އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސްޓޫޑެންޓް ކައުންސިލް އިފްތިތާހް ކުރުމާއި ޕްރިފެކްޓުން ހުވާކުރުމުގެ ރަސްމިއްޔާތު ރޭ އަޙްމަދިއްޔާ މާލަމުގައި ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި ޕްރިފެކްޓުން ހުވާ ކުރުން އޮތެވެ.
ދަރިވަރުންނަށް ހުވާ ލައިދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޒް އައްޝައިޚް އަޙްމަދު ފަހްމީ ދީދީ އެވެ.
މިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަކީ ދިވެހިރާއްޖޭގެ އެކްޓްއިންސްޓިޓިއުޓްގެ ސީނިއަރ ލެކްޗަރަރ އަލްފާޟިލް ޢަބްދުލް ހަމީދު ޒަކަރިއްޔާ އެވެ.
ޝަރަފްވެރި މެހްމާންގެ ވާހަކަފުޅުގައި، ޕްރިފެކްޓް ބޯޑްގެ ދަރިވަރުން މިރޭ ހަވާލުވީ ވަރަށްބޮޑު މަސްއޫލިއްޔަތަކެއް ކަމަށް ވިދާޅުވިއެވެ.
"ކޮންމެ ޢަހްދަކީ އެއާއި އެއްގޮތަށް ޢަމަލުކުރަން ޖެހޭނެ އެއްޗެއް. އަދި ކޮންމެ ހުވައަކީ އެއާއި އެއްގޮތަށް ޢަމަލުކުރަން ލާޒިމް އެއްޗެއް." ޝަރަފްވެރި މެހްމާން ވިދާޅުވިއެވެ.
ޝަރަފްވެރި މެހްމާންގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، ލީޑަރޝިޕަކީ، އޭގެ ރޫޙަށް ބަލާއިރުގައި މަގާމަށްވުރެ ބޮޑަށް ތިމާގެ އިސްނެގުމާއި މަގުދެއްކުމުން އަނެކުންގެ ވިސްނުމާއި އުޅުމާއި ގުޅުންތަކަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމުގައެވެ. އަނެކުންގެ ބޭނުންތައް ފުއްދައިދިނުމާއި އުއްމީދުތަކުގައި ހަގީގީ ކުލަތަކެއް ޖައްސައިދެވޭތޯ އިޚްލާޞްތެރިކަމާއެކު މަސައްކަތްތަކެއް ކޮށްދިނުން ކަމުގައެވެ. އެހެންކަމުން މި ފުރުޞަތަކީ ސްކޫލްގެ ދަރިވަރުންނަށް ޚިދްމަތްކުރުމުގެ އިތުރުން ދަރިވަރުން އަމިއްލަ ހެދިބޮޑުވުމަށް ލިބޭ ވަރަށްބޮޑު ރަނުގެ ފުރުޞަތެއް ކަމަށް ވިދާޅުވިއެވެ.
"ލީޑަރަކީ މަގު ދަންނަ މަގުދައްކައި އަދި އެމަގުން މީހުން ގޮވައިގެން ދަތުރުކުރާ މީހާ. އެހެންކަމުން އެރޯލް ދަސްކުރުމާއި އަދާކުރުމުގައި ތިޔަ ދަރިވަރުން އެފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަމުން ގެންދާނެ ކަމުގައި އަޅުގަނޑު ޔަގީންކުރަން. އެގޮތުން ރިވެތި އަޚްލާގީ ސިފަތައް ދެއްކުމާއި އެއް ދަރިވަރަކު އަނެއް ދަރިވަރަކަށް ކަމޭހިތައި އަޅާމުގައި ނަމޫނާ ދައްކާނެ ކަމުގައި އަޅުގަނޑު ޔަގީން ކުރަން." ޝަރަފްވެރި މެހްމާން ވިދާޅުވިއެވެ.
2023 – 2022 ވަނަ އަހަރުގެ ސްކޫލްގެ އިސް މަގާމްތަކަށް އިންތިޚާބު ކުރެވުނު ދަރިވަރުންނަށް ބެޖް އަދި ސޭޝް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން ޢަބްދުލް ޙަމީދު ޒަކަރިއްޔާ އެވެ.
މި ރަސްމިއްޔާތުގައި ސާނަވީ ކެޕްޓަން ގްރޭޑް 10 އޭ ގެ ޢައިޝަތު އިންޝާ ޢިމްރާން ވާހަކަދެއްކިއެވެ. ރަސްމިއްޔާތު ނިމިގެން ދިއައީ ޤައުމީ ސަލާމުންނެވެ.