އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދިވެހި އަދަބީ ފޯވަހި މިއަހަރުވެސް ފެށިއްޖެއެވެ. ދިވެހި އަދަބީ ފޯވައްސަކީ ކޮންމެ އަހަރަކުވެސް ދަރިވަރުންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބި ޖެއްސުމުގެ މަޤުޞަދުގައި މެދުނުކެނޑި ހިނގަމުން އަންނަ ހަރަކާތެކެވެ. ދިވެހި އަދަބީ ފޯވަހީގައި އޮންނަނީ ކްލާސް ލެވެލް އަކާއި އިންޓަރ ކްލާސް ލެވެލްއެކެވެ.
ކްލާސްލެވެލްގައި ހުރިހާ ދަރިވަރުން ވެސް ފަސް ހަރަކާތުގައި ބައިވެރިވާންޖެހެއެވެ. ކްލާސް ލެވެލްގެ ފަސް ހަރަކާތުން ކޮންމެ ހަރަކާތަކުން ވެސް އެންމެ މޮޅު ފަސް ދަރިވަރުން ހޮވުން އޮވެއެވެ. މި ފަސް ހަރަކާތުގެ ތެރެއިން ލިޔުމުގެ 3 ހަރަކާތަކާއި ހުށަހެޅުމުގެ 2 ހަރަކާތެއް ކޮންމެ އަހަރަކުވެސް އޮވެއެވެ. ދަރިވަރުންގެ ހުށަހެޅުންތައް ގެންދެވެނީ 3 ފަނޑިޔާރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންގެ ކުރިމަތީގައެވެ.
ދިވެހި އަދަބީ ފޯވަހީގެ އިންޓަރ ކްލާސް ލެވެލް ނިމުމުން އެއްވަނަ ދެވަނަ ތިންވަނަ ހޮވުން އޮވެއެވެ. މިއިން ކޮންމެ ވަނައެއްވެސް ހޮވަނީ ދަރިވަރުން ބައިވެރިވާ ފަސްހަރަކާތުން ކޮންމެ ހަރަކާތަކުން ވަކިންނެވެ. މި ހަރަކާތްތަކަކީ ދަރިވަރުންނަށް ދިވެހި ބަހުގެ އަދަބިއްޔާތާއި، ބަސްކޮށާރު މުއްސަނދި ކުރުމަށް ދެވޭ ފުރުސަތެކެވެ.
ކޮންމެ އަހަރަކުވެސް ބާއްވާ ދިވެހި އަދަބީ ފޯވަހިން އެކިއެކި ދަރިވަރުންގެ ހުނަރުތައް ފެނިގެން ދެއެވެ. މި ހަރަކާތްތައް ވެސް ކުރިއަށް ގެންދެވެނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނުގެ ދަންފަޅީގައި ގްރޭޑް 1،2އަދި 3 ގެ ދަރިވަރުންގެ ހުށަހެޅުންތަކާއި، ލިޔުންތަކެވެ. މެންދުރުގެ ދަންފަޅީގައި ގްރޭޑް 4، 5 އަދި 6 ގެ ދަރިވަރުންގެ ހުށަހެޅުންތަކާއި ލިޔުމުގެ ހަރަކާތްތަކެވެ.