އާރޓިކަލް 139 : ރަސޫލާ صلى الله عليه وسلم ގެ އުފަންދުވަސް

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ތާރިޚުން އެނގޭ ގޮތުގައި ޢީސާގެފާނުގެ އުފަންދުވަސް ނުވަތަ ޢީދުމީލާދުދުވަސް، އެބައިމީހުންނަށް ފާހަގަކުރުން އެދީން ފެށިގެން އައިއިރުގައި އެއީ ނެތްކަމެކެވެ. ނަމަވެސް ރޫމީންގެ ނުވަތަ ޔޫރަޕްގެ މަޖޫސީން ނުވަތަ އަލިފާނަށް އަޅުކަންކުރާމީހުން، މީލާދީސަނަތުން ފަސްވަނަ ޤަރުނުގެ ހިސާބުގައި އެބައިމީހުން ނަޞާރާދީނަށް ބަދަލުވިއިރު އޭރުގެ މަޖޫސީންގެ ބޮޑުން، މަޖޫސީ ދީނުގައި އޭރު ފާހަގަކުރަމުން ދިޔަ "އިރު" އުފެދިގެން އައި ދުވަހުގެ ހަފްލާގެ ދުވަސް ދޫކޮށްލުމަށްފަހު، ޢީސާ ޢަލައިހިއްސަލާމްގެ އުފަންވިދުވަސް ފާހަގަކުރަން ފެށިއެވެ. އަދި އެމީހުން އެފާހަގަ ކުރާ ޢީސާގެފާނު އުފަންދުވަހުގެ ގޮތުގައި ބަލަމުންދާ ކްރިސްމަސް ދުވަހަކީ އެއީ އެދުވަސްކަމުގައި ތާރީޚީ ފޮތްތަކުން އެނގޭންވެސް ނެތެވެ. މިޒަމާނަކަށް އައިއިރުގައި އެބައިމީހުންގެ އަމިއްލަ ދީން ދިރިއުޅުމުގެ ގިނަމައިދާންތަކެއްގައި ދޫކޮށްލާފައިވާއިރު، މިބުނާދުވަސް ފާހަގަކުރުން، އެހެންދީންތަކުގެ މީހުންގެ މެދުގައިވެސް އިންތިހާއަށް ފަތުރައިފިއެވެ. އެދުވަސް އަންނައިރު ހީވަނީ ކްރިސްޓިއަނުންނަކީ ނުވަތަ ނަޞާރާއިންނަކީ އެބައިމީހުންގެ ދީނަށް ވަރަށްކަމޭހިތާ ބައެއް ހެންނެވެ. ނަމަވެސް އެބައިމީހުންގެ އަމިއްލަ ދީނަށްވެސް ޢަމަލުކުރަނީ، ދެތިންމީހަކު އާދީއްތަދުވަހު ފައްޅިއަށް ކުރާ ޒިޔާރަތުންނާއި، އެމީހުންގެ ކައިވެނީގައާއި އެބައިމީހުންގެ ޖަނާޒާ ފަދަ ވަރަށް މަދު ކަންކަމުގައެވެ. އެއީވެސް އެއްވެސް ޢިލްމީ ޙަޤީޤަތެއްގެ މައްޗަށް ބިނާނުވާ ފަދައިން ހުންނަ ހުސް ޚުރާފާތްތަކެވެ. އެހެންހުރިހައި ކަމެއްގައި އެބައިމީހުންވަނީ އެބައިމީހުންގެ ދީނަށް ޢަމަލުކުރުން ޒަމާނަށް ނުފެތި، ދަތިއުނދަގޫކަމަކަށްވެ، އެމަތިން ފޫހިވެ، ސެކިއުލަރިސްޓުންވެ ނިމިފައެވެ. ނަމަވެސް އެބައިމީހުންނަށް އެބައިމީހުންގެ ދީނަށް ޢަމަލު ނުކުރެވޭއިރު، އެބައިމީހުން ބޭނުންވަނީ އެބައިމީހުންގެ އަތުގައި ހުރި ޚުރާފާތެއްވެއްޖެއްޔާ، އެބައިމީހުންގެ ޕްރޮޕަގެންޑާ ދުނިޔޭގައި ފަތުރާ އެކަންކަން މުޅިދުނިޔެއަށް ފަތުރާށެވެ. މިކަން މުސްލިމުންގެ ތެރެއަށްވެސް ވަނީ ވަރަށްބޮޑަށް ފާވެފައެވެ.

ނަޞާރާއިންގެ އެކަން އަޞްލަކަށް ބަލައިގެން މުސްލިމުންގެ ތެރޭގައިވެސް އެކަން ފެށުނެވެ. ރަސޫލާ صلَّى اللهُ عليه وسلَّم އަށާއި އެކަލޭގެފާނު އަހުލުބައިތުންނަށް އެބައިމީހުންގެ ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމޭ ކިޔައިގެން އެކަން ފެށީ ހިޖުރައިން ހަތަރުވަނަ ޤަރުނުގައި މިޞްރުގައި އޭރުއޮތް ޝީޢީ ފާޠިމީންގެ ވެރިކަމުންނެވެ. އެބައިމީހުން ދީނުގެ ޞައްޙަ ޢަޤީދާގެ ތެރެއަށް އެތަކެއް ނުބައި ޢަޤީދާތަކެއް ވައްދައިގެން، އެކަން އެތައްބައެއް ލައްވާ ޤަބޫލުކުރުވާ، ބޮޑު ދައުލަތެއް ހިންގޭވަރަށް އެބައިމީހުންނަށް ތަބާވާމީހުންގެ ޢަދަދު ގިނަކުރިއެވެ. އެމީހުންނީ މިއުންމަތަށް ތަބާވާ ބައެއްގެ ގޮތުގައި ދަޢުވާކުރިކެވެ. އަދި އެބައިމީހުންނީ އަޞްލު ރަސޫލާ صلَّى اللهُ عليه وسلَّم އަށް ލޯބިވާމީހުންގެ ގޮތުގައި ދެއްކުމަށް އެބައިމީހުން ނަޞާރާއިންގެ ކިބައިން ކޮޕީކޮށް ރަސޫލާގެ ޢީދު މީލާދު ރަސްމީކޮށް ފާހަގަކުރަން ފެށިއެވެ. އަދި އިސާހިތަކު ދުނިޔޭގެ ކަންކޮޅުތަކުގައި އުޅޭ މުސްލިމުންނަށް އެކަން ކަމުގޮސް އެއީ އޭރުގައިވެސް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ތިއްބެވި ދަންނަބޭކަލުން، އެކަމެއް ނުކުރަން ނަޞޭޙަތްދީދީ އޮއްވާވެސް، ފެތުރިގެން ދިޔަކަމަކަށް އެކަންވިއެވެ. މިއަދާ ހަމައަށްވެސް ދީނީ ޞައްޙަ ޢިލްމު ފޯރާފައި ނުވާ އެތަކެއް މުސްލިމުން ދަނީ އެކަން ކުރަމުންނެވެ. ގިނަމީހުންނަކަށް އެކަން ފެށީ ހިޖުރައިން 341 ގައި ޝީޢީ ދައުލަތުގެ ވެރިޔާ ކަމުގައި ޢައްޔަނުވި އަލްމުޢިޒު ލިދީނިﷲ އޭ ކިޔުނު ޝީޢީ ރާފިޟީއެއް ކަމެއްވެސް ނުދެނެހުއްޓެވެ. ވީމާ އެއީ ދީނުގެ ތެރެއަށް މާފަހަކުން ވައްދާފައިވާ އާކަމެކެވެ. އަބޫދާވޫދުގައި ރިވާވެގެންވީ ޙަދީޘެއްގައި ރަސޫލާ صلَّى اللهُ عليه وسلَّم ޙަދީޘްކުރެއްވިއެވެ: ((وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ)) މާނައީ: [އަދި ތިޔަބައިމީހުން ދީނުގެތެރެއަށް އަލަށް ގެނެވޭ ކަންކަމާ ދުރުހެލިވާށެވެ. އެހެނީ ދީނުގެ ތެރެއަށް އަލަށް ގެނެވޭ ކޮންމެކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.]

އަޞްޙާބު ބޭކަލުންނަކީ ޝައްކެއްވެސް ނެތްގޮތުގައި އެރަސޫލާ صلَّى اللهُ عليه وسلَّم ދެކެ އެންމެލޯބިވީ ބޭކަލުންނެވެ. އެބޭކަލުންގެ އެތައްއެތައް ޞަޙާބީންގެ އަރިހުން އެބޭކަލުން ނަބިއްޔާ ދެކެ ވާލޯބީގެ ވާހަކަތައް އަޖައިބުވެ އަންތަރީސްވާހާ ވެއެވެ. އައްޠަބަރީ، ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާކުރެއްވިއެވެ: [މީހަކު ނަބިއްޔާ صلَّى اللهُ عليه وسلَّم އަރިހަށް އައިސް ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ. ހަމަކަށަވަރުން ތިމަންގެ އަމިއްލަ ނަފްސަށް ވުރެވެސް ތިޔަނަބިއްޔާދެކެ ތިމަންނާ ލޯބިވަމެވެ. އަދި ހަމަކަށަވަރުން ތިމަންނާގެ އަހުލުންނާއި މުދަލަށްވުރެ ވެސް ތިޔަނަބިއްޔާދެކެ ލޯބިވެއެވެ. އަދި ހަމަކަށަވަރުން ތިމަންނާގެ ބައްޕައަށްވުރެވެސް ކަލޭގެފާނުދެކެ ލޯބިވެއެވެ. އަދި ހަމަކަށަވަރުން ތިމަންނާ ގޭގައި ހުއްޓާ ތިޔަނަބިއްޔާގެ މަތިން ހަނދާންވެއެވެ. އެއަށްފަހު ތިމަންނާ އައިސް ކަލޭގެފާނު ފެނިއްޖައުމަށްދާންދެން ތިމަންނާއަކަށް ކެތެއްނުކުރެވެއެވެ. އަދި ތިމަންނާގެ މަރާއި ތިޔަނަބިއްޔާގެ އަވަހާރަވުން ހަނދާނަށް އަންނައިރަށް، ތިމަންނާގެ ހިތަށްއަރައެވެ. ތިޔަނަބިއްޔާ ސުވަރުގެ ވެދެވަޑައިގެން ނަބީންނާއެކުގައި އުފުއްލެވޭހިނދު، އަދި ތިމަންނާ ސުވަރުގެ ވަދެވޭހިނދު ތިޔަނަބިއްޔާ ތިމަންނާއަށް ނުފެނިދާނެކަމަށް ތިމަންނާ ބިރުގަނެއެވެ!! އެވާހަކަތަކަށް އެއްވެސް ބަހެއް ނަބިއްޔާ صلَّى اللهُ عليه وسلَّم، ޖިބްރީލް ފައިބައިވަޑައިގެން މިއާޔަތް ބާވައިލައްވަންދެން ރައްދުގައި ބަހެއްވިދާޅުނުވެއެވެ. އެއާޔަތަކީ: ﴿وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُوْلَٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّۦنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَ ۚ وَحَسُنَ أُوْلَٰٓئِكَ رَفِيقًا﴾ سورة النساء: 69 މާނައީ: [އަދި ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންގަތް މީހާ ދަންނާށެވެ. ފަހެ، އޭނާވަނީ އެބަޔެއްގެ މައްޗަށް ﷲ ނިޢުމަތް ދެއްވި، ނަބީންނާއި ޞިއްދީޤުންނާއި ޝަހީދުންނާއި ޞާލިޙުމީހުންނާއި އެކުގައެވެ. އަދި އެކުގައިވީ އެބޭކަލުންނަކީ އެކުގައިވުމަށް ނުހަނުހެޔޮވެގެންވާ ބައެކެވެ.]

މިއާޔަތުން އެނގޭގޮތުގައި އެމީހާއެވީ ލޯބީގެ ސަބަބުން، އެމީހަކީ ނަބިއްޔާއާ އެކުގައި ސުވަރުގޭގައި ވާނޭ ފަރާތެކެވެ. އަދި އެއީ ކީއްވެގެންކަން، އާޔަތުގެ ކުރީކޮޅުގައި ބަޔާންވެގެން ވިއެވެ. އެއީ އެވީލޯބީގެ ނަތީޖާކަންވެސް އެނގިގެންދެއެވެ. އެއީ ﷲއަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންގަތް މީހާއެވެ. ވީމާ ނަބިއްޔާދެކެ ލޯބިވުމަކީ އެނަބިއްޔާގެ އެއްވެސް އެންގުވަމަކަށް ތިމަންނާއަށް ޢަމަލު ނުކުރެވިވޭތޯ ހިތަށްއަރާ، އެއެއް ހޯދަން މަސައްކަތްކުރާ މީހާއެވެ. އަދި އެކަލޭގެފާނު ވިދާޅުވެފައިވާ އަދި ކުރައްވާފައިވާ އެންމެހައި ކަމެއް ހޯދަން ނުހަނުބޮޑަށް ފެންބޮވައިގެންފައިވާ މީހާއެވެ. އެއީ ކީއްކުރަން ހެއްޔެވެ؟ އެއީ ﷲ އަށާއި އެކަލޭގެފާނަށް ފުރިހަމައަށް ކިޔަމަންވެފައިވާ މީހަކަށްވުމަށެވެ. އެކަލޭގެފާނުދެކެ ވާ ބޮޑުލޯތްބެއްގެ ސަބަބުންނެވެ. އެނޫން ހަމަ ހިތައް އަރާހާ ކޮންމެ ކަމަކީ އެކަލޭގެފާނު ދެކެ ލޯބިވުމަށް ކުރާކަމެއްގެ ގޮތުގައި ކުރާ ދަޢުވާއަކީ ބާޠިލު ދަޢުވާއެކެވެ. ލޯބިވާ މިންގަނޑު މިނޭނީ އެނަބިއްޔާއަށް ތަބާވާ މިންގަނޑަކުންނެވެ.

އަޞްޙާބު ބޭކަލުންނީ އެކަލޭގެފާނު ދެކެ އެންމެ ލޯބިވި ބޭކަލުންނެވެ. ނަބިއްޔާއާއި އެޞަޙާބީންގެ އެންމެހައި ވާހަކަތަކެއް ވަނީ ފޮތްތަކުގައި އައިސްފައެވެ. ރަސޫލާ صلَّى اللهُ عليه وسلَّم މީލާދުވި އަހަރާއި މެދުގައިވެސް ސިޔަރަތުގެ ޢިލްމުވެރިންގެ މެދުގައި ޚިލާފުވެއެވެ. އެއީ ޢާމުލްފީލް ކަމުގައި، ޢާމުލްފީލްގެ ވިހިއަހަރު ފަހުންކަމުގައި، އޭގެ ތޭވީސް އަހަރުފަހުން ކަމުގައި، އޭގެ ސާޅީސް އަހަރުފަހުން ކަމުގައިވެސް އައިސްފައިވެއެވެ. ނަމަވެސް ގިނަބޭކަލުން ބުރަވެލައްވަނީ އެއީ ޢާމުލްފީލް ކަމުގައެވެ. އަދި އެއީ ހޯމަ ދުވަހެއް ކަމުގައި ސީދާ ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. އަދި އެކަމުގައި ޝީޢީންގެ ފޮތްތަކުގައި ހުކުރުދުވަސް ކަމުގައި އައިސްފައިވަނީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ރިވާޔަތެއް ނޫނެވެ.

ދެންފަހެ، މަހާއި ދުވަހާއި ބެހޭގޮތުން ތަފާތު ގިނަ ރިވާޔަތްތަކެއް އައިސްފައިވެއެވެ. އޭގެ ތެރޭގައި؛ ރަބީޢުލް އައްވަލް މަހުގެ ދެވަނަރޭ ކަމުގައި، އަށްވަނަރޭ ކަމުގައި، ދިހަވަނަ ރޭކަމުގައި، ބާރަވަނަރޭ ކަމުގައި، އައިސްފައިވެއެވެ. އަދި ބައެއް މުއައްރިޚުން އެއީ ރަމަޟާންމަސް އަދި ޞަފަރުމަސް ކަމުގައިވެސް ގެންނަވާފައިވެއެވެ. ޝައްކެއްވެސް ނެތް ގޮތުގައި، އެދުވަހާއިމެދު އެހާބޮޑު އިޚްތިލާފެއް އައިސްފައި އެވަނީ، އެނަބިއްޔާގެ އެންމެހައިކަމެއް ފަހުންއައި މީސްތަކުންނަށް ފޯރުކޮށްދެއްވަން ތިއްބެވި އެނަބިއްޔާގެ އަޞްޙާބު ބޭކަލުން އެދުވަހާއި މެދު އަޅާލުން ކުޑަވެގެންކަން ކަށަވަރެވެ. އަދި އެދުވަސްވަރުގެ ދުވަސްތަކާއި މެދު ފަލަކީ ޢިލްމުގެ ނަޒަރިއްޔާއިން ދައްކާގޮތުގައި، ރަބީޢުލްއައްވަލް މަހުގެ ބާރަވަނަދުވަސް ހޯމަދުވަހަކަށް ނުފެތެއެވެ. ހޯމަދުވަސް ފެތެނީ ރަބީޢުލްއައްވަލް މަހުގެ 9 ވަނަ ދުވަހަށެވެ. މިހެން މިކަން އޮތްއިރު 12 އެއީ އެދުވަސްކަމުގައި ކަނޑައަޅާނޭ ޢިލްމީ ޙަޤީޤަތެއް ނެތެވެ. ވީމާ ޢިލްމީ ޒަމާނެކޭ، ޢިލްމީބައެކޭ ބުނެ ދަޢުވާކުރާނަމަ، ޢިލްމީ ޙަޤީޤަތެއް ނެތްދުވަހަކަށް ބަޔަކު މިހާވަރު މިވަނީ ކީއްވެގެންބާވައެވެ؟!

ރަސޫލާ صلَّى اللهُ عليه وسلَّم ގެ އަޞްޙާބު ބޭކަލުންގެ އަރިހުގައި އެނަބިއްޔާ އުފަންވެ ވަޑައިގެންނެވި ދުވަހަކީ އަހަރުގެ ދެޢީދު ދެދުވަހާއި، ހަފްތާގެ ހުކުރުދުވަސް ފިޔަވައި، ޚާއްޞަ އަޅުކަމެއްގައި ނޫޅޭ އެހެނިހެން ދުވަސްތަކާއި ވަކިތަފާތު ދުވަހެއް ނޫނެވެ. އެދުވަހަކީ އެންމެން މަސައްކަތާއި ކިޔެވުމާއި ދުނިޔެވީ އެހެނިހެން ކަންކަން ހުއްޓާލައިގެން ތިބިދުވަހެއް ނޫނެވެ. މާލޫދު ކިޔާ ބޮޑުކޭންތައް ބޭއްވި ދުވަހެއްވެސް ނޫނެވެ. ޢީދެއްގޮތަށް ފާހަގަކުރި ދުވަހެއްވެސް ނޫނެވެ. ހަމަ އާދައިގެ މަތީން އަޅުކަންކުރުމާއި، ފަރުޟު ނަމާދުތަކަށް ބަރާބަރަށް މިސްކިތަށް ދިއުމާއި، ރޯދަހިފާމީހުން ރޯދަހިފުމާއި، ޞަދަޤާތްކުރުމާއި، ވިޔަފާރިކޮށް އާމްދަނީ ހޯދުމާއި، ދަނޑުގޮވާން ކުރުމާއި، ބަކަރި ހުއިހެއްޕުމާއި، އެހެނިހެން ތަފާތު މަސައްކަތުގައި އެބައިމީހުން މަޝްޣޫލުވެ އުޅުނު ދުވަހެކެވެ. އެބައިމީހުންނަށް އެދުވަސް އައިސް ދާކަން ނުދަންނަފަދައެވެ. ވީމާ، އަހަރުމެން މިއަދުގެ މުސްލިމުން ޙަޤީޤަތުގައިވެސް، ތިމަންމެން ދީނަށް އުޅުމުގައި މިއުޅެވެނީ އެދުވަސްވަރުގެ އެންމެ މާތްބޭކަލުން އުޅުއްވިގޮތަށްތޯ، އަމިއްލަ ނަފްސާއި ސުވާލުކޮށްލުމީ މުހިންމުކަމެކެވެ.

އަޅަމެންނީ ރަސޫލާއަށް ފުރިހަމައަށް ލޯބިވާ ބައެއްގެގޮތުގައި ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *