الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
މުސްލިމުންނަށް ދުނިޔޭގައި އެހެންދީނެއްގެ ބަޔަކާއި އެކުގައި މުޢާމަލާތު ނުކޮށް އުޅުމަކީ ގާތްގަނޑަކަށް ނުވާނޭ ކަމެކެވެ. ނައްޞުތަކުން އެނގޭގޮތުގައި ޢީސާ عليه السلام ފައިބައިވަޑައިގަތުމުން އެދުވަސް ދުނިޔެމައްޗަށް ވުޖޫދުވާނެއެވެ. އެއީ އެދުވަހުން ﷲ އިރާދަކުރެއްވުމަށް ދާންދެން، ޢީސާގެފާނު ކުރައްވާ ހަނގުރާމަ ނިމުމަށްފަހު، ދުނިޔޭގައި ތިބޭނީ ހަމައެކަނި މާތްﷲ އަށް އަޅުކަން އަދާކުރާ މުސްލިމުންނެވެ.
އެދިވަސް އައުމަށްދާންދެން، ތިމާގެ ގެއާއިޖެހިގެން ހުރިގޭގައި އުޅޭ އަވަށްޓެރިއެއްގެ ގޮތުގައި ނުވަތަ ރައްޓެއްސެއްގެ ގޮތުގައި ނުވަތަ މަސައްކަތު މާޙައުލުގައި އެކުގައި މަސައްކަތްކުރުމުގައި ނުވަތަ ބައިނަލްއަޤްވާމީ ލެވެލްގައި ސިޔާސީގޮތުން ގުޅުން ޤާއިމްކޮށްގެން ނުވަތަ އެނޫންވެސް ގޮތްގޮތުން އެބައިމީހުންނާއި މުޢާމަލާތު ކުރަންޖެހެއެވެ. މިއެންމެހައި ޙާލަތުގައި އުޅޭއިރު ޣައިރުމުސްލިމުންނާއިމެދު ޚާއްޞަކޮށް ޔަހޫދީންނާއި ނަޞާރާއިންނާއި މެދު އަހަރެމެން މުސްލިމުން ގެންގުޅެންޖެހޭ ޤަބޫލުކުރުމުގެ އުޞޫލުތަކަށް އަހަރުމެން ހޭލުންތެރި ވާންޖެހޭނެއެވެ.
އެގޮތުން ފޮތުގެ އަހުލުވެރީންނާއި އެކިއެކި މުޢާމަލާތްތައް ކުރަމުންދާއިރު، މިވެނިކަމެއް މިވެނިގޮތަކަށް ކޮށްފިނަމަ، އެބައިމީހުން ތިމަންނާއާއި ރުހޭނެކަމަށް ވަރަށްގިނަ ފަހަރު މުސްލިމުންނަށް ޤަބޫލުކުރެވެއެވެ. ޚާއްޞަކޮށް އިސްލާމްދީނުގެ ޙުކުމްތަކާއިމެދު ޣާފިލުކަން ބޮޑުވާވަރަކަށް މިފަދަ ފިކުރުތައް އިތުރުވެ މުސްލިމުންގެ މެދުގައި އަށަގަނެއެވެ. އެބައިމީހުންގެ ރުހުން ތިމަންނާއަށް ހޯދުމަށްޓަކައި ބައެއް މުސްލިމުން އެބައިމީހުންގެ ދީނުގެ ނުވަތަ ދީނާއި ގުޅިފައިވާ އާދަކާދަތަކުގެ ވާހަކަތައް އޮޅުންފިލުވައި، އެކަމުގެ މޮޅުކަމުގެ ވާހަކައިގައި ބައިވެރިވެއެވެ. އަދި އޭގެފަހުގައި އެބައިމީހުންގެ އެކަންކަމުގައި ބައިވެރިވެއެވެ. ނަމަވެސް މަރުޙަލާއަކަށްފަހު މަރުޙަލާއެއް އެބައިމީހުންނާއި ގާތްވަމުން ދާއިރުވެސް ޣާފިލުވެފައިވާ މުސްލިމުންނަށް ނޭނގޭ އެއްޗަކީ އެވަރުންވެސް އެފަދަމީހަކު ތިމަންނާއާއި އަދިވެސް ނުރުހޭނޭ ކަމެވެ. އެންމެފަހުން އެމީހުންގެ ރުހުން މުސްލިމްމީހާއަށް ލިބިގެންދަނީ އެބައިމީހުންގެ ކަންކަމަށް ފަރުދީގޮތުންވެސް އަދި އިޖްތިމާޢީގޮތުންވެސް އެކީއެކައްޗަކަށް ތަބާވެގެންނެވެ.
މިތަނުގައި މިބުނެވެނީ އެބައިމީހުންނާއި މުޢާމަލާތުކުރުން ހުއްދަ އެއްވެސް ދާއިރާއެއް ނެތެކޭ ނޫނެވެ. ޚުދު ރަސޫލާ صلَّى اللهُ عليه وسلَّم ވެސް އެކިއެކި ދުނިޔެވީ ކަންކަމުގައި އެބައިމީހުންނާއި މުޢާމަލާތު ކުރެއްވިއެވެ. އެބައިމީހުންގެ ތަކެތި ހަނގުރާމަތަކުގައި ޣަނީމާ ކުރައްވާ އެތަކެތީގެ ތެރެއިން ދީނުގައި ހުއްދަތަކެތީގެ ބޭނުން ހިއްޕެވިއެވެ. އެފަދަ ޣަނީމާތަކުން އެބައިމީހުންގެ ހަނގުރާމައިގައި އެބައިމީހުން ބޭނުންކުރި ތަފާތު އެކިއެކި އާލާތްތަށް މުސްލިމުންނަށް ބައްސަވާ، މުސްލިމުން އެތަކެތި ހަނގުރާމަތަކުގައި ބޭނުންކުރެއްވިއެވެ. އަދި އެނޫންވެސް ޣައިރުމުސްލިމުންގެ ފަރާތުން ލިބޭ ހުއްދަތަކެތި ބޭނުންކުރުމާއި، މުޢާހަދާއެއް އޮތް އެފަދަމީހުންނާއެކު ހުއްދަ މުޢާމަލާތްތައްވެސް އެނަބިއްޔާ صلَّى اللهُ عليه وسلَّم ކުރެއްވިއެވެ.
ނަމަވެސް އެމީހުންގެ ދީނީ ޢަޤީދާތަކާއި ގުޅިފައިވާ ކަންކަން ބަލައިގަތުމަކީ އެމީހުންގެ މިއްލަތައް ތަބާވުމެވެ. އަދި އިސްލާމްދީނުގައި އެކަމެއް ޙައްލުކުރާނޭގޮތް އައިސްފައިވަނިކޮށް، އެދޫކޮށް ނުވަތަ އޭގެ އިތުރުން އެމީހުންގެ ގޮތްތައް ބަލައިގަނެ އެގޮތަށް ޢަމަލުތައް ބެހެއްޓުން އެއީ އެމީހުންގެ ގޮތްތައް ބަލައިގަތުމެވެ. މިސާލަކަށް ވަކިވަކިފަރުދުންނާއި މުޖްތަމަޢު އިޞްލާޙުކުރުމުގެ ގޮތުން ނަޞޭޙަތްތެރިވުމާއި ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ އިސްލާމްދީނުގައި އެކަމުގެ ވަރުގަދަ އުޞޫލުތަކެއް ބަޔާންވެފައިވާ ކަމެކެވެ. ސާފުކޮށް ޤުރުއާނާއި ސުންނަތުގައި އެކަންކަން ވާރިދުވެފައިވާ ކަންކަމެވެ. އެކަމުގައި އޮންނަންޖެހޭ މައިގަނޑު އުޞޫލެއް ބަޔާންކުރައްވާ މާތްﷲ ވަޙީކުރެއްވިއެވެ: ﴿ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ ۖ﴾ سورة النحل :125 މާނައީ: [ޙިކްމަތްތެރިކަމާއެކު އަދި ރިވެތިވެގެންވާ ނަޞޭޙަތަކުން ކަލޭގެފާނުގެ ވެރިއިލާހުގެ މަގަށް ކަލޭގެފާނު ގޮވާލައްވާށެވެ.] ވީމާ ޤުރުއާނުގެ ނައްޞުން ޙިކްމަތްތެރިކަމާއި މަޑުމައިތިރިކަމާއި ރިވެތިގޮތުގައި ނޫންގޮތަކަށް އެއްވެސް ކަމެއް އިޞްލާޙު ކުރުމުގެ މަގު އޮވެގެން ނުވާނެއެވެ. ނަޞޭޙަތްދިނުމުގެ މުރާދަކީ ކަމެއް އިޞްލާޙުކުރުމެވެ. އެއީ ދީނުގައި އަންގަވާފައިވާ ވަރުގަދަ އުޞޫލެކެވެ. ނަމަވެސް މީލާދީން 1789 ގައި ފެށުނު ފްރެންޗް ރިވޮލިއުޝަންއިން ފުޅާވެގެން މުޅިޔޫރަޕުން މުޅިދުނިޔެއަށް ފެތުރިގެންދިޔަ، ވެރިކަން ހިންގުމުގެ އާނިޒާމުގެ ތެރެއިން އެބައިމީހުން އުފެއްދި އެކިއެކި އުޞޫލުތަކުގެ ތެރެއިން ކަންކަން އިޞްލާޙުކުރުމަށް ގޮވާލާނެ ގޮތްތަކެއް ފެތުރިގެންދިޔައެވެ. އެއީ މަގުތަކަށް ނިކުމެ ބޭނުންވާ ކަންތައް ގޮވާ ހަޅޭއްލަވައިގެން ގިނަބަޔަކު ޖަމާޢީކޮށް އެކިސަރަޙައްދުތަކަށް އެއްވެގެން، ކަންކަން އިޞްލާޙުކުރުމުގެ މަގެވެ. އެމަގަކީ ފިޠުރަތުގެ ސާފުކަންމަތީގައި ހުރެ ވިސްނާ ކޮންމެމީހަކަށްވެސް، ޙިކްމަތްތެރި އަދި ރިވެތި ގޮތެއް ނޫންކަން ސާފުކޮށް އެނގޭނެއެވެ. އެގޮތް ސީދާ ޤުރުއާނުގެ ނައްޞާ ޙިލާފެވެ. ނަމަވެސް އެބައިމީހުން ދުނިޔޭގައި ފެތުރި އިޞްލާޙުގެ މަގު ބަލައިގަނެ، އެކަމުގައި ދީނުގައި އޮތް ރިވެތި އުޞޫލުން އަތްފޮޅާލާފައިވަނީ ކިތައް ކިތައް މުސްލިމުން ހެއްޔެވެ.
އަދި އޭގެ އިތުރުން އެބައިމީހުންގެ ފައްޅިތަކުން (އަދި އެމީހުންގެ އަސްލުދީނުގައި އެކަން މަނާވެފައި އޮވެމެ، ކޮންމެފަދަ މަޖްބޫރުކަމެއް އޮވެގެން ކަމުގައިވީ ނަމަވެސް) އަލަށް ފަހަކުން ތަޢާރަފުކޮށް ހުއްދަކުރި ކައިވެނިން ބޭރުން ޖިންސީގުޅުން ހުއްދަކުރުމާއި، އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރުމާއި، ރިބާކެއުން ހުއްދަކުރުމާއި… މިފަދަ އެތަކެއް ކަމެއް، މުސްލިމުން ލައްވާ މުސްލިމް މުޖުތަމަޢުތަކުގައި، އެގޮތްތައް ހުއްދަކަމަށް ޤަބޫލުކުރުވަން ކުރާ ވަރުގަދަ މަސައްކަތަށް ބަލައިލުމުންވެސް އެމީހުންގެ ގޮތްގަނޑު ފަތުރާ އެއަށް ތަބާކުރުވަން ކުރާހައި މަސައްކަތް ފެނިގެންދެއެވެ. އަދި އޭގެ އިތުރުން އެމީހުންގެ ދީނުގައި އޮންނަ ކްރިސްމަސް އާއި އަދި އެނޫންވެސް ފާހަގަކުރާ އިޙްތިފާލުތައް މުސްލިމުން ލައްވާ ޤަބޫލުކޮށް އެއަށް ތަބާކުރުވަންވެސް ނުހަނު ބޮޑަށް މަސައްކަތްކޮށް، މިއަދު ވަނީ ވަރަށް ގިނަގައުމުތައް އެއަށް ތަބާކުރުވާފައެވެ. ނަމަވެސް އަދިވެސް އޭގެ އިތުރަށްވެސް އެމީހުން ބޭނުންވާ ބައެއްކަންކަމަށް އެފަދަ މުސްލިމު ގައުމުތައް ތަބާނުވާތީވެ، އަދިވެސް އެފަދަ މުސްލިމް ގައުމުތަކަށް ޣައިރުމުސްލިމް ގައުމުތައް ވަނީ ރުހިގެނެއް ނޫނެވެ.
ވީމާ އެބައިމީހުންގެ ދީނަށާއި އެބައިމީހުންގެ ގޮތްގަނޑުތަކަށާއި އެބައިމީހުން ދުނިޔޭގައި އުޅޭގޮތް ބަލައިގެން އެގޮތް މުސްލިމުންނަށް މޮޅުވެ އެބައިމީހުންގެ މިއްލަތަށް އެކީއެކައްޗަކަށް ތަބާވަންދެކަށް އެބައިމީހުން މުސްލިމުންނަކަށް ނުރުހޭނެކަން އެއީ ކީރިތި ޤުރުއާނުން ވަރަށް ވަރުގަދައަށް ބަޔާންކުރައްވާފައިވާ އުޞޫލެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿وَلَنْ تَرْضَى عَنْكَ الْيَهُودُ وَلَا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ﴾ سورة البقرة :120 މާނައީ: [އަދި އެބައިމީހުންގެ މިއްލަތަށް ތިޔަނަބިއްޔާ ތަބާވެއްޖައުމަށް ދާންދެން، ޔަހޫދީންނާއި ނަޞާރާއިން ތިޔަނަބިއްޔާއަށް ހަމަހިލާ ނުރުހޭނޭކަން ކަށަވަރެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ހިދާޔަތަކީ އެއީ ﷲ ގެ ހިދާޔަތެވެ. އަދި ތިޔަނަބިއްޔާއަށް ޢިލްމު އައުމަށްފަހުގައިވެސް، އެބައިމީހުންގެ ހަވާނަފްސުގެ އެދުންތަކަށް ތިޔަނަބިއްޔާ ތަބާވެވަޑައިގަތް ކަމުގައިވެއްޖެނަމަ ދަންނާށެވެ! އޭރުން ތިޔަނަބިއްޔާއަށް ﷲ ފިޔަވައި ވިލާޔަތުދޭނޭ އަދި ނަޞްރުދޭނޭ އެހެންފަރާތެއް ނުވެތެވެ.]
އަޅަމެންނީ އަޅަމެންގެ ނަފްސަށް ޣައިރުމުސްލިމުންގެ ގޮތްތަކުގެ ބަދަލުގައި އިސްލާމްދީނުގައި އައިސްފައިވާ ގޮތްތައް ރިވެތިވާ ބައެއްގެ ގޮތުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.