އާރޓިކަލް 149 : ޢަމަލުނުކޮށް އީމާންވެވުނުކަމަކަށް ނުވާނެއެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އިސްލާމްދީނުގެ ހިދާޔަތް ލިބިގަތް އެންމެފުރަތަމަ ބޭކަލުން އެހިދާޔަތް ލިބިގަތީ، ރަސޫލާ صلى الله عليه وسلم ގެ އަރިހުން އެބޭކަލުންނާ ހަމައަށް އަންނަ ކޮންމެކަމަކަށް ތަބާވުމަށް ތައްޔާރުވެގެންނެވެ. އެބޭކަލުން އިސްލާމްވީ މާތްﷲ އަށާއި އެކަލާނގެ ރަސޫލާއަށް ބޯލަނބައި ކިޔަމަންގަތުމަށެވެ. އެބޭކަލުން އިސްލާމްވީ އިސްލާމްވުމަށް ފަހުގައިވެސް ހިތުހުރިގޮތަކަށް އުޅުމަކަށް ނޫނެވެ. އިސްލާމްވީ ނަމެއްގައި ކަމުގައިވުމަށްވުރެ ކަމެއްގައިވެސް މެއެވެ. އެއީ އެބޭކަލުންނަށް ވީ އެންމެފުރިހަމައަކަށް އިސްލާމްދީނުގެ ކަންކަމަށް ޢަމަލުކޮށް ޢަމަލުކުރުމުގައި ސާބިތުވެ އެގޮތުގައި ކުރިއަރާ ދިއުމަށެވެ.

ނަމަވެސް މިއަދު ބައެއް މުސްލިމުންގެ ކިބައިން ފެންނަނީ އިސްލާމްދީނާއި މެދު އެބައިމީހުން ބޭނުންގޮތަކަށް މާނަކުރާތަނެވެ. އޭގެތެރެއިން ބަޔަކު މީހުން ދެކޭގޮތުގައި ހަމައެކަނި ހިތުން ޤަބޫލުކުރުމުން އެ އީމާންވެވުނީއެވެ. އަދި އޭރުން އެއްވެސް ޢަމަލެއް ނުކުރިއަސްވެސް، ނުވަތަ އެބައިމީހުންނަށް ކުރަން ފަސޭހަ ކޮންމެ ކަމެއް ކޮށްފައިވެސް، އުނދަގޫވެއްޖެ ކޮންމެ ކަމެއް ދޫކޮށްލުމުންވެސް، އެބައިމީހުންނަށް އެއުޅެވެނީ ހަމަ އިސްލާމްދީނަށް ކަމުގައި ދެކެއެވެ. މިއީ ކޮންފަދަ ބޮޑު ކުށްހީއެއް ހެއްޔެވެ؟! އެހެން ޢިބާރާތަކުން ބުނަނީ ނަމަ މިއަދު ގިނަބަޔަކު އިސްލާމްދީނަށް އުޅެނީ ނަމެއްގައެވެ. ކޮންމެހެން ދީނީގޮތުން ޢަމަލުކުރަންޖެހޭ ކަންކަމެއް އޮތްކަމަށް ޤަބޫލުކޮށްގެން، ނުވަތަ ތިމަންނާމެން މިތިބީ މާތްﷲ އަށާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންވުމަށް ޢަހުދެއް ކޮށްގެން ކަމަކަށް ހިތަކަށްވެސް ނާރާކަލަހައެވެ. ފަސޭހަވެލީމާ ފަސޭހަގަޑިއަކު ނަމާދުކުރީމާ ނިމުނީއެވެ. ޒަކާތްދޭން ބޭނުންވީމާ ދޭންވީއެވެ. ބޭނުން ނުވާނަމަ ނުދޭންވީއެވެ. ޙައްޖަށް ދިއުމުގެ ކުޅަދާނަކަން ލިބިފައި ވުމާއެކުވެސް ހިތުހުރި ދުވަހެއްވަންދެން މަޑުކޮށްފައި، އެމީހަކު ބޭނުންވީމާ ދާންވީއެވެ.

މިބައިމީހުންގެ ތެރެއިން ވަރަށްގިނަމީހުން މިވިސްނުން ގެންގުޅެނީ ވާރިދުވެފައިވާ ޙަދީޘެއްގެ މަފްހޫމު އޮޅުވާލައިގެންނެވެ. އެއީ އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެކެވެ. އެޙަދީޘްގައި ވެއެވެ: ((إِنَّ اللهَ لَا يَنْظُرُ إِلَى أَجْسَادِكُمْ وَلَا إِلَى صُوَرِكُمْ وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ)) މާނައީ: [ހަމަކަށަވަރުން ތިޔަބައިމީހުންގެ ހަށިގަނޑަކަށް އަދި ތިޔަބައިމީހުންގެ ޞޫރަތަކަކަށް ﷲ ނުބައްލަވައެވެ. ނަމަވެސް އެކަލާނގެ ބައްލަވަނީ ތިޔަބައިމީހުންގެ ހިތްތަކަށެވެ.] މިޙަދީޘްގެ އަލީގައި އެބައިމީހުން ބުނަނީ އެކަލާނގެ ބައްލަވަނީ ހިތުގައި އޮންނަ އީމާންކަމަށެވެ. ވީމާ ބައެއްމީހުން ބޭރުފުށުން ވަރަށް ރަނގަޅުޢަމަލުތަކެއް ކޮށްފައި އުޅުނަސް އެމީހެއްގެ ހިތުގައި އީމާންކަމެއް ނެތްނަމަ، ﷲ އެމީހަކަށް ބައްލަވާވޮޑިގެން ނުވެއޭއެވެ. އަދި ބޭރުފުށުން އެއްވެސް ޢަމަލެއް ނުކުރިއަސް އެމީހެއްގެ ހިތް ރަނގަޅުވެއްޖެ ނަމަ ނުވަތަ ހިތުގައި އީމާންކަން އޮތްނަމަ އެއީ ﷲގެ ޙަޟްރަތުގައި ރަނގަޅު މީހެއްކަމަށެވެ. މިއީ ކޮންފަދަ ނުބައި މާނަކުރުމެއް ހެއްޔެވެ؟

އެމާނަކުރުން ނުބައިވާ އެއްސަބަބަކީ މިޙަދީޘްގެ މުރާދު އޮޅުވާލާފައިވުމެވެ. ޙަދީޘެއްގެ ޙަޤީޤީ މާނަ ނެގޭނީ އެޙަދީޘެއްގެ ތަފާތުގޮތްގޮތަށް އައިސްފައިވާ ހުރިހައި ރިވާޔަތެއް އެއްކޮށްލައިގެންނެވެ. ހަމަ މިރިވާޔަތް ތަފާތު އެހެންގޮތަކަށް އައިސްފައިވެއެވެ. ހަމަ އިމާމް މުސްލިމް ރިވާކުރެއްވި އެހެން ޙަދީޘްގައިވެއެވެ: ((إِنَّ اللهَ لَا ينْظُرُ إِلى أجْسَامِكُمْ، وَلَا إِلَى صُوَرِكمْ، وَلَكِن يَنْظُرُ إِلَى قُلُوبِكمْ وَأَعْمَالِكُمْ)) މާނައީ: [ހަމަކަށަވަރުން ތިޔަބައިމީހުންގެ ހަށިގަނޑުތަކަށާއި ތިޔަބައިމީހުންގެ ޞޫރަތަކަށް ﷲ ނުބައްލަވައެވެ. ނަމަވެސް އެކަލާނގެ ބައްލަވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ތިޔަބައިމީހުންގެ ޢަމަލުތަކަށެވެ.] މިޙަދީޘުން އެނގިގެންދަނީ ކުރިން ގެނެވުނު ޙަދީޘްގެ މުރާދަކީ މާތްﷲ ބައްލަވަނީ އީމާންކަމާއި ޢަމަލުތަކަށްކަމެވެ. މިޙަދީޘްގައި އެވަނީ ޢާންމުއުޞޫލުން އީމާންކަމަކީ ޢަމަލާއި ވަކިނުކުރެވޭ އެއްޗަކަށްވުމުން އެދެބައި އެއްކޮށް ގެނެސްފައެވެ. އަދި ކުރީޙަދީޘްގައި ހިތުގެ ވާހަކަ އެކަނި ގެނެސްފައި ވިޔަސް އޭގެ މުރާދަކީ އީމާންކަމާއި ޢަމަލެވެ. ސަބަބަކީ އެއީ އެކަތި އަނެކައްޗާ ވަކިނުވާނޭ ދޭތި ކަމުން، ހިތުގެ ވާހަކަ ނުވަތަ އީމާންކަމުގެ ވާހަކަ އެކަނި ގެނައުމުންވެސް އޭގެ މާނައިގައި ޢަމަލު ހިމެނިގެން ވުމެވެ. ޢަމަލަކީ ހިތުގައި އޮންނަ އެއްޗެއް ޝަރަޚަކޮށްދޭ ކަންކަމެވެ. ގުނަވަންތަކުން ތަމްސީލު އެކުރަނީ އޭނާގެ ހިތުގައި އޮންނަ އެއްޗެކެވެ. ވީމާ ހިތްފަސާދަވެފައިވާނަމަ އޭނާގެ ޢަމަލުތަކުގައި ހެޔޮކަމެއް ނުހުންނާނެއެވެ. އެއްގޮތަކީ ހިތްފަސާދަވުމުން އެހިތާއި އެއްގޮތަށް ޢަމަލު ނުކުރުމެވެ. އަނެއްގޮތަކީ ހިތްފަސާދަ ވުމުން، ދުނިޔެވީ ކޮންމެވެސް މަޤަޞަދެއް ޙާޞިލުކުރުމަށް ހެޔޮޢަމަލު ކުރުމެވެ. އެފަދަ މީހަކު އެހެޔޮޢަމަލެއް ކުރަނީ ދުނިޔެވީގޮތުން އޭނާ ބޭނުންވާ ލައްޒަތެއް ނުވަތަ އުފަލެއް ޙާޞިލުކުރުމަށެވެ. ރަނގަޅެވެ. އެމީހާ ކިތަންމެ ވަރަކަށް ހެޔޮޢަމަލު ކުރިއަސް އެޢަމަލުތަކަކީ މާތްﷲ ޤަބޫލުކުރައްވާނޭ ޢަމަލުތަކެއް ނޫނެވެ. އެހެންނަމަވެސް ހިތުގައި އީމާންކަން އޮތްނަމަ ޢަމަލުން އެކަން ނުފެނި ނުދާނެއެވެ. ސަބަބަކީ ހިތުގައިވާ އީމާންކަން ޢަމަލުން ފެންނަންޖެހޭތީއެވެ. ޢަމަލާއި ނުލައި އީމާންކަމަކީ ވާއެއްޗެއް ނޫނެވެ.

އިސްލާމް ވުމުގެ އިޞްޠިލާޙީ މާނައަކީވެސް މާތްﷲ އަށާއި އެކަލާނގެ ރަސޫލާއަށް ފުރިހަމައަށް އީމާންވުމާއެކު އިސްލާމީ ޝަރީޢަތަށް ބޯލަނބައި ކިޔަމަންގަތުމެވެ. އަދި ކީރިތި ޤުރުއާނުގެ އެތަނެއް އާޔަތްތަކެއްގައި ވަނީ އީމާންކަމާއި ހަމަ ވިދިގެން ޢަމަލުކުރުމުގެ ވާހަކަ ލާމެހިކޮށްފައެވެ. އެގޮތުން މާތްﷲ ވަޙީކުރައްވާފައިވެއެވެ: ﴿وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ أُوْلَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ ۖ﴾ سورة البقرة :82 މާނައީ: [އަދި އީމާންވެ ހެޔޮޢަމަލުކުރި މީހުން ދަންނާށެވެ. އެބައިމީހުންނީ ސުވަރުގޭގެ އަހުލުވެރިންނެވެ.]

ވީމާ، އީމާންކަމާއި ހެޔޮޢަމަލުކުރުމަކީ އެއީ ގަހެއްގެ މިސާލެވެ. ގަހެއް ފެޅުމަށް އޮށެއް ބޭނުންވާނޭހެން، ޢަމަލުތަކަށް ހިތެއް ބޭނުންވެއެވެ. ޢަމަލުތައް ފަސާދަވެފައިވީ ނަމަވެސް ހިތެއް ބޭނުންވެއެވެ. އޭރުން އެހިތްވެސް އެވަނީ ފަސާދަވެފައެވެ. ފަހަރުގައި ހެޔޮޢަމަލުނުކުރާ ހިތެއްވެސް އޮވެދާނެއެވެ. ނަމަވެސް އެހިތް އެވަނީ ފަސާދަވެފައެވެ. އެއީ އެއްވެސް މޭވާއެއް ނުލިބޭ ގަހެއް ފަޅާފައިވާ އޮށެއްގެ މިސާލެވެ. އޮށަކީ ރަނގަޅު މޭވާ ގެނެސްދޭނޭ އޮށެއް ނަމަ އެއިން ހެޔޮމޭވާ ލިބިލިބި ހުންނަ ފަދައިން ހިތުގައިވާ ހެޔޮރަނގަޅު އީމާންކަމުން ހެޔޮޢަމަލު ފާޅުވޭވޭ ހުރެއެވެ.

އަޅަމެންނީ މާތްﷲ އަށް އީމާންވެ އެކަލާނގެ ޙަޟްރަތުގައި ޤަބޫލުވެވޭފަދަ ހެޔޮޢަމަލުތައް ކުރާބައެއްގެ ގޮތުގައި ލައްވާށިއެވެ. އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *