الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
މީހުންގެ ޢާންމު ދިރިއުޅުމުގައި ކޮންމެމީހަކުވެސް ފަރުވާތެރިކަމެއް ބަހައްޓަނީ އެމީހެއްގެ އަމިއްލަ މަޞްލަޙަތަށެވެ. އެމީހެއްގެ އަމިއްލަ އުފަލާއި އަމިއްލަ އަބުރަށާއި އަމިއްލަ ޙައްޤުތަކަށެވެ. ތިމާ ފަދަ އަނެއް އިންސާނާގެ އުފަލާއި އަބުރާއި ޙައްޤުތައް ގިނަފަހަރަށް އޮންނަނީ އެހާ އަހައްމިއްޔަތުކަން ދޭ ކަމަކަށް ނުވެފައެވެ. ނަމަވެސް އެއީ މިދުނިޔޭގެ އުފަލާއި ލައްޒަތާއި އަރާމަށް އެކަނި ވިސްނާމީހާގެ ނުވަތަ އާޚިރަތުގެ މަތިން ޣާފިލުވެފައިވާ މީހާގެ ޙާލަތެވެ. އެދުވަހަށް އީމާންވާ މީހާ އެދުވަހުގައި ކަންތައް ހިނގާފާނެ ގޮތާއިމެދު ކަންބޮޑުވާނެކަން ކަށަވަރެވެ.
ޝައްކެއްވެސް ނެތެވެ. މިދުނިޔޭގައި މީހެއްގެ ޙައްޤަކަށް އަރައިގަނެފައި، އެޙައްޤަކުން މިދުނިޔޭގައި ބަރީއަވެފައި ނުވާނަމަ، އެމީހަކު އާޚިރަތްދުވަހުގައި އެކަމަކާ ކުރިމަތިލާންޖެހޭނެކަން ކަށަވަރެވެ. ޤިޔާމަތްދުވަހަކީ އެދުވަހެއްގެ ކަންތައްތައް ހިނގާނެ ގޮތުގެ ގިނަގުނަ ތަފްޞީލުތަކެއް ޤުރުއާނާއި ސުންނަތުގައި ބަޔާންވެފައިވާ ކަންކަމެވެ. އެކަންކަން ޤިޔާމަތްދުވަހުގައި ހިނގާނެކަން މުއުމިނެއްގެ ހިތުގެ ފުންމިނުން ޤަބޫލުކުރާނެއެވެ. އެގޮތުން ޤުރުއާނުން އެނގޭ ގޮތުގައި ޤިޔާމަތްދުވަހުގައި ކޮންމެ މީހަކު ކުރި ޢަމަލެއްގެ ތަފްޞީލު އެމީހެއްގެ ކުރިމައްޗަށް އަންނާނެތެވެ. ކިތަންމެ ކުޑަނަމަވެސް ކަމެއް ފޮރުވިގެން ނުވެތެވެ. ކިތަންމެ ކުޑަނަމަވެސް އެހެންމީހެއްގެ ޙައްޤަކަށް އަރައިގަނެފައިވާނަމަ ވެސް އެކަމެއް އެމީހެއްގެ ކުރިމައްޗަށް ގެނެވޭނެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوءٍ﴾ سورة آل عمران:30 މާނައީ: [އެދުވަހަކީ ކޮންމެ ނަފްސެއްމެ ކޮށްފައިވާ ހެޔޮކަމެއް ވިޔަސް ޙާޒިރުވެފައިވާތަން ތިބާ ދެކޭނޭ ދުވަހެވެ. އަދި ނުބައިކަމެއް ވިޔަސް ކޮށްފައިވާނަމަވެސް (އެދުވަހުގައި ހާޒިރު ކުރެވޭނެތެވެ.)] އެކަންކަން އޭނާގެ ކުރިމައްޗަށް ހާޒިރުވެފައި ވާތަން ފެނުމުން، އެއީ އާދައިގެ މަންޒަރެއް ނޫނެވެ. އެއީ ނުހަނު ބިރުވެރިކަން ހިތަށް ވެރިވެގަންނަ ވަގުތެކެވެ. އޭގެ ސަބަބުން އެކަންތައްތަކާއި އެތަކެއް ހިސާބު ދުރަކަށް އޭނާ ފިލައިގެން ދިއުމަށް އެދޭނެއެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُۥٓ أَمَدًۢا بَعِيدًا ۗ﴾ سورة آل عمران:30 މާނައީ: [އޭނާގެ ނަފްސާއި އޭނާގެ ކުރިމައްޗަށް ހާޒިރު ކުރެވުނު ކަންތަކާއި ދެމެދުގައި އެތަކެއް ދުރުމިނަކަށް ދުރުގައި ވީނަމައޭ، އެނަފްސު އެދޭނެތެވެ.]
މިދުނިޔޭގައި މީސްމީހުން އެކަކާ ދިމާއަށް އެއްޗެތި ގޮވާލަންވީމާ އެއްޗެތި ގޮވާލާފައި، އަނެކަކާއި ބެހޭގޮތުން މީހުންގެ ތެރޭގައި ދޮގުހަދާފައި، އަނެއްމީހާއަށް ދޭންޖެހިފައިވާ މުދަލެއް ނުދީ ހިފަހައްޓާފައި، އަނެކަކު ލައްވާ މަސައްކަތް ކުރުވާފައި ފައިސާ ނުދީ ހިފަހައްޓާފައި ތަނެއްގެ މުދަލަށް ޚިޔާނާތްތެރިވެފައި ހިތަށް އެރީމާ އެރިހާ މީހެއްގެ އަބުރު ކަތިލާ، ރުޅިއަންނަ ކޮންމެފަހަރަކު މީހުންނަށް ހަޑިހުތުރު އެއްޗެތި ގޮވާފައި ނޫނީ ޖަހާން ހިތަށް އެރުމުން ޖަހާފައި، ތިމާމީހާއަށް އެކަންކަމުން ފިލައިގެން ދެވިދާނޭ ކަމަށް ހީކުރުމަކީ އެމީހަކަށް ކުރެވޭނޭ އެންމެ ބޮޑު ކުށްހީއެވެ. ޔަޤީންކަމާއެކު ނައްޞުތަކުން އެނގެން އޮތީ އެމީހަކަށް އެކަންކަމުން ނުފިލޭނޭ ކަމެވެ. އެއީ ޤިޔާމަތްދުވަހަކީ އެންމެހައި ޙައްޤުތަކެއް އޭގެ ޙައްޤުވެރިންނަށް ލިބިދެވޭ ދުވަހެވެ. ޖަނަވާރަކަށް ޖަނަވާރެއް ދީފައިވާ އަނިޔާގެވެސް ބަދަލު އެދުވަހުގައި ދެވޭނެތެވެ. އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((لَتُؤَدُّنَّ الحُقُوقُ إِلَى أَهْلِهَا يَوْمَ القِيَامَةِ، حَتَّى يُقَادُ لِلشَّاةِ الجَلْحَاءِ مِنَ الشَّاةِ القَرْنَاءِ)) މާނައީ: [ޤިޔާމަތްދުވަހުގައި ޙައްޤުތައް އޭގެ އަހުލުވެރިންނަށް އަދާކުރެވޭނޭކަން ކަށަވަރެވެ. އެއީ ދަޅުހުރި ޖަނަވާރުގެ ކިބައިން ދަޅުނެތް ޖަނަވާރަށް (ލިބިފައިވާ އަނިޔާގެ ބަދަލަށް ދާންދެން އެދުވަހުގައި އެޙައްޤުތައް އަދާކުރެވޭނެއެވެ.)]
ނަމަވެސް މިއަދު މުޖްތަމަޢުގެ ތެރެއިން ފެންނަނީ ބައެއް މީހުން މިކަމަކާއި އެއްވެސް އަޅާލުމެއް ނުބަހައްޓާތަނެވެ. ބަލާބެލުމަށް މިއީ ފަހެ ފަހުން އަންނާނޭ ދުވަހަކަށް އީމާންވެގެން ތިބި ބައެއްބާއޭ ވެސް ހިތަށްއަރާވަރު ވެއެވެ. އެކަންކަމަށް ކުޑަވެސް ޖެހިލުމެއް ނުވާމީހުން މުޖްތަމަޢުގެ ތެރެއިން ފެނެއެވެ. ހިތަށް އައުމާއެކު ހިތަށް އައިހާކަމެއް ކޮށްލުމަކީ މާބޮޑުކަމަކަށް ނަހަދައެވެ. އެގޮތަށް އުޅޭ މީހަކުގެ އަތުން، އެއިން ކޮންމެ ކަމެއް ކުރާ ކޮންމެފަހަރަކު ފައިސާތަކެއް އަތުލަމުން ދާނަމަ، އެބައިމީހުން އެފަދަ ކަމެއް ތަކުރާރުކޮށް ކުރާނޭ ބާއޭ ހިތަށް އަރައެވެ. ނުކުރާނޭކަން ކަށަވަރެވެ. އެއީ އެމީހަކު ބަނގުރޫޓުވެ އަތްމަތި ދަތިވާކަށް އެކަކުވެސް ނޭދޭނެތެވެ. ނަމަވެސް ހިތާމައާ އެކު ބުނަންޖެހެނީ، އެފަދަ މީހެއްގެ އަތުން ކޮންމެ ފަހަރަކު ފައިސާތަކެއް އަތުލެވެމުން ނުދިޔަނަމަވެސް، އެމީހަކަށް އިޙްސާސް ނުވާނޭ ފަދަ ބަނގުރޫޓުވުމަކުން އެމީހަކު އެދަނީ ބަނގުރޫޓުވަމުންނެވެ. އެފަދަ ކަމެއް މިދުޔޭގައި ކޮށްފައި އެފާފައިން ބަރީއަ ނުވާ ކޮންމެ ފަހަރަކު އެމީހަކު އެދަނީ ބަނގުރޫޓުވަމުންނެވެ. އަދި ޙަޤީޤީ ބަނގުރޫޓުވެރިއަކީ އޭނާއެވެ. އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((أَتَدْرُونَ مَا الـمُفْلِسُ؟ قَالُوا: الـمُفْلِسُ فِينَا مَنْ لَا دِرْهَمَ لَهُ وَلَا مَتَاعَ، فَقَالَ: إِنَّ الـمُفْلِسَ مِنْ أُمَّتِي يَأْتِي يَومَ القِيَامَةِ بِصَلاةٍ، وَصِيَامٍ، وَزَكاةٍ، وَيَأْتِي قَدْ شَتَمَ هَذَا، وَقَذَفَ هَذَا، وَأَكَلَ مَالَ هَذَا، وَسَفَكَ دَمَ هَذَا، وَضَرَبَ هَذَا، فَيُعْطَى هَذَا مِنْ حَسَناتِهِ، وَهَذَا مِنْ حَسَناتِهِ، فَإنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ، ثُمَّ طُرِحَ في النَّارِ)) މާނައީ: [ރަސޫލާ صلى الله عليه وسلم ޞަޙާބީންނާ ސުވާލުކުރެއްވިއެވެ: ތިޔަބައިމީހުންނަށް ބަނގުރޫޓުވެރިއަކީ ކާކުކަން އެނގޭ ހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ: އަހަރެމެން ތެރޭގައި ބަނގުރޫޓުވެރިއަކީ އެމީހެއްގެ އަތުގައި ދިރުހަމެއް ނޫނީ މުދަލެއް ނެތް މީހާއެވެ. ދެންފަހެ އެނަބިއްޔާ ޙަދީޘްކުރެއްވިއެވެ: ހަމަކަށަވަރުންވެސް ތިމަން ނަބިއްޔާގެ އުންމަތުގައި ބަނގުރޫޓުވެރިއަކީ ޤިޔާމަތްދުވަހުގައި ނަމާދުކޮށް ރޯދަހިފާ ޒަކާތް ދިނުމާއެކު، މީނާއާ ދިމާއަށް އެއްޗެތި ގޮވާފައި، އަދި މީނާއަށް ޤަޛުފުކޮށްފައި، އަދި މީނާގެ މުދަލުން ކައިފައި، އަދި މީނާގެ ލޭ އޮހޮރުވާފައި، އަދި މީނާގެ ގައިގައި ޖަހާފައި އަންނަމީހާއެވެ. ފަހެ މީނާއަށް އޭނާގެ ހެޔޮކަންކަމުގެ ތެރެއިން، އަދި މީނާއަށް އޭނާގެ ހެޔޮކަންކަމުގެ ތެރެއިން ދެވޭނެއެވެ. ފަހެ، އެކަމުގައި އޭނާގެ މައްޗަށްވާ ނިޔާ ކަނޑައެޅި ނުނިމެނީސް އޭނާގެ ހެޔޮކަންކަން ހުސްވެއްޖެނަމަ، އެބައިމީހުންގެ ފާފަތަކުން ނެގި އޭނާގެ ބޮލުގައި އެޅުވޭނެއެވެ. އަދި އެއަށްފަހު، އޭނާ ނަރަކައަށް އެއްލާލެވޭނެތެވެ.]
މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުން ދުރުހެލިވެގެންވާ ބައެއްގެ ގޮތުގައި އަޅަމެން ލައްވާށިއެވެ. އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.