الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
މިދުނިޔެ ނެތުމުގެ ތެރެއިން ވުޖޫދުކުރެއްވީ މާތްﷲ އެވެ. އަދި އެކަލާނގެ އިންސާނުން އުފައްދަވާ މިދުނިޔޭގައި ޚަލީފާވެރިކުރެއްވިއެވެ. އެއީ އެއްޖީލުން އަނެއްޖީލަށް އެއްބައެއްގެ ދިރިއުޅުން އަނެއްބަޔަކަށް ފޯރުކޮށްދީ އެގޮތުގައި ދެމިގެންދާ ބައެއްގެ ގޮތުގައެވެ. އަދި ކޮންމެ މީހަކުމެ މިދުނިޔެއާއި ކޮންމެވެސް ހިސާބަކުން އަލްވަދާޢު ކިޔައެވެ. އެއަށްފަހުގައި އެމީހަކު ދަތުރުކުރަނީ މުޅީން އެހެންދުނިޔެއަކަށެވެ. އެއީ އެންމެފުރަތަމަ ބަރުޒަޚް ޢާލަމަށެވެ. އަދި ޤިޔާމަތްދުވަސް އައުމުން އެމީހަކު ކުރިމަތިލަނީ މަޙްޝަރު މައިދާނަށާއި ހިސާބުބެއްލެވުމަށްފަހު އެމީހަކަށް ލިބުން ޙައްޤުވާ ޖަޒާ އެމީހަކަށް ލިބުމަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَمِمَّنْ حَوْلَكُم مِّنَ الْأَعْرَابِ مُنَافِقُونَ ۖ وَمِنْ أَهْلِ الْمَدِينَةِ ۖ مَرَدُوا عَلَى النِّفَاقِ لَا تَعْلَمُهُمْ ۖ نَحْنُ نَعْلَمُهُمْ ۚ سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ﴾ سورة التوبة :101 މާނައީ: [އަދި ތިޔަބައިމީހުންގެ ވަށައިގެން އުޅޭ އަޢުރާބީންގެ ތެރޭގައާއި މަދީނާގެ އަހުލުވެރިންގެ ތެރޭގައި މުނާފިޤުން އުޅެއެވެ. އެބައިމީހުން ނިފާޤު ކަމުގައި ދެމިތިބެއެވެ. ތިޔަނަބިއްޔާއަށް އެބައިމީހުންނެއް އެނގިވަޑައި ނުގަންނަވައެވެ. ތިމަންއިލާހު އެބައިމީހުން ދެނެވޮޑިގަންނަވަމެވެ. އެބައިމީހުންނަށް ދެފަހަރު ތިމަންއިލާހު ޢަޛާބު ދެއްވާހުށީމެވެ. އަދި އެއަށްފަހު ބޮޑުވެގެންވާ ޢަޛާބަށް އެބައިމީހުން ރައްދުކުރައްވާހުށީމެވެ.] މިއާޔަތުގައި މިވާ ދެފަހަރު ޢަޛާބު ދެއްވާނޭ ވާހަކައާއި މެދު އަލްޙަސަނުލް ބަޞަރީ ވިދާޅުވިއެވެ: "އެއީ ދުނިޔޭގައި ޢަޛާބު ދެއްވުމާއި ކައްވަޅުގައި ޢަޛާބު ދެއްވުމެވެ." އަދި އެއަށްފަހު އެވާ ބޮޑުވެގެންވާ ޢަޛާބަށް ވައްދަވާނޭ ވާހަކައަކީ އެއީ ޤިޔާމަތްދުވަހުން ނަރަކައިގައި ދެވޭނޭ ޢަޛާބުގެ ވާހަކައެވެ. ވީމާ ކައްވަޅުގައާއި ޤިޔާމަތްދުވަހުގައި މީސްތަކުން ކުރި ނުބައިޢަމަލުތަކަށް ޢަޛާބު ލިބޭނޭކަން އެއީ ކީރިތި ޤުރުއާނުގެ ނައްޞުން ސާބިތުކަމެކެވެ. ވީމާ އާޚިރަތްދުވަހަކީ އަންނާނޭ ދުވަހެއްކަމާއި މެދު މުސްލިމަކު މުއުމިނަކު ކުޑަވެސް ޝައްކެއް ނުކުރާނޭކަން ކަށަވަރެވެ.
ނަމަވެސް އާޚިރަތްދުވަހަށް އިންކާރުކުރާ މީހުން މުސްލިމުން ނޫން މީހުންގެ ތެރޭގައި އުޅެއެވެ. ޚާއްޞަކޮށް ފަލްސަފާވެރިންގެ މެދުގައި އަލުންދިރުއްވުމަކީ އެއީ އެބައިމީހުން ދެކޮޅުހަދާ ކަމެކެވެ. މުސްލިމުންގެ ތެރޭގައި ޔޫނާނުގެ އަދި އެހެނިހެން އިހުގެ ޙަޟާރަތްތަކުން ދަރިވަރުވި ބައެއް މީހުން ވަނީ މިފަލްސަފާގެ ދަލުގައިޖެހި އާޚިރަތްދުވަހާއި މެދު ބޮޑު ޝައްކުކަމެއްގެ ތެރެއަށް ވެއްޓި، އެމައުޟޫޢަށް ފޮތްތައް ލިޔެ ހަދާފައެވެ. މިއީ މުސްލިމެއްގެ ކިބައިން ފެންނާނޭ ކަމާއިމެދުގައި ކިތަންމެ އަޖައިބުކުރުވަނިވި ކަމެއް ނަމަވެސް އެކަންތައް އޮތީ މުސްލިމުންގެ ތެރޭގައި ހިމެނޭ މަޝްހޫރު ކިތަންމެ މީހުންނެއްގެ ތެރޭގައި ފެތުރިފައެވެ. އެކަން ފެތުރިގެން ދިއުމުން މުސްލިމު ޢިލްމުވެރިބޭކަލުން އެބައިމީހުންނަށް ދިނީ "އައްދަހްރިއްޔާ" ގެ ނަމެވެ. އެއީ ދުނިޔެވީ ޒަމާން އެކަނި ޤަބޫލުކުރާ މީހުންނެވެ. އާޚިރަތަށް އިންކާރުކުރާ މީހުންނެވެ. އެބައިމީހުން ޤަބޫލުކުރަނީ ކާއިނާތާއި އިންސާނާ އުފެދިގެން އައީވެސް އަމިއްލަ ޒާތުގައި ހިނގި މަރުޙަލާތަކެއްގެ ތެރެއިންކަމަށެވެ. އަދި އިންސާނާ މަރުވެދިއުމުން އެނިމުނީއެވެ. ދެން އޭނާއާމެދު އިތުރު އެއްވެސް ކަމެއް ނުވެއެވެ. ނަމަވެސް ފުރާނައެއް ވާކަމަށް ޤަބޫލުކުރާ އެހެން ބައެއް ފަލްސަފާވެރިން ޤަބޫލުކުރަނީ ވަކިއަހަރުތަކެއް ވައްދެން ފުރާނަތައް ދުނިޔޭގައި ދެމިގެންދާނޭ ކަމުގައެވެ. އެއީ އެއްހަށިގަނޑުން އަނެއްހަށިގަނޑަށް ވަދެގެން ދެމިގެންދާ ގޮތަށެވެ. އެޢަޤީދާއަށް ކިޔަނީ ތަނާސުޚުގެ ޢަޤީދާއެވެ. ޢައްބާސީ ދައުލަތުގައި ޔޫނާނީ ފޮތްތައް ތަރުޖަމާކުރުމުގެ ޙަރަކާތްތައް ފުޅާވެގެން ދިއުމަށްފަހު، މިފިކުރުތަކުގެ މީހުން މުސްލިމުންގެ ތެރޭގައި ގިނަވާން ފެށިއެވެ.
ރަސޫލާ صلى الله عليه وسلم ނަބީކަމާއިގެން ފޮނުއްވުނުއިރު މައްކާގެ މުޝްރިކުންގެ ތެރޭގައިވެސް ދަހްރިއްޔާއިން އުޅުނެވެ. އެބައިމީހުންގެ ވާހަކަ ބަޔާންކުރައްވާ މާތްﷲ ވަޙީކުރެއްވިއެވެ: ﴿وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ﴾ سورة الجاثية :24 މާނައީ: [އަދި އެބައިމީހުން ބުނެތެވެ. އަހަރުމެންގެ މިދުނިޔޭގެ ޙަޔާތް ނޫން އެހެންތަނެއް ނުވެއެވެ. އަހަރެމެން މަރުވެއެވެ. އަދި އަހަރެމެން ދިރިއުޅެމެވެ. ޒަމާން ނޫން އެހެންއެއްޗެއް އަހަރެމެން ހަލާކުކުރާ ކަމުގައި ނުވެއެވެ. އަދި އެކަމުގައި އެބައިމީހުންނަށް ޢިލްމެއް ލިބިގެން ނުވެއެވެ. އެއީ ހީކުރާބައެއް ކަމުގައި މެނުވީ ނުވެއެވެ.]
މިއީ މިއަދުގެ އެކާވީސް ޤަރުނާއިމެދު ފަޚުރުވެރިކަމާއިއެކު، ބޮޑާވެގަންނަ އެތަކެއް އެތީސްޓުންނެއްގެވެސް ވާހަކަ ހުންނަގޮތެވެ. މިބައިމީހުން ދީނެއް ޤަބޫލު ނުކުރުމުގެ ގޮތުން ދީންތަކުގައި ހަމަހަމަކަމާއި ޢަދުލުވެރިކަން ނުއޮންނަ ވާހަކައާއި، ދީންތަކަކީ މީސްތަކުންގެ ޙައްޤުތައް ހޯދައިނުދޭ ކަމަށް ބުނެ އަޑުފަތުރައެވެ. ނަމަވެސް މިބައިމީހުންގެ ނާއިންސާފު ބަސްތައް ވަންނަނީ ހަމައެބައިމީހުންގެ ކަރުބުޑަށެވެ. ކޮންމެ އިންސާނެއްގެ ދުނިޔެވީ ޙަޔާތަށް ވިސްނާލުމުންވެސް މިދުނިޔެއިން ފެންނަ ޙަޤީޤަތަކީ ދުނިޔެއިން މީސްތަކުންނަށް ލިބެންވީ ފުރިހަމަ ޙައްޤުތައް އެއްވެސް މީހަކަށް ނުލިބޭކަމެވެ. އެއްބަޔަކީ މީސްތަކުންގެ ޙައްޤުތައް އެހެންމީހުންގެ އަތުން ނިގުޅައިގަނެ، އަނިޔާލިބުނުމީހުންނަށް އެއިން އެއްވެސް މިންވަރެއް ރައްދު ނުކޮށް މިދުނިޔެއިން ޝަރަފާއެކު އަލަވަދާޢުކިޔާ މީހުންނެވެ. އަނެއްބަޔަކީ އަނިޔާގެ މައްޗަށް އަނިޔާލިބި، ކުޑަމިންވަރެއްގެ ޙައްޤެއް ނޫނީ ނުލިބި، ނިކަމެތި ޙާލުގައި މިދުނިޔެއިން ފަނާވެގެންދާ މީހުންނެވެ. ފަހެ، މިދަހްރިއްޔާއިން މިދަޢުވާކުރަނީ މިއީ އެބުނާ އިންސާފުކަމުގައި ހެއްޔެވެ! މިދުނިޔޭގެ ކަންކަން މިހިނގަނީ ކިހާ ނާއިންސާފަކުން ހެއްޔެވެ! މީސްތަކުންގެ ގިނަގުނަ ފަސާދައާއި އަނިޔާވެރިކަމުން މިދުނިޔެ މިއޮތީ ތަތްތެޅިފައެވެ. މިކަމުގެ އިންސާފެއް މިދުނިޔެއިން ނުލިބޭކަން އެއީ ސަލާމަތް ބުއްދިހުރި ހަމަކޮންމެ މީހަކަށްވެސް ވިސްނޭނޭ ޙަޤީޤަތެކެވެ. ފަހެ، އުޚުރަވީ ޙަޔާތެއް ނެތްނަމަ މިދުނިޔޭގައި މިވާ ނަހަމަކަމާއި އަނިޔާވެރިކަމުގެ، ބަދަލާއި އިންޞާފު މީހަކަށް ލިބޭނީ ފަހެ ކޮންގޮތަކުން ހެއްޔެވެ! ވީމާ ބުއްދީގެ ހަމަތަކުން ބަލާއިރުވެސް، ދުނިޔޭގައި ހިނގާ ކަންކަމުގެ އިންޞާފު ޤާއިމްކުރެވި، ޙައްޤުތައް އޭގެ އަހުލުވެރިންނަށް ލިބެންޖެހޭ ޙަޔާތެއް ވުޖޫދުވާންޖެހެއެވެ. ޝައްކެއްވެސް ނެތެވެ. އެއީ އުޚުރަވީ ޙަޔާތެވެ. އެއީ މަޙްޝަރު ކުރެއްވޭނޭ ދުވަހެވެ. އެއީ ދުނިޔޭގައި ކުރިޢަމަލުތަކުގެ ޙިސާބު ބެއްލެވޭނޭ ދުވަހެވެ. އެއީ ކޮށްފައިވާ ޢަމަލުތަކުގެ ފުރިހަމަ އިންސާފުވެރި ޖަޒާ ލިބޭނޭ ދުވަހެވެ. ވީމާ ދަހްރިއްޔާގެ ޢަޤީދާއަކީ މިދުނިޔޭގައި ހިމެނޭ އެންމެ ނަޖިސްކަންބޮޑު ބާޠިލު އެއްޢަޤީދާއެވެ.
އަޅަމެންނީ ފުރިހަމަ އިސްލާމީ ޢަޤީދާގެ މަތީގައިވާ ބައެއްގެ ގޮތުގައި ލައްވާށިއެވެ. އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.