އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ކެޕްޓަންކަމަށް 6 ދަރިވަރަކު ކުރިމަތިލައިފިއެވެ.
މި މަހުގެ 30 ވާ ބުރާސްފަތި ދުވަހު ބާއްވާ ސްޓޫޑެންޓް ކައުންސިލް އިންތިޚާބުގައި ކެޕްޓަން ކަމަށް ވާދަކުރަނީ 4 އަންހެން ދަރިވަރުންނާއި 2 ފިރިހެން ދަރިވަރުންނެވެ. އެއީ 12އޭގެ އިޔާން ޢަލީ މޫސާއާއި، 12ސީގެ އަނާ ޢަބްދުއްސައްތާރާއި، 12ސީގެ ޢާއިޝަތު އީނަތު އިބްރާހީމާއި، 12ޑީގެ ޝައިބާން ޝަފީޤާއި، 12ޑީގެ ޢަބްދުއްސަލާމާއި 12އެޗްގެ ނުހާ ރިޟްވާނެވެ.
ތަފާތު 16 މަގާމަކަށް 26 ދަރިވަރުން ކުރިމަތިލާފައިވާ މި އިންތިޚާބުގައި ސްކޫލް ކެޕްޓަނާއި، އަންހެން އަދި ފިރިހެން ދެ ޑެޕިއުޓީ ކެޕްޓަނުންނާއި މި ސްކޫލްގެ 4 ހައުސް ކަމަށްވާ ޖަނަވަރީ، ކާމިނީ، ހުވަނދުމާ އަދި ޗާންދަނީ ހައުސްގެ ކެޕްޓަނުންނާއި، ދިވެހި ޖަމިއްޔާ "ހިޔާ" އަދި އިނގިރޭސި ޖަމިއްޔާ އަޙްމަދިއްޔާ އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން (އޭލާ)ގެ ރައީސުންނާއި، ސައިންސް ކްލަބާއި، ބިޒްނަސް ކްލަބާއި، އެންވަޔަރަމެންޓް ކްލަބުގެ އިތުރުން، މީޑިއާ ކްލަބާއި، ޤްރުއާން ކްލަބާއި، ހިއުމަންރައިޓްސް ކްލަބުގެ ރައީސުން ހޮވާނެއެވެ.
ސްކޫލް ކެޕްޓަނުންނާއި ޑެޕިއުޓީ ކެޕްޓަނުން ހޮވުމުގައި ވޯޓުގެ 50 އިންސައްތައާއި، ޢިލްމީ ޤާބިލްކަމަށް 25 އިންސައްތަ އަދި ސްކޫލްގެ ސީނިއަރ މެނޭޖްމަންޓް ޓީމުން އެ ދަރިވަރުންނާ ކުރާ ބަސްދީގަތުމަށް ކަނޑައަޅާފައިވާ 25 އިންސައްތައަށް ބަލާނެއެވެ. އެގޮތުން މި ތިން ބައިން އެންމެ ގިނަ ޕޮއިންޓު ހޯދާ ދަރިވަރަކަށް ސްކޫލްގެ ކެޕްޓަންކަން ލިބޭއިރު، ދެން އެންމެ މަތިން ޕޮއިންޓު ހޯދާ އަންހެން އަދި ފިރިހެން ދެ ދަރިވަރުންނަށް ޑެޕިއުޓީ ކެޕްޓަންކަން ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ ހޮނިހިރު ދުވަހު މެންދުރު 12.30 ން ފެށިގެން 29 ނޮވެންބަރު ވާ ބުދަދުވަހުގެ އިރުއޮއްސި 6 ޖެހުމުގެ ނިޔަލަށް ވަނީ ކެމްޕެއިންކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
މި މަގާމްތަކަށް ކުރިމަތިލެވެނީ ހަމައެކަނި ގްރޭޑް 12ގެ ޕްރިފެކްޓުންނަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ހާދަ މޮޅޭ ޚަބަރުތައް ލިޔެފަ ހުންނަ ގޮތް