الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ޔޫސުފު عليه السلام އަކީ ޝަރަފާއި ޤަދަރާއި ޢިއްޒަތުގައިވި މިޞްރުގައި ޙަޔާތްޕުޅު ހޭދަކުރެއްވި މާތްވެގެންވި ނަބީބޭކަލެކެވެ. އަދި އެނަބިއްޔާއަށް މިޞްރުގެ އަހުލުވެރިން ކުރެއްވި ޤަދަރެއްގެ ބޮޑުކަމުން އެކަލޭގެފާނުގެ މާތް ބައްޕާފުޅު ޔަޢުޤޫބުގެފާނުގެ ދަރިން ނުވަތަ އިސްރާއީލްގެ ދަރިން ކިތަންމެ ނުބައިކޮށް ޔޫސުފުގެފާނާއި މެދު ކަންކުރައްވާފައިވީ ނަމަވެސް، އެބޭފުޅުންނާމެދު ނުހަނު ހެޔޮކޮށް ހިއްތަވާ، ޔޫސުފުގެފާނަށް ދެއްވި ޤަދަރު އެނަސްލުގެ އެންމެހައި މީސްތަކުންނަށް މިޞްރުގެ އަހުލުވެރިން ދިނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެހުރިހައި ދަރިން ތައުބާގެ މަގު އިޚްތިޔާރު ކުރައްވާ ބަނީ އިސްރާއީލް ގެ ދަރިން މިޞްރުގައި ވަޒަންވެރިވެވަޑައިގަންނަވާ އެދަރިފަސްކޮޅު އެތަނުގައި އިތުރުވެ އާބާދުވިއެވެ. ބަނީ އިސްރާއީލްގެ މުޅި ދަރިފަސްކޮޅު ދުނިޔެއަށް އުފަންވެ އެނަސްލު ދެމިގެން ދިޔައީ އެރަށުންނެވެ.
އޭގެ އަހަރުތަކެއް ފަހުން މިޞްރުގައި ވެރިކަންކުރަމުން ދިޔަ ފިރުޢައުނުގެ ރަސްރަސްކަލުންގެ ޒަމާންތައް ފާއިތުވަމުން ދިޔައިރު އޮތީ ނަސްލީ ތަފާތުކުރުން ބޮޑުވެ، ބަނީއިސްރާއީލުގެ ނަސްލަށް ނިސްބަތްވާ އެންމެން އެއީ އެގައުމުގެ ނިކަމެތި ބައެއްގެ ގޮތުގައި ހަދާ އަޅުންގެ ދަރަޖައަށް ވައްޓާލައި، މިޞްރުގެ އަހުލުވެރިންގެ ޚިދުމަތުގައި މަސައްކަތް ކުރަންތިބޭ ބައެއްގެގޮތުގައި ހަދާފައެވެ. އެނިކަމެތިކަމާއި އަޅުވެތިކަމުން އެބައިމީހުން ސަލާމަތްކުރެއްވީ މާތް ﷲ ފޮނުއްވި މާތްނަބިއްޔާ، އެބޭކަލަކަށް އެކަލާނގެ ތައުރާތު ބާވައިލެއްވި، އަދި އެފޮތެއްގައި މާތްވެގެންވާ މުޙައްމަދުގެފާނީ ފަހުގެ ނަބިއްޔެއްގެ ގޮތުގައި ވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާ، އެވާހަކަތައް ބަނީއިސްރާއީލްގެ މީހުންނަށް ކިޔައިދެއްވި މޫސާ عليه السلام އެވެ.
މޫސާ عليه السلام ގެ ޙާޒިރުގައިވެސް އެކަލޭގެފާނާއި ދެކޮޅުވެރި އެތަކެއް ކަމެއް، މާތް ﷲ ދެއްވި މިނިވަންކަމުގެ ބޮޑުނިޢުމަތާއެކުވެސް ބަނީއިސްރާއިލްގެމީހުން ދިޔައީ ކުރަމުންނެވެ. މުޙައްމަދުގެފާނަކީ އެންމެމާތް އަދި އެންމެފަހުގެ ނަބިއްޔާ ކަމުގައި އިޢުތިރާފުވެވަޑައިގެން އެކަން ބަނީ އިސްރާއީލްގެ މީހުންނަށް ކިޔައިދެއްވި މޫސާ عليه السلام ގެންދެވީ އެބައިމީހުންގެ އުރެދުމުގެ ފާފަތައް ފުއްސަވައިދެއްވުން އެދި މާތްﷲ އަށް އަބަދުމެ ދަންނަވަމުންނެވެ. އަބައިމީހުންނާމެދު އެފަދަ ބޮޑު އޯގާތެރިކަމެއް އެނަބިއްޔާ ދެއްވިއިރުވެސް، އެބައިމީހުންގެ ގިނަބައެއްގެ ފަރާތުން އޭރުވެސް ފެންނަމުން ދިޔައީ ބޮޑާކަމާއި ނޭއްގާނީކަމެވެ. ނިޢުމަތެއް ދެއްވިއްޔާ އެނިޢުމަތަށްވުރެ ބޮޑު ނިޢުމަތެއް ބޭނުންވެއެވެ. އެބައިމީހުންނަށް އުޑުން މަންނައާއި ސަލްވާ ކެއުމެއްގެ ގޮތުގައި ބާވައިލެއްވި ހިނދު، އެއްކެއުން ކައިކައި ފޫހިވާކަމުގެ ޝަކުވާއަށްފަހު ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ދެއްވިއެވެ. ބާވައިލެއްވި ތައުރާތު ލިބިވަޑައިގަތުމަށް މޫސާ عليه السلام ވަޑައިގެންނެވި ހިނދު، ބުދުހަދައިގެން އެބުދަށް އަޅުކަންކުރަން ފެއްޓިއެވެ. އެބައިމީހުން މޮޅުވާނެ ކަމުގެ ވަޢުދާއެކު، ހަނގުރާމަކޮށް ޤުދުސްއަށް ވަންނަން މޫސާގެފާނު އެދުމާއެކު އެކަމަށް އިންކާރުކުރިއެވެ. މިފަދަ އެތަކެއް އުރެދުމެއްގެ ޢަޛާބުވެސް ދުނިޔެމަތީގައި އެބައިމީހުންނަށް މާތްﷲ ދެއްވިއެވެ. އެހެންނަމަވެސް މޫސާ عليه السلام އަވަހާރަވެ ދިއުމަށްފަހުގައިވެސް، އެބައިމީހުންގެ ނުބައިކަން ބޮޑުވުމުގެ ސަބަބުން އެބައިމީހުންގެ ގާތަށް ފޮނުއްވުނު އެތައް ނަބީބޭކަލުން އެބައިމީހުންވަނީ ޤަތުލުކޮށްފައެވެ. ވީމާ އެބަޔަކީ މާތްﷲ ގެ ދަރިންކަމަށް ދަޢުކުރާމީހުން، ޙަޤީޤަތުގައި ވެގެންދިޔައީ އެކަލާނގެ ކޯފާލެއްވި މީހުންނަށެވެ. ފާތިޙާ ސޫރަތުގައިވާ އެބައެއްގެ މައްޗަށް މާތްﷲ ކޯފާ ލެއްވިމީހުންނަކީ ކޮބައިކަން ރަސޫލާ صلَّى اللهُ عليه وسلَّم ބަޔާންކުރެއްވީ އެއީ ޔަހޫދީންކަމުގައެވެ. އެލެއްވި ކޯފާގައި އެބައިމީހުން ދުނިޔޭގައި އަބަދުވެސް އުޅެންޖެހޭނީ އެހެންބައެއްގެ އެހީއާއި މަދަދުގައި ކަމުގައި އެކަލާނގެ ލެއްވިއެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿ضُرِبَتْ عَلَيْهِمُ ٱلذِّلَّةُ أَيْنَ مَا ثُقِفُوٓاْ إِلَّا بِحَبْلٍۢ مِّنَ ٱللَّهِ وَحَبْلٍۢ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٍۢ مِّنَ ٱللَّهِ وَضُرِبَتْ عَلَيْهِمُ ٱلْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُواْ يَكْفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقْتُلُونَ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّۢ ۚ ذَٰلِكَ بِمَا عَصَواْ وَّكَانُواْ يَعْتَدُونَ﴾ سورة آل عمران:112 މާނައީ: [އެއުރެން (އެޔަހޫދީން) ތިބި، ކޮންމެތަނެއްގައިވެސް، އެއުރެންގެ މައްޗަށް ދެރަކަމާއި، ނިކަމެތިކަން ލައްވާފައިވެއެވެ. اللَّه ގެ عهد އަކުން ނުވަތަ މީސްތަކުންގެ عهد އަކުން (ރައްކާތެރިކަން ލިބިގެންފުމުން) މެނުވީއެވެ. އަދި، اللَّه ގެ ކޯފާއާއިގެން އެބައިމީހުންގެ މައްޗަށް އެބައިމީހުން ގެނެސްގަތެވެ. އަދި، ނަފްސަށް ނިކަމެތިކަން އެއުރެންގެ މައްޗަށް ލައްވާފައިވިއެވެ. އެއީ، އެއުރެން اللَّه ގެ آية ތަކަށް كافر ވެ އަދި، حق އަކާ ނުލައި، ނަބިއްޔުން قتل ކޮށް އުޅުނުކަމަށްޓަކައެވެ. އެއީ، އެއުރެން އުރެދުނުކަމަށްޓަކައެވެ. އަދި، އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ.]
މިފަދަ ނުބައިކަންބޮޑު އެތަކެއްކަމެއް އެބައިމީހުންނާއިމެދު ތާރީޚުން ހެކިދީފައިވަނިކޮށް، ނަބިއްޔާ صلَّى اللهُ عليه وسلَّم ނަބީކަން ލިބިވަޑައިގެން ދުވަސްތަކެއްފަހުން، މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު އެބައިމީހުންނާއި މުޢާމަލާތު ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އެޔަހޫދީންގެ ހައްދުފަހަނައަޅާފައިވާ ނުބައި އާދަކާދައާއި އަޚްލާޤާއި ނުބައިޚަޞީލަތްތަކާއި ފޮރުވިފައިވާ މަކަރުވެރި މުނާފިޤުކަން ބޮޑު ރޭވުންތަކާއިއެކުވެސް، އެނަބިއްޔާ އެބައިމީހުންނާމެދު ދެގޮތަކަށް މުޢާމަލާތުކުރެއްވިއެވެ. ޢަދާވާތްތެރިކަން އޮތުމާއެކުވެސް އެއްބަސްވުމެއްގެ ދަށުން ޞުލްޙަ ޤާއިމްކުރެއްވުމާއި، ޞުލްޙައިގެ ބަރަކާތުން މާތްﷲ އުންމަތަށް ގަދަބަދަހިކަން ދެއްވާ އެބައިމީހުން ބަލިކުރެއްވުމާއެކު، ޞުލްޙައިގެ ބޭނުންހިފައި ޞުލްޙަމުގުރާލާ ބައެއްގެ ގޮތުގައި އިޢުލާނުވެ އެބައިމީހުންގެ ޙަޤީޤަތް މީސްތަކުންނަށް ފާޅުވުމަށްފަހު، އެޢަދާވާތްތެރި ޔަހޫދީންނާ ދެކޮޅަށް ހަނގުރާމަ ކުރައްވައިގެން އެބައިމީހުން ބަލިކުރެއްވުމެވެ.
ނަބިއްޔާއާއި އެނަބިއްޔާއަށް ވަރަށްފުރިހަމައަށް ތަބާވެގެން ތިއްބެވި، އެއްވެސް ފަރުވާކުޑަކުރުމެއްނެތި ދީނަށް ޢަމަލުކުރުމުގައިވި، މާތް ބޭކަލުންތަކެއް ނަބިއްޔާގެ އަރިހުގައި ތިއްބެވުމާއިވެސް އެކު، އަދި ކިއެއް، ހަނގުރާމައިގެ އާލާތްތަކަށް ބަލާއިރު މިޒަމާނުގައި މިފެންނަ އުޑާއިބިމާހާއި ތަފާތުކަން ބޮޑު ހަނގުރާމައިގެ އާލާތްތައް، އެޒަމާނުގައި މައްކާގެ މީހުންނާއި މުސްލިމުންނާއި ދެމެދުގައި ނެތް އިރުވެސް، އެނަބިއްޔާ ހަނގުރާމައާއި ތަޅާފޮޅުން ދޫކުރައްވާ، އަދި އެންމެ މާތް މައްކާގެ ބިން މުޝްރިކުންނަށް ދޫކޮށްލުމަށްފަހު، އިޚްތިޔާރު ކުރެއްވީ، ބަލާބެލުމަށް މުޝްރިކުންނަށް ނުހަނު ފައިދާހުރި، އަދި މުސްލިމުންނަށް ނިކަމެތިކަން ގެނުވިފައިވި ނުކުތާތަކެއްގެ މައްޗަށް ބިނާވެފައިވީ ޞުލްޙައިގެ އެއްބަސްވުމެވެ. އެޞުލްޙައިގެ އެއްބަސްވުމުން އެންމެ ދެއަހަރުން މުސްލިމުންގެ ދީނަށް އެކިގޮތްގޮތުން ނަޞްރު ލިބުނުއިރު މައްކާގެ މުޝްރިކުންނަށް އިތުރުވީ ނިކަމެތިކަމާއި ޢަދާވާތްތެރިކަމެވެ. އެބަރަކާތްތެރި ދެއަހަރުގެ ބޭނުން ހިއްޕަވާ މުސްލިމުން މައްކާއާއި އިންވެގެންވި އެންމެހައި ބިންތަކެއް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެއްކޮށް ފަތަޙަ ކުރެއްވިއެވެ. ރަސޫލާ صلَّى اللهُ عليه وسلَّم މިދުނިޔެ ދޫކުރެއްވިއިރު އަދި އަބޫބަކުރުގެފާނު މިދުނިޔެ ދޫކުރެއްވިއިރުވެސް މާތްވެގެންވާ ޤުދުސް އާއި މުސްލިމުންގެ ދީނާއި ގުޅިލާމެހިފައިވި އަލްމަސްޖިދުލް އަޤްޞާ އޮތީ ނަޞާރާއިންގެ އަތްދަށުގައެވެ. އެތަން ފަތަޙަކުރައްވާ އަމާންކަމާއި އިސްލާމްކަން އެރަށުގައި ފެތުރުއްވެވީ ޢުމަރުގެފާނު ޚިލާފަތުގެ ކުރީކޮޅުގައި އެކަލޭގެފާނެވެ. ވީމާ މުސްލިމުންގެ ނިކަމެތި ޙާލަތުގައި ޞުލްޙައަކީ ވަރުގަދަ ހަތިޔާރެއްކަން ނަބިއްޔާ صلَّى اللهُ عليه وسلَّم ގެ ސިޔަރަތުން، އެކަލޭގެފާނު ގެންގުޅުއްވި ގޮތްތަކަށް ފުރިހަމައަށް އީމާންވެ ތަބާވާ ކޮންމެ މުސްލިމަކަށް ޔަޤީންކުރެވޭނެއެވެ. އެއީ ބައެއް ފަހަރުގައި މުސްލިމުންނަށް ނަޞްރު ލިބުމުގެ ތަޅުދަނޑިކަމުގައި ވެދެއެވެ.
މިފަދަ ޙިކްމަތްތެރި ގޮތްތަކުގެ ބޭނުން މުސްލިމުން ހިފައި ކާފިރުންގެ ދީނާއި ދިރިއުޅުމުގެ ވައްޓަފާޅި އަކީ ނުބައިގޮތްތަކެއްކަމަށް ޤަބޫލުކޮށް، މުސްލިމުންނަށް ރަސޫލާ صلَّى اللهُ عليه وسلَّم ގެނެސްދެއްވި ކަންކަމަށް ލޯބިކޮށް އެގޮތަށް ޢަމަލުކުރުމުން، އެކަލާނގެ ދެއްވާފައިވާ ނަޞްރުގެ ވަޢުދު ފުރިހަމަވެގެންދާނެކަން ކަށަވަރެވެ. މީގެކުރިންވެސް އެކަލާނގެ އެވަޢުދު ފުރިހަމަކުރެއްވިއެވެ. އަދިވެސް އެކަލާނގެ ދީނަށް ނަޞްރުދޭ ބަޔަކަށް، އެނަޞްރު ދެއްވާނެ ކަލާނގެއަކީ އެކަލާނގެކަން ކަށަވަރެވެ.
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ: "މާތްﷲ ގެ ކޯފާ ލެއްވިގެންވީ އުންމަތަކީ "ޔަހޫދީން" ނެވެ. އެއީ ދޮގާއި މަކަރާއި ޙީލަތުގެ ބައެކެވެ. އެއީ ނަބީން ޤަތުލުކުރި ރިބާއާއި ރިޝްވަތު ކައިހަދާ އުންމަތްތަކުގެ ތެރެއިން އެންމެ ނިޔަތް ނުބައި ނަޖިސް ފިޠުރަތުގެ މީހުންނެވެ. އަދި އިލާހުގެ ރަޙްމަތާއި އެންމެދުރުގައިވާ މީހުންނެވެ. އެންމެ އަވަހަށް ޢުޤޫބާތާއި ކުރިމަތިލާ މީހުންނެވެ. އެބައިމީހުންގެ އާދައަކީ ނަފްރަތެވެ. އަބަދުގެ ގޮވުމަކީ ޢަދާވާތްތެރިކަމާއި ރުޅިވެރިކަމާއި ސިޙުރާއި ދޮގާއި މަކަރުގެ ޅެންތަކެވެ. އެބައިމީހުންގެ ކުފުރާއި ނަބީން ދޮގުކުރުމުގައި އެބައިމީހުންނާ ޚިލާފުވާ ބައެއްގެ އެއްވެސް ޙުރުމަތެއް އެމީހުންގެ ގާތުގައި ނުވެއެވެ. މުއުމިނަކަށްވެއްޖެއްޔާ އެބައިމީހުންނަށް ގާތްތިމާގެ ކަމެއްވެސް އަދި ޢަހްދެއްވެސް އޮންނަންވާނެ ކަމަކަށް ނުދެކެއެވެ. އަދި އެބައިމީހުންނާއި އެއްބަސްވާމީހަކަށްވެސް ޙައްޤެއް ނޫނީ އޯގާތެރިކަމެއް އޮންނަންޖެހޭ ކަމަށްވެސް ނުދެކެއެވެ. އަދި އެބައިމީހުންނާ ބައިވެރިވިޔަސް އެބަޔަކަށް ޢަދުލުވެރިކަމެއް އިންޞާފެއް އޮންނަންވާނެކަމަށް ނުދެކެއެވެ. އެބައިމީހުންނާ އެކުގައި އުޅުނަސް އެބަޔަކަށް އެބައިމީހުންގެ ފަރާތުން ހިތްހަމަޖެހުމެއްވެސް އަމާންކަމެއްވެސް ނުލިބެއެވެ. އެބައިމީހުންނަށް ނަޞޭޙަތެއް ދިނަސް އެކަމެއް ޤަބޫލެއް ނުކުރެއެވެ. އަދި ކިއެއްހެއްޔެވެ! އޭގެތެރެއިން އެންމެ ބުއްދިވެރިއަކީ އެންމެ ނުބައިކަން ބޮޑުމީހާއެވެ. އަދި އެންމެ ކުޅަދާނަމީހަކީ އެންމެ މަކަރުވެރިމީހާއެވެ. އަދި ނިއްގަނޑު ސަލާމަތުން ހުރިމީހެއް ނަމަ އެއީ ޙަޤީޤަތުގައި ޔަހޫދީއެއް ނޫނެވެ. އެބައިމީހުންނީ އެންމެ ހިތްނުބައި، އެބައިމީހުންގެ ގެދޮރަކީ އެންމެ އަނިޔާވެރި، އެބައިމީހުންގެ މައިދާނަކީ އެންމެ ނަޖިސްކަންބޮޑު، ޠަބީޢަތުގައި ވަޙްޝީކަންބޮޑު، އެބައިމީހުންގެ ސަލާމަކީ ލަޢުނެތް ދިނުންކަމުގައިވާ، އެބައިމީހުންނާ ބައްދަލުވުމަކީ އަވަސްވަކިވުމެއް ކަމުގައިވާ، އެބައެއްގެ ޝިޢާރަކީ ރުޅިވެރިކަން ކަމުގައިވާ އަދި ނަފްރަތުގެ ކޯޓުން ފޮރުވިފައިވާ ބަޔަކީ ޔަހޫދީންނެވެ." (هداية الحيارى في أجوبة اليهود والنصارى މިފޮތުގެ އެއްވަނަ މުޖައްލަދުގެ 15 ވަނަ ސަފްޙާއެވެ.)
ވީމާ ޔަހޫދީންފަދަ އެންމެމަކަރުވެރި އުންމަތް ބަލިކުރެވޭނީ، ޚުރާފީ ވިސްނުންތަކާއި، ކަނުއަނދިރިކަމުގައިވާ ލޯތްބާއި ޖޯޝާއި ފޯރިގަނޑު އެއީ ކަންކުރަންވީ ގޮތް ޙުކުމްކުރަން ބޭނުންކުރާ އެއްޗަކަށް ނަހަދާ، ޙިކްމަތްތެރިކަމާއި ޙަޤީޤަތާއި ޢިލްމާއި ހުނަރާއި މޮޅުއުކުޅުގެ މައްޗަށް ބިނާވާ، ވިސްނުންތޫނު ބުއްދިއަކުން ވިސްނައިގެން ދުނިޔޭގައި ކަންހިނގާ ޙަޤީޤީ ގޮތުގެ މައްޗަށާއި ސާފު ސީދާ ފިޠުރަތުގެ ބުއްދިއާއި ޙިކްމަތް ބޭނުންކޮށްގެންނެވެ. އެކަމަށް ބޭނުންވާ އެންމެބޮޑު އާލާތަކީ ޢަސްކަރީ ޢިލްމާއި ތަޖުރިބާއާއި މޮޅެތި އާލާތައްތައް އުފައްދައި އެބޭނުންކުރާނޭގޮތުގެ ހުނަރެވެ.
ކާފިރުން ބަލިކުރެވޭނީ މުސްލިމުންގެ ސިފަތައް ދޫކޮށްލައި، ހަމައެފަދަ އެހެންކާފިރުންގެ ޙިކުމަތު ޢަމަލީތަކަށް ތަބާވެ ކާފިރުންގެ އޮއިވަރުގެ ތެރެއަށް ގެއްލިހަލާކުވެގެނެއް ނޫނެވެ. ނަމަވެސް ރަސޫލާ صلَّى اللهُ عليه وسلَّم ގެ ޙިކްމަތްތެރިކަމުން ފިލާވަޅު ލިބިގަނެ އެގޮތަށް ޢަމަލުކޮށްގެންނެވެ. މާތް ﷲގެ ނަޞްރު ލިބުންވަނީ އެކަލާނގެއަށް ނަޞްރުދީ ދީނަށް ޙުރުމަތްތެރިކޮށް ހިތައިގެންނެވެ. މީގެ އެންމެ ވަރުގަދަ އާލަތަކީ ﷲ އަށާއި ރަސޫލާއަށާއި މުސްލިމުންނަށް ލޯބިކުރުމާއި އެކަލާނގެ ދީނަށް ފުރިހަމައަށް ޢަމަލުކުރުމާއި އެކަލާނގެ ފުރިހަމައަޅަކަށް ތިމާވެ، އެކަލާނގެއަށް ދުޢާކުރުމުގައި ދެމިހުރެގެންނެވެ.
ހައްދަވާބޮޑުކުރެއްވި ﷲ އެވެ! ފަލަސްތީނުގައިވާ އަޅަމެންގެ އަޚުންނާއި އުޚްތުންނަށް ނަޞްރު ދެއްވާދޭނވެ! އެބައިމީހުންނަށް ޖެހިފައިވާ ނިކަމެތި ޙާލުން އެބައިމީހުން ސަލާމަތްކުރައްވާ، އެބައިމީހުންގެ ބިމަށް ރައްކާތެރިކަން ދެއްވާނދޭވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.