ބުރާސްފަތި, 17 އޭޕްރިލް 2025

ނުހާ ރިޟްވާން – އަނެއްކާވެސް ސްކޫލް ކެޕްޓަނަކަށް

ނުހާ ރިޟްވާނަކީ ސްކޫލްގެ ކެޕްޓަންކަން ކުރުމަށް އައު ދަރިވަރެއް ނޫނެވެ. ނުހާ ވަނީ 2021-2022 ގައި ޖަމާލުއްދީން ސްކޫލްގެ ކެޕްޓަންކަމުގެ މަޤާމު ފުރިހަމައަށް އަދާކޮށްފައެވެ. ހަމައެހެންމެ ތަޢުލީމީ ދާއިރާއިން ބޭރުގައިވެސް ނުހާ ވަނީ އޭނާގެ ހިންގުންތެރިކަން ނުހަނު ރަނގަޅަށް ސާބިތުކޮށްދީފައެވެ. އެގޮތުން ބައިނަލްއަޤްވާމީ މުބާރާތެއްގައި, ދިވެހިރާއްޖޭގެ ޤައުމީ އަންހެން ޗެސް ޓީމުގެ ކެޕްޓަންކަންވެސް ނުހާ ވަނީ އަދާކޮށްފައެވެ. މީގެ އިތުރުން, ތަޢުލީމީ އުދަރެހުގައިވެސް ނުހާއަކީ ފިޔަ ޖަހަމުން އަންނަ ތަރިއެކެވެ. ނުހާ ވަނީ މިދިޔަ އަހަރުގެ އޯ ލެވެލް ޓޮޕް ޓެންގެ ދެވަނަ ހާސިލްކޮށްފައެވެ. ހަމައެކަނި މި ސަބަބަބުތަކަށްޓަކާވެސް, އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ  12 އެޗް ގައި ކިޔަވަމުން އަންނަ ނުހާއަކީ މިފަހަރު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަޔަރ ސެކަންޑަރީ ކެޕްޓަންކަމަށް އެންމެ ކުފޫ ހަމަވާ ދަރިވަރުކަމާއި މެދު ޝައްކުކުރާނެ ކުޑަވެސް ޖާގައެއް ނެތެވެ.

ނުހާގެ ވަޢުދުތައް

  • އިންޓަރ ހައުސް އެތުލެޓިކްސް ފިއެސްޓާ ބޭއްވުން (ނަސީރު ސްޕޯޓްސް އެކަޑަމީ އާއި ގުޅިގެން)
  • ފަލަސްތީނަށް ފަނޑު ކުރުމަށްޓަކައި ސްކޫލް ފެއާއެއް އިންތިޒާމުކުރުން
  • އިންޓަރ ސްކޫލް – ހަޔާ ސެކަންޑަރީގައި އަޙްމަދިއްޔާއިން ވާދަކުރާ ކޮންމެ ޓީމެއްގެ ޖާޒީބައި ސްޕޮންސަރ ކުރުން (ކްރޮމެޓިކް އާޓްސް އެންޑް ޑިޒައިންގެ ފަރާތުން)
  • ރޯދަ މަހަށް ޚާއްސަ ކުރެވިގެން ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުން
  • ޗެސް އަދި ކެރަމް ވޯކްޝޮޕްތައް ބޭއްވުން (ދާއިރާގެ މޮޅެތި ޗެމްޕިއަނުންނާއި ފަންނާނުންނާއެކު)
  • ކޮންމެ ކްލާހެއްގައި އޭސީ ރިމޯޓެއް ހަރުކުރުން
  • ދަރިވަރުންގެ ޚިޔާލު ހޯދުމަށްފަހު, އެކުދިން އެންމެ ބޭނުންވާ މުބާރާތެއް އިންޓަރ ކްލާސް ފެންވަރުގައި އިންތިޒާމުކުރުން (މިސާލު: ފުޓްސަލް, ނެޓްބޯލް, ހޭންޑްބޯލް…)
  • ސްޓޫޑެންޓްސް ނައިޓް – ޓީޗަރުންގެ އައިޓަމްތަކާއެކު
  • ހިޔާ ޢީދު ބޭއްވުން

މި ހުރިހާ ވަޢުދުތަކަކީ ނުހާއަށް ފުއްދޭނެ ވަޢުދުތަކެއްކަން ޔަޤީން ކަށަވަރެވެ. މި ވަޢުދުތައް ވެފައިވާނީ ވަޢުދުތަކުގައި ހިމަނާފައިވާ ކަންކަން ސްކޫލްގެ ލީޑިންގ ޓީޗަރުންނާއި, އެސޯސިއޭޝަންތަކުގެ އިތުރުން ސްޕޮންސަރ ދޭ ކުންފުނިތަކާއި ޙިއްސާ ކުރުމަށްފަހު, އެފަރާތްތަކުގެ އިތުބާރާއެކުއެވެ.

މިހާރުވެސް ނުހާ ވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށްޓަކައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީ, ކާމިޔާބީތަކެއް ޙާސިލްކޮށްދީފައެވެ. އޭގެތެރެއިން, 24 ދަރިވަރުންނަށް އެއްފަހަރާ ކުޅެވޭ ވަރަށް ޗެސް ބޯޑާއި ކުޅިބައިގެ އިތުރުން, 20 ދަރިވަނުންނަށް އެއްފަހަރާ ބޭނުންކުރެވޭ ވަރަށް ގަޑި ސްކޫލަށް ހަދިޔާ ކޮށްދީފައިވާނެއެވެ.

 

ނުހާގެ ބައެއް ކާމިޔާބީތައް

  • ޖެހިޖެހިގެން 8 އަހަރު ނެޝަނަލް ޗެސް ޓީމުގައި ޤައުމު ތަމްސީލުކުރުން
  • މިހާތަނަށް ބޭއްވުނު އިންޓަރ ސްކޫލް ހުރިހާ ޗެސް މުބާރާތެއްގެ އެއްވަނަ އަދި 2023 އާއި ހަމައަށް ބޭއްވުނު ހުރިހާ ނެޝަނަލް ޖޫނިއާ ޗެސް ޗެމްޕިއަންޝިޕެއްގެ އެއްވަނަ ހާސިލްކުރުން
  • 2023 ވަނަ އަހަރު ބޭއްވި އިންޓަރ ސްކޫލް ޗެސް މުބާރާތުގެ ޓީމް އިވެންޓުން ތިންވަނަ ހޯދުން
  • ހިޔާ ޢީދުގެ އެކި ޙަރަކާތްތަކުގައި ބައިވެރިވެ ބަނދި, ރޭޑިއޯ ޑްރާމާ އަދި ވާދަ ރައިވަރު ކިޔުމުގައި ފާހަގަކޮށްލެވޭ ވަނަތައް ޙާސިލްކުރުން
  • ގްރެޖުއޭޝަން ޑާންސް އައިޓަމްގައި ބައިވެރިވުން
  • ޓީޓީ ފެސްޓިވަލުގައި ޙަރަކާތްތެރިވުން

 

އެޑިޓަރުގެ ނޯޓް: މި ކޮލަމްގައި ޝާއިޢު ކުރަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ މަތީ ސާނަވީ ކެޕްޓަން ކަމަށް ކުރިމަތިލާފައިވާ ދަރިވަރުން ކެންޕޭން ކުރުމަށް އެ ދަރިވަރުން ފޮނުވާފައިވާ ލިޔުންތަކެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *