الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
މުސްލިމުންނަކީ ދުނިޔޭގައި ދިރިއުޅޭ ދިރިއުޅުމުގައި ވަރަށް ތަފާތު މަޤްޞަދެއް ގެންގުޅޭ ބައެކެވެ. މުޅި ޙަޔާތުގެ މަޤްޞަދަކީ މާތް ﷲ ގެ ރުއްސެވުން ހޯދުމުގައި އުޅެ، މިދުނިޔޭގެ ދިރިއުޅުން ހޭދަކުރުމެވެ. އޭގެ ސަބަބުވެސް ވަރަށް ސާފެވެ. އެއީ މުސްލިމުންގެ ޢަޤީދާއަކީ ކީރިތި ޤުރުއާނުގައި އަންގަވާފައިވާ އެންގެވުންތަކެވެ. އެގޮތުން އެބައިމީހުންގެ ދުނިޔޭގެ ޙަޔާތުގެ މަޤްޞަދުވެސް ލިބިގެންފައިވަނީ ކީރިތި ޤުރުއާނުންނެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾ الذاريات :56 މާނައީ: [އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ތިމަންއިލާހުއަށް އަޅުކަން ކުރުމަށް މެނުވީ ނުއުފައްދަވަމެވެ.] ވީމާ މުސްލިމެއްގެ ޙަޔާތެއްގެ މަޤްޞަދަކީ އެކަލާނގެ ލޯބިވާ، ރުއްސަވާނެ ގޮތުގައި ދުނިޔެ ހޭދަކުރުމެވެ. އެކަލާނގެއަށް އަޅުވެތިވެފައި ވުމެވެ. އެކަލާނގެ ރުއްސަވާނޭހެން އެކަލާނގެއަށް އަޅުކަން ކުރުމެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެއަޅުކަން އަދާކުރުމުގައި ހޭދަކުރުމަށްޓަކައި، ދުނިޔޭގައި ދިރިހުރުމުގެ ހަކަތައާއި މާއްދީ ޙަޔާތުގެ ބޭނުން ޖެހެއެވެ. ވީމާ ދުނިޔެވީ ފައިދާތަކާއި މަންފާތައް ޙާޞިލު ކުރުމަކީ އެއީ މުސްލިމެއްގެ ޙަޔާތުގެ މައިގަނޑު މަޤްޞަދު ކަމުގައި ނުވިނަމަވެސް، އެއީވެސް މުސްލިމެއްގެ ދިރިއުޅުމުގެ ބައެކެވެ. އާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލުކުރުމަށް ކުރާ މަސައްކަތުގައި ދުނިޔޭގެ ދިރިއުޅުމާއި މާއްދީ ޙަޔާތް އެއްކޮށް ދޫކޮށްލުމަށް އިސްލާމްދީން ހިތްވަރު ނުދެއްވައެވެ. ނަމަވެސް ދުނިޔެވީ ޙަޔާތް އުޚުރަވީ ޙަޔާތުގެ މައްޗަށް އިސްކުރުމާއި، މާއްދިއްޔަތުގެ ޒީނަތްތެރިކަމަށް ހެއްލުން އިސްލާމްދީން ނަހީކުރައްވައެވެ. އާޚިރަތަށްޓަކައި ދުނިޔެވީ ޙަޔާތުގެ މަންފާ ހޯދުން އެއީ އެދެވިގެންވާ ގޮތެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَٱبْتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلْآخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا﴾ القصص :77 މާނައީ: [އަދި ﷲ ތިބާއަށް ދެއްވި ތަކެތީން އާޚިރަތުގެ ގޮވެއްޗަށް އެދޭށެވެ. އަދި ދުނިޔެއިން ތިބާއަށްވާ ބައިގެ މަތިން ތިބާ ހަނދާން ނައްތާނުލާށެވެ.] އެގޮތުން ދުނިޔެއިން ޙަލާލުގޮތުގައި ލިބޭ ފައިސާއާއި މުދަލަކީ އޭގެ ޒާތުގައި ނުބައިވެގެންވާ ތަކެއްޗެއް ނޫނެވެ. އެތަކެތި ހެޔޮގޮތުގައި ހޯދުމަކީ ހުއްދަވެގެންވާ ކަމެކެވެ. އަދި އެތަކެތި ހޯދުމަށް ހޯދަންޖެހޭ ޢިލްމުތައް ޙާޞިލުކުރުމަކީވެސް ހުއްދަ ކަމެކެވެ. ދުނިޔެވީ އެބައިގެ ކަންކަން ޙާޞިލުކުރުމުގައި އިންސާނާ ޙަރާމްގޮތުގައި ވަގުތާއި ތަނާއި ތަކެތި ބޭނުން ނުކުރާނަމަ އެކަމުގައި ކުރިއަށް ދާންވީއެވެ. އަދި ކުރިއަށް ނުގޮސް މަޑުޖެހިލަން ބޭނުންނަމަ މަޑުޖައްސާލަންވެސް ވީއެވެ. ބުރަކޮށް މަސައްކަތް ކޮށްފައި ޗުއްޓީއެއްވެސް ނަގަންވީއެވެ. އެގޮތުން މިދުވަސްވަރަކީ އެންމެހައި ދަރިވަރުން މިފަދަ ޗުއްޓީއަކަށް ކުރިމަތިލަމުންދާ ދުވަސްވަރެކެވެ. އެދަރިވަރުންގެ މުޅި ވިސްނުމުގައި އަށަގަންފައިވަނީ ޗުއްޓީގެ ޝުޢޫރުތަކެވެ. ރަނގަޅެވެ. ކުރިންވެސް ބުނެވިދިޔަ ފަދައިން މިއީ ދުނިޔެވީ ތަޢުލީމާއި ދުނިޔެވީ ވަރުބަލިކަމަށް އައި އަރާމުކޮށްލުމުގެ ދުވަސްވަރެކެވެ. އެކަމަށް އައި ޗުއްޓީގެ ދުވަސްވަރެކެވެ. ނަމަވެސް ހަނދާން ކުރަންޖެހޭ ކަމަކީ، އަދިވެސް ތިޔައިން ކޮންމެދަރިވަރަކީ މާތް ﷲ އަށް އަޅުވެތިވެފައިވާ ދަރިވަރަކީމުއެވެ. އެއަޅުވެތިކަމަކީ ޙަޔާތުގެ ކޮންމެ ސުކުންތަކުވެސް ހިނގަހިނގާ ހުންނަ އަޅުވެތިކަމެކެވެ. އިއްޔެވެސް މިއަދު މާދަމާވެސް ތިބާއަކީ ﷲގެ އަޅަކީމުއެވެ. ހޭލާހުންނައިރުވެސް ނިދާފައި އޮންނައިރުވެސް ތިޔައީ އެކަލާނގެ އަޅަކީމުއެވެ. ބުރަކޮށް އުޅޭއިރުވެސް އަދި ޗުއްޓީ ހޭދަކުރާއިރުވެސް ތިޔައީ އެކަލާނގެ އަޅަކީމުއެވެ. ސްކޫލުގެ އެކަޑަމިކް ކަލަންޑަރުގައިވާ ޗުއްޓީ އަކީވެސް އެކަލާނގެއަށް އަދާކުރަންޖެހޭ ކަންކަމުގައި ޗުއްޓީއެއް ނޫނެވެ. އެއީ އެންމެފަހު ނޭވާއާ ހަމައަށްވެސް ޗުއްޓީއެއް ނެތް ކަމެކެވެ. ވީމާ ކޮންމެ ދަރިވަރަކުވެސް އެކަޑަމިކް ޗުއްޓީގައިވެސް އެކަލާނގެއަށް އަދާކުރަންޖެހޭ ފަސްއިރު ފަސްނަމާދުގެ މަތީން ކުޑަކޮށްވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެކަލާނގެ ބާވައިލެއްވި ޢިލްމު އުނގެނުމުގައި ވަގުތު ހޭދަކުރަންވާނެއެވެ. އަދި އެކަންކަމަށް އިތުރުވަގުތު ހޭދަކުރުމަށް މިވަނީ އިތުރުވަގުތު ލިބިފައެވެ. އެވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންވާނެއެވެ. އެކަލާނގެ އަށް ވާޖިބުގޮތުގައި އަދާންކުރަންޖެހޭ އަޅުކަމުގައި ވަގުތުތައް ހޭދަކުރުމަށް ފަހުގައި، ދެން މިދުވަސްވަރުގައި ތިޔަދަރިވަރުންނަށް ހިނގާ ވަގުތުތަކަކީ ހުސް ވަގުތުތަކެވެ. އެވަގުތުތައް ކަންނެތް ކަމުގަޔާއި، މުނިފޫހި ފިލުވުމުގަޔާއި ނިދުމުގައި އެންމެހައި ވަގުތެއް ހޭދަކޮށްލުމަކީ ބުއްދިވެރިއެއްގެ ޢަމަލުތައް ހުންނާނެ ގޮތެއް ނޫނެވެ. ބުއްދިވެރިއެއްގެ ވިސްނުމުގައި ހުސްވަގުތުގެ އަގު ވަޒަންކުރާނެއެވެ. އެއީ ބޮޑުވެގެންވާ ނިޢުމަތެއްކަން އިޙުސާސް ކޮށް އެކަން ޤަބޫލުކުރާނެއެވެ. އަދި އެނިޢުމަތަށް ޢަމަލީގޮތުން ޙަރާންކޯރުނުވެ ވޭތޯވެސް ބަލާނެއެވެ. ހުސްވަގުތަކީ ވަރަށްބޮޑު ނިޢުމަތެކެވެ. އަދި ބަލިވުމުގެ ކުރިން ޞިއްޙަތު ސަލާމަތުން ރަނގަޅަށް ހުރުމަކީވެސް ވަރަށް ބޮޑު ނިޢުމަތެކެވެ. މިދެނިޢުމަތުގެ އަގުވަޒަން ނުކުރެވޭ މީހުންނަކީ ވަރަށްބޮޑު އަބާއްޖަވެރީންނެވެ.
އަޅަމެންނަކީ ހުސްވަގުތުތައް ހެޔޮގޮތުގައި ބޭނުންކުރާ ބައެއް ކަމުގައި ލައްވާށިއެވެ! އަދި ފުރާނަ ހަށިގަނޑުގައި ހުރިހައި ހިނދަކު ﷲ އަށް އަދާކުރަންޖެހޭ އަޅުކަމުގައި ފަރުވާތެރިވާ ބަޔަކު ކަމުގައިވެސް ލައްވާށި! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.