الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ސުންނަތަކީ އަހަރެމެން އިސްލާމްދީނުގެ ތެރެއަށް ވަނުމަށް ބޭނުންވާ ޝަހާދަތުގެ ދެވަނަ ކަލިމައިގައި އެބޭކަލެއްގެ ރަސޫލުކަމަށް އިޢުތިރާފުވި އެންމެފަހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ގޮތެވެ. އެއީ އެކަލޭގެފާނު އަހަރެމެން އެއެއްޗަކަށް ތަބާވުމަށް ގެނެސްދެއްވި ކޮންމެ ގޮތެކެވެ. މުސްލިމެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެހައި ގޮތެއް ވަރަށް ތަފްޞީލުކޮށް އެކަލޭގެފާނު ބަޔާންކޮށްދެއްވިއެވެ. މުއުމިނެއްގެ ޤަބޫލުކުރުންތައް ހުންނަންޖެހޭ ގޮތްތައް ގެނެސްދެއްވިއެވެ. މުސްލިމެއްގެ އަޅުކަމުގެ ޢަމަލުތަކާއި މީސްތަކުންނާއި މުޢާމަލާތު ކުރާނެ ގޮތްތަކާއި މުސްލިމެއްގެ އަޚްލާޤު ހުންނަންވާ ގޮތްތައްވެސް ގެނެސްދެއްވިއެވެ. އެއެންމެހައި ކަމެއްގައި ހިފުމަކީ އެކަލޭގެފާނުގެ ސުންނަތުގައި ހިފުމެވެ.
ވީމާ ސުންނަތުގައި ހިފުމަކީ އެކިކަންކަމުގައި އެކަލޭގެފާނު ޤަބޫލުކުރަން އިރުޝާދު ދެއްވިގޮތަށް އަހަރެމެން އެކަންކަން ޤަބޫލުކުރުމެވެ. މިސާލަކަށް ކީރިތި ޤުރުއާނުގައިވާ ބަސްފުޅުތަކާއި މެދު އެކަލޭގެފާނު ޤަބޫލުފުޅު ކުރެއްވީ އަދި އުންމަތަށް ޤަބޫލުކުރުމަށް ބުނެދެއްވީ އެއީ މާތްﷲ ގެ ކަލާމްފުޅުކަމާއި ބަސްފުޅުކަމެވެ. ބަސްވަޙީ ކުރެއްވުމީ އެކަލާނގެ ޛާތުފުޅުގައިވާ ސިފަފުޅެއްކަމެވެ. އެއީ އެކަލާނގެ އުފައްދަވާ އެއްޗެއް ނޫނެވެ. ނަމަވެސް އެވަރަށް ބަޔާންކުރައްވާފައި ވަނިކޮށް ފަސްވަނަ ޢައްބާސީ ޚަލީފާ ހާރޫނުއްރަޝީދު (އަވަހާރަވީ ހިޖުރައިން 193ގަ) ޤަބޫލުކުރެއްވީ އަދި އޭރުގެ އެންމެހައި މުސްލިމުން ޤަބޫލުކުރުމަށް މަޖުބޫރު ކުރެއްވީ ކީރިތި ޤުރުއާނުގައިވާ ބަސްފުޅުތަކަކީ މާތްﷲ ގެ ބަސްފުޅުތަކެއް ނޫންކަމާއި އެއީ ﷲ އުފެއްދެވި މަޚްލޫޤެއް ކަމެވެ. ވީމާ އެއީ ސުންނަތާއި ޚިލާފު ޤަބޫލުކުރުމެކެވެ. ނަމަވެސް ސުންނަތުގައި ހިފުމަކީ އެކަމާމެދުވެސް އަދި އެފަދަ އެންމެހައި ކަމެއްގައިވެސް ރަސޫލާ صلى الله عليه وسلم އުންމަތަށް ބުނެދެއްވާފައިވާ ގޮތަށް ޤަބޫލުކޮށް އެގޮތުގައި ސާބިތުވުމެވެ.
އަދި މާތްﷲ އަށް އަޅުކަން ކުރާނޭގޮތް އެކަލޭގެފާނު ތަފްޞީލުކޮށް ކިޔައިދެއްވާފައިވާއިރު، އަޅުކަމުގެ އެންމެހައި ކަމެއް އެކަލޭގެފާނު ކުރެއްވިގޮތަށް އަދި ކުރުމަށް އުންމަތަށް އިރުޝާދު ދެއްވިގޮތަށް ކުރުމަކީ ސުންނަތަށް ތަބާވުމެވެ. މިސާލަކަށް ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ((صَلُّوا كَمَا رَأَيْتُمُونِي أُصَلِّي)) މާނައީ: [ތިމަންކަލޭގެފާނު ނަމާދު ކުރައްވަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ތިޔަބައިމީހުން ނަމާދުކުރާށެވެ.] އަދި ޞަޙީޙް މުސްލިމްގައި ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ: ((خُذُوا عَنِّي مَنَاسِكَكُمْ)) މާނައީ: [ތިޔަބައިމީހުންގެ ޙައްޖުގައި އަދާކުރާ އަޅުކަންތައް ތިމަންނަބިއްޔާގެ އަރިހުން ތިޔަބައިމީހުން ލިބިގަންނާށެވެ.] ވީމާ ނަމާދާއި ޙައްޖާއި ރޯދައާއި ޒަކާތާއި އަދި އެނޫންވެސް އަޅުކަންތައް ކުރުމުގައި އެނަބިއްޔާ ގެނެސްދެއްވި އެންމެހައި ގޮތެއްގައި އަހަރެމެން ހިފަންޖެހޭނެއެވެ. އަޅުކަމުގައި ސުންނަތަށް ތަބާވެވޭނީ އޭރުންނެވެ. އޭގެއިތުރުން އެކިމީސްތަކުންނާއި އެކު ކުރެވޭ އެކިއެކި މުޢާމަލާތްތަކުގައިވެސް އެކަލޭގެފަނު، އެގޮތްތަކެއްގައި ހިފަން އަންގަވާ އިރުޝާދު ދެއްވި ގޮތްތަކުގައި ހިފުމަކީ ސުންނަތަށް ތަބާވުމެވެ. އަދި ހަމައޭގެ އިތުރުން ތިމާމެންގެ އަޚްލާޤީ ސިފަތައް ބައްޓަން ކުރުމުގައިވެސް، އެކަލޭގެފާނުގެ އަޚްލާޤުފުޅު ނަމޫނާއަކަށް ބެލުމަކީ އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމެވެ. ތިމާގެ ޒާތީ އަމިއްލަ ދިރިއުޅުމުގައި ނުވަތަ ގޭތެރޭގެ ދިރިއުޅުމުގައިވެސް އެކަލޭގެފާނުގެ ޒަވާޖީ ޙަޔާތްޕުޅާއި ކެއުންބުއިމާއި ނިދިކުރެއްވުމާއި ހެދުން ތުރުކުރެއްވުމުގައި ގެންގުޅުއްވި ގޮތްތަކުގައި އަދި ތިމާގެ ދިރިއުޅުމުގައިވެސް އެކަންކަން ނަމޫނާއަކަށް ބެލުމަކީ އެއީވެސް ސުންނަތަށް ތަބާވުމެވެ. އަދި ކުރަން އަންގަވާފައިވާ ކަންކަމަށްވުރެވެސް މުހިންމުވެގެންވަނީ، އިސްވެ ބުނެވިދިޔަ އެންމެހައި ދާއިރާތަކުގައި އެކަލޭގެފާނު އެކަންކަމާއިމެދު އެކަމެއް ނުކުރަން ވިދާޅުވި އެންމެހައި ކަންކަމުން ދުރުހެލިވުމެވެ. އެކަންކަމުން ދުރުހެލިވުމުންވެސް އެމީހަކު އެސުންނަތަށް ތަބާވީއެވެ.
އެފަދައިން ތަބާވާންވީ ކަންކަން އެކަލޭގެފާނުގެ ވަށައިގެން ތިއްބެވި ބޭކަލުންނަށް އެކަލޭގެފާނުވަނީ ވަރަށް ފުރިހަމައަށް ފޯރުކޮށްދެއްވާ ދައްކަވާފައެވެ. އޭގައި ނުސާފުކަން އޮތް އެއްވެސް ކަމެއް ނުވެއެވެ. އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((تَرَكْتُكُمْ عَلَى البَيْضَاءِ لَيْلُهَا كَنَهَارِهَا لَا يَزِيغُ عَنْهَا بَعْدِي إِلَّا هَالِكٌ، وَمَنْ يَعِشْ مِنْكُمْ فَسَيَرَى اِخْتِلَافًا كَثِيرًا فَعَلَيْكُمْ بِـمَا عَرَفْتُمْ مِنْ سُنَّتِي وَسُنَّةِ الْـخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ)) މާނައީ: [ތިޔަބައިމީހުންނަށް ތިމަންނަބިއްޔާ ދޫކުރެއްވި (ސުންނަތް) ދޫކުރެއްވީ ސާފުހުދުކަންމަތީގައެވެ. އޭގެ ރޭގަނޑުވެސް އޭގެ ދުވާލުފަދައެވެ. (މާނައީ އެސުންނަތުގައި އެއްވެސް އަނދިރިކަން އޮތް އެއްޗެއް ނުވެއެވެ.) ތިމަންނަބިއްޔާއަށް ފަހު ހަލާކުގެ ތެރެއަށް ދާނެ މީހަކު ނޫނީ އެއިން އެއްކިބާވެގެން ނުދާނެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ކުރިއަށްއޮތްތާ ދިރިއުޅޭނެ މީހުންނަށް ގިނަގުނަ ޚިޔާލުތަފާތުވުންތައް ފެންނާނެތެވެ. ވީމާ ތިޔަބައިމީހުންގެ މައްޗަށް އޮތީ ތިމަންނަބިއްޔާގެ ސުންނަތުންނާއި ޚުލަފާއުއްރާޝިދޫންގެ ހިދާޔަތުން ތިޔަބައިމީހުންނަށް އެނގުނު އެއްޗެއްގައި ހިފުމެވެ.] ހަލާކުގެ ތެރެއިން ސަލާމަތްވެ ސަލާމަތުގެ އައްސޭރިއަށް ދެވެންއޮތީ ސުންނަތުގެ އޮޑިއަށް އަރައިގެންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އަށް ތަބާވާ ކޮންމެމީހަކު އެވަނީ އެކަލޭގެފާނުގެ ނައުކޮޅަށް އަރާފައެވެ. އެއީ ދުނިޔޭގައި ކުރިމަތިވާނޭ ގަދައޮޔާ ގަދަރާޅުތަކާއި ގަދަފަދަ ވައިން ސަލާމަތްވުމަށެވެ. އޭގެތެރެއަށް ޣަރަޤުވެގެން ނުގޮސް ސަލާމަތްވާނީ ސުންނަތުގެ ނައުކޮޅުންނެވެ.
ނޫޙު عليه السلام ވެސް ގޮވާލެއްވީ އެކަލޭގެފާނަށް ތަބާވީމީހުންނަށް އެކަލޭގެފާނުގެ ނައުކޮޅަށް އެރުމަށެވެ. އެއީ މާތްﷲ ޢަޛާބުގެ ގޮތުގައި ފޮނުއްވި ގަދަފަދަ ވަޔާއި ވަރުގަދަ ރާޅުތަކަކުން ސަލާމަތްވުމަށެވެ. އެކަލޭގެފާނަށް އެކަމުގައި ތަބާވި މީހުން ސަލާމަތުގެ އައްސޭރިއަށް ވާޞިލުވީ ފަދައިން މިއުންމަތުގެ މީހުންނަށްވެސް ސަލާމަތުގެ އައްސޭރިއަށް ވާޞިލުވެވޭނީ މިއުންމަތަށް އެކަލާނގެ ޢަޛާބުގެ ގޮތުގައި ފޮނުއްވާނެ، ގަދަފަދަ ވަޔާއި ޠޫފާނުން ސަލާމަތްވެގެންނެވެ. މިއުންމަތަށް އެކަލާނގެ ފޮނުއްވާ ވަރުގަދަ ތޫފާނަކީ މީހުންގެ މެދުގައި އުފެދޭ ބޮޑެތި އިޚްތިލާފުތަކާއި ދެކޮޅުވެރިކަމާއެކު އަންނަ ފިތުނައިގެ ރޯޅިތަކުންނެވެ. އަހަރެމެންގެ މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ސަލާމަތްކަން ލިބިގަނެގެން ނޫނީ އެފިތުނައިގެ ޠޫފާނުން ސަލާމަތްނުވާނެއެވެ. އިބްނުލް ޤައްޔިމް އެބޭފުޅާގެ "އިޢުލާމުލް މުވައްޤިޢީން" ގައި ޢުމަރުގެފާނު އަރިހުން ގެންނެވި ރިވާޔަތެއްގައިވެއެވެ. ޢުމަރު رضي الله عنه ވިދާޅުވިއެވެ: (إِيَّاكُمْ وَأَصْحَابَ الرَّأْيِ فَإِنَّهُمْ أَعْدَاءُ السُّنَنِ، أَعْيَتَهُمْ الْأَحَادِيثُ أَنْ يَـحْفَظُوهَا، فَقَالُوا بِالرَّأْيِ، فَضَلُّوا وَأَضَلُّوا) މާނައީ: "އަމިއްލަ ވިސްނުމަށް ދީނީކަންކަމުގެ ގޮތް ނިންމާމީހުންނާ ތިޔަބައިމީހުން ދުރުހެލިވާށެވެ. އެހެނީ ހަމަކަށަވަރުން އެބައިމީހުންނީ ސުންނަތުގެ ޢަދުއްވުންނެވެ. އެބައިމީހުންނަށް ޙަދީޘްތައް ހިތުދަސްކުރުމަށް އުނދަގޫވުމުން، އެބައިމީހުން (ދީނީ ކަންކަމުގައި ބަސްބުނަނީ) އަމިއްލަ ރައުޔުގެ މައްޗަށެވެ. ދެން އެބައިމީހުން މަގުފުރެދެއެވެ. އަދި އެހެންމީހުންވެސް މަގުފުރައްދައެވެ."
ވީމާ ފަލާޙާއި ކާމިޔާބު ލިބިގެންވަނީ މިއުންމަތުގެ ނަބިއްޔާ ދެއްކެވި ނައުކޮޅަށް އަރައިގެންނެވެ. އިމާމް މާލިކު رحمه الله ވިދާޅުވި ފަދައިންނެވެ. އަލްހަރަވީ ގެ "ޛައްމުލްކަލާމް" ފޮތުގައި ވެއެވެ. އަލްއިމާމް ބުން އަނަސް رحمه الله ވިދާޅުވިއެވެ: "السُّنَّةُ سَفِينَةُ نُوحٍ مَنْ رَكِبَهَا نَـجَا وَمَنْ تَـخَلَّفَ عَنْهَا غَرقَ" މާނައީ: "ސުންނަތަކީ ނޫޙު عليه السلام ގެ ނައުކޮޅެވެ. އެސުންނަތުގެ ނައުކޮޅަށް އަރައިފިމީހާ ފަހެ ސަލާމަތް ވެއްޖެއެވެ. އަދި އެއަށް ނާރާ ދުރުވެގެންފިމީހާ ޣަރަޤުވެއްޖެއެވެ."
އަޅަމެންނީ ސުންނަތުގެ ނައުކޮޅަށް އަރާ ސަލާމަތްކަން ލިބިގަންނަބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.