އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ޑެޕިއުޓީ ކެޕްޓަނުންނަށް މިފަހަރު ހޮވުނީ 12އެޗްގެ ނުހާ ރިޟްވާން އާއި، 12ޖީގެ ޝައިބާން ޝަފީގެވެ. މި ދެކުދިން ޑެޕިއުޓީ ކެޕްޓަނުންނަށް ހޮވުނީ ސްކޫލް ކެޕްޓަން ކަމަށް ކުރިމަތިލައި ދެވަނަ އާއި ތިންވަނަ ހޯދައިގެންނެވެ. ނުހާ އާއި ޝައިބާން އަކީ ވެސް ތަޢުލީމީ ގޮތުންނާއި ކުޅިވަރުގެ ރޮނގުންނާއި އަދަބީ ޙަރަކާތްތަކުގައިވެސް ފާހަގަކޮށްލެވޭ މަތީ ވަނަތަކެއް ހޯދާފައިވާ ދެ ދަރިވަރުންނެވެ.
ނުހާ ވަނީ 2021-2022 ގައި ޖަމާލުއްދީން ސްކޫލްގެ ކެޕްޓަންކަމުގެ މަޤާމު އަދާކޮށްފައެވެ. ބައިނަލްއަޤްވާމީ މުބާރާތެއްގައި، ދިވެހިރާއްޖޭގެ ޤައުމީ އަންހެން ޗެސް ޓީމުގެ ކެޕްޓަންކަންވެސް ނުހާވަނީ އަދާކޮށްފައެވެ. ތަޢުލީމީ ގޮތުން ނުހާ ވަނީ މިދިޔަ އަހަރުގެ އޯ ލެވެލް ޓޮޕް ޓެންގެ ދެވަނަ ހާސިލްކޮށްފައެވެ.
ނުހާގެ ކާމިޔާބީ ތަކަށް ބަލާލާއިރު ޖެހިޖެހިގެން 8 އަހަރު ނެޝަނަލް ޗެސް ޓީމުގައި ޤައުމު ތަމްސީލުކޮށްފައި ވެއެވެ. މިހާތަނަށް ބޭއްވުނު އިންޓަރ ސްކޫލް ހުރިހާ ޗެސް މުބާރާތެއްގެ އެއްވަނަ އަދި 2023 އާއި ހަމައަށް ބޭއްވުނު ހުރިހާ ނެޝަނަލް ޖޫނިއާ ޗެސް ޗެމްޕިއަންޝިޕެއްގައި ނުހާ ވަނީ އެއްވަނަ ހާސިލްކޮށްފައެވެ.
2023 ވަނަ އަހަރު ބޭއްވި އިންޓަރ ސްކޫލް ޗެސް މުބާރާތުގެ ޓީމް އިވެންޓުން ނުހާވަނީ ތިންވަނަ ހޯދާފައެވެ. މީގެ އިތުރަށް އަޙްމަދިއްޔާގެ އަދަބީ ޖަމްޢިއްޔާ ދަރިވަރުންގެ ހިޔާ އިން ބޭއްވި ހިޔާ ޢީދުގެ އެކި ޙަރަކާތްތަކުގައި ބައިވެރިވެ ބަނދި، ރޭޑިއޯ ޑްރާމާ އަދި ވާދަ ރައިވަރު ކިޔުމުގައި ފާހަގަކޮށްލެވޭ ވަނަތަކެއް ވެސް ނުހާވަނީ ޙާސިލްކޮށްފައެވެ.
ޝައިބާނަކީ ތ. ދިޔަމިގިލި ސުކޫލުގައި ގުރޭޑު ހަޔަކުން ފެށިގެން އެސުކޫލުގެ ޕްރިފެކްޓް ބޯޑުގައި ހަރަކާތްތެރިވަމުން އައި ދަރިވަރެކެވެ. އަދި މީގެ އިތުރުން އޭނާއަކީ ގުރޭޑު 8 އަދި 9 ގައި އެ ސުކޫލުގެ ގޭމްސް ކެޕްޓެންކަން ކޮށްފައިވާ ދަރިވަރެކެވެ. އެއަށްފަހު ޝައިބާން ވަނީ ގުރޭޑު 10ގައި ދިޔަމިގިލި ސުކޫލުގެ ކެޕްޓަންކަމުގެ މަގާމު އަދާކޮށްފައެވެ.
ޝައިބާނަކީ އަޙްމަދިއްޔާއިންޓަނޭޝަނަލް ސްކޫލްގައި ބޭއްވުނު އިތުރު ހަރަކާތްތަކެއްގައި ބައިވެރިވެފައިވާ ދަރިވަރެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ހަރަކާތްތަކަކީ، އިންޓަ ސްކޫލު ފުޓުބޯޅަ މުބާރާތުގައި އަހުމަދިއްޔާ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔަކަށް ވުމާއި، އިންޓަ ސްކޫލު އެތްލެޓިކްސް މުބާރާތުގެ 100މ ރޭހުގައި އަހުމަދިއްޔާ ތަމްސީލުކުރުމާއި ދަރިވަރުންގެ ހިޔާގެ ހިޔާ އީދުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި އިންޓަ ކުލާސް ފުޓްސަލް މުބާރާތުގައި ވާދަކޮށް، ކ.ގުޅީގައި ބޭއްވުނު އެމުބާރާތުގެ ފައިނަލް މެޗް ކުޅުން ހިމެނެއެވެ.
ޝައިބާން ގެ ތަޢުލީމީ ރޮނގުން ލިބިފައިވާ ކާމިޔާބީ ތަކަށް ބަލާލާއިރު އޯލެވަލްގެ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުމާއި އޯލެވަލްގައި އެކައުންޓް މާއްދާއިން ރާއްޖޭގެ އެއްވަނަ ހޯދުމާއި ގުރޭޑު 7ގައި އިނގިރޭސި މާއްދާއިން އޯލެވަލްގައި ބައިވެރިވެ އޭ ގުރޭޑެއް ހޯދުން ހިމެނެއެވެ.