ޖަމާލުއްދީން ސްކޫލުން ގްރޭޑް 10 ނިންމުމަށް ފަހު މަތީ ސާނަވީ ހާސިލްކުރުމަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 11އާ ގުޅުނު އަސަދު ޝަރީފަކީ އަބަދުވެސް އަޚްލާޤް ރަނގަޅު، ތޫނުފިލި، މޮޅު އަދި ކަންކަމާ ކުރިމަތިލާންކެރޭ ހިތްވަރުގަދަ ދަރިވަރެކެވެ. އެގޮތުން އަސަދު ވަނީ މިއަހަރު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ސްޓޫޑެންޓް ކައުންސިލްގެ 3 މަޤާމަކަށް ވާދަކޮށްފައެވެ. އެއީ ގޭމްސް ކެޕްޓަން، ކާމިނީ ހައުސް ކެޕްޓަން އަދި ބިޒްނަސް ކްލަބްގެ ޕްރެޒިޑެންޓްގެ މަޤާމަށެވެ. މީގެތެރެއިން އަސަދު ވަނީ އޭނާ އެންމެ އިސްކަމެއްދިން މަގާމުކަމަށްވާ ގޭމްސް ކެޕްޓަންގެ މަޤާމް ދެ ކެނޑިޑޭޓުންނާ ވާދަކޮށް ކާމިޔާބުކޮށް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީސާނަވީ ކުޅިވަރު މާލިމީކަން ހޯދާފައެވެ
އަސަދު މިމަޤާމަށް ހޮވުމުން ކުރެވުނު އިހްސާސްތައް އަހާލުމުން އޭނާ ބުނީ " މި މަޤާމަށް ހޮވުމުން އަޅުގަނޑަކީ ކުދިންނާއި ގުޅިގެން މަސައްކަތް ކުރެވޭނެ، ކުދިން އިތުބާރުކުރާ ކުއްޖެއްކަމަށް އިހްސާސް ކުރެވުނު" ކަމަށެވެ. މިއީ އަސަދުގެ މިކަހަލަ ފުރަތަމަ މަގާމެއް ވެސް ނޫނެވެ. އޭނާއަކީ ޖަމާލުއްދީން ސްކޫލުގެ ކެޕްޓަންކަން ވެސް އޭނާގެ ފަހު އަހަރު އަދާކޮށްފައިވާ ދަރިވަރެކެވެ. މިކަމުން ވެސް އޭނާއަކީ މި މަޤާމަށް އެކަށީގެންވާ ހިންގުންތެރި ދަރިވަރެއްކަން ސާބިތުކޮށްދެއެވެ.
އަސަދު ގަބޫލުކުރާގޮތުގައި ކޮންމެ ދަރިވަރަކީ ވެސް ކޮންމެވެސް ކުޅިވަރެއް ނުވަތަ އިތުރު ހަރަކާތެއްގައި ޝާމިލުވާން ވާނެ ދަރިވަރެކެވެ. ބައެއްފަހަރު އަމިއްލައަށެވެ. އަނެއްބައިފަހަރު އެހެން ކުދިންގެ އެހީތެރިކަމާ އެކުގައެވެ. އެހެންކަމުން، މިއަމާޒަށް ދަރިވަރުން ވާސިލުކޮށްދިނުމަށް ސްކޫލުގެ އެއްބާރުލުމާއެކު އޭނާއަށް ކޮށްދެވިދާނެ ބައެއްކަންތައްތައް ވެސް އަސަދު ފާހަގަކުރިއެވެ. އޭގެތެރޭގައި ފިރިހެން ދަރިވަރުންނަށް އިންޓަރ ކްލާސް ފުޓްސަލް މުބާރާތެއް ބޭއްވުމާއި، އަންހެން ދަރިވަރުންނަށް އިންޓަރ ކްލާސް ހޭންޑްބޯލް، ނެޓްބޯޅަ ނުވަތަ ފުޓްސަލް މުބާރާތެއް އިންތިޒާމްކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން އިންޓަރ ހައުސް ބާސްކެޓްބޯޅަ މުބާރާތެއް ބޭއްވުމާއި ތަފާތު ކުޅިވަރުތައް ހިމަނައިގެން ހައުސްތަކުގެ މެދުގައި ސްޕޯޓްސް މީޓެއް ބޭއްވުމަކީ ވެސް އަސަދު ދެކެމުން އަންނަ ހުވަފެނެކެވެ.
މި ހަރަކާތްތަކުގެ އިތުރުން ވެސް ކިޔެވުމަށް ހުރަސް ނޭޅޭގޮތަށް އިތުރުކަންކަން ފަހިކޮށްދެވޭތޯ ބަލާނެކަމަށާއި، އަދި މިކަންކަން ހާސިލްކުރުމަށްޓަކައި ހުރިހާ ކުދިންގެ ފަރާތުން ވެސް އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރާކަމަށް އޭނާ ބުންޏެވެ.
އަސަދާ ބެހޭ ގޮތުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސީނިއަރ ލީޑިންގ ޓީޗަރ މުހައްމަދު ނަދީމް ވިދާޅުވީ އަސަދަކީ މުދައްރިސުންގެ ލޯބި ހޯދާފައިވާ ވަރަށް ރަނގަޅު ދަރިވަރެއް ކަމަށާއި، އެހީތެރިކަމާއި އިސްނެގުމަކީ އަސަދުގެ އެންމެ ފާހަގަކޮށްލެވޭ ދެ ސިފަ ކަމަށެވެ.
އަސަދުގެ ޝުކުރުގެ ލިސްޓުގައި ﷲއަށް ޙަމްދުކުރުމަށްފަހު އެންމެފުރަތަމަ ވެސް އޭނާ ފާހަގަކުރީ އަޙްމަދިއްޔާއިން އުނގަންނައިދިނުމަށް ކޮށްދޭ މިންނެތް މަސައްކަތުގެ އިތުރުން ދަރިވަރުންގެ ކުރިއެރުމަށް ކޮށްދޭ ގިނަގުނަމަސައްކަތްތަކެވެ. އެކަމަށްޓަކައި ސްކޫލަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރިއެވެ. އެއަށްފަހު އޭނާއަށް ކަންކަމުގައި ހިތްވަރުދޭން އަބަދުވެސް އެންމެ ގާތުގައި ތިބޭ އޭނާގެ މައިންބަފައިންނާ ޢާއިލާއާއި ގާތް ރަޙްމަތްތެރިން ފާހަގަކުރިއެވެ. އަދި އޭނާއަށް އިތުބާރުކޮށް ވޯޓްދިން ހުރިހާކުދިންނަށާއި، ވޯޓް ނުދޭ ކުދިންނާއެކު ޖުމްލަކޮށް ހުރިހާ ދަރިވަރުންނަށް އަސަދު ޝުކުރުއަދާކުރިއެވެ.
އުއްމީދަކީ އަސަދު ބާއްވަން ހަމަޖައްސާފައިވާ ކަންތައްތައް ކާމިޔާބުކަމާއެކު ބޭއްވި އަސަދަށް ވެސް އަޙްމަދިއްޔާއަށް ވެސް ކުޅިވަރުގެ ރޮނގުން ކާމިޔާބު އަހަރަކަށް މިއަހަރު ވެގެންދިއުމެވެ.