އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ހަޔަރސެކަންޑަރީ ކެޕްޓަންކަމަށް މި އަހަރު ކުރިމަތިލައިފައިވާ ކެންޑިޑޭޓް ނަންބަރު 2 ޢަބްދުއްސަލާމަކީ ތަފާތު އެތައް ހުނަރުތަކެއް ލިބިގެންވާ ކުއްޖެކެވެ. އެންމެ ތުއްތު އިރުން ފެށިގެން ކިޔެވުމުގައްޔާއި, ޤުރުއާން މުބާރާތްތަކާއި, މަދަޙަ މުބާރާތްތަކުގެ އިތުރުން ކުޅިވަރާއި އެހެނިހެން ހަރަކާތްތަކުގައިވެސް ވިދަމުން އަންނަ ތަރިއެކެވެ. 2020 ވަނަ އަހަރު ގުރޭޑު 9 އަކަށް އަޙްމަދިއްޔާ ސްކޫލާއި ގުޅުމުގެ ކުރިންވެސް ސަލާމުވަނީ ރ.އިންނަމާދޫ ސްކޫލުގެ ހައުސް ކެޕްޓަނެއްގެ މަޤާމު އަދާކޮށްފައެވެ. އަދި ގްރޭޑު 9 އެއްގެ އަހަރު އޭނާ ހުރީ ޤުރުއާން ކްލަބުގެ ގްރޭޑް ރިޕްރެޒެންޓޭޓިވްގެ މަޤާމުގައެވެ. އެއަށްފަހު ގްރޭޑް 10 އެއްގެ އަހަރު އޭނާއަކީ އަޙްމަދިއްޔާ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ.
ކިޔެވުމުގައި ވާސިލްވެފައިވާ ލަނޑުދަނޑިތައް
ރ.އިންނަމާދޫ ސްކޫލުގެ ޓީޗަރެއް ކިޔައިދެއްވި ގޮތުގައި ސަލާމަކީ އެސްކޫލުގެ ގްރޭޑް 1 ގައި ތަޢުލީމު ޙާސިލްކުރަން ފެށިދުވަހުން ފެށިގެން ގްރޭޑް 8 ގައި އެ ސްކޫލާއި ވަކިވުމާއި ހަމައަށްވެސް ކޮންމެ ގްރޭޑެއްގައި އެންމެ މަތީ ނަތީޖާ ހޯދަމުން އައި ދަރިވަރެވެ. ގްރޭޑް 8 ނިންމުމަށްފަހު ރަށުން ސައިންސް ސްޓްރީމް ނުކިޔެވޭތީ މާލެ ބަދަލުވީ ސްކޫލްގެ ހުރިހައި ޓީޗަރުން ރޮއްވާލާފައި ކަމަށްވެސް އެ ޓީޗަރު ފާހަގަ ކުރެއްވިއެވެ. އަޙްމަދިއްޔާ ސްކޫލާ ގުޅުމަށްފަހު ގްރޭޑް 9 ނިންމާލާފައިވަނީ މުޅި ގްރޭޑުން 4 ވަނަ ދަރިވަރުގެ ގޮތުގައެވެ. އަދި ގްރޭޑް 10 ގެ އަހަރު ސްކޫލް ޓޮޕްޓެންގެ 7 ވަނަ އޭނާއަށް ލިބިފައިވާއިރު 2021-2022 ވަނަ އަހަރުގެ ޤައުމީ ގަދަ 10 ގައި އޭނާ އަށް ވަނީ 3 ވަނަ ލިބިފައެވެ.
ފާހަގަ ކޮށްލެވޭ ހުނަރުތައް
އުމުރުން އެންމެ 6 އަހަރުގައި އަބްދުއް ސަލާމްވަނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔަވަން ދަސްކޮށްފައެވެ. އިންނަމާދޫ ސްކޫލުގެ ޤުރުއާން މުބާރާތުގައި ޖެހިޖެހިގެން 4 އަހަރު އޭނާ ވަނީ 1ވަނަ ހޯދައިފައެވެ. އަދި އިންނަމާދޫ ކައުންސިލް ޤުރުއާން މުބާރާތުގައިވެސް 3 އަހަރަކު އޭނާ ވަނީ 1 ވަނަ ހޯދައިފައެވެ. މީގެ އިތުރުން 4 އަހަރު ރ. އަތޮޅު ޤުރުއާން މުބާރާތުގައި އިންނަމާދޫ ތަމްސީލުކޮށްފައި ވާއިރު އޭގެ ތެރެއިން 2 އަހަރުވަނީ އަތޮޅު މުބާރާތުގައިވެސް ވަނަ ހޯދައިފައެވެ. އަދި ފަލާޙް ޤުރުއާން މުބާރާތުގައި އޭނާވަނީ އަޙްމަދިއްޔާ ސްކޫލް ތަމްސީލުކޮށްފައެވެ. މީގެ އިތުރުން އަޙްމަދިއްޔާ ސްކޫލުގައި ހަޔަރސެކަންޑަރީ ކުދިންނަށް އެންމެ ފަހުން ބޭއްވުނު ޤުރުއާން މުބާރާތުންވެސް ސަލާމްވަނީ 3 ވަނަ ހޯދައިފައެވެ. ޤުރުއާން މުބާރާތްތަކުގެ އިތުރުން ސްކޫލް ފެންވަރުގައި ބޭއްވޭ ފުޓުބޯޅަ މުބާރާތްތަކާއި އެތްލެޓިކްސް މުބާރާތްތަކުންވެސް އޭނާ ވަނީ މެޑަލްތައް ހޯދައިފައެވެ.
ކެޕްޓަން ކަމަށް ކުރިމަތިލީ ސަބަބު އަދި ކެޕްޓަން އެއްގެ ގޮތުން ކޮށްދޭން ބޭނުންވާ ކަންކަން
އަބްދުއް ސަލާމް ބުނި ގޮތުގައި އޭނާ މިފަހަރު ކެޕްޓަން ކަމަށް ކުރިމަތިލާން ނިންމި މައިގަނޑު ސަބަބަކީ އޭނާއަކީ މި ސްކޫލުގައި 4 އަހަރު ތަޢުލީމު ހާސިލުކޮށް, ކުރިންވެސް މި ސްކޫލުގެ ބައިވަރު ހަރަކާތް ތަކުގައި އިސްކޮށް ހަރަކާތްތެރިވެ, މި ސްކޫލުގެ މަތީ މަޤާމުތައް ފުރާފައިވާ ދަރިވަރަކަށްވާތީ ކަމަށެވެ. މީގެ އިތުރުން ސަލާމް ކެޕްޓަންކަމަށް ކުރިމަތިލާން ވަރަށް ގިނަ ދަރިވަރުން އެދުނު ކަމަށްވެސް އޭނާ ބުނެފައިވެއެވެ. ކެޕްޓަންގެ މަޤާމު ލިބިއްޖެނަމަ އެންމެ އިސްކަމެއް ދީގެން ކޮށްދޭނީ ކޮންކަމެއްތޯ ސުވާލުކުރުމުން އޭނާ ބުނީ އޭނާގެ އެންމެ ބޮޑު އުންމީދަކީ އަޙްމަދިއްޔާއަކީ ކުދިން ކިޔަވާހިތްވާނެ ފަދަ އުފާވެރި މާޙައުލަކަށް ހެދުން ކަމަށެވެ. މިގޮތުން ކިޔެވުމާއި ގުޅޭ ހަރަކާތްތަކުގެ އިތުރުން އިންޓަރ ކްލާސް އަދި އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތަކާއި, މުނިފޫހި ފިލުވުމުގެ ގޮތުން ބޭއްވޭ ހަރަކާތްތަށް އިތުރުކުރުމަށް އޭނާ ބޮޑު އިސްކަމެއް ދޭނެ ކަމަށް ބުންޏެވެ.
ކެނޑިޑޭޓް ނަންބަރު 2 ކަށް ވޯޓު ދޭންވީ ސަބަބު
މިފަހަރު ކެޕްޓަންކަމަށް ކުރިމަތިލީ ދަރިވަރުންގެ ތެރެއިން އަޙުމަދިއްޔާގައި އެންމެ ގިނަ ދުވަސްވީ ދަރިވަރަކީ އަބްދުއް ސަލާމެވެ. އޭނާއަށް ނޭނގޭ ޓީޗަރެއް މިއަދު އަހުމަދިއްޔާ ސްކޫލަކު ނެތެވެ. އަދި އޭނާއަކީ ހުރިހައި ކުދިންނާވެސް ގުޅޭ, ކަންކަން ކުރަންކެރޭ, ކަންކަމުގައި ފަސް ނުޖެހޭ, ހީވާގި އަދި ކެއްތެރި ދަރިވަރެކެވެ. ރަނގަޅު ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހަ ސިފައަކުން އޭނާވަނީ ޖަރީކުރެވިފައެވެ.
އެޑިޓަރުގެ ނޯޓް: މި ކޮލަމްގައި ޝާއިޢު ކުރަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ ސާނަވީ ކެޕްޓަން ކަމަށް ކުރިމަތިލާފައިވާ ދަރިވަރުން ކެންޕޭން ކުރުމަށް އެ ދަރިވަރުން ފޮނުވާފައިވާ ލިޔުންތަކެވެ.