އަނާއާ އެކު ދަރިވަރުންގެ ހިޔާގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް!

އެންމެ ތުއްތު އިރުން ފެށިގެން ވެސް ތަފާތު އަދަބީ މުބާރާތްތަކާއި ހަރަކާތްތަކުގައި ބައިވެރިވެ، ރަންވަނަތަކެއް ހާސިލުކޮށްފައިވާ އަނާ ޢަބްދުއްސައްތާރަކީ މިއަދު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ މަތީ ސާނަވީ ދިވެހި އަދަބީ ޖަމްޢިއްޔާ "ދަރިވަރުންގެ ހިޔާ"ގެ ރައީސާއެވެ.

މިމަޤާމާ ހަމައަށް ވާސިލުވެވުމުން އަނާ މިއަދު ހުރީ ވަރަށް އުފަލުންނެވެ. ސަބަބަކީ އަނާގެ ހިތުގައި ދިވެހި ބަހަށާއި އަދަބިއްޔާތަށް އޮތް ލޯބީގެ ބޮޑުކަމާއި ކަންކަން ރާވާ ހިންގާ، އިސްވާރެއް ގޮތުގައި މަސައްކަތްކުރާހިތް ވާތީއެވެ. އަނާ ހުރީ ކުރިއަށް އޮތް އަހަރު ހުރިހާ ގޮތަކުން ވެސް ދަރިވަރުންގެ ހިޔާއަށް ކާމިޔާބު އަދި މަޖާ އަހަރަކަށް ހެދުމަށް ކެތްމަދުވެފައެވެ.

އަނާއަކީ ކިޔެވުމަށް ފުރިހަމަ ސަމާލުކަމެއް ދިނުމާއެކު، އަބަދުވެސް ސްކޫލުގައި ބާއްވާ އިތުރު ހަރަކާތްތަކުން ފެންނަ އެހެން ކުދިންނަށް ނަމޫނާ ދައްކާ  ހުނަރުވެރި ދަރިވަރެކެވެ. މުދައްރިސުންގެ އަގުވަޒަންކުރާ ކިޔަމަންތެރި ދަރިވަރެކެވެ. ކަންކަމުގައި އިސްނަގާ ހިންގުންތެރި ހީވާގި އިސްވާރެކެވެ. ޚާއްޞަކޮށް ދިވެހި ބަހަށާއި އަދަބީ ހަރަކާތްތަކަށް އިމެއްނެތް ލޯތްބަކާއި ކުލުނެއް ޖެހިފައިވާ އަދަބީ ތަރިއެކެވެ.

އަނާ ބުނާގޮތުގައި ދިވެހި އަދަބީ ހަރަކާތްތަކުގައި ބައިވެރިނުވާ އެއްވެސް ދުވަސްވަރެއް އޭނާ ހަނދާނެއްނުވެއެވެ. އަނާ ބައިވެރިވެފައިވާ އަދަބީ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތެވެ. މިގޮތުން އަނާވަނީ 2017، 2018، 2019 އަދި 2023 ވަނަ އަހަރުވެސް އަލްއުސްތާޛް އިބްރާހިމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވެފައެވެ. އަދި މިއަހަރުގެ މުބާރާތުން އުމުރުފުރާގެ ގަދަ 10ގައި ވެސް އަނާވަނީ ހިމެނިފައެވެ. ހަމަމިއާއެކު، އަނާވަނީ ފާއިތުވެދިޔަ އަހަރު ހިޔާ އީދުގައި ބަހުސްކުރުމާއި، ޕެނަލް ޑިސްކަޝަން އަދި ބަޚަބަރުގައި ބައިވެރިވެ، ޗާނދަނީ ހައުސްއަށް ރީތިނަން ހޯދައިދީފައެވެ. 1 ވަނަ ބަހުސް ޓީމުގައި ހިމެނި 2ވަނަ ބަހުސްކުރުންތެރިޔާގެ މަޤާމު ހާސިލުކޮށްފައިވެއެވެ. އަދި ޕެނަލް ޑިސްކަޝަން އާއި ބަޚަބަރުން ވެސް 2ވަނަ ހާސިލުކޮށްފައިވެއެވެ.

އަނާއާ ބެހޭ ގޮތުން ސުވާލުކުރުމުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ލީޑިންގ ޓީޗަރ ހަސްމާ އަޙްމަދު ނަސީރު ވިދާޅުވީ އަނާއަކީ ކިޔެވުމަށް ވަރަށް މަސައްކަތްކުރާ، ކިޔަމަންތެރި ނަމޫނާ ދަރިވަރެއް ކަމަށާއި، ސްކޫލުން ކަމަކު ބުނެފިނަމަ އެކަމެއް ސްކޫލަށް ކޮށްދެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާކަން ފާހަގަކުރެވޭ ކަމަށެވެ.

" އަނާ ފާހަގަކުރެވެނީ ކަމެއް ރަނގަޅުކުރަން ބުންޏަސް އެއްވެސް ޝަކުވާއެއް ނެތި އެކަންކުރާ ދަރިވަރެއްގެ ގޮތުގަ. ޓީޗަރުންނާ ދަރިވަރުންގެ ލޯބި ހޯދާފައިވާ އަނާއަށް މިސް އެދެނީ އަބަދުވެސް ކުރިއެރުމާ ކާމިޔާބު." ހަސްމާ މިސް ވިދާޅުވިއެވެ.

އަނާގެ އަމާޒަކީ މިއަހަރު، އިހަށްވުރެ މާފުރިހަމަކޮށް ހިޔާ އީދު ކުރިއަށް ގެންދިޔުމެވެ. އެގޮތުން ދަރިވަރުންނަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ދިނުމާއެކު ބަހުސްކުރުން ފަދަ ހަރާކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭން އަނާ ގަސްތުކުރެއެވެ. އަދި މިއަހަރު މުޅިން އަލަށް ބައިތު ބާޒީ ތައާރަފުކުރަން އަނާ ދަނީ ދުރާލާ ވިސްނަމުންނެވެ. މިހަރަކާތަށް ދަރިވަރުން ތަމްރީނުކުރުމަށް ފުންނާބުއުސް ބޭފުޅުންގެ އެހީތެރިކަން ހޯދުމަށް އަނާ ވިސްނައެވެ.

މާތް ﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު މިއަދު އަނާއަށް މިހާ ހިސާބަށް ވާސިލުވެވުނީތީ އަނާ ޝުކުރުވެރިވެއެވެ. އަދި، އަބަދުވެސް ކުރާ ކޮންމެ ކަމަކަށް ހިއްވަރުދޭ މަންމައާއި ބައްޕައާއި އާއިލާ މެންބަރުންނަށް އަނާ ޝުކުރުއަދާ ކުރާ ހާލު އެބަޔަކާ ނުލާ އަނާއަށް މިމަޤާމާ ހަމައަށް ނާދެވޭނެ، އަދާއި ހަމައަށް ދިވެހި އުނގަންނައިދެއްވި ހުރިހާ ހީވާގި މުދައްރިސުންނަށް ޝުކުރުގެ ބަސްތައް ބަރުތީލަކުރެއެވެ. ހަމައެހެންމެ އަނާއަށް ވޯޓުދެއްވި ލޮބުވެތި ދަރިވަރުންނަށް ޝުކުރުއަދާކުރެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *