ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޤާނޫނީ ހުވާ ކުރައްވައި، ޙުސައިން މުޙައްމަދު ލަޠީފް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމުގެ ޤާނޫނީ ހުވާ މިއަދު ކުރައްވައިފިއެވެ. މި ދެބޭފުޅުން މަގާމުގެ ހުވާ ކުރައްވާފައި ވަނީ، މިކަމަށްޓަކައި މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ، އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.
ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ ކުރެއްވުމާ ވިދިގެން، ޤައުމީ ސަލާން ކުޅުނެވެ. އަދި، 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ޤާނޫނީ ހުވައިގެ ލިޔުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ސޮއިކުރެއްވިއެވެ. މި ދެލިޔުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ސޮއިކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ކުރީގެ ބައެއް ރައީސުން ކަމަށްވާ ރައީސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ވެސް މި ރަސްމިއްޔާތުގައި ދަޢުވަތު އަރުވައިގެން ވަޑައިގެންނެވި ރާއްޖެއިން ބޭރުގެ ޚާއްޞަ ޢިއްޒަތްތެރިންނާއި ދަޢުވަތު އަރުވައިގެން ވަޑައިންނެވި ގިނަ ޢަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.