الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ރަސޫލާ صلَّى اللهُ عليه وسلَّم މިއުންމަތަށް ފޯރުކޮށްދެއްވި ކީރިތި ޤުރުއާން އެކަކަށްވެސް ބަދަލެއް ނުކުރެވޭނެއެވެ. އަދި އެކަލޭގެފާނުގެ ޞައްޙަ ޙަދީޘްތައްވެސް އަބަދަށް ޞައްޙަގޮތުގައި ދެމިއޮންނާނެއެވެ. އެކަން ބަދަލެއް ނުކުރެވޭނެއެވެ. މިދީންމަތީގައި ޙައްޤުގޮތުގައި ދެމިތިބެން ބޭނުންވާމީހާއަށް މާތް ﷲ އެމަގު ޤިޔާމަތާއި ޖެހެންދެން ފަހިކޮށްދެއްވާނެތެވެ. ނަމަވެސް ދީން ހަލާކުކުރުމަށް ކުރާ މަސައްކަތަކަށްވެސް ހުއްޓުމެއް ނާންނާނެއެވެ. ދީން ހަލާކު ކުރުމަކީ އިސްލާމްދީނުގައި ތިބިބަޔަކު އެހެންދީންތަކަށް ބަދަލުކުރުމެއް އެކަންޏެއް ނޫނެވެ. އެއަށްވުރެއް ނުރައްކާތެރީ އިސްލާމްކަމުގެ ނަންމަތީގައި ބައިތިއްބައިގެން މުސްލިމުންގެ ޢަޤީދާތައް ހަލާކުކޮށްލުމެވެ. މުސްލިމަކު ކުފުރުގެ މަގަށް ގެންދިއުމަށްވުރެ މިކަން ނުރައްކާ ވާހަކަ މިބުނެވުނީ، ކުފުރުވުން ލުއިވެގެނެއް ނޫނެވެ. ނަމަވެސް މުސްލިމަކު ކުފުރުވުމަކީ ނުހަނު ދުރު އަދި އުނދަގޫ ކަމެކެވެ. ނަމަވެސް މުސްލިމެއްގެ ގޮތުގައި ބައިތިއްބައިގެން ޢަޤީދާއިން ފަހަރަކު ކަމެއް ބަދަލުކުރަމުން ގޮސް މީހާ މަގުފުރައްދާ ހަލާކުގެ ތެރެއަށް ގެންދިއުމަކީ ފަސޭހަކަމަކަށްވާތީއެވެ.
އެކަން އެންމެބޮޑަށް އެނގެނީ މިދުނިޔެމަތީގައި ގިނަގުނަ ޞަޙާބީންތަކެއް ވަނިކޮށް، މިއުންމަތުގެ އެންމެފުރަތަމަ ދެފިރުޤާ ފާޅުވެފައިވުމުންނެވެ. މިތަނުގައި ފިރުޤާއޭ މިބުނެވެނީ އެންމެފުރަތަމަ މުސްލިމުންގެ ޢަޤީދާ ފަސާދަކުރި މީހުންގެ ވާހަކައެވެ. އެއީ އިސްލާމީ އުންމަތަށް ނިސްބަތްވާ މީހުން ކާފަރުކުރި ޚަވާރިޖުންނެވެ. ހަމައެއާއި ވިދިގެން ދެވަނައަށް ނިކުތް ބާޠިލު ފިރުޤާއަކީ ޝީޢީންނެވެ. ދެން އޭގެ ފަހުން މިއުންމަތް ހަލާކުކުރި ހުރިހައި ފިރުޤާތައް އައީ އޭގެ ފަހުން މިދެބައިމީހުންނަށް ތަބާވެގެން އައިމީހުންނެވެ.
ޞައްޙަ ޢަޤީދާއެއް ނެތި ލިބޭ ދުނިޔެވީ ކުރިއެރުމަކީ އެބައެއްގެ ހަލާކެކެވެ. ޞައްޙަ ޢަޤީދާ ދީނީ ޞައްޙަ ޢިލްމަކާއި ނުލައި ނުލިބޭނެއެވެ. މާއްދީ ޙަޔާތް ކުރިއަރުވާ ތަރައްޤީކޮށްދޭ ކިތަންމެ ގިނަގުނަ ތަކެއްޗެއް އެމުޖްތަމަޢަކަށް ޙާޞިލުވެފައިވީ ނަމަވެސް، އެކުރިއެރުން އެބައިމީހުން ހާލަކުގެ ތެރެއަށް ގެންދިޔަ ނުދިނުމަށްޓަކައި، އެކުރިއެރުންތަކަށް ރަނގަޅު ހެޔޮމަގާއި އިރުޝާދު ދޭންޖެހެއެވެ. ހެޔޮޢަމަލާއި ނުލައި ލިބޭ މޮޅެތި ކެއެންތަކާއި މޮޅެތި ސަވާރީތަކާއި މޮޅެތި ގެދޮރާއި އަރާމަކީ އެއިން ވަރަށްކުޑަ މަންފާއެއް ލިބޭ އެއްޗެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ: يَٰٓأَيُّهَا ٱلرُّسُلُ كُلُواْ مِنَ ٱلطَّيِّبَٰتِ وَٱعْمَلُواْ صَٰلِحًا﴾ سورة المؤمنون :51 މާނައީ: [އޭ ރަސޫލުބޭކަލުންނޭވެ. ރަނގަޅު ހެޔޮތަކެތިން ތިޔަބައިމީހުން ކައިބޯ އުޅޭށެވެ. އަދި ތިޔަބައިމީހުން ހެޔޮ ޢަމަލު ކުރާށެވެ.] ވީމާ ކައިބޯއުޅުމާއި ހެޔޮރިޒްޤަކީ ހެޔޮޢަމަލާއި ގުޅިފައިވާ ކަމަކަށްވާންޖެހެއެވެ.
ޞައްޙަ ޢަޤީދާގެ ބާރު މާއްދީ ބާރާ އެއްގޮތަކަށްވެސް ވަކިވެގެން ނުވާނެއެވެ. ޞައްޙަ ޢަޤީދާއާއި ދީނީ ޞައްޙަ ޢިލްމާއި މާއްދީ ބާރު ވަކިވެއްޖެނަމަ، މާއްދީބާރު ވެގެންދާނީ އެކުރިއެރުން ހަލާކުގެ ތެރެއަށް ވައްޓާލާ ވަޞީލަތަކަށެވެ. މިއަދުގެ މުސްލިމުންނަށް ޖެހިފައިވާ ދެރަނިކަމެތި ޙާލަތުންވެސް އެކަން ސާފުވެގެންދެއެވެ. މިއުންމަތަށް ނިސްބަތްވާ އެއްބަޔަކު މުސްލިމުން ކާފިރު ކުރުމުގައެވެ. އަނެއްބަޔަކު މުސްލިމުންގެ ތެރޭގައި ޢަޤީދާ ހަލާކުވެގެންގޮސް ކިތަންމެ ނުބައިވެފައިތިއްބަސް ސުންނަތުގައިވާ ރަނގަޅު ބައެއްގެ ގޮތުގައި ހަދައި އެބައިމީހުންނަކީ އެއްވެސް ކުށެއް ނެތްބަޔަކަށްވަނީ ހަދާފައެވެ. ނުވަތަ އެކަން ހަނދާން ނައްތާލައި ކޮންމެބަޔަކު ކޮންމެގޮތަކަށް އުޅުނަސް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. މުންކަރާތް އެންމެ ކުޑަމިނުން ހިތުންވެސް މަނާކުރުމެއް ނެތެވެ. އަޞްޙާބުންގެ ޒަމާނުން ފެށިގެން މިއަދާހަމައަށްވެސް މިއުންމަތް ފަސާދަކުރަމުންދާ ޚަވާރިޖުންގެ ޢަޤީދާއަށް ނިސްބަތްވާ ޖަމާޢަތްތަކާއި ޝީޢީންގެ ޢަޤީދާތަކަށް ނިސްބަތްވާ ޖަމާޢަތްތަކުގެ ނުބައިކަން ހަނދާން ނައްތާލައިފިއެވެ. ޢަޤީދާ ފަސާދަވެފައިވާ އެމީހުން މިއަދު ވަރަށްގިނަ މުސްލިމުންގެ ކުރިމަތީގައި ރަނގަޅުބަޔަކަށް ވަނީ ހަދާފައެވެ. ނޫނީ ރަނގަޅެއް ގޯހެއް ވަކިކުރަން މުސްލިމުންނަށް މިވަނީ ނޭނގިފައެވެ.
ކާފިރުން ބޭތިއްބުމަށްފަހު، މުސްލިމުން ފަހާދުވެ ތިމާމެންފަދަ އެހެން މުސްލިމުންގެ ލޭހުއްދަ ކޮށް ލޭއޮހޮރުވާއިރު، އެފަދަ މީހުންނަށް ސަޕޯޓުކުރަނީއެވެ. އަނެއްބަޔަކު، ރަސޫލާ صلَّى اللهُ عليه وسلَّم އާ ޢަލީގެފާނާ އެއްފަދަ ކޮށް ނޫނީ ޢަލީގެފާނު އިލާހަކަށް ހަދައި، އެންމެހައި ޞަޙާބީންނަށް ހަޑިހުތުރު އެއްޗެތި ގޮވާ، ދީނާ ބެހޭގޮތުން އެތަކެއް ބުހުތާނު ދޮގު ހަދާއިރުވެސް، ހަމައެކަނި އެބައިމީހުންގެ އަމިއްލަ ސިޔާސީ އެޖެންޑާއެއް ޙާޞިލުކުރުމުގެ ގޮތުން ޔަހޫދީންނާއި ދެކޮޅަށް އެއްޗެއް ބުނާއިރަށް މިއަދު އަހަރެމެން މުސްލިމުންނަށް ތިބެނީ އެބައިމީހުން ފަދަ ދެވަނައެއް ނެތް ބަޔަކު ނުތިބޭނޭ ކަމަށް ހީވެފައެވެ. އަބޫބަކުރު، ޢުމަރު އަދި ރަސޫލާގެ އަނބިކަނބަލުން ޢާއިޝާއާއި ޙަފްޞާ އެބައެއް ދުލުގެ ނުބައިކަމުން ސަލާމަތް ނުވި ބައެއްގެ އަތުން، މިއިސްލާމީ އުންމަތަށް ނަޞްރާއި ކާމިޔާބު ލިބޭނޭކަމަށް ބުނާނީ އަޅެފަހެ ކިހިނަކުން ހެއްޔެވެ! ޝީޢީ ޖަމާޢަތްތަކާއި އެޢަޤީދާއަށް ނިސްބަތްވާ ބަޔަކު ވެރިކަންކުރާ ގައުމުތަކުން، މުސްލިމުންނަށް ނަޞްރު ދޭނޭކަމަށް ބުނުމަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާ صلَّى اللهُ عليه وسلَّم މިއުންމަތަށް ޝަރުޢުކުރެއްވި ކަންކަމަށް މަލާމާތްކުރުން ނޫނީ ދެން ކޮންކަމެއް ހެއްޔެވެ؟ އެކަލާނގެއަށް ނަޞްރު ދީގެން ނޫނީ އެކަލާނގެ ނަޞްރު ނުދެއްވާނޭ ކަމަށް އަންގަވާފައި ވާއިރު، މިދީނަށް ކުޑައިމީސްކޮށްފައިވާ ބައެއްގެ އަތުން އުންމަތަށް ނަޞްރު ލިބޭނޭކަމަށް ބުނުމަކީ މާތްﷲ ގެ ބަސްފުޅު ޤަބޫލުނުކުރެވި ރައްދު ކުރުމެވެ.
މިފަދަ ޖާހިލުކަމުން މިއުންމަތް ސަލާމަތްވާނީ ދީނީ ޢިލްމުންނޫން ދެން އެހެން ކޮންއެއްޗަކުންތޯއެވެ. ދީނުގެ ތެރެއަށް މިވަނީ ޖާހިލުކަން އިންތިހާއަށް ވަދެފައެވެ. މިއީ ފަހުން އަންނަޒަމާނުގެ ޙާލަތު ކަމުގައި ބަޔާންކުރައްވާ އިމާމް އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((لَتُنْقَضَنَّ عُرَى الْإِسْلَامِ عُرْوَةً عُرْوَةً، فَكُلَّمَا انْتَقَضَتْ عُرْوَةٌ تَشَبَّثَ النَّاسُ بِالَّتِي تَلِيهَا، وَأَوَّلُهُنَّ نَقْضًا الْحُكْمُ وَآخِرُهُنَّ الصَّلَاةُ)) މާނައީ: [އިސްލާމްދީނުގެ ބައިތައް ފަހަރަކު ބަޔަކުން ބަޔަކުން ގޮސް އުވިގެންދާނެއެވެ. ފަހެ އެތަނުން ބައެއް ގެއްލިގެންދާ ކޮންމެފަހަރަކު މީސްތަކުން އެއާޖެހިގެން އޮތް ބައިގައި ހިފާނެއެވެ. އަދި އޭގެ ތެރެއިން އެންމެފުރަތަމަ ހަލާކުވެގެންދާނީ ޢަދުލުވެރި ޙުކުމެވެ. އަދި އެންމެފަހުން އުވިގެންދާނީ ނަމާދެވެ.] ޢުމަރުގެފާނު ވިދާޅުވިކަމަށް ޝައިޚުލްއިސްލާމް އިބްނުތައިމިއާ "މަޖްމޫޢު" ގައި ގެންނަވާފައި ބަސްކޮޅުގެ މާނާގައިވެއެވެ: [ދީނުގެ ޙުކުމްތައް ފަހަރަކު ޙުކުމަކުން ޙުކުމަކުން އުވިގެންދާނީ ޖާހިލުކަމުގެ ގޮތްތައް ނޭނގޭ މީހުން އުފެދުމުންނެވެ.]
އަޅަމެންނީ އިސްލާމްދީނަށް ހޭލުންތެރި ބައެއްގެ ގޮތުގައި ލައްވާށިއެވެ. އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.