ބުރާސްފަތި, 24 އޭޕްރިލް 2025

ސްކޫލް ކެޕްޓަންކަމަށް މިފަހަރު އީނަތު

މިފަހަރު މަތީ ސާނަވީ ކެޕްޓަން ކަމަށް ވާދަކުރާ އައިޝަތު އީނަތު އިބްރާހިމަކީ ކުދިންނަށް އިޙްތިރާމްކުރާ ހިތްހެޔޮ ދަރިވަރެކެވެ. އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދަމަށްފަހު އީނަތު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ގުޅުނީ ވަރަށް ފޮނި އުމްމީދުތަކަކާ އެކުގައެވެ. އެގޮތުން ސްކޫލް ކެޕްޓަންކަމުގެ މަގާމު އަދާކުރުމަކީ ކުޑައިރުއްސުރެއްވެސް އީނަތު ދެކެމުން އަންނަ ހުވަފެނެކެވެ.  އީނަތުގެ އެކުވެރިން ބުނާ ގޮތުގައި އީނަތުއަކީ ކްލާހުގައިވެސް ކުދިންނަށް އެހީތެރިވެދީ ކަންކަމުގައި ފަސްނުޖެހޭ ހީވާގި ދަރިވަރެކެވެ. ސްކޫލް ދައުރުގައި ކިޔެވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ އިތުރުން، އީނަތު އަކީ އިތުރު ހަރަކާތްތަކުގައިވެސް ކުރިއެރުން ހޯދުމަށް ގަދަ އަޅާ މަސައްކަތްކުރާ ނަމޫނާ ދަރިވަރެކެވެ.

ކެންޑިޑޭޓް ނަންބަރ 1 ކަމުގައިވާ އައިޝަތު އީނަތު ކެޕްޓަން ކަމަށް ހޮވެންވީ ގިނަ ސަބަބުތަކެއް ވާއިރު ފާހަގަ ކޮށްލެވޭ ސަބަބުތަކަކީ، އީނަތުއަކީ ކުދިންނާ ގުޅިގެން މަސައްކަތް ކުރާ، ހަވާލުކުރެވޭ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކޮށް އަދި ކަންކަމުގައި އިސްނަގާ ދަރިވަރެކެވެ. އީނަތު ދެކޭ ގޮތުގައި އޭނާ އަކީ ސްކޫލް ކުރިއަށްވުރެ ރަނގަޅުކޮށް ސްކޫލަށް ރީތި ނަމެއް ހޯދައިދިނުމުގެ ގާބިލަކަން ހުރި ދަރިވަރެކެވެ. އަދި މީގެ އިތުރުން އީނަތުވަނީ ދަރިވަރުންގެ ޝަކުވާތަކާ އިހްސާސްތައް އަޑުއަހާ ދަރިވަރުންނާ އެކީ ގާތުން މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅައިފައެވެ. ހަމަމިއާއެކު ސާނަވީ ތައުލީމުގައި އީނަތު އިސްކަންދަރު ސްކޫލްގެ ހައުސް ކެޕްޓަންކަމުގެ މަގާމު އަދާކޮށްފައި ވާތީ އޭނާ އަކީ ސްކޫލްގެ އިސް މަގާމުތަކުގެ ޒިންމާތައް ވަރަށް ރަނގަޅަށް އެނގޭ، ސްކޫލް ތަމްސީލުކުރުމުގައި ލާމަސީލު ނަމޫނާއެކެވެ.

މި ޝަރަފުވެރި މަގާމަށް އީނަތު ހޮވިއްޖެނަމަ މި ދިރާސީ އަހަރު ވެގެން ދާނީ ހުރިހާ ދަރިވަރުންނަށްވެސް ވަރަށް ފުރިހަމަ، އަދި ގިނަ ހަރަކާތްތަކެއް އެކުލެވިގެންވާ އަހަރެއްކަމީ ޝައްކެއްވެސް ނެތް ކަމެކެވެ. އެގޮތުން  އީނަތުގެ އުއްމީދަކީ ކްލަބް ހަރަކާތްތައް އިތުރުކޮށް، އިންޓަރ ކްލާސް ފުޓްސަލް، ބާސްކެޓްބޯލް، ހޭންޑްބޯލް، ވޮލީބޯލް އަދި ފީފާ ފަދަ އީ ސްޕޯރޓްސް ތައާރަފް ކުރުމަށް މަސައްކަތް ކުރުމަށެވެ. މީގެ އިތުރުން ގޭމް ނައިޓް، ސްޓޫޑެންޓް ނައިޓް، ސައިންސް އަދި ސްކޫލް ފެއާތައް ބާއްވާ، އޭލާ ޑޭ އާއި ހިޔާ އީދުގެ އިތުރުން އިންޓަރ ހައުސް ކެރަމް އާއި ޗެސް މުބާރާތްތައް ބޭއްވުމަށް އުއްމީދުކުރެއެވެ. އީނަތު ވައުދުވަނީ އަޙްމަދިއްޔާއަކީ ކިޔެވުމަށް ފަހި، ހިތްފަސޭހަ އަދި މަޖާ މާހައުލަކަށް ހަދައިދިނުމަށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *