ބުރާސްފަތި, 24 އޭޕްރިލް 2025

މަތީ ސާނަވީ ނިންމި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި 2023ވަނަ އަހަރު މަތީ ސާނަވީ ތަޢްލީމް ނިންމި ދަރިވަރުންނަށް ދަސްވެނިވުމުގެ ހަފްލާ ބާއްވައިފިއެވެ.

އަޙްމަދިއްޔާގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ އަޙްމަދިއްޔާއިން ދަސްވެނިވެގެން ނުކުންނަ ކޮންމެ ކުއްޖަކީ ވެސް، ވަރަށް ތޫނުފިލި މޮޅު ޤާބިލް ކުދިން ކަމަށާއި، އެހެންކަމުން ކޮންމެ ކުއްޖަކީ ވެސް މަތީ ތަޢުލީމަށް ވާސިލުވާ ކުއްޖެއްކަމުގައި ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ކޮންމެ ކުއްޖަކީ ވެސް އެ ކުއްޖަކު ޝައުޤުވެރިވާ ދާއިރާއަކުން، މަތީ ތަޢުލީމް ހާޞިލްކޮށް، ގައުމު އެދޭ ފަދަ، ޝަރަފުވެރި މަސައްކަތެއްކުރާ، ފަޚުރުވެރި ކުއްޖަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

"ތިޔަ ކުދިންނަކީ، ކިހާ އަޚުލާޤު ރަނގަޅު، ކިހާ ތޫނުފިލި، ކިހާ ކިޔެވުމަށް ރަނގަޅު، ކިހާ ޑެޑިކޭޓެޑް، ކުދިންކަން، އެންމެ ރަނގަޅަށް ވަޒަންކުރެވޭނެ އެއް ފަރާތަކީ، މި ސްކޫލް. މި ފުރާޅުގެ ދަށުން ތިޔަ ނިކުންނަނީ، އެފަދަ މޮޅު ކުދިންނަށް ވީތީ. އަޙުމަދިއްޔާ އަބަދުވެސް އެދޭނީ، ތިކުދިންގެ މުސްތަޤުބަލަކީ ގައުމަށްފަހި، ކުދިންނަށް ވެސް ފަހި، މުސްތަޤުބަލަކަށްވުން." ޕްރިންސިޕަލް ވިދާޅުވިއެވެ.

 

ސްކޫލްގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުންނާއި ގްރޭޑް 11، އަދި 12 އަށް ކިޔަވައިދެއްވި މުދައްރިސުން ބައިވެރިވެލެއްވި މި ހަފްލާގައި 2023 ވަނަ އަހަރު މަތީ ސާނަވީ ތަޢުލީމް ނިންމި ދަރިވަރުންނަށް ހަނދާނީ ލިޔުން  ބައްސަވައިދެއްވިއެވެ. ހަނދާނީ ލިޔުން ބައްސަވައިދެއްވީ މި ސްކޫލުން ވޭތުވެދިޔަ އަހަރުތަކުގައި ތަޢުލީމް ޙާޞިލްކޮށް، މިހާރު ޝަރަފުވެރި މަޤާމްތަކުގައި ޤައުމަށް ޚިދުމަތްކުރައްވަމުންގެންދަވާ މި ސްކޫލުގެ އިސް ދަރިވަރުންނެވެ.

12 ޖޭގެ ދަރިވަރުން

އެގޮތުން 12އޭ އަދި 12ޖޭގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ އޭސީސީގެ އެސިސްޓަންޓް އިންވެސްޓިގޭޝަން އޮފިސަރ ޢާއިޝަތު ޝަހުޒާއެވެ.

ގްރޭޑް 12 ބީ ގެ ދަރިވަރުން
ގްރޭޑް 12 އީ އަދި 12 އެފް ގެ ދަރިވަރުން

ގްރޭޑް 12ބީ އާއި 12އީ އަދި 12އެފްގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ އައިޖީއެމްއެޗްގެ ޑިޕާޓްމެންޓް އޮފް އޮރތޯޕެޑިކްސް އެންޑް ޓްރައުމާގެ މެޑިކަލް އޮފިސަރ ޑރ. ޝަހުބާން ރަޝީދު ޢަޙްމަދެވެ.

ގްރޭޑް 12 ސީ ގެ ދަރިވަރުން
ގްރޭޑް 12 އެލް ގެ ދަރިވަރުން

ގްރޭޑް 12ސީ އަދި 12އެލްގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ އެމްޑަބްލިއު އެސް ސީގެ އެސިސްޓަންޓް ލެބޯރަޓްރީ އެގްޒެކްޓިވް އާމިނަތު ޢަލީމާ ޢަލީއެވެ.

ގްރޭޑް 12 ޖީ ގެ ދަރިވަރުން

ގްރޭޑް 12ޖީގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ހެވީފޯރސް ޕްރައިވެޓް ލިމިޓެޑްގެ ސިވިލްއިންޖިނިއަރ ޤިސްމަތު ޤާސިމެވެ.

ގްރޭޑް 12 އެޗް ގެ ދަރިވަރުން
ގްރޭޑް 12 ކޭ ގެ ދަރިވަރުން

ގްރޭޑް 12އެޗް އަދި 12ކޭގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަނދާނީލިޔުން ބައްސަވައިދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ އެޑްމިނިސްޓްރޭޓިވް އެކްޒެކްޓިވް ސީނިޔާ ލަތީފެވެ.

މި ހަފްލާގައި ސްކޫލްގެ ގްރޭޑް 12ގެ ދަރިވަރުންގެ ތެރެއިން ގަދަ 10 އަށް ހޮވުނު ދަރިވަރުންނަށް ހަނދާނީ ފިލާ ދިނުންވެސް އޮތެވެ. ހަނދާނީފިލާ ބައްސަވައިދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.

މަތީ ސާނަވީ ގަދަ 10 ން 1 ވަނަ 12އެލްގެ ރަޒާން އިބްރާހީމް ރަޝީދު
މަތީ ސާނަވީ ގަދަ 10 ން 1 ވަނަ 12އެޗްގެ ލަޔާން މުޙައްމަދު ރަޝީދު

ގްރޭޑް 12 ން އެއްވަނައަށް ދެ ދަރިވަރަކު ހޮވިފައިވެއެވެ. އެއީ 12އެލްގެ ރަޒާން އިބްރާހީމް ރަޝީދާއި 12އެޗްގެ ލަޔާން މުޙައްމަދު ރަޝީދެވެ. ދެވަނައަށް ހޮވުނީ 12ކޭގެ ޢަބްދުﷲ ފިރުޒާން އަޙްމަދެވެ. ތިންވަނައަށް ހޮވުނީ 12އެލްގެ އާދަމް ނާއިޝް ނަސީމެވެ.

ދަސްވެނިވި ދަރިވަރުންގެ ފަރާތުން ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަދެއްކީ، ސްކޫލް ކެޕްޓަން 12އެލްގެ އާދަމް ނާއިޝް ނަސީމެވެ. މި ޙަފްލާ ނިމުނީ ގައުމީ ސަލާމުންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *