الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ކުށުސަޖިދައަކީ ހަނދާން ނެތުމުގެ ސަބަބުން ނަމާދުގައި އުނިކަމެއް އަތުވެއްޖެ ހިނދުގައި ނަމާދުވެރިޔާ ކުރާ ދެސަޖިދައަކަށް ކިޔާނަމެކެވެ. އެދެސަޖިދަ ކުރަނީ ނަމާދު އެއްކޮށް ނިންމުމަށްފަހުގައި ސަލާމްދިނުމުގެ ކުރިން ނުވަތަ ސަލާމް ދިނުމަށް ފަހުގައެވެ. ސަލާމް ދިނުމަށް ފަހުގައި އެދެސަޖިދަ ކޮށްފިނަމަ، ސަޖިދައަށް ފަހުގައި އަނެއްކާ ދެވަނަ ފަހަރު ސަލާމް ދޭނެއެވެ. މިފަދައިން ސަޖިދައެއް ކުރުމުގެ ބޭނުމަކީ އޭނާގެ ނަމާދަށް އުނިކަން ގެނައުމަށްޓަކައި ޝައިޠާނާ އެކުރި މަސައްކަތުގައި އެޝައިޠާނާ ނިކަމެތިކޮށް، މުއުމިނުމީހާއަށް ހެޔޮޢަމަލުކުރުމުގައި ޝައިޠާނާގެ މައްޗަށް ނަޞްރު ލިބުމެވެ. އަދި ކުށުސަޖިދައިގެ ސަބަބުން މުއުމިނުމީހާ އެކުރި ނަމާދުގެ އަޅުކަމުގެ ޘަވާބުން އެއްވެސް ބައެއް އުނިނުވެ އެނަމާދަށް ފުރިހަމަ ދަރުމައާއި ޘަވާބު ލިބުމެވެ.
އަލްއިމާމް އަޙްމަދު رحمه الله ވިދާޅުވިއެވެ: "ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަހަރެމެންނަށް ފަސްކަމެއް ދަސްވެފައިވެއެވެ: ދެރަކްޢަތް ކުރައްވާ (ކުށު) ސަޖިދަ ކުރެއްވުމެވެ. އަދި ތިން ރަކްޢަތް ކުރައްވާ (ކުށު) ސަޖިދަ ކުރެއްވުމެވެ. އަދި ގިނައިން ކުރެވިގެންނާއި މަދުން ކުރެވިގެންނެވެ. އަދި ދެރަކްޢަތް ކުރައްވާ (ފުރަތަމަ) އައްތަޙިއްޔާތަށް އިށީނދެވަޑައިގަތުމެއް ނެތި ތެދުވެވަޑައިގެންނެވުމެވެ." ވީމާ މިކުށުސަޖިދަ ޖަހަންޖެހޭ ސަބަބުތައް ތިނެކެވެ. އެއީ ގިނައިން ކުރެވިގެން ނުވަތަ މަދުން ކުރެވިގެން ނުވަތަ ޝައްކުވެގެންނެވެ. ގަސްދުގައި ނަމާދުގެ ރުކުނެއް ނުވަތަ ވާޖިބެއް ދޫކޮށްލައިފިނަމަ، ޝައްކެއްވެސް ނެތް ގޮތުގައި ކުށު ސަޖިދަ ޖަހައިގެން އެއުނިކަން ނުފިލުވޭނެއެވެ. ނަމަވެސް އެފަދަ މީހެއްގެ ނަމާދު ވަގުތުން ބާޠިލުވާނެއެވެ.
ޖަމާޢަތުގައި މައުމޫމުން ކުރާ ނަމާދުގައި އިމާމްމީހާގެ އެއްވެސް ކުށެއްގެ ޒިންމާއެއް ވަކިން އެއްވެސް މައުމޫމަކު ނަގާކަށް ނުޖެހޭނެއެވެ. އެހުރިހައި ކަމެއްގެ ޒިންމާ ނަގާނީ އިމާމްމީހާއެވެ. ނަމަވެސް މައުމޫމު މީހާއަށް ވާޖިބުވެގެން ވަނީ އިމާމް މީހާއަށް ތަބާވުމެވެ. އަދި ކުށުސަޖިދައިގައިވެސް އިމާމް މީހާއަށް ތަބާވުމެވެ. އެއީ ނަމާދުގެ ތެރޭގައި އެކަމުގައި އޮތް ޙުކުމެވެ. ބުޚާރީ އާއި މުސްލިމްގައިވާ ރިވާޔަތެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ((إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ ، فَلا تَخْتَلِفُوا عَلَيْهِ ، فَإِذَا رَكَعَ فَارْكَعُوا ، وَإِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فَقُولُوا رَبَّنَا لَكَ الْحَمْدُ ، وَإِذَا سَجَدَ فَاسْجُدُوا)) މާނައީ: [ހަމަކަށަވަރުން އިމާމްމީހާ ލެވިފައިވަނީ އޭނާއަށް ތަބާވެގެން ނަމާދުކުރުމަށެވެ. ވީމާ އޭނާއާ ތަފާތުވެ ނުގަންނާށެވެ. ފަހެ، އޭނާ ރަކޫޢަކޮށްފިނަމަ ތިޔަބައިމީހުންވެސް ރުކޫޢަކުރާށެވެ. އަދި އޭނާ سَمِعَ اللَّهُ لِمَنْ حَمِدَهُ މިހެން ކިޔައިފިނަމަ ތިޔަބައިމީހުން رَبَّنَا لَكَ الْحَمْدُ މިފަދައިން ކިޔާށެވެ. އަދި އޭނާ ސަޖިދަ ކޮށްފިނަމަ ތިޔަބައިމީހުންވެސް ސަޖިދަ ކުރާށެވެ."
ދެންފަހެ، ޖަމާޢަތުގެ ނަމާދުގައި ކުރެވޭ ކުށުސަޖިދަ ޖަހާގޮތުގައި ތަފާތު ޙާލަތްތައްވެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ގޮތްތައް ތިރީގައި ޛިކުރުކޮށްލަމެވެ.
ފުރަތަމައީ ޖަމާޢަތުގައި މުޅި ނަމާދު އިމާމާއެކު ކުރުމެވެ. ދެން އިމާމްމީހާ ކުށެއް ކުރެވި އޭނާ ކުށުސަޖިދަ ކުރުމުން އޭނާއަށް ތަބާވުން ލާޒިމްވެގެންވެއެވެ. އެއީ ސަލާމް ދިނުމުގެ ކުރިން ސަޖިދަ ޖެހި ކަމުގައިވިޔަސް އަދި ފަހުން ޖެހިކަމުގައިވިޔަސް މެއެވެ.
ދެވަނައީ މައުމޫމުގެ ނަމާދުން ބައެއް ފާއިތުވިފަހުން، އިމާމާއެކު ޖަމާޢަތުން ބައެއް އަދާކުރިއިރު، އީމާމްމީހާއާ އެކުގައި ކުރިބައިގައި އިމާމްމީހާ ކުށެއް ކުރުމެވެ. ފަހެ މިޙާލަތުގައި އިމާމްމީހާ ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަ ކޮށްފިނަމަ، މައުމޫމު އޭނާއަށް ތަބާވުމުގެ ގޮތުން އެދެސަޖިދަ ކުރާނެއެވެ. ނަމަވެސް ކުށުސަޖިދައަކީ ނަމާދު ނިމޭއިރު ކުރާ ސަޖިދައަކަށް ވުމާއެކު، އެއީ މައުމޫމުމީހާގެ ކުށުސަޖިދަ ކަމުގައި ނުބެލެވޭނެއެވެ. ނަމަވެސް އެއީ އިމާމްއަށް ތަބާވުމުގެ ގޮތުން ޖެހިސަޖިދައެކެވެ. ވީމާ މިޙާލަތުގައި މައުމޫމުވެސް އިމާމްއާއެކުގައި ނަމާދުގައި ކުށްކޮށްފައިވާތީ، މައުމޫމުގެ ފާއިތުވިބައި ފުރިހަމަ ކޮށްފައި ކުށުސަޖިދަކުރުން ވެއެވެ. އިމާމްމީހާ ކުށުސަޖިދަޖެހީ ސަލާމްދިނުމަށް ފަހުގައި ކަމުގައިވާނަމަ، އެކުށުސަޖިދައިގައި މައުމޫމު ބައިވެރިވުމެއް ނެތި ފާއިތުވިބައި ފުރިހަމަކުރާނީއެވެ. އަދި އެބައިފުރިހަމަކޮށް ކުށުސަޖިދަ ކުރާނީއެވެ.
ތިންވަނައީ މައުމޫމުމީހާ ނަމާދުން ބައެއް ފާއިތުވުމެވެ. އަދި އިމާމްމީހާއާ އެކުގައި ނަމާދުކުރުމުގައި ބައިވެރިވުމުގެ ކުރީގައި އިމާމްމީހާ ކުށް ކޮށްފައިވުމެވެ. ފަހެ މިޙާލަތުގައި ސަލާމްދިނުމުގެ ކުރިން އިމާމް ކުށުސަޖިދަ ކޮށްފިނަމަ، ތަބާވުމުގެ ގޮތުން މައުމޫމުވެސް އިމާމްމީހާގެ ފަހަތުން އެސަޖިދަ ޖެހުމަށްފަހު، ނަމާދު ފުރިހަމަ ކުރާނީއެވެ. އަދި ނަމާދު ފުރިހަމަކޮށްފައި އޭނާ ވަކިން ކުށުސަޖިދަ ޖަހާކަށް ނުޖެހޭނެއެވެ. މިޙާލަތުގައި އިމާމް ކުށުސަޖިދަޖެހީ ސަލާމް ދިނުމަށް ފަހުގައި ކަމުގައިވާނަމަ، މައުމޫމު މީހާ އެއްވެސް ގޮތަކަށް އެސަޖިދަ ނުޖަހާނެއެވެ. ތަބާވުމުގެ ގޮތުންވެސް ޖަހާކަށް ނުޖެހޭނެއެވެ. ސަބަބަކީ އިމާމް ސަލާމްދިނުމުން އެވަނީ ނަމާދު ނިންމާފައެވެ. އަދި ނަމާދުގެ ފުރިހަމަ ނުވެއޮތްބައި ފުރިހަމަކުރުމަށް ފަހުގައިވެސް ސަޖިދަ ޖަހާކަށް ނުޖެހޭނެއެވެ. އެއީ އިމާމްމީހާގެ ކުށުގައި މައުމޫމު ބައިވެރިވެފައި ނުވެއެވެ.
އިސްވެއެދިޔައީ އިމާމްމީހާ ކުށްކުރުމުގެ ވާހަކަތަކެވެ. ނަމަވެސް ދެން މިބުނެވެނީ މައުމޫމުމީހާގެ ފަރާތުން އަންނަ ކުށްތަކެވެ. އެގޮތުން ހަތަރުވަނައީ ޖަމާޢަތުގެ ނަމާދު ފެށިގެން ނިމެންދެން އިމާމްއާއެކު ކުރެވޭ ނަމާދެއްގައި މައުމޫމުގެ ފަރާތުން ކުށެއް ކުރެވުމެވެ. މިޙާލަތުގައި އޭނާ ވަކިން ކުށުސަޖިދަ ކުރުމެއް ނުވެއެވެ. ސަބަބަކީ އެފަދަ ކުށްތައް މައުމޫމުގެ ފަރާތުން ޖެހުނަސްވެސް، އެކަން ތަޙައްމަލުކުރާނީ އިމާމެވެ. މާނައީ އިމާމާއަށް ތަބާވެފައިވުމުން، އިމާމްމީހާ އެކުށް ނުކުރާތީވެ، މައުމޫމުގެ އެބައި ފުރިހަމަވެގެން ދަނީއެވެ.
ފަސްވަނައީ މައުމޫމުގެ ނަމާދުން ބައެއް ފާއިތުވެފައިވެ، މައުމޫމުގެ ފަރާތުން ކުށެއް ކުރެވިއްޖެނަމަ، އެކުށެއް ކުރެވުނީ އިމާމާއެކުގައި ނަމާދު ކުރަނިކޮށް ކަމުގައިވިޔަސް ނުވަތަ އިމާމްއާ ވަކިން ފާއިތުވިބައި ކުރަނިކޮށް ކަމުގައިވިޔަސް، މައުމޫމުގެ ނަމާދު އެކަނި ފުރިހަމަ ކުރުމަށްފަހުގައި ކުށުސަޖިދަ ކުރުމެވެ. ސަބަބަކީ އިމާމްގެ ނަމާދު ކުރިން ނިމިފައިވާތީ، އެސަޖިދަ ކުރުމަކުން އިމާމްމީހާއާ ޚިލާފުވި ކަމުގައި ނުވާތީއެވެ.
އަޅަމެންނީ އަޅަމެންގެ އަޅުކަންތައް ކުރުމުގައި އެންމެފުރިހަމައަށް އެކަން ކުރާބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.