާންވުމުގައި އިހުމާލުވުމުން، އެއީ އަސްމާވައްޞިފާޠުގެ ދާއިރާގައި ޝިރުކުކުރުމެވެ.

ވީމާ ޢާލަމްތަކުގެ ވެރިއިލާހުއީ އެއްވެސް ޢައިބުކަމެއްނެތް ފުރިހަމަ ސިފަފުޅުތައް ލިބިވޮޑިގެންވާ މަތިވެރިއިލާހުއެވެ. އެހެންކަމުން އެކަލާނގެނޫން އެހެން އެއްވެސް އިލާހަކަށް ކަންކަމުގައި ދުޢާކޮށް ދެންނެވުން ޙައްޤުވެގެން ނުވެއެވެ. އަޅުކަމުގެ އެންމެހައި ކަމެއް އަދާކުރުން ހަމައެކަނި ޙައްޤުވެގެންވަނީ އެމަތިވެރިވެގެންވާ އިލާހަށެވެ. އަޅުކަންކުރުމާއި ދުޢާކޮށް ދެންނެވުމާއި ނަދުރުބުނުމާއި ޠަވާފުކުރުމާއި ރުކޫޢުކުރުމާއި ސަޖިދަކުރުމާއި ޛިކުރުކުރުމާއި ނަމާދުކުރުމާއި ރޯދަހިފުމާއި ޙައްޖުވުމާއި އެނޫންވެސް އެންމެހައި އަޅުކަމެއް އަދާކުރުން އޮތީ އެކަލާނގެއަށް އެކަންޏެވެ. މައިގަނޑު ގޮތެއްގައި އެންމެހައި ނަބީބޭކަލުން ދުނިޔެއަށް ފޮނުއްވުނީ މިދާއިރާއަށް ގޮވާލެއްވުމަށެވެ. މިދާއިރާގައި އެހެން އެއްވެސް ފަރާތެއް ބައިވެރިކުރުމަކީ އުލޫހިއްޔަތުގައި ޝިރުކުކުރުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِىٓ إِلَيْهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدُونِ﴾ سورة الأنبياء: 25  މާނައީ: [އަދި ތިމަންއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި ހަމައެކަނި ތިމަންއިލާހަށް އަޅުކަންކުރުމަށް (ގޮވާލެއްވުމަށް) ތިމަންއިލާހު އެބޭކަލަކަށް ވަޙީކުރެއްވިގެންވުން ނޫންގޮތަކަށް، ތިޔަނަބިއްޔާގެ ކުރީން އެއްވެސް ރަސޫލަކު ތިމަންއިލާހު ނުފޮނުއްވަމެވެ.] މިއަޅުކަން ކުރުމުގެ ދާއިރާއިން މާތްﷲ އާ އެހެންފަރާތެއް ބައިވެރިކޮށްފިނަމަ އެއީ އުލޫހިއްޔަތުގައި ޝިރުކުކުރުމެވެ. މިއީ ދުނިޔޭގެ އެންމެ ގިނަބަޔަކު އެދާއިރާއަކުން ޝިރުކުގެ ތެރެއަށް ގެނބިފައިވީ ދާއިރާއެވެ. އިސްވެދެންނެވުނު އެންމެހައި ދާއިރާތަކެއްގައި ހިމެނޭ ޝިރުކުތަކުން ދުރުހެލިވެއްޖެ މީހާއީ މާތްﷲ އެއްކައުވަންތަކުރި މީހެކެވެ. އެއީ ތައުޙީދުގެ އަހުލުވެރިއެކެވެ.

އަޅަމެންނީ ތައުޙީދުގެ އަހުލުވެރިންކަމުގައި ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *