ބުރާސްފަތި, 24 އޭޕްރިލް 2025

އާރޓިކަލް 151 : މުއުމިނާގެ އަރާމުކުރުމުގެ ގޯއްޗަކީ އާޚިރަތުގެ ގޮވެއްޗެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އިންސާނުންގެ ޠަބީޢަތަކީ އާރާމާއި އުފަލަށް ލޯބިކުރުމެވެ. އަދި ހިތާމައާއި އުނދަގުލަށް ނަފްރަތު ކުރުމެވެ. ދުނިޔޭގައި އިންސާނުން އުޅެނީ މިބީދައިން، ދުނިޔޭގެ އަރާމާއި އުފާ ޙާޞިލުކުރުމުގައާއި އެކަން ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތް ކުރަމުގައެވެ. އަދި ހިތާމައެއް ޖެހިދާނޭ ފަދަ އެންމެހައި ކަމަކުންނާއި ތިމާއަށް އުނދަގުލެއް ކުރިމަތިވެދާނޭހައި ކަމަކުން ދުރުހެލިވެ އެކަމުން ރައްކާތެރިވާނޭ ގޮތްތައް ހޯދާ އެފަދަ ކަންކަމުން ރައްކާތެރިވެ ހުރުމަށް ގަދައަޅާ މަސައްކަތް ކުރަމުންނެވެ. ދުނިޔެވީގޮތުން މަސައްކަތެއް ކުރިޔަސް އެކުރަނީ، އޭގައި ދުނިޔެވީ އެހެން މަންފާއަކާއި އަރާމެއް ޙާޞިލުކުރުމަށެވެ. އަދި މަސައްކަތް ކުރުމުން އެލިބޭ މަންފާ މަސައްކަތް ނުކޮށް ހުރެ ލިބޭނަމަ، އެއިންސާނާއި އަރާމު ކުރުމަށް ކުރާ މަސައްކަތުން ވީއްލި ޗުއްޓީއަކަށް ދެއެވެ.

މިކަމުގެ އަޞްލު ޙަޤީޤަތަށް ބަލައިފިނަމަ، އިންސާނާއަށް ދެގޮވެއްޗެއް އޮންނައިރު ޙަޤީޤީ މާނައިގައި އަރާމު ލިބެން އޮތީ މާތްﷲ އަށް އީމާންވެ، ޝިރުކުގެ އެންމެހައި ބާވަތްތަކުން ދުރުހެލިވެ، ހެޔޮޢަމަލު ކުރުންމަތީގައި މަރުވެދާ މީހާއަށް، އާޚިރަތްދުވަސް އައުމުންނެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿وَمَا هَٰذِهِ الْحَيَاةُ الدُّنْيَا إِلَّا لَهْوٌ وَلَعِبٌ ۚ وَإِنَّ الدَّارَ الْآخِرَةَ لَهِيَ الْحَيَوَانُ ۚ﴾ سورة العنكبوت:64 މާނައީ: [އަދި މިދުނިޔެއަކީ ލައްޒަތާއި ކުޅިމަޖަލަކަށް ނޫނީ ނުވެއެވެ. އަދި ހަމަކަށަވަރުން އާޚިރަތަކީ އެއީ ދާއިމަށް އޮތް ޙަޤީޤީ ޙަޔާތެވެ.]

އާޚިރަތްދުވަހުގެ ނިޢުމަތްތަކާއި އަޅާކިޔާލެވޭވަރުގެ އެއްވެސް ބުރަދަނެއް ހުރި ކުޑަމިންވަރެއްގެވެސް އުފަލެއް ޙަޤީޤަތުގައި މިދުނިޔެމަތީގައި ނުވެއެވެ. ނަމަވެސް ދުނިޔޭގެ ޙަޤީޤަތަކީ އެލިބޭ އުފަލާއި މަޖަލުގެ ތެރޭގައި ދުނިޔޭގެ ހީލަތުގައި ޖެއްސުމެވެ. ނަމަވެސް އެއީ ޙީލަތަކަށްވާއިރު، އެކަން ޙަޤީޤީ މާނާގައި އެއީ ޙީލަތެއްކަން ވިސްނެނީ މުއުމިނު މީހާއަށެވެ. އެކަން ނުވިސްނި އެޙީލަތުގައި ޖެހި ގެއްލިހަލާކުވެގެން ދަނީ އީމާންކަމުން އެކަހެރިވި ކާފިރުމީހާއެވެ. ނުވަތަ ފާސިޤުމީހާއެވެ. ނަމަވެސް ދުނިޔޭގެ އުފަލަކީ އެފަދަ މީހާއަށް ކެހިވެރިކަމެއް އޮތްތަނެއް ކަމެއް އެފަދަ މީހާއަކަށް ނުވިސްނެއެވެ. އެކެހިވެރިކަމުގައި މުއުމިނުމީހާ ނުޖެހި ދުނިޔޭގެ ދިރުއުޅުން ބައްޓަންކުރާތީ، އޭނާ ދުނިޔޭގައި އުޅޭނީ ވަކިގޮތަކަށެވެ. ކުރާނީ ވަކިކަންކަމެކެވެ. އަދި ވަކިކަންކަމެއް ނުކުރާނެއެވެ. އޭނާއަކީ ވަކިޙުދޫދެއްގެ ތެރޭގައި ބަންދުވެފައިވާ މީހެކެވެ. އެއީ މާތްﷲ ކަނޑައެޅުއްވި މިންގަނޑެވެ. އެކަލާނގެ އަމުރުފުޅަށް ބޯލަނބައި ކިޔަމަންވާ މީހާ އެމިންގަނޑުތަކުގެ ބޭރަށް ނުދާނެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿تِلْكَ حُدُودُ اللَّهِ فَلَا تَعْتَدُوهَا﴾ سورة البقرة:229  މާނައީ: [އެއީ ﷲ ކަނޑައެޅުއްވި މިންގަނޑުތަކެވެ. ފަހެ، އެމިންގަނޑުތަކުން ތިޔަބައިމީހުން ހައްދުފަހަނައަޅާ ނުދާށެވެ.] އެއީ މުއުމިނު މީހާ މިދުނިޔޭގައި އެމިންގަނޑެއްގެ ތެރޭގައި ހިފެހެއްޓިފައިވާ ތޭރިތަކެކެވެ. އެތޭރިތަކުގެ ބޭރަށް އޭނާ ނުނިކުންނާނެއެވެ.

ވީމާ އޭނާއަށް ދުނިޔެއަކީ ޖަލެއްފަދަ ތަނެކެވެ. އެޖަލުގައި އުޅެ މިދުނިޔެ ދޫކޮށްފިނަމަ، އެއީ އާޚިރަތުގެ ގޮވެތީގައި އުފަލާއި އަރާމުގައި އުޅުމުގެ މިނިވަންކަން ލިބޭނޭ މީހެކެވެ. މިދުނިޔޭގައި އެމިނިވަންކަން ހޯދައިގެންފި ނަމަ އޭނާއަށް އާޚިރަތް ވާހުށީ ޖަލަކަށެވެ. އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((الدُّنْيا سِجْنُ المُؤْمِنِ، وجَنَّةُ الكافِرِ)) މާނައީ: [ދުނިޔެއަކީ މުއުމިނާގެ ޖަލެވެ. އަދި ކާފިރުމީހާގެ ސުވަރުގެއެވެ.] ދުނިޔޭގެ ފަނާކުރުވަނިވި ސުވަރުގެއަކީ މާނައީ ދުނިޔޭގައިވާ އެންމެހައި އަރާމުތަކަކާއި އުފަލަކީ، މުއުމިނަކަށް މުހިންމު އެއްޗެއް ނޫނެވެ. ދުނިޔޭގެ ރަނާއި ރިއްސަކީ ފައިސާއަކީ މުއުމިނު މީހަކު ހައްލާލާނެ އެއްޗަކަށް ނުވެއެވެ. އަހަރެމެންގެ މާތް ނަބިއްޔާއަކީ ދުނިޔެއަށް މާތްﷲ ފޮނުއްވި އެންމެމާތް އިންސާނާއެވެ. އެކަލޭގެފާނު ބޭނުން ކޮންމެއެއްޗެއް އާޚިރަތުގެ އިތުރުން މިދުނިޔޭގައިވެސް އެކަލޭގެފާނަށް ދެއްވުން އެކަލާނގެ ކުޅަދުންވަންތައެވެ. ނަމަވެސް އެކަލޭގެފާނު އެންމެމާތް އިންސާނާއަށް ވެގެންދިޔައިރުވެސް މިދުނިޔޭގެ ލައްޒަތެއް އެކަލޭގެފާނު ބޭނުންފުޅުވެ ވަޑައިނުގެންނެވިއެވެ. ބުޚާރީގައި އައިސްފައިވާ ޙަދީޘެއްގައި ވެއެވެ: ((عَرَضَ عَلَيَّ رَبِّي بَطْحَاءَ مَكَّةَ ذَهَبًا، فَقُلْتُ: لَا يَا رَبِّ، وَلَكِنْ أَجُوعُ يَوْمًا وَأَشْبَعُ يَوْمًا، فَإِذَا شَبِعْتُ حَمَدْتُكَ وَشَكَرْتُكَ، وَإِذَا جُعْتُ تَضَرَّعْتُ إِلَيْكَ وَدَعَوْتُكَ)) މާނައީ: [ތިމަން ނަބިއްޔާގެ ވެރިއިލާހު މައްކާގެ ބަޠްޙާއުއޭ ކިޔުނު ސަރަޙައްދު އެއްކޮށް ރަނުގެ ގޮތުގައި ދެއްވަން ތިމަންނަބިއްޔާއަށް ހުށަހެޅުއްވިއެވެ. ތިމަން ނަބިއްޔާ ދެންނެވީމެވެ: ނޫނެކެވެ. އޭ މިއަޅާގެ ވެރިއިލާހުއެވެ. އެހެންނަމަވެސް އެއްދުވަހު ތިމަންނަބިއްޔާ ބަނޑުހައިކަން މަތީގައި ވާހުށީމެވެ. އަދި އަނެއްދުވަހު ކެއުން ލިބިގަންނާނަމެވެ. ތިމަންނަބިއްޔާއަށް ކެއުން ލިބިއްޖެ ހިނދު އިނބައިލާހަށް ތިމަންނަބިއްޔާ ޙަމްދުކުރާހުށީމެވެ. އަދި އިނބައިލާހަށް ތިމަންނަބިއްޔާ ޝުކުރުކުރާ ހުށީމެވެ. އަދި ބަނޑުހައިވާ ހިނދު ތިމަންނަބިއްޔާ އިނބައިލާހުގެ ޙަޟްރަތަށް މަޑުމޯޅިވެ ކުއްތަންވާހުށީމެވެ. އަދި އިނބައިލާހަށް ދުޢާކޮށް ދަންނަވާހުށީމެވެ.]

ބުނެވެއެވެ: ދުނިޔޭގައި 3 ބައެއް ވެއެވެ: އެއްބަޔަކީ މުއުމިނުމީހާގެ ބައެވެ. އެއީ ޞާލިޙު ޢަމަލުކޮށް އެދުނިޔެއިން އާޚިރަތަށްޓަކައި ކޮއްތު ތައްޔާރުކޮށް ގިނަކުރުމެވެ. ދެވަނަބަޔަކީ މުނާފިޤުމީހާގެ ބައެވެ. އެއީ ދުނިޔެއިން ޒީނަތް ލިބިގަތުމެވެ. ތިންވަނަބައި ވަނީ ކާފިރުންނަށެވެ. އެއީ ދުނިޔޭގެ އަރާމާއި އުފާ ލިބިގަތުމެވެ.

އަޅަމެންނީ އާޚިރަތަށްޓަކައި ގަދައަޅާ މަސައްކަތްކޮށް، ހެޔޮޢަމަލުތައް ގިނަކުރުންމަތީގައިވާ ބައެއްގެ ގޮތުގައި ލައްވާށިއެވެ. އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *