ބުރާސްފަތި, 24 އޭޕްރިލް 2025

މަތީ ސާނަވީ ސްޓޫޑެންޓް ކައުންސިލް އިންތިޚާބު ބާއްވައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންގެ ސްޓޫޑެންޓް ކައުންސިލް އިންތިޚާބު މިއަދު ބާއްވައިފިއެވެ.

ތަފާތު 16 މަގާމަކަށް 26 ދަރިވަރަކު ކުރިމަތިލާފައިވާ މި އިންތިޚާބުގައި ސްކޫލް ކެޕްޓަނާއި، އަންހެން އަދި ފިރިހެން ޑެޕިއުޓީ ކެޕްޓަނަކާއި، މި ސްކޫލްގެ 4 ހައުސް ކަމަށްވާ ޖަނަވަރީ، ކާމިނީ، ހުވަނދުމާ އަދި ޗާނދަނީ ހައުސްގެ ކެޕްޓަނުންނާއި، ދިވެހި ޖަމިއްޔާ "ހިޔާ" އަދި އިނގިރޭސި ޖަމިއްޔާ އަޙްމަދިއްޔާ އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން (އޭލާ)ގެ ރައީސާއި، ސައިންސް ކްލަބާއި، ބިޒްނަސް ކްލަބާއި، އެންވަޔަރަމެންޓް ކްލަބުގެ އިތުރުން ހިއުމަންރައިޓްސް ކްލަބުގެ ރައީސުން ހޮވާނެ އެވެ.


މި މަގާމްތަކަށް މެންބަރުން ހޮވުމުގައި ދަރިވަރުންގެ ވޯޓުގެ ނަތީޖާގެ އިތުރުން ވޭތުވެދިޔަ ދިރާސީ އަހަރުގެ ފަހު އިމްތިޙާނުގައި ހޯދި ނަތީޖާއަށް ވެސް ބަލައެވެ. އަދި ޕްރިންސިޕަލް މުޙައްމަދު ރަޝީދު އިސްވެ އިންނެވި، ސީނިއަރ މެނޭޖްމަންޓުގެ ބޭފުޅުންގެ އިންޓަވިއު ޕެނަލަކުން ސްކޫލް ކެޕްޓަންކަމަށް ވާދަކުރި ދަރިވަރުންނާ، އިންޓަވިއުކޮށް، އެ އިންޓަވިއުގެ ނަތީޖާއަށް ވެސް ކެޕްޓަނަކު ހޮވުމުގައި ބަލައެވެ.

މަގާމްތަކަށް ކުރިމަތިލި ހުރިހާ ދަރިވަރުންނަށް ކެންޕެއިންކުރުމުގެ ފަހު ފުރުސަތެއްގެ ގޮތުން އިއްޔެއާއި ރޭ ވަނީ ތަފާތު ދެ ހަރަކާތެއް ބާއްވާފައެވެ. އެގޮތުން އިއްޔެ ގްރޭޑް 12އަށް ބޭއްވި އެސެމްބްލީއަކާއި، ގްރޭޑް11އަށް ބޭއްވި އެސެމްބްލީއެއްގައި، މަގާމްތަކަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ތަޢާރަފްވެ، ކެންޕެއިންކުރުމުގެ ހަމަހަމަ ފުރުސަތުދީފައިވެއެވެ.

އަދި ރޭ ވަނީ ކެޕްޓަންކަމަށް ކުރިމަތިލި 6 ދަރިވަރުންގެ މެދުގައި ވަރަށް ފޯރިގަދަ ބަހުސެއް ބާއްވާފައެވެ. ފާއިތުވެދިޔަ ދިރާސީ އަހަރުގެ ސްޓޫޑެންޓް ކައުންސިލްގެ އެހީތެރިކަމާއެކު ބޭއްވި މި ބަހުސްގެ މޮޑެރޭޓަރަކީ މަތީ ސާނަވީ ދިވެހި މުދައްރިސް އިބްރާހީމް ރާމިޒެވެ.

ފޯރިގަދަ ކެންޕެއިނަކަށް ފަހު ބޭއްވި މި އިންތިޚާބުގެ ނަތީޖާފާޅުކުރާނީ މިއަންނަ އާދީއްތަ ދުވަހު މިކަމަށްޓަކައި ބާއްވާ ޚާއްޞަ އެސެމްބްލީއެއްގައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

  1. ރާމިޒް ސަރ ވ. މޮޅު ހުށަހެޅުން. މިއަންނަ އަހަރު ވެސް ސަރއާއެކު މި ބަހުސް އޮންނާނެކަމަށް އުއްމީދުކުރަން.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *