އާރޓިކަލް 143 : ހުކުރު ޚުޠުބާގެ ދިގުމިނުގެ މިންވަރު

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

މުސްލިމު މުޖްތަމަޢެއްގައި ނަޞޭޙަތަކީ ވަރަށް މުހިންމު އެއްޗެކެވެ. ނަޞޭޙަތެއް ދިނުމުގެ ފުރުޞަތު ލިބުނު ކޮންމެތަނެއްގައި އެކަމަށް ކުޅަދާނަވެގެންވީ މީހަކު، ކުޅަދާނަވީ މިންވަރަކުން ނުވަތަ ކުޅަދާނަކަން ހުރި އުސްލޫބަކުން އެކަން ކުރަންޖެހޭނެއެވެ. އެކަމުގައި ހިމެނެނީ ﷲ ގެ މަގަށް ގޮވާލުމެވެ. އެނަޞޭޙަތް ދިނުމުގައި ނަޞޭޙަތްތެރިވާ މީހާ، އަޑުއަހަންތިބި ގިނަ މީސްތަކުންނަށް ރިޢާޔަތް ކުރަންޖެހެއެވެ.

ހުކުރު ޙުޠުބާ ޢާންމު ނަޞޭޙަތްތަކަށްވުރެ، މާތްކަން އިތުރުވެގެންވެއެވެ. ސަބަބަކީ އެއީ ވަކިވަގުތެއް ޚާއްޞަ ކުރެވިގެންވާ ވަކިގޮތަކަށް އެކަން ކުރުމަށް ނަބިއްޔާ صلَّى اللهُ عليه وسلَّم އިރުޝާދު ދެއްވާފައިވާ ނަޞޭޙަތަކަށްވުމެވެ. އެއީ ޚާއްޞަ އަޅުކަމެކެވެ. އެއަޅުކަމުގައި ޚުޠުބާ ދޭމީހާއަށާއި އަޑުއަހާމީސްތަކުންނަށް ވަކި ޚާއްޞަ ޝަރުޠުތަކެއް ކަނޑައަޅުއްވާފައިވެއެވެ. ވީމާ ޢާންމުކޮށް އެންމެހައި އަޅުކަމެއްގައި ނަބިއްޔާ صلَّى اللهُ عليه وسلَّم އަށް ތަބާވާ ފަދައިން ޚުޠުބާގެ އެންމެހައި ކަމެއްގައި ނަބިއްޔާ  އަށް ތަބާވާންޖެހޭނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ﴾ سورة الحشر :7 މާނައީ: [އަދި ތިޔަބައިމީހުންނަށް ރަސޫލާ ގެނެސްދެއްވި ކޮންމެކަމެއްގައި ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް މަނާކުރެއްވި ކޮންމެ ކަމަކުން ތިޔަބައިމީހުން ދުރުހެލިވާށެވެ.] މިއާޔަތުން އެނގޭ ގޮތުގައި، އަހަރެމެންނަށް ހަމައެކަނި އޮތީ ވާޖިބު ކަންތައްތަކާއި ޙަރާމް ކަންތައްތައް އެކަނި ބެލުމެއްނޫނެވެ. އެނޫން ކޮންމެ ކަމަކަށް، ތިނޫން ގޮތަކީ ޙަރާމް ކަމެއް ނޫނެއްނޫންހޭ ބުނެ، އެކަލޭގެފާނުގެ ސުންނަތުގައި އޮތްގޮތްތަކުން އަތްފޮޅާލާ، ތިމަންމެން އެދޭގޮތް އެއީ މޮޅުގޮތް ކަމުގައި ނުވަތަ ފައިދާބޮޑު ގޮތް ކަމުގައި ދައްކަން މަސައްކަތް ކުރުން އެއީ ރަނގަޅުގޮތެއް ނޫންކަން މިއާޔަތުން ވަރަށް ސާފުކޮށް ދެނެގަނެވެއެވެ. ހުކުރު ޚުޠުބާގެ މައްސަލައިގައިވެސް އެންމެމޮޅު ގޮތަކީ، އެކަލޭގެފާނުގެ ސުންނަތުގައިވާ ގޮތަށް އެކަން އަދާކުރުމުގައި އެކަލޭގެފާނަށް ތަބާވުމެވެ.

ބަހުގެފެންވަރުގެ ގޮތުންނާއި ބަސްއަޑުއަހަންތިބޭ މީހުންގެބަހުގެ ހުނަރުވެރިކަމަށް ބަލާއިރު، މިއަދު މިޒަމާނުގައި އަހަރެމެން ދިވެހިންގެ ދިވެހިބަހަށްވުރެ، އެޒަމާނުގައި އޮތް ޢަރަބިބަހާއި އެބަސް އަޑުއަހަން ތިބިމީހުންގެ ބަހުގެ ހުނަރު މާބޮޑަށްވެސް ރަނގަޅުކަން އެނގެއެވެ. އެޒަމާނުގައި ފަސް މިނެޓުން ބަޔަކަށް ބުނެދޭން ބޭނުންވާ އެއްޗެއް ބުނެދިނުމަށް މިޒަމާނުގައި ފަނަރަ މިނެޓު ނުވަތަ އެއަށްވުރެ މާގިނައިރު ހޭދަވެދާނެއެވެ. ނަމަވެސް ރަސޫލާ صلَّى اللهُ عليه وسلَّم ގެ ޒަމާން ހަމަނިމުމާއެކުހެން، ދުރުގައިވާ ޢަރަބިބަހުން ވާހަކަދައްކާ އެތަކެއް ހިސާބުތަކަށް އިސްލާމްދީން ފެތުރި ޢަރަބިން ވާހަކަނުދައްކާ ހިސާބުތަކަށްވެސް ދީން ފެތުރިގެންދިޔައެވެ. ވީމާ އެދުވަސްވަރުގެ ތާބިޢީބޭކަލުންނާއި އޭގެފަހުގެ ބޭކަލުންގެ ޚުޠުބާއާމެދު ހުރި ބަސްފުޅުތައްވެސް ބަލާލުން މުހިންމުވެގެންވެއެވެ.

ޚުޠުބާގެ ފިޤުހީ ޙުކުމްތަކަށް ޖެހިލާއިރު، މިކަން މިއަންނަނީ ހުކުރުނަމާދާއި ވިދިގެން އޭގެ ތެރެއިންނެވެ. އެއީ ދުވާލެއްގެ މައްޗަށް ފަސްއިރު ފަސްނަމާދު ފަރުޟުވެފައިވާއިރު، ހުކުރުދުވަހުގައި ފިރިހެނުންނަށް ފަރުޟު ކުރެވުނީ މެންދުރު ނަމާދުގެ ބަދަލުގައި ޚުޠުބާއެއް ނޫނެވެ. ނަމަވެސް މެންދުރު ނަމާދުގެ ބަދަލުގައި ހުކުރު ނަމާދެވެ. ވީމާ އެއަޅުކަމުގެ މައިގަނޑު ކަންތަކަކީ ނުވަތަ އެންމެ އަހަންމިއްޔަތުކަން ދެވޭ ކަމަކީ ހުކުރުނަމާދެވެ. އެގޮތުން ޚުޠުބާ އެއްގޮތަކަށް އަޑުނީވުނު ނަމަވެސް ހުކުރުނަމާދުގައި ބައިވެރިވެވޭ މީހާ، ޚުޠުބާ އަޑުނޭހުމުން ފާފަވެރިވުމާއެކު އޭނާއަށް ހުކުރު ލިބިގެންދެއެވެ. އަދި އެމީހަކު މެންދުރު ނަމާދުވެސް ކުރާކަށް ނުޖެހެއެވެ. ނަމަވެސް ހުކުރު ނަމާދު ނުކޮށް ހަމައެކަނި ޚުޠުބާ އަޑުއަހައިގެން ހުކުރެއް ނުލިބެއެވެ. އަދި އެމީހަކު މެންދުރު ނަމާދު އަދާކުރުމަށް ދާންދެން އޭނާ އެދުވަހަށް ފަރުޟުކުރެވުނު ފަސްނަމާދު ކުރިކަމުގައިވެސް ނުވާނެތެވެ. މިކަމުން އެނގެނީ ވަގުތުގެގޮތުން އަދި އެނޫންވެސް ގޮތްގޮތުން، ހުކުރުނަމާދަށް ދެވޭ އަހަންމިއްޔަތުކަން ކުޑަވެ ޚުޠުބާއަށް ދެވޭ އަހަންމިއްޔަތުކަން ބޮޑުވުމަކީ، އަސްލުއެކަން އޮންނަންވާ ގޮތާއި ޚިލާފަށް ކުރެވޭކަމެއްކަމެވެ. ވީމާ ނަމާދަށް މާކުޑަ ވަގުތުކޮޅެއް ދިނުމަށްފަހު، ޚުޠުބާއަށް އޭގެ އެތައްގުނަ އިތުރުވަގުތު ދިނުމަކީ އެކަން އޮންނަންވާނެ ގޮތްނޫންކަން، ދީނީ އަޅުކަންތައް އޮންނަގޮތާއިމެދު ސަބަބުވެރި ވިސްނުމަކުން ވިސްނާމީހަކަށް އެނގޭނެއެވެ. މީސްތަކުންގެ ބަހުގެ ފެންވަރު ދަށްކަމަށް ބުނެ ނުވަތަ ޢަރަބިބަހުގެ ޖާމިޢުކަމާއި ދިވެހިބަސް އެބަހާއި އަޅާބަލާއިރު ފެންވަރު ދަށްކަމުގެ ވާހަކަބުނެ، އެނޫންގޮތަށް ޢަމަލުކުރުމަށް ދެއްކޭ ޙުއްޖަތް ރަނގަޅެއް ނޫނެވެ.

ރަސޫލާ صلَّى اللهُ عليه وسلَّم ގެ ބަސްފުޅުތައް ވަރަށް ޖަވާމިޢުއެވެ. މާނައަކީ ކުޑަޢިބާރާތަކުންވެސް ވަރަށް މާނަފުންވެ، އެއިން ގިނަ ޙުކުމްތަކެއް ނެރެވެއެވެ. އެހެންވުމުން ކަންތައްކުރަންވީގޮތަކީ، ހުކުރުޚުޠުބާ ދިގުކޮށްގެންވެސް، އެމިންވަރަށް ޙުކުމްތައް ބަޔާންކޮށްދެވޭތޯ އުޅެންވީއެއް ނޫނެވެ. ނަމަވެސް، ކުޑަވަގުތުކޮޅަކަށް ފިޤުވާވަރުގެ މިންވަރަކަށް ބަޔާންކޮށްދޭންޖެހޭ މަޢުލޫމާތު މަދުކޮށްލަންވީއެވެ. ނަބިއްޔާ صلَّى اللهُ عليه وسلَّم ގެ ޚުޠުބާގެ މިންވަރަށް މިޒަމާނުގައިވެސ ޚުޠުބާގެދިގުމިން ހިފަހައްޓަންވީއެވެ. އަދި އެނަބިއްޔާގެ ހުކުރު ނަމާދުގެ ދިގުމިން ހަމައެދިގުމިނުގައި ހިފަހައްޓަންވީއެވެ.

އެއީ ސުންނަތް ގޮތްކަން ޙަދީޘްތަކުންވެސް އެނގެއެވެ. ޞަޙީޙް މުސްލިމްގައިވާ ޙަދީޘެއްގައި ނަބިއްޔާ صلَّى اللهُ عليه وسلَّم ޙަދީޘްކުރެއްވިއެވެ: ((إِنَّ طُولَ صَلَاةِ الرَّجُلِ وَقِصَرَ خِطْبَتِهِ مَئِنَّةٌ مِن فِقْهِهِ، فأطِيلُوا الصَّلَاةَ، وَاقْصُرُوا الخُطْبَةَ)) މާނައީ: [ހަމަކަށަވަރުން ފިރިހެނާ (ޔަޢުނީ އިމާމްމީހާ) ނަމާދު ދިގުކޮށް އޭނާގެ ޚުޠުބާ ކުރު ކުރުމަކީ އޭނާގެ ފިޤުހުވެރިކަމުގެ ނިޝާނެކެވެ. ފަހެ ތިޔަބައިމީހުން ނަމާދު ދިގުކުރާށެވެ. އަދި ޚުޠުބާ ކުރުކުރާށެވެ.] ވީމާ އެޒަމާނުގައިވެސް އަދި އެނޫން ޒަމާންތަކަށްވެސް ޝަރުޢުކުރެވުނު ރަނގަޅުގޮތަކީ ހުކުރުނަމާދު ހުކުރު ޚުޠުބާއަށްވުރެ ދިގުވުމެވެ. ސުންނަތުން ސާބިތުވާގޮތުގައި އެނަބިއްޔާ صلَّى اللهُ عليه وسلَّم ޢާންމުކޮށް ހުކުރުގައި ކިޔުއްވަނީ ފުރަތަމަ ރަކްޢަތުގައި އަލްއަޢްލާ ސޫރަތެވެ. އަދި ދެވަނަ ރަކްޢަތުގައި އަލްޣާޝިޔާ ސޫރަތެވެ. އެދެސޫރަތް ކިޔަވައިގެން ނަމާދަށް ހޭދަވާނީ ދިހަވަރަކަށް މިނެޓެވެ. ނަމާދުގެ މަޤާމްތަކުގައި ފުދޭވަރަށް ވަގުތު ދަންމާލިޔަސް ނަމާދަށް ފަނަރަމިނެޓަށްވުރެ ގިނައިރު ނުނަގާނެއެވެ. ވީމާ އޭގެ މާނައަކީ ޚުޠުބާގެ ދިގުމިނުގައި ސުންނަތުގައިވާ ގޮތަކީ ފަނަރަ ނުވަތަ ދިހަމިނެޓަށްވުރެ ކުރުވުމެވެ.

ނަބިއްޔާގެޒަމާން ނޫން ޒަމާންތައް ޙުއްޖަތަކަށް ނަންގަވާބޭފުޅުން، އޭގެ ފަހުގެ ބޭފުޅުންގެ ބަސްފުޅުތައް ބަލާލުން މުހިންމެވެ. އެގޮތުން ޞަޙީޙް މުސްލިމްގައި ރިވާވެގެންވިއެވެ. ((خَطَبَ عُثْمَانُ -رَضِيَ اللهُ عَنْهُ- وَأَوْجَزَ فَقِيلَ لَهُ: لَوْ كُنْتَ تَنَفَّسْتَ فَقَالَ: "سَمِعْتُ النَّبِيُّ -صلى الله عليه وسلم- يَقُولُ: "قِصَرُ خُطْبَةِ الرَّجُلِ مَئِنَّةٌ مِن فِقْهِهِ …)) މާނައީ: [ޢުޘްމާން رَضِيَ اللهُ عَنْهُ ނުހަނުކުރުކޮށް ޚުޠުބާ ދެއްވުމުން، އެޞަޙާބީއަށް ދެންނެވުނެވެ. ކުޑަކޮށް ދިގުކުރެއްވިނަމައެވެ. ދެން ވިދާޅުވިއެވެ: ނަބިއްޔާ صلَّى اللهُ عليه وسلَّم ޙަދީޘްކުރައްވަނިކޮށް ތިމަންއަޑުއެހީމެވެ. ޙަދީޘްކުރެއްވިއެވެ: ޚުޠުބާ ކުރުކުރުމަކީ މީހާގެ ފިޤުހުވެރިކަމުގެ ޢަލާމާތެކެވެ. …]

އިބްނުޢަބްދުލްބައްރު "ތަމްހީދު" ގައި ތާބިޢީ ޢަމްރު ބުން ޝަރަޙްބީލް رحمه الله ގެ ރިވާޔަތެއް ގެންނެވިއެވެ. ވިދާޅުވިއެވެ: (مِنْ فِقْهِ الرَّجُلِ قِصَرُ الْخُطْبَةِ وَطُولِ الصَّلَاةِ) މާނައީ: [ޚުޠުބާ ކުރުކުރުމާއި ނަމާދު ދިގުކުރުން ހިމެނެނީ ފިރިހެނާގެ ފިޤުހުވެރިކަމުގެ ތެރެއިންނެވެ.] މިއީ އެޒަމާނުގެ ފިޤުހެވެ.

އޭގެ މާފަހުގެ މަޛްހަބުތަކުގެ ބޭކަލުންގެ ފިޤުހަށް ބަލާއިރު ޝާފިޢީ މަޛްހަބުގެ އެންމެ މަޝްހޫރު އެއްދަންބޭކަލުކަމަށްވާ އަލްއިމާމް އައްނަވަވީ رحمه الله ވިދާޅުވެފައިވެއެވެ: "ފޫހިނުވާވަރަށް ޚުޠުބާ ކުރުކުރުން ސުންނަތްވެގެންވެއެވެ."

އައްޠަބަރާނީގެ ރިވާޔަތެއްގައި، ޢަބްދުﷲ ބުން މަސްޢޫދު رَضِيَ اللهُ عَنْهُ ވިދާޅުވިކަމަށްވެއެވެ: ((إِنَّكُمْ فِي زَمَانٍ الصَّلَاةُ فِيهِ طَوِيلَةٌ، وَالْخُطْبَةُ فِيهِ قَصِيرَةٌ، وَعُلَمَاؤُهُ كَثِيرٌ، وَخُطَبَاؤُهُ قَلِيلٌ، وَسَيَأْتِي عَلَى النَّاسِ زَمَانٌ الصَّلَاةُ فِيهِ قَصِيرَةٌ، وَالْخُطْبَةُ فِيهِ طَوِيلَةٌ، خُطَبَاؤُهُ كَثِيرٌ، وَعُلَمَاؤُهُ قَلِيلٌ)) މާނައީ: [ހަމަކަށަވަރުން ތިޔަބައިމީހުން ތިއުޅޭ ޒަމާނަކީ އެޒަމާނެއްގައި ނަމާދު ދިގުކޮށްކުރާ ޒަމާނެކެވެ. އަދި ޚުޠުބާ މިޒަމާނުގައި ކުރެވެ. އަދި މިޒަމާނުގައި ޢިލްމުވެރިން ގިނައެވެ. އަދި ޚުޠުބާދޭމީހުން މަދެވެ. އަދި މީސްތަކުންނަށް ފަހުން ޒަމާނެއް އަންނާނެއެވެ. އެޒަމާނުގައި ނަމާދު ކުރާނީ ކުރުކޮންނެވެ. އަދި ޚުޠުބާ ދިގުވާނެއެވެ. އަދި އެޒަމާނުގައި ޚުޠުބާކިޔާމީހުން ގިނަވާނެއެވެ. އަދި އެޒަމާނުގައި ޢިލްމުވެރިން މަދުވާނެއެވެ.] މިހާރުމީ އެޒަމާންކަން ކަށަވަރެވެ. މިކަމުން އެނގެނީ މިޒަމާނުގެ ފިޤުހުވެރިކަމުގެ ފެންވަރު ދަށްކަމެވެ. އަދި އަޞްޙާބު ބޭކަލުންގެ ޒަމާނުގެ ފިޤުހުވެރިކަމުގެ މޮޅުކަމެވެ. އަދި މިބަސްފުޅަކީ މިޒަމާނުގައި ޙައްޤު ޤަބޫލުކުރާމީހުންނަށް ހުރި ޢިބްރަތްތެރި ބަސްކޮޅެކެވެ.

އަޅަމެންނީ އަޞްޙާބު ބޭކަލުންފަދަ ފިޤުހުވެރި، ފުރިހަމައަށް ސުންނަތުގައި އޮންނަގޮތްތައް ޤަބޫލުކޮށް އެގޮތަށް ޢަމަލުކުރާ ބައެއްގެ ގޮތުގައި ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *