އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ހައުސްތަކުގެ ކެޕްޓަނުންނަށް އަލާ، އާދު، މިޝްކާ، އަދި ހަޔާ ހޮވައިފިއެވެ.
އަޙްމަދިއްޔާ ސާނަވީ ސްޓޫޑެންޓް ކައުންސިލް ގެ އެކިއެކި މަގާމްތަކަށް ހޮވުނު ދަރިވަރުންގެ ނަންތައް އިޢުލާން ކުރީ އިއްޔެ ބޭއްވި ޚާއްޞަ އެސެމްބްލީގައެވެ.

ހައުސް ކެޕްޓަން ކަމަށް ކުރިމަތި ލެވެނީ ގްރޭޑް 10 ގެ ދަރިވަރުންނަށެވެ. އަދި ވޯޓް ލެވެނީ ހަމަ އެ ހައުސެއްގެ ދަރިވަރުންނަށެވެ. ޖަނަވަރީ ހައުސްގެ ކެޕްޓަން ކަމަށް 8 ދަރިވަރުން ވާދަކުރިއެވެ. އޭގެ ތެރެއިން ކެޕްޓަން ކަމަށް ހޮވުނީ 10އޭގެ ޢަލާ ޢަބްދުއްސައްތާރު އެވެ. އޭނާއަށް ލިބުނީ 59.2 އިންސައްތައެވެ. ޗާނދަނީ ހައުސް ގެ ކެޕްޓަން ކަމުގެ މަގާމަށް 5 ދަރިވަރުން ކުރިމަތިލިއިރު އެންމެ ގިނަ ޕޮއިންޓް ލިބިގެން ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ، 10ޑީގެ ޙުސައިން އާދު އާސިމް އެވެ. އާދުއަށް ލިބުނީ 52.6 އިންސައްތައެވެ. ހުވަނދުމާ ހައުސްގެ ކެޕްޓަން ކަމަށް ކުރިމަތިލީ 5 ދަރިވަރުންނެވެ. 60.7 އިންސައްތަ ލިބިގެން ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ 10ސީގެ މިޝްކާ ޝަރީފް އެވެ. ކާމިނީ ހައުސްގެ ކެޕްޓަން ކަމަށް 4 ދަރިވަރުން ކުރިމަތިލިއިރު 56.6 އިންސައްތަ ލިބިގެން ކެޕްޓަން މަގާމް ލިބުނީ 10އޭގެ ޚަދީޖާ ހަޔާ ހާޝިމް އެވެ.

ހައުސް ކެޕްޓަނުންގެ އިތުރަށް ޑެޕިޔުޓީ ކެޕްޓަނުންނަށްވެސް ދަރިވަރުން ވަނީ ހޮވާފައެވެ. ހައުސްތަކުގެ ޑެޕިޔުޓީ ކެޕްޓަން ކަމަށް ކުރިމަތި ލެވެނީ ގްރޭޑް 9 ގެ ދަރިވަރުންނަށެވެ. ޖަނަވަރީ ހައުސްގެ ޑެޕިޔުޓީ ކެޕްޓަން ކަމަށް ހޮވުނީ 9ޑީ ގެ މުޙައްމަދު ޔާނިޝް އަޙްމަދެވެ. ޗާންދަނީ ހައުސްގެ ޑެޕިޔުޓީ ކެޕްޓަން ކަމަށް ހޮވުނީ 9ޑީ ގެ މުޙައްމަދު ޒީކް ޝިހާމް އެވެ. ހުވަނދުމާ ހައުސް ގެ ޑެޕިޔުޓީ ކެޕްޓަން ކަމަށް ހޮވުނީ 9 އެފްގެ އަޙްމަދު އަޙްސަމް އިބްރާހީމް އެވެ. އަދި ކާމިނީ ހައުސް ގެ ޑެޕިޔުޓީ ކެޕްޓަން ކަމަށް ހޮވުނީ 9ބީ ގެ ޢައިޝަތު ފަތޫން އަޙްމަދެވެ.