ދަރިވަރުންނާއެކު އިތުރު ހަރުފަތަކަށް: އިޔާން

އާދުވަހަކަށް އިރުން ފޮނުވާލާ ފުރަތަމަ ރަން ދޯދިތަކާއެކު، ދުވަސް ފެށުމަށް ޓަކައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދޮރާށިން ވަދެގެން އަންނަ މުދައްރިސުންނާއި ދަރިވަރުންގެ ލޮލުގައި އެއް ދަރިވަރު އަޅައިނުގަނެ ނުދާނެއެވެ. އުފާވެރިކަމުން ފުރިފައިވާ ފުޅާ އަދި އުޖާލާ ހިނިތުންވުމަކާއެކު ދިމާވާ އެންމެންނަށް ހެދުނުގެ ސަލާމް ގޮވަމުން ކްލާހަށް މިސްރާބު ޖަހާ ދަރިވަރު ފެންނަ މީހާގެ މޫނަށް ވެސް އުފާވެރި ހިނިތުންވުމެއް ވެރިވާނެއެވެ. އެ ދަރިވަރަކީ އަޙްމަދިއްޔާގެ 12އޭގައި ތަޢުލީމު ހާސިލުކުރަމުންގެންދާ  އިޔާން ޢަލީ މޫސާއެވެ.

އިޔާންއަކީ އަޙްމަދިއްޔާގެ މުދައްރިސުންނާއި ދަރިވަރުންނަށް އާމޫނެއްނޫނެވެ. ސްކޫލުން ބާއްވާ ގިނަ ހަރަކާތްތަކުން ދަރިވަރުންނާއެކު އަބަދުވެސް ފެންނަ މޫނެކެވެ. ސްކޫލުގައި ބާއްވާ މުބާރާތްތަކުގައި އިސްވެ ހަރަކާތްތެރިވެ ދަރިވަރުންނަށް އަބަދުމެ އެހީގެ އަތެއް ފޯރުކޮށްދޭން ތައްޔާރަށް ހުރި އެންމެނަށް ވެސް ދެކެފަރިތަ މޫނެކެވެ. ސްކޫލް ތަމްސީލުކޮށް ބާއްވާ ގިނަ މުބާރާތްތަކަކުން ފެނިގެންދާ އެންމެން ވެސް ދަންނަ މޫނެކެވެ.

މިފަހަރު ކުރިއަށް މިދާ މަތީސާނަވީ އިންތިޚާބުގައި އިޔާން ވެސް މަތީ ސާނަވީ ކެޕްޓަންކަމަށް ވާދަކުރެއެވެ. ނަމަވެސް އިޔާންއަކީ މަތީ ސާނަވީ ކެޕްޓަންކަމަށް ލުމުގެ ކުރިން އަޙްމަދިއްޔާގެ ސާނަވީ ކެޕްޓަން ކަން ކޮށްފައިވާ ތަޖުރިބާހުރި އިސްވާރެކެވެ. ދަރިވަރުންނާއެކު ގުޅިގެން މަސައްކަތްކުރުމުގައި ތަޞައްވުރާއި  ޙިކުމަތާއި ހިންމަތް ގެންގުޅޭ ދަރިވަރެކެވެ. ދަރިވަރުންގެ އަޑުއަހާ ދަރިވަރުންގެ އަޑު ފޯރުކޮށްދިނުމަށް ޓަކައި ތައްޔާރަށް ހުރި ދަރިވަރެކެވެ. މުދައްރިސުންނާއި ގުޅޭ މުދައްރިސުންގެ ލޯބި ހޯދައިފައިވާ އުޖާލާ ދަރިވަރެކެވެ.

އިޔާންއަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ސާނަވީ ކެޕްޓަންކަމުގެ އިތުރަށް އެ އަހަރު އަޙްމަދިއްޔާގެ ސާނަވީ ގޮތުން އެންމެ ރަނގަޅު ދަރިވަރު ވެސް މެއެވެ. އެއަހަރު ޤައުމީ ގަދަ ދިހައެއްގެ 3 ވަނައިގައި ހިމެނުނު އިޔާން އަކީ ކިޔަވަން މޮޅު ވިސްނުންތޫނު ތޫނުފިލި ދަރިވަރެކެވެ. ސައިންސް ސްޓްރީމް ކިޔަވަމުންގެންދާ އިޔާންގެ ހުވަފެނަކީ އޭލެވެލްގެ ގަދަ ދިހައެއްގައި ވެސް ހިމެނި އޯލެވެލްއަށް ވުރެ ރަނގަޅު ނަތީޖާއެއް ހާސިލުކުރުމެވެ.

މީހުންނާ ގުޅޭ އެކުވެރި މިޒާޖެއް ލިބިފައިވާ އިޔާންއަކީ ފެންނަ ކޮންމެ މީހަކަށް ވެސް އުފާވެރި ހިނިތުންވުމަކާއެކުއެވެ ވަގުތުން ގޮވާލާ ދަރިވަރެކެވެ. އެއީ ދަންނަ އަދި ނުދަންނަ މީހެއް ކަމުގައި ވިޔަސްމެއެވެ. ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ފަސްޖެހުމެއްނެތި ބައިވެރިވެ، ސްކޫލުން ބައިވެރިވާ ހުރިހާ މުބާރާތަކަށްހެން ހިތްވަރުދޭން ގޮސް ކުރީ ސަފުގައި ހުންނަ ހީވާގި ދަރިވަރެކެވެ. ސްކޫލްގައި ބާއްވާ ހިޔާ ޢީދުގެ މުބާރާތްތަކުގެ އިތުރުން އޭލާ ދުވަހުގެ ހަރަކާތްތަކާއި ޤުރުއާން މުބާރާތާއި ވޯލްޑް ސްކޯލާސް ކަޕް އަދި މަޒުމޫނު ލިޔުމާއި، ޅެން ހެދުމާއި ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ވެސް ބައިވެރިވެފައިވާ ކުޅަދާނަ ދަރިވަރެކެވެ. އިޔާން އެންމެ ފާހަކަކޮށްލެވެނީ ވާހަކަދެއްކުމާއި ބަހުސްކުރުމަށް މޮޅު ދަރިވަރެއްގެ ގޮތުގައެވެ. ވާހަކަދެއްކުމުގެ 36 ޤައުމީ މުބާރާތުގައި މަތީސާނަވީ ގިންތިން 2ވަނަ ހޯދުމުގެ އިތުރަށް އޭނާ ވަނީ އެ އަހަރު ސްކޫލުގެ ހައުސްތަކުގެ މެދުގައި ބޭއްވި މަތީ ސާނަވީ ހިޔާއީދުގެ ބަހުސްއިން އެންމެ މޮޅު ބަހުސްކުރުންތެރިޔާގެ މަޤާމު ވެސް ހޯދާފައެވެ.

ސްކޫލެއްގެ އިސް ދަރިވަރެއްގެ ގޮތުގައި ހުރެ މަސައްކަތް ކޮށްފައިވާ ދަރިވަރެއްގެ ހައިސިއްޔަތުން ކުރިއަށް އޮތްތާވެސް އިޔާންގެ ތަޖުރިބާއާއެކު ދަރިވަރުންގެ ހުރި ހިތްހަމަނުޖެހުންތަކާއި ގޮންޖެހުންތައް ދެނެގަނެ  އެ މައްސަލަތައް ހައްލުކުރާނެ މަގުތައް ހޯދާނެކަމުގެ ޔަޤީންކަން އޭނާ އަރުވައެވެ. މަދަރުސީ ހަޔާތުގެ އެންމެ ފަހު މަރުހަލާ ކަނޑައްތުކުރަމުންގެންދާ ދަރިވަރުންގެ ސާނަވީ ދުވަސްތަކުގައި، އޭނާގެ ތަޖުރިބާހުރި ފިހިން ނަލަ ކުރެހުންތައް ކުރަހައިދީ، ހިތްގައިމު، ހަނދާނުންފޮހެލަން ދަތި މަންޒަރުތަކެއް ދަރިވަރުންގެ ހަޔާތުގައި ޖައްސައިދިނުމަކީ އިޔާންކުރާ ވަރަށް ފޮނި އުއްމީދެކެވެ. އިޔާން ޤަބޫލުކުރާ ގޮތުގައި ދަރިވަރުންނާއި ގުޅިގެން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޞަފުޙާތަކުގައި ރަންއަކުރުން ފެވިގެންދާނެ ވަނަތަކަކާ ނުފިލާނޭ އަގުހުރި ހަނދާންތަކެއް އޭނާއަށް އުފެއްދޭނެއެވެ.

ބޭނުންވަނީ ދަރިވަރުންގެ އެއްބާރުލުމެވެ. ބޭނުންވާނީ ދަރިވަރުންގެ އިތުބާރެވެ. ކުޑަކުޑަ ހިތްވަރެކެވެ. ކެންޑިޑޭޓް ނަމްބަރު 5ކަށް ވޯޓެކެވެ.

ދަރިވަރުންނާއެކު، ދަރިވަރުންގެ ހޮވުމެއްގެ ގޮތުގައި، ދަރިވަރުންގެ ޙައްޤުގައި އިތުރު ހަރުފަތަކަށް ދިއުމަށް ދަތުރު ފަށަން ކެންޑިޑޭޓް ނަމްބަރު 5 އިޔާން އަލީ މޫސާ ހުރީ ކެރިހުރެ ސާބިތުވެއެވެ.

 

އެޑިޓަރުގެ ނޯޓް: މި ކޮލަމްގައި ޝާއިޢު ކުރަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ މަތީ ސާނަވީ ކެޕްޓަން ކަމަށް ކުރިމަތިލާފައިވާ ދަރިވަރުން ކެންޕޭން ކުރުމަށް އެ ދަރިވަރުން ފޮނުވާފައިވާ ލިޔުންތަކެވެ.

 

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *