އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުން އެކޮލޮޖީ ދަތުރެއްގައި އިއްޔެ މާލެ އަތޮޅު ގުޅިއަށް ޒިޔާރަތް ކޮށްފިއެވެ. މިދަތުރުގައި އަޙްމަދިއްޔާ ގްރޭޑް 10 ސައިންސް ސްޓްރީމްގެ 89 ދަރިވަރުންނާއި ޓީޗަރުން ބައިވެރިވިއެވެ.
މި ދަތުރުގައި ގުޅީގެ އެކި އެކި ދިރުންތަކާ ބެހޭ މަޢުލޫމާތު ދަރިވަރުން ހޯދިއެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރު ވައްތަރުގެ ގަސްގަހާގެހީގެ ބާވަތްތައް ދެނެގަނެ އެގަސްތަކާ ބެހޭ މަޢުލޫމާތު ހޯދިއެވެ.
އަދި ތަފާތު ސޫފާސޫފީގެ ވައްތަރުތައް ހޯދާ އެއާބެހޭ ގޮތުންވެސް މަޢުލޫމާތު އޮޅުންފިލުވިއެވެ.
ރަށުގައި ޕްލާސްޓިކް ގެންގުޅޭ މިންވަރު ބަލައި ދިރާސާކޮށް އެތަކެތި ނައްތާލާ ގޮތުގެ މަޢުލޫމާތުވެސް ދަރިވަރުން އޮޅުން ފިލުވިއެވެ.
އަދި އެރަށަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ރަށަކަށްވާތީ ޓޫރިޒަމްގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ކުރަމުންދާ އަސަރުތަކާމެދުވެސް މަޢުލޫމާތު ހޯދިއެވެ.