އާރޓިކަލް 146 : އެންމެފުރަތަމަ ޚަލީފާ އަބޫބަކުރު

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އަބޫބަކުރު رضي الله عنه އަކީ މިއުންމަތަށް މާތްﷲ ފޮނުއްވި އަދި އެންމެފަހުގެ ރަސޫލެއްގެ ގޮތުގައި ފޮނުއްވުނު ކައުއިތުރު މާތް ނަބިއްޔާ މުޙައްމަދު صلَّى اللهُ عليه وسلَّم ގެ ރަސޫލުކަމަށް ގޮވާލެއްވުމާއެކު، ފިރިހެނުންގެ ތެރެއިން އެންމެފުރަތަމަ އިސްލާމްވެވަޑައިގެންނެވުމުގެ މާތް ޝަރަފު ލިބިވަޑައިގެންނެވި ބޭފުޅާއެވެ. އެއީ މާތް ﷲ އެމާތް ނަބިއްޔާގެ އެންމެ ގާތުގައި ވަޒީރެއް ފަދައިން މަސައްކަތް ކުރެއްވުމުގެ ޝަރަފުވެސް ދެއްވި ބޭފުޅާއެވެ. ނަބިއްޔާ صلَّى اللهُ عليه وسلَّم މައްކާއިން މަދީނާއަށް ކުރެއްވި ތާރީޚީ ހިޖުރައިގެ ބައިވެރިއަކީ ވެސް އަބޫބަކުރެވެ. އެދަތުރުގައި ރަސޫލާއަށް ގެއްލުމެއްވެދާނެ ކަމުގެ ބިރުފުޅުގައި އަބަދުމެ ކަންބޮޑުވެ ވަޑައިގެން ހުންނެވިއެވެ. އެރަސޫލާއަށްޓަކައި ޤުރުބާންވެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ނަބީކަމުގެ ޙަޔާތްޕުޅު ފެށުނީއްސުރެ އެނަބިއްޔާ صلَّى اللهُ عليه وسلَّم ސުވަރުގެވަޑައިގަންނަވަންދެން އެކަލޭގެފާނުގެ އަރިހުގައި ދެމިހުންނެވިއެވެ. އަދި ސުވަރުގެވަޑައިގެންނެވި ފަހުންވެސް އަބޫބަކުރުގެ ފުރާނަފުޅު މިދުނިޔެއާ ވަކިވަންދެންވެސް ކުރެއްވީ އިސްލާމްދީން ފެތުރުމުގެ މަސައްކަތްޕުޅެވެ. ހުރިހައި އަޞްޙާބުންގެ ތެރެއިން އެންމެ އިސްކަމެއް ދެއްވީ އަބޫބަކުރަށެވެ.

އިމާމް ބުޚާރީ ރިވާކުރެއްވި ރިވާޔަތެއްގައި ޢުމަރު رضي الله عنه އާއި އަބޫބަކުރު رضي الله عنه އާ ދެމެދުގައި ހިނގި ހިންހަމަނުޖެހުމެއްގެ ޙާދިޘާއެއްގައި އެނަބިއްޔާގެ ބަސްފުޅުހުރި ގޮތް ބަލާލުމުންވެސް އެކަމަށް ފުދެއެވެ. އަބުއްދަރްދާއު رضي الله عنه ވިދާޅުވައެވެ: ((كُنْتُ جَالِسًا عِنْدَ النَّبيِّ صَلَّى اللهُ عليه وسلَّمَ، إذْ أقْبَلَ أبو بَكْرٍ آخِذًا بطَرَفِ ثَوْبِهِ حتَّى أبْدَى عن رُكْبَتِهِ، فَقَالَ النَّبيُّ صَلَّى اللهُ عليه وسلَّمَ: أمَّا صَاحِبُكُمْ فقَدْ غَامَرَ، فَسَلَّمَ وقَالَ: إنِّي كانَ بَيْنِي وبيْنَ ابْنِ الخَطَّابِ شَيءٌ، فأسْرَعْتُ إلَيْهِ ثُمَّ نَدِمْتُ، فَسَأَلْتُهُ أنْ يَغْفِرَ لي فأبَى عَلَيَّ، فأقْبَلْتُ إلَيْكَ، فَقَالَ: يَغْفِرُ اللَّهُ لكَ يا أبَا بَكْرٍ، ثَلَاثًا، ثُمَّ إنَّ عُمَرَ نَدِمَ، فأتَى مَنْزِلَ أبِي بَكْرٍ، فَسَأَلَ: أثَّمَ أبو بَكْرٍ؟ فَقالوا: لَا، فأتَى إلى النَّبيِّ صَلَّى اللهُ عليه وسلَّمَ فَسَلَّمَ، فَجَعَلَ وجْهُ النَّبيِّ صَلَّى اللهُ عليه وسلَّمَ يَتَمَعَّرُ، حتَّى أشْفَقَ أبو بَكْرٍ، فَجَثَا علَى رُكْبَتَيْهِ، فَقَالَ: يا رَسولَ اللَّهِ، واللَّهِ أنَا كُنْتُ أظْلَمَ، مَرَّتَيْنِ، فَقَالَ النَّبيُّ صَلَّى اللهُ عليه وسلَّمَ: إنَّ اللَّهَ بَعَثَنِي إلَيْكُمْ فَقُلتُمْ: كَذَبْتَ، وقَالَ أبو بَكْرٍ: صَدَقَ، ووَاسَانِي بنَفْسِهِ ومَالِهِ، فَهلْ أنتُمْ تَارِكُوا لي صَاحِبِي؟ مَرَّتَيْنِ، فَما أُوذِيَ بَعْدَهَا)) މާނައީ: [ތިމަންނާ ނަބިއްޔާގެ صلَّى اللهُ عليه وسلَّم އަރިހުގައި އިށީނދެގެން އިންދައި އަބޫބަކުރު އެކަލޭގެފާނުގެ ކަކޫފެންނަވަރަށް ހެދުމުގެ އެއްފަރާތުން ހިފައިގެން ހުރެގެން ވަޑައިގެންނެވިއެވެ. ދެން ނަބިއްޔާ صلَّى اللهُ عليه وسلَّم ޙަދީޘްކުރެއްވިއެވެ: ދެންފަހެ، ތިޔަބައިމީހުންގެ ޞާހިބާ ދެބަސްވުމުގެ ނުރައްކަލަށް ވެއްޓިއްޖެކަން ކަށަވަރެވެ. ދެން އަބޫބަކުރު ސަލާމްގޮވާލުމަށްފަހު ދެންނެވިއެވެ: ހަމަކަށަވަރުން ތިމަންނާއާއި (ޢުމަރު) އިބްނުލް ޚައްޠާބު އާ ދެމެދުގައި ކަމެއް ހިނގައިފިއެވެ. ދެން ތިމަންނާ އެބޭފުޅާ ރުޅިއަރުވާލެވުނެވެ. އަދި ތިމަންނާ އެކަމާ ދެރަވެ ތިމަންނާއަށް މާފުކޮށްދެއްވުމަށް އެދުމުން އެކަމާ ޢުމަރު ދެކޮޅު ހެއްދެވިއެވެ. އެހެންވުމުން ދެން ތިމަންނާ މިއައީ ކަލޭގެފާނުގެ އަރިހަށެވެ. ފަހެ ޙަދީޘްކުރެއްވިއެވެ: އޭ އަބޫބަކުރެވެ. ﷲ ތިބާއަށް ފާފަ ފުއްސަވާށިއެވެ. ތިންފަހަރު މިފަދައިން ޙަދީޘްކުރެއްވިއެވެ. ދެންފަހެ އޭގެފަހުން ޢުމަރު ދެރަވެގެން އަބޫބަކުރުގެ ގެކޮޅަށް ވަޑައިގެން ސުވާލުކުރެއްވިއެވެ: އަބޫބަކުރު އެބައުޅުއްވާތޯއެވެ؟ (ގޭގެ އަހުލުވެރިން) ދެންނެވިއެވެ: ނޫނެކެވެ. ދެން ނަބިއްޔާ صلَّى اللهُ عليه وسلَّم ގެ އަރިހަށް ވަޑައިގެންނެވިއެވެ. ފަހެ އެހިނދު ނަބިއްޔާ  صلَّى اللهُ عليه وسلَّم ގެ މޫނުފުޅުން ހިތްނުތަނަވަސްކަމާ ކޯފާގެ އަސަރު ފެނިގެންދިޔައެވެ. އެހިނދު އަބޫބަކުރު ބިރުފުޅުގަނެ ހިތުގައިޖެހިވަޑައިގެންނެވިއެވެ. ދެން ނިކަމެތިކަމާއެކު ދެރަވެވަޑައިގެން އަބޫބަކުރު ކަކޫމައްޗަށް ތިރިވެވަޑައިގެން ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ. ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިމަންނާއީ އަނިޔާވެރިއަކު ކަމުގައި ވީމުއެވެ. އެފަދައިން ދެފަހަރު ވިދާޅުވިއެވެ. ދެން ނަބިއްޔާ صلَّى اللهُ عليه وسلَّم ޙަދީޘްކުރެއްވިއެވެ: ހަމަކަށަވަރުން ﷲ ތިމަންނަބިއްޔާ ރަސޫލުކަމައިގެން ފޮނުއްވިއެވެ. އެހިނދު ތިޔަބައިމީހުން ބުންޏެވެ: ތިއީ ދޮގުވެރިއެކެވެ. އަދި އަބޫބަކުރު ވިދާޅުވިއެވެ: އެކަލޭގެފާނު އެވިދާޅުވަނީ ތެދުފުޅެކެވެ. އަދި އެކަލޭގެފާނުގެ ނަފްސުފުޅުންނާއި މުދަލުން ތިމަންނަބިއްޔާއަށް އެހީފޯރުކޮށްދިނުމުގައި ދެމިހުންނެވިއެވެ. ފަހެ ތިޔަބައިމީހުންނީ ތިމަންނަބިއްޔާގެ ޞާޙިބާ ދޫކޮށްލާ ބަޔަކު ކަމުގައި ވަނީހެއްޔެވެ؟ އެފަދައިން ދެފަހަރު ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. އަދި އޭގެފަހުގައި އެއްގޮތަކަށްވެސް އަބޫބަކުރަށް އެއްވެސް މީހަކު އުނދަގޫ ނުކުރައްވައެވެ.] މިއީ އެބޭފުޅާގެ މާތްކަމާއި ޝަރަފައް ފުދި އިތުރުވާވަރުގެ ބަސްކޮޅުތަކެކެވެ. އަބޫބަކުރު رضي الله عنه އަކީ ކޮންފަދަ މާތްކަމެއް ލިބިވަޑައިގެންފައިވާ ބޭކަލެއް ހެއްޔެވެ؟ ސުވަރުގޭގެ އަށްދޮރުން ކުރެ ކޮންމެ ދޮރަކުންވެސް ވަދެވަޑައިގެންނެވޭނޭ ބާކަލެއް ކަމުގެ ޚަބަރު ނަބިއްޔާ ވަނީ ދެއްވާފައެވެ. ހެޔޮޢަމަލުކުރުމުގައި އެއްވެސް އެހެން ޞަޙާބީއަކަށް އެބޭފުޅާއަށް ކުރިއަރައިވަޑައި ނުގެންނެވޭނޭ ކަމަށް އެތަކެއް ބޮޑެތި ޞަޙާބީންނެއްވަނީ އިޢުތިރާފުގެ ބަސްފުޅު ވިދާޅުވެފައެވެ.

އެބޭފުޅާއަކީ ރަސޫލާ صلَّى اللهُ عليه وسلَّم މަދީނާގައި ޙާޒިރުވެ ހުންނަވަނިކޮށް އަލްމަސްޖިދުއް ނަބަވީގައި އިމާމްވެ ނަމާދު ކުރެއްވި ހަމައެކަނި ޞަޙާބީއެވެ. އަދި އެބޭކަލެއްގެ ފަހަތުގައި ނަބިއްޔާ ހަމައެކަނި ނަމާދު ކުރެއްވިވެސް ބޭފުޅާއެވެ. އެއީ އަބޫބަކުރެވެ. ނަބިއްޔާ صلَّى اللهُ عليه وسلَّم ދުނިޔެދޫކުރައްވާ ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ޚަލީފާއަކަށް ވަޑައިގެންނެވީވެސް އަބޫބަކުރެވެ. އެއީ އެންމެހައި ޞަޙާބީންގެ ތެރެއިން އެންމެ މާތް ބޭފުޅާކަމުގައި އަދި އެހިނދު ވެރިކަން އެންމެ ޙައްޤުވާ ބޭފުޅާކަމުގައި އޭރުގައި ތިބި އެންމެހައި މުސްލިމުންގެ އިއްތިފާޤުންނެވެ.

އަބޫބަކުރު ޚަލީފާކަމަށް އިސްވެވަޑައިގެންނެވި ޙާދީޘާ އިބްނުކަޘީރު "އަލްބިދާޔާ ވައްނިހާޔާ" ގައި ގެންނެވި ރިވާޔަތުގައި ވެއެވެ: އައްޘަޤީފާގައި މީސްތަކުން އަބޫބަކުރަށް ވެރިކަމުގެ ބައިޢަތު ހިއްޕެވިއެވެ. އަދި އެހިނދު އަބޫބަކުރު ތެދުވެވަޑައިގެން މީސްތަކުންނަށް ތަޤްރީރުކުރެއްވިއެވެ: ﷲ އަށް ޙަމްދުކޮށް ޘަނާ ދެންނެވުމަށްފަހު ވިދާޅުވިއެވެ: "އޭ މީސްތަކުންނޭވެ! ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ތިމަންނާ ޚަލީފާކުރެވިއްޖެއެވެ. އަދި ތިމަންނާއީ ތިޔަބައިމީހުންކުރެ (ވެރިކަމަށް) އެންމެ ރަނގަޅުމީހާއެއް ނޫނެވެ. ފަހެ ހަމަކަށަވަރުން ތިމަންނާ ހެޔޮކޮށް ކަންތައް ކޮށްފިނަމަ، ތިޔަބައިމީހުން ތިމަންނާއަށް އެހީތެރިވާށެވެ. އަދި ތިމަންނާއަށް ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ، ފަހެ ތިޔަބައިމީހުން ތިމަންނާ ރަނގަޅުކޮށްދޭށެވެ. ތެދުވެރިކަމަކީ އަމާނާތެކެވެ. އަދި ދޮގުވެރިވުމަކީ ޚިޔާނާތެކެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ނިކަމެތިމީހާއަށް އޭނާގެ ޙައްޤު ހޯދާދެވެންދެން އިންޝާﷲ އޭނާއީ ތިމަންނާގެ ގާތުގައި ބާރުގަދަ މީހެކެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ބާރުގަދަ މީހާގެ އަތުން ޙައްޤު އަތުލުމަށް ދާންދެން، އިންޝާﷲ އޭނާއީ ތިމަންނާގެ ގާތުގައި ނިކަމެތި މީހެކެވެ. ގައުމެއްގެ ބަޔަކު ﷲ ގެ މަގުގައި ޖިހާދުކުރުން ދޫކޮށްލައިފިނަމަ އެބަޔަކަށް ﷲ ނިކަމެތިކަން ޖައްސަވައެވެ. ގައުމެއްގެ ބަޔަކު ފާޙިޝްކަންތައް ފަތުރައިފިނަމަ އެގައުމެއްގެ މައްޗަށް ﷲ ބަލާވެރިކަން ޢާންމުކުރައްވައެވެ. ފަހެ ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަން ގަންނަ ކޮންމެ ކަމެއްގައި ތިޔަބައިމީހުން ތިމަންނާއަށް ކިޔަމަންވާށެވެ. އަދި ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދުމެއްވާ އެއްވެސް ކަމެއްގައި ތިޔަބައިމީހުން ތިމަންނާއަށް ކިޔަމަންގަތުމެއް ނުވެއެވެ. ތިޔަބައިމީހުން އެންމެން ނަމާދަށް ތެދުވާށެވެ. ﷲ ތިޔަބައިމީހުންނަށް ރަޙްމަތް ލައްވާށިއެވެ.] ޚަލީފާކަމުގެ ބޮޑު ޒިންމާއާ ޙަވާލުވެވަޑައިގެން މީސްތަކުންނާ އެންމެފުރަތަމަ މުޚާޠަބުކުރެއްވި ބަސްފުޅުތަކަކީ ފަހުން އަންނަންއޮތް ހުރިހައި މުސްލިމް ޖީލުތަކަށް ޢިބްރަތުން ފުރިގެންވާ ބަސްކޮޅުތަކެކެވެ. އެމާތް ޖީލު ނެތިދިޔަތާ އެތައް ޒަމާނެއްވީއެވެ. ކިތަންމެ ޒަމާނެއް ވޭތުވެދިޔަޔަސް އެބޭކަލުންގެ ފަރާތުން ޢިބްރަތް ޙާޞިލުކުރުމާއި ނަޞޭޙަތް ލިބިގަތުން ނެތިގެން ނުދާނެކަން ކަށަވަރެވެ.

އަޅަމެންނީ ޞަޙާބީންގެ މާތް ޖީލުން ޢިބްރަތް ޙާޞިލުކުރާ ބައެއްގެ ގޮތުގައި ލައްވާށިއެވެ. އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *