އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި މިއަދު ބޭއްވި އެސެމްބްލީ ގައި ކީރިތި ޤުރުއާނަށްފަހު 2 ވަނަ ޓާމްގެ ކިޔެވުން ފަށާފައިވަނީ ޤައުމީ ސަލާމުންނެވެ. މި ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ވަނީ ކީރިތި ޤުރުއާނަށްފަހު ގައުމީ ސަލާމް ކިޔާފައެވެ.
މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ކޮންމެ ދުވަހެއްގެ ދަންފަޅި ފެށުމުގެ ގޮތުން ޤައުމީ ސަލާން ކިޔަން ތަޢުލީމީ ވުޒާރާއިން ވަނީ އަންގާފައެވެ.

މިއީ، ގައުމިއްޔަތު ދިރުވުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ނިންމެވި ނިންމެވުމެކެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި އެ ގޮތަށް ނިންމެވީ ގައުމު ދެކެ ލޯބިވާ ކުދި ބަޔަކަށް ދަރިވަރުން ހެދުމަށާއި ޤައުމީ ސަލާމާއި ޤައުމީ ދިދަ ދެކެ ލޯބިވާ ބަޔަކަށް ދަރިވަރުން ހެދުމަށެވެ.
މިއަދު 2 ވަނަ ޓާމްގެ ކިޔެވުން ފެށީ 2 ހަފްތާގެ ޗުއްޓީއަކަށްފަހުގައެވެ. ފުރަތަމަ ޓާމްގެ ކިޔެވުން ނިމިގެން ދަރިވަރުންނަށް ޗުއްޓީ ލިބުނީ ޑިސެމްބަރ މަހުގެ 21 ވަނަ ދުވަހުއެވެ.
މިއަދު ފެށުނު 2 ވަނަ ޓާމް ގައި 108 ދުވަހު ކިޔަވައިދޭނެއެވެ. ގްރޭޑް 11 ގެ ދަރިވަރުންގެ ފުރަތަމަ ސެމިސްޓަރ އަދި ގްރޭޑް 12 ގެ ދަރިވަރުންގެ ތިންވަނަ ސެމިސްޓަރ އިމްތިހާން މި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ފެށޭނެއެވެ. އަދި ގްރޭޑް 10 ގެ ފަހު އިމްތިޙާން ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ފެށޭނެއެވެ.