الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
މައްކާގެ މުޝްރިކުން ތައުޙީދުގެ ހެޔޮލަފާ މަގުން ދުރުވެ، މަގުކައްސާލާފައި ވަނިކޮށް، މާތްﷲ މިދުނިޔެއަށް އެންމެފަހުގެ ނަބިއްޔާގެ ގޮތުގައި ފޮނުއްވީ މުޙައްމަދު ބުން ޢަބްދިﷲ ބުން ޢަބްދުލް މުއްޠަލިބް صلَّى اللهُ عليه وسلَّم އެވެ. އެކަލޭގެފާނު ފޮނުއްވުނު ގައުމުގެ މީހުންނަށް އޭރު ހަމަ އެގޮވާލެއްވުން އަޑުއިވުމާއެކު، އެއްވެސްވަރަކަށް ދެކޮޅުހެއްދެވުމެއް ނެތި ވަގުތުން އަންހެންބޭކަނބަލަކާއި ދެފިރިހެން ބޭކަލުން އިސްލާމްވެވަޑައިގެންނެވިއެވެ. ނަމަވެސް މުޅިމައްކާގެ އެންމެހައި މުޝްރިކުން އެކަލޭގެފާނު ދޮގުކޮށް އެކަލޭގެފާނާއި ދެކޮޅަށް އުތުރިއަރައިގަނެ، އެކަލޭގެފާނާއި އީމާންވީ މަދުމަދު މީސްކޮޅު ބާކީކޮށްލިއެވެ. މައްކާއާއި ވަށައިގެންވާ ރަށްތަކުގެ މީހުންގެ ކުރިމަތީގައި އީމާންވީ މަދުމީސްކޮޅަކީ އެހިސާބުގެ ކާބަފައިން ނުދަންނަ، އާދީނެއް ގެނެސްގަތް އެބައިމީހުންގެ ކުރިމަތީގައި އަޖައިބުކުރުވަނިވި، މޮޔަބައެއްގެ ގޮތުގައި ސިފަކުރުން ގިނަވެގެންދިޔައެވެ. ދުވަސްތައް ފާއިތުވީ ވަރަކަށް އެބައިމީހުންނަށް ދުށްތުރާކުރުން އިތުރުވެގެންދިޔައެވެ.
އިސްލާމްދީން ފެށިގެން އައީ ނުހަނު ބީރައްޓެހިކޮށެވެ. އެބީރައްޓެހި ގޮތުގައި އޮއްވާ އިސްލާމްދީނަށް ވަންނާނީ ގައިމުވެސް، މާތްﷲ އަށް އިޚްލާޞްތެރި ސާފު ހިތްތަކެއްގެ ވެރިބައެއްކަން ކަށަވަރެވެ. ވީމާ މަދުމަދުން އިސްލާމްދީނަށް މީހުން ވަންނަމުން ދިޔައިރު އެއިސްލާމްވަމުންދިޔަ ބޭކަލުންނަކީ ހިތުގެ އެންމެއަޑީން އެކަން ޤަބޫލުކޮށް އިސްލާމްވަމުން ދިޔަ ބައެކެވެ. ކިތަންމެބޮޑު އަނިޔާއަކަށްވެސް ނުގުޑާފަދަ އަޒުމް ވަރުގަދަ ބައެކެވެ. އަދި އެންމެފަހުން ރަށުގައި އުޅެންދަތިވެ، ތިބި މަދު މުސްލިމުންކޮޅުވެސް މަރުގެ ތުންފަތް މައްޗަށް ހުށަހެޅިފައި ތިބެމެ، ސަލާމަތާއި ރައްކާތެރިކަން ހޯދަން ދާނެ އެއްވެސް ތަނެއް މިދުނިޔެމަތީގައި ނެތިފައިވަނިކޮށް، އެރައްކާތެރިކަމުގެ ފުރުޞަތު ﷲ تعالىގެ ރަޙްމަތުން ހުޅުވިގެންދިޔައެވެ. އެގޮތުން އެބައިމީހުންނަށް ޖާނާއިމާލުން އެހީތެރިކަން ފޯރުކޮށްދިނީ މަދީނާގެ އަހުލުވެރިންނެވެ. ދެން މައްކާގެ މުސްލިމުންކޮޅު، އެބައިމީހުންނަށް ވީހާލެއްވެގެން، މުދަލާއި ގެދޮރު ދޫކޮށް މަދީނާއަށް ހިޖުރަކުރިއެވެ. އެއީ މުހާޖިރުންނެވެ. އަދި މަދީނާއިން އިސްލާމްދީން ޤަބޫލުކުރި މީސްތަކުން، ހިތުގައި އެއްވެސް ބުރަކަމެއް ނެތި ޖާނާއިމާލުން މުހާޖިރުންނަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އެއީ އަންޞާރުންނެވެ. އެއަށްފަހު މުސްލިމުންގެ ތެރެއިން އެންމެމަތިވެރި ޝަރަފު އެހޯއްދެވި ބޭކަލުން އެއީ ނަމޫނާ ބޭކަލުންގެ ގޮތުގައި ބަލައި، އެބައިމީހުންނަށް ތަބާވެ، އެގޮތުގައި އިސްލާމްދީނަށް އުޅޭ އެންމެހައި މީސްތަކުންނަށް މާތްﷲ ޘަނާއާއި ތަޢުރީފުގެ ބަސްތައް ބާވައިލެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَٱلسَّٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَٰنٍۢ رَّضِىَ ٱللَّهُ عَنْهُمْ وَرَضُواْ عَنْهُ وَأَعَدَّ لَهُمْ جَنَّٰتٍۢ تَجْرِى تَحْتَهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ﴾ سورة التوبة :100 މާނައީ: [އަދި މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން އެންމެފުރަތަމަ އިސްލާމްވި މީސްތަކުންނާއި، އެބޭކަލުންނަށް ހެޔޮގޮތުގައި ތަބާވިމީހުން ދަންނާށެވެ. ﷲ ވަނީ އެބައިމީހުންނަށް ރުއްސަވާވޮޑިގެންވެއެވެ. އަދި އެބައިމީހުންވަނީ އެކަލާނގެއަށް ރުހިގެންނެވެ. އަދި އެކަލާނގެ އެބައިމީހުންނަށް، އެތަނެއްގެ ދަށުން ކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތައް ތައްޔާރުކުރެއްވިއެވެ. އެތަނުގައި އެބައިމީހުން އަބަދަށް ދެމިތިބޭނެއެވެ. މަތިވެރިވެގެންވާ ކާމިޔާބަކީ އެއީއެވެ.] މިއާޔަތުގެ މަފްހޫމްގެ ތެރެއަށް ރަސޫލާގެ ޞަޙާބީން ނުވަދެ ދެން އާޔަތުގެ ތެރެއަށް ވަންނާނޭ އެހެންބަޔަކު ނުވާނޭކަން ކަށަވަރެވެ.
ޞަޙާބީންނަކީ މުސްލިމެއްގެ ގޮތުގައި ރަސޫލާ صلَّى اللهُ عليه وسلَّم އާއި ބައްދަލުވެ، ހަމައެގޮތުގައި މިދުނިޔެ ދޫކުރެއްވި ކޮންމެ ބޭކަލެކެވެ. އޭގެ ތެރެއިން މުހާޖިރުންނާއި އަންޞާރުންނަކީ މިއުންމަތް ދެން ނުދެކޭނެވަރުގެ މާތް ބޭކަލުންނެވެ. އަދި ޖުމްލަކޮށް ރަސޫލާ صلَّى اللهُ عليه وسلَّم ގެ އެންމެހައި ޞަޙާބީންނަކީ މިއުންމަތުގެ އެންމެ މާތް މީހުންނެވެ. އެބޭކަލުންގެ ޒަމާނަކީ އެންމެމާތް ޖީލެވެ. އިމާމް އަޙްމަދު ރިވާކުރެއްވި ބަސްފުޅެއްގައި عبدُ اللَّهِ بنِ مسعودٍ رضي الله عنه ވިދާޅުވިއެވެ: ((إِنَّ اللَّهَ نَظَرَ فِي قُلُوبِ العِبَادِ ، فَوَجَدَ مُحَمَّدٍ صلَّى اللَّهُ عليهِ وسلَّمَ خَيْرَ قُلُوبِ العِبَادِ ، فَاصْطَفَاهُ لِنَفْسِهِ فَابْتَعَثَهُ بِرِسَالَتِهِ . ثُـمَّ نَظَرَ فِي قُلُوبِ العِبَادِ بَعْدَ قَلْبِ مُحَمَّدٍ صلَّى اللَّهُ عليهِ وسلَّمَ ، فَوَجَدَ قُلُوبَ أَصْحَابِهِ خَيْرَ قُلُوبِ العِبادِ ، فَجَعَلَهُم وُزَرَاءَ نَبِيِّهِ، يُقَاتِلُونَ عَلَى دِينِهِ ، فَمَا رَأَى الـمُسْلِمُونَ حَسَنًا فَهُوَ عِندَ اللَّهِ حَسَنٌ ، وَمَا رَآهُ الـمُسْلِمُونَ سَيِّئًا فَهُوَ عِندَ اللَّهِ سَيِّئٌ)) މާނައީ: [ހަމަކަށަވަރުން އަޅުތަކުންގެ ހިތްތައް ﷲ ބައްލަވާވޮޑިގެންނެވިއެވެ. އެއަޅުތަކުންގެ ތެރެއިން އެންމެހެޔޮ ހިތެއް ލިބިގެންވީ މުޙައްމަދުގެފާނަށް ކަމުގައިވުމުން، އެކަލާނގެ އެބޭފުޅާ އެކަލާނގެ އަމިއްލަނަފްސުފުޅަށް އިޚްތިޔާރުކުރައްވާ އެކަލާނގެ ރިސާލަތާއިގެން ފޮނުއްވިއެވެ. ދެންއެއަށްފަހު، މުޙައްމަދު صلَّى اللهُ عليه وسلَّم ގެ ހިތްޕުޅަށްފަހު، އަޅުތަކުންގެ ހިތްތަކަށް ބައްލަވާ، އަޅުތަކުންގެ ހިތްތަކުގެ ތެރެއިން އެކަލޭގެފާނުގެ އަޞްޙާބުންގެ ހިތްތަކަކީ އެންމެހެޔޮ ހިތްތައް ކަމުގައިވުމުން، އެބައިމީހުންނީ އެނަބިއްޔާގެ ވަޒީރުން ކަމުގައި ލެއްވިއެވެ. އެބައިމީހުން އެކަލާނގެ ދީންމަތީގައި ހަނގުރާމަ ކުރެއެވެ. ފަހެ އެމުސްލިމުން ހެޔޮކަމެއްގެ ގޮތުގައި ދެކިފައިވާ ކޮންމެކަމެއް އެއީ ﷲ ގެ ޙަޟްރަތުގައި ހެޔޮކަމެކެވެ. އަދި އެމުސްލިމުން ނުބައިކަމެއްގެ ގޮތުގައި ދެކިފައިވާ ކޮންމެކަމެއް އެއީ ﷲ ގެ ޙަޟްރަތުގައި ނުބައިކަމެކެވެ.] މިބަސްކޮޅުން ދަލީލުކޮށްދެނީ އަޞްޙާބުން ވަނީ އިސްލާމްދީނުގައިވާ އެންމެހައި ހެޔޮޢަމަލުތަކެއްގައި އެހެންއެންމެންނަށްވުރެ ކުރިއަރައިގޮސްފައިކަމެވެ.
ވީމާ އެބޭކަލުންގެ މާތްކަން ދެނެގަތުން ވާޖިބުވެގެންވެއެވެ. އަދި އެބޭކަލުންގެ އެމާތްކަމާއި އެކު އެއިން އެއްވެސް ބޭކަލަކަށް ކުޑައިމީސްބަހެއް ބުނުން ހުއްދަވެގެން ނުވެއެވެ. އެއީ މިއުންމަތުގެ އެއްވެސް މީހަކަށް ހުއްދަވެގެންވާ ކަމަކަށް ނުވާއިރު، އެބޭކަލުންނަށް ހަޑިހުތުރު އެއްޗެތި ކިޔުމާއި އެބޭކަލުންނާއިމެދު ދޮގު ޚަބަރުތަކުން ފޮތްތައް ފުރާލުމުގައި، ޣައިރުމުސްލިމުންވެސް ނޫޅޭހާ މިންވަރަށް، އެކަން ކޮށްފައިވަނީ ޝީޢީންނެވެ. ކީރިތި ޤުރުއާނަށް އީމާންވާ ބަޔަކު، އަދި ރަސޫލާ صلَّى اللهُ عليه وسلَّم ގެ ސުންނަތަށް ފުރިހަމައަށް ލޯބިކޮށް ތަބާވާ ބަޔަކު، ޝީޢީންގެ ހެޔޮކަމާއި ރަނގަޅުކަން ހިތަށް އައުމަކީ ނުވަތަ އެމީހުންނަށް ތަޢުރީފު ކުރުމަކީ އިސްލާމްދީނަށް ވެވޭ އިހާނެތިކަމަކަށް ނޫނީ ނުވާނެއެވެ. ޞަޙާބީންނަށް ހިތުގައި ލޯބި އުފެދިފައިވުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ. އަދި އެބޭކަލުންނަށް ނަފްރަތު ކުރުމަކީ، އަދި އެނަފްރަތުކުރާ ބަޔަކަށް ހިތުގައި ޤަދަރުވެރި މަޤާމާއި ޘަނާގެ ބަސްތައް ކިޔުމަކީވެސް ނިފާޤުކަމުގެ ބަލިމަޑުކަމުގެ ޢަލާމާތެކެވެ. ބުޚާރީއާއި މުސްލިމްގައި އަންޞާރުންނާއި މެދު އައިސްފައިވާ ޙަދީޘެއްގައި، ނަބިއްޔާ صلَّى اللهُ عليه وسلَّم ޙަދީޘް ކުރެއްވިއެވެ: ((لَا يُحبُّهُمْ إِلَّا مُؤْمِنٌ، وَلَا يُبْغِضُهُمْ إِلَّا مُنَافِقٌ، مَنْ أَحَبَّهُمْ أَحَبَّهُ اللهُ، وَمَنْ أَبْغَضَهُمْ أَبْغَضَهُ اللهُ)) މާނައީ: [އެބައިމީހުންނަށް މުއުމިނަކު ނޫނީ ލޯބިނުކުރާނެތެވެ. އަދި އެބައިމީހުންނަށް މުނާފިޤަކު ނޫނީ ނަފްރަތު ނުކުރާނެތެވެ. އެބައިމީހުންނަށް ލޯބިކޮށްފިމީހަކަށް ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި އެބައިމީހުންނަށް ނަފްރަތުކޮށްފި މީހަކަށް ﷲ ނުރުހުންވެވޮޑިގެންވެއެވެ.]
އަޅަމެންނީ އަޞްޙާބު ބޭކަލުންދެކެ ނުހަނުލޯބިވާ އަދި އެބޭކަލުންނަށް ނަފްރަތުވާ މީހުންދެކެ ނަފްރަތުވާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.