އާރޓިކަލް 140 : ދުނިޔޭގައި ހިނގާ ކޮންމެކަމަކީ މާތްﷲ ގެ ރުބޫބިއްޔަތުގެ ދަލީލެއް

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

މާތް ﷲ އީ މިކާއިނާތު އުފެއްދެވި ކަލާނގެއެވެ. އަދި އެންމެހައި ދިރޭތަކެއްޗަކާއި އެދިރޭތަކެއްޗަށް ބޭނުންވާނޭ ރިޒްޤުވެސް އަދި އެ ދިރޭތަކެތީގެ ދިރިއުޅުން ދުނިޔޭގައި އިސްތިޤްރާރު ކުރެއްވި ކަލާނގެއެވެ. އެކަލާނގެ ޙިކްމަތްޕުޅުން އެތަކެއްޗަށް މިދުނިޔޭގައި ފައިދާވާނޭހާ ކަންކަމާއި ގެއްލުންވާނޭ ކަންކަންވެސް ލެއްވީ އެކަލާނގެއެވެ. އެކަލާނގެ ދުނިޔޭގެ އެންމެހައި ކަންކަމެއް ތަދްބީރު ކުރައްވާ، އެކަލާނގެ އިރާދަކުރެއްވި ކޮންމެ ވަގުތެއްގައި އެކަލާނގެ އިރާދަކުރެއްވި ކޮންމެކަމެއް މިދުނިޔޭގައި ހިންގަވައެވެ. ދުނިޔޭގައި ހިނގާ އެއްވެސް ކަމެއް އެކަލާނގެ އިރާދަފުޅާ ނުލައި ނުވާނެކަން ކަށަވަރެވެ. އަދި އެއިރާދަފުޅާ އެއްކޮށް އެކަލާނގެ ޚަލްޤުކުރެއްވުމުން ނޫނީ އެއްވެސް ކަމެއް ވުޖޫދު ނުވާހުއްޓެވެ.

އެގޮތުން ދުނިޔޭގައި ޢާންމުކޮށް ކަން ހިނގާގޮތާއި ޚިލާފަށް ކަންކަން ގެނެސް ދެއްވުމަށް އެދި، ގައުމުތަކަށް ފޮނުއްވުނު ނަބީބޭކަލުން ގޮވާލައްވާ ކަންތައްތަކަށް އީމާންވުމުގެ ކުރިން އެގައުމުތަކުގެ މީހުން އެނަބީންގެ ކިބައިން އެދެއެވެ. އަދި އެއަށްފަހުގައި އީމާންވާނެ ކަމަށް ވަޢުދުވުމުން މާތް ﷲ އެގައުމުގެ މީހުންނަށް މުޢުޖިޒާތް ބާވައިލައްވަތެވެ. ނަމަވެސް އެކަމުގައި ދުނިޔޭގައި ކަންހިނގާފައިވި ގޮތް އެކަލާނގެ ކީރިތި ޤުރުއާނުގައި ބަޔާންކުރެއްވިއެވެ. އެއީ އެބައިމީހުން އެގޮތަށް އެދުމުން އެމުޢުޖިޒާތްތައް ބާވައިލެއްވުމުންވެސް އެގައުމުތަކުގެ މީހުން އެރަސޫލު ބޭކަލަކަށް އީމާން ނުވުމެވެ. އެބައިމީހުންގެ ކުފުރުގެ މަތީގައި ދެމިތިބުމެވެ. އޭގެ ސަބަބުން އެބައިމީހުންނާ ޢަޛާބާއި ކުރިމަތިލާންޖެހި އެގައުމުތައް ނެތިދިއުމެވެ. މިއެންމެހައި ވާހަކަތަކެއް މާތްނަބިއްޔާ صلَّى اللهُ عليه وسلَّم މައްކާގެ މުޝްރިކުންނަށް އެބައިމީހުންނަށް ހުރި ޢިބްރަތަކަށްޓަކައި ކިޔައިދެއްވި ހިނދު އެބައިމީހުންވެސް އެވާހަކަތަކުން ޢިބްރަތް ލިބިގަތުމުގެ ބަދަލުގައި ހަމަ އެދުނީ އެފަދަ އާދަޔާޚިލާފު ކަންތައްތަކަށެވެ. ނަމަވެސް އެބައިމީހުން އީމާންވާނެ ކަމަށް ވަޢުދުވުމުން، މާތްﷲ އެކަމުގައި އީމާންވުން ނުވަތަ ޢަޛާބު ދެއްވުމާ ދެކަމުގައި އިޚްތިޔާރު ދެއްވި ހިނދު ނަބިއްޔާ صلَّى اللهُ عليه وسلَّم އިޚްތިޔާރު ކުރެއްވި އެއާދަޔާ ޚިލާފު ކަންތައް ގެނެސް ނުގަތުމަށެވެ. އެގޮތުން ތަފްސީރު ފޮތްތަކުގައި ގެނެސްފައިވާ ރިވާޔަތެއްގައިވެއެވެ: އިބްނު ޢައްބާސް رضي الله عنه ރިވާކުރެއްވިއެވެ: ނަބިއްޔާ صلَّى اللهُ عليه وسلَّم އަށް ޤުރައިޝުން ބުންޏެވެ: ޞަފާ ފަރުބަދަ ރަނަށް ބަދަލުކޮށްދެއްވުމަށް އެދި ކަލޭގެފާނުގެ ވެރިއިލާހަށް ދުޢާކޮށް ދަންނަވާދެއްވާށެވެ. އޭރުން ތިމަންމެން ކަލޭގެފާނަށް އީމާންވާނަމެވެ. ނަބިއްޔާ ދެންނެވިއެވެ: އޭރުން ތިޔަބައިމީހުން އީމާންވާނަމު ހެއްޔެވެ. އެބައިމީހުން ބުންޏެވެ. އާއެކެވެ. ޢިބްނު ޢައްބާސް ވިދާޅުވިއެވެ: ދެންފަހެ އެނަބިއްޔާ ދުޢާކޮށް ދެންނެވިއެވެ. އެހިނދު ޖިބްރީލު އެނަބިއްޔާގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިއިލާހު ކަލޭގެފާނަށް ސަލާމްލެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ކަލޭގެފާނު ބޭނުންފުޅު ނަމަ އެބައިމީހުންނަށް ޞަފާފަރުބަދަ ރަނަށް ބަދަލުކޮށްދެއްވާނެތެވެ. ދެން އެއަށްފަހުގައި ދަންނާށެވެ. ފަހެ، އެބައިމީހުން ކާފިރުވެއްޖެނަމަ އެމީހަކަށް ޢާލަމްތަކުގެ ތެރެއިން ކުރިން ދުވަހަކުވެސް މީހަކަށް ނުދެއްވާފަދަ ޢަޛާބެއް ދެންވާހުށީމެވެ. އަދި ކަލޭގެފާނު އެދިލައްވާނަމަ އެބައިމީހުންނަށް ތައުބާއާއި ރަޙްމަތުގެ ދޮރު ހުޅުއްވާދެންވާނަމެވެ. ދެން ނަބިއްޔާ ދެންނެވިއެވެ. އަދި ކިއެއްހެއްޔެވެ. ތިމަން ނަބިއްޔާ އެދިލައްވަނީ ތައުބާއާއި ރަޙްމަތުގެ ދޮރެވެ. އެބައިމީހުންގެ މިބަސްތަކާއި ވިދިގެން މާތް ﷲ މިއާޔަތް ބާވައިލެއްވިއެވެ: ﴿وَمَا مَنَعَنَا أَن نُّرْسِلَ بِالْآيَاتِ إِلَّا أَن كَذَّبَ بِهَا الْأَوَّلُونَ ۚ وَآتَيْنَا ثَمُودَ النَّاقَةَ مُبْصِرَةً فَظَلَمُوا بِهَا ۚ وَمَا نُرْسِلُ بِالْآيَاتِ إِلَّا تَخْوِيفًا﴾ سورة الإسراء: 59 މާނައީ: [ކުރިންއިސްވެދިޔަ މީހުން މުޢުޖިޒާތްތައް ދޮގުކުރުން ނޫން އެހެން ސަބަބެއް މުޢުޖިޒާތްތައް ފޮނުއްވުން ތިމަންއިލާހުއަށް މަނާނުކުރައްވައެވެ. އަދި ޘަމޫދުގެ މީހުންނަށް ސާފު ހެއްކެއްގެ ގޮތުގައި އަންހެންޖަމަލެއް ތިމަންއިލާހު ފޮނުއްވީމުއެވެ. ފަހެ އެހިނދު އެބައިމީހުން އެއެއްޗަށް އަނިޔާވެރިވިއެވެ. އަދި ތިމަން އިލާހު އާޔަތްތަކައިގެން ފޮނުއްވަނީ ބިރުވެތިކުރުމަށް ނޫން އެހެން ކަމަކު ނޫނެވެ.] ޤަތާދާ رحمه الله ވިދާޅުވިއެވެ: ހަމަކަށަވަރުން ﷲ އެކަލާނގެ އާޔަތްތަކުގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ އެއްޗަކުން މީސްތަކުންނަށް އެކަލާނގެ ބިރުދައްކަވަތެވެ. އެއީ އެބައިމީހުން އެއިން ޢިބްރަތް ލިބިގަނެ (އެކަލާނގެ) މަތިން ހަނދުމަވެ އެބައިމީހުން އެކަލާނގެ މަގަށް ރުޖޫޢަވުމަށްޓަކައެވެ.

ނަމަވެސް މިއަދު މީހުންގެ ޙާލަކީ ދުނިޔެވީގޮތުން އެތަކެއް މުޞީބާތަކާއި ގެއްލުންތަކެއް ކުރިމަތިވާފަދަ ކަންތައްތަކެއް ހިނގި ކަމުގައިވިޔަސް އެކަން ހަމައެކަނި ނޭޗަރ އޭ ކިޔާލާފައި ނިންމާލުމެވެ. އެފަދަ ބިރުވެރި ދަނޑިވަޅުގައިވެސް ރުބޫބިއްޔަތަށް އިންކާރުކުރާ ފަދަ ޙާލަތަކަށް މީސްތަކުން ބަދަލުވެއެވެ. މިއަދު ގިނަ މުސްލިމުންވެސް ގޮވާލަނީ އެފަދަ ވާހަކަތަކެވެ. އެއީ ﷲ މެދުވެރި ކުރެއްވި ޢަޛާބެކޭ ކިޔުމާ ދެކޮޅުހަދައެވެ. އެއީ ހަމަދުނިޔެ އާދައިގެމަތިން ހިނގާގޮތުން އައި ފަރުބަދަ ގޮވުމަކާއި ބިންހެލުމަކާއި ސުނާމީއަކާއި އަލިފާން ރޯވުމަކާއިއެވެ. ހޮނުއެޅިއަސް ބޮޑު މާސިންގާ ސައިލެއް އަޔަސް، ފިއްކަނޑައިގެން ދާވަރުގެ ތޫފާންތައް އަޔަސް އެއިން އެއްވެސް ކަމެއް މާތް ﷲ ގެ ރުބޫބިއްޔަތަށް އީމާންވެ މީސްތަކުންގެ ނުބައި ފާފަތަކުގެ ސަބަބުން އެބައިމީހުން އެކަލާނގެ މަގަށް ރުޖޫޢަކުރެއްވުމަށް ބިރުގެންނެވުމަށް، އެކަލާނގެ ފޮނުއްވި ދުނިޔެވީ ޢަޛާބެއްކަމަށް ބުނާކަށް މީސްތަކުން ބޭނުމެއް ނުވެއެވެ. މިފަދަ ބިރުވެރި ޙާލަތުގައިވެސް އެއެންމެހައި ކަމެއްގެ ވެރިއިލާހުގެ ރުބޫބިއްޔަތަށް މިބައިމީހުން މިބަލަނީ އިންކާރު ކުރެވޭތޯއެވެ. ޤަތާދާ رحمه الله ގެ އަރިހުން ރިވާވެގެންވެއެވެ: އިބްނު މަސްޢޫދުގެ ޒަމާނުގައި ކޫފާގައި ބިންހެލުމެއް އައެވެ. އެހިނދު އިބްނު މަސްޢޫދު ވިދާޅުވިއެވެ: އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިއިލާހު ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ރުއްސެވުމަށް އެދުމަށް އެދިވޮޑިގަންނަވަނީއެވެ. ފަހެ ތިޔަބައިމީހުން އެކަލާނގެ ރުއްސެވުމަށް އެދޭހުށިކަމެވެ.

މާތްﷲ ވަޙީކުރެއްވިއެވެ: ﴿قُلْ هُوَ الْقَادِرُ عَلَى أَنْ يَبْعَثَ عَلَيْكُمْ عَذَابًا مِنْ فَوْقِكُمْ﴾ سورةالأنعام:65   މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ. އެކަލާނގެއީ ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ މަތީން ޢަޛާބު ފޮނުއްވުމަށް ކުޅަދުންވަންތަ އިލާހެވެ.] މާނައީ ގަދަފަދަ އަޑުފައްގަނޑުގެ ޢަޛާބާއި ހިލަޔާއި ގަދަފަދަ ވައެވެ. ހަމައެއާޔަތުގައި އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿أَوْ مِنْ تَحْتِ أَرْجُلِكُمْ﴾ سورة الأنعام: 65   މާނައީ: [ނޫނީ ތިޔަބައިމީހުންގެ ފައިތިލަތަކުގެ އަޑިންނެވެ.] މާނައީ ބިންހެލުމާއި ބިންގަނޑު އަޑިއަށް ގެންބެވުމެވެ.

އައްޝައިޚް އިބްނު ބާޒް رحمه الله ވިދާޅުވިއެވެ: "ޝައްކެއްވެސް ނެތެވެ. މިދުވަސްވަރު ދުނިޔޭގެ އެކިދިމަދިމާލުން މިއަންނަ ބިންހެލުންތަކަކީ ﷲ އެއާޔަތްތަކަކުން އެކަލާނގެ އަޅުތަކުން ބިރުގެންނެވުމަށް ގެންނަވާ ކަންތައްތަކެވެ. މިފަދައިން މީސްތަކުންނަށް އަންނަ ބިންހެލުންފަދަ އެންމެހައި ކަމަކީ މީސްތަކުންގެ ޝިރުކާއި ފާފައިގެ ސަބަބުން އަންނަ ކަންކަމެވެ…. ފަހެ، މީސްތަކުންނަށް ވާޖިބުވެގެންވަނީ މާތް ﷲ އަށް ތައުބާވުމެވެ."

އަޅަމެންނީ އެންމެހައި ފާފަތަކުން ދުރުހެލިވެގެންވާ ބަޔަކުކަމުގައި ލައްވާށިއެވެ! އަދި ދުނިޔޭގައި ހިނގާ ނުރައްކާތެރި ޙާދިޘާތަކުން އަޅަމެން ރައްކާތެރިކުރައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *