އަންނަ އަހަރުންފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރ މަހަށް ބަދަލުކުރާނެ ކަމަށާއި ދިރާސީ އައު އަހަރުގެ ކިޔެވުން 2026 ވަނަ އަހަރު ޖެނުއަރީގައި ފެށޭނީ ކުރިއަށް އޮތް 2 އަހަރުގެ ދިރާސީ ކަލަންޑަރަށް ބަދަލު ގެނެސްގެން ކަމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ނިންމެވި ނިންމެވުންތަކާ ގުޅޭ މަޢުލޫމާތު މިރޭ ނޫސްވެރިންނާ ހިއްސާކުރައްވަމުންނެވެ.
ނާޒިމް ވިދާޅުވީ 2025 ވަނައަހަރު ޑިސެމްބަރުގައި ބޮޑު ޗުއްޓީ ލިބޭނެ ކަމަށާއި 2026 ވަނަ އަހަރު ޖެނުއަރީގައި ދިރާސީ އަހަރު ފަށަން ނިންމީ ކުއްލިއަކަށް އެ ބަދަލު ނުގެންނަން ކަމަށެވެ. އޭގެ ބަދަލުގައި ތައުލީމީ ކަލަންޑަރަށް މަދުމަދުން ގެނެވޭ އިސްލާހުތަކަކާ އެކު، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެކަމަށް ހައްލު ހޯދަން ނިންމީ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ސަރުކާރުން ގެންނަ ބަދަލާއެކު ކުރިއެކޭ އެއްގޮތަށް ޖުލައި މަހުގައި ތިން ހަފުތާ އަދި ޑިސެމްބަރު މަހު ހަތަރު ހަފުތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ. އެ ބަދަލު ގެންނަނީ ދަރިވަރުންގެ ކިޔެވުމަށް ދަތިނުވާ ގޮތަށް ރޭވިގެން. މިކަން ކުރުމަށް ރޭވިފައިވަނީ ކުއްލިއަކަށް އެބަދަލު ގެނައުމުގެ ބަދަލުގައި ތައުލީމީ ކަލަންޑަރަށް ގެނެވޭ އިސްލާހުތަކަކާއެކު ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މިއަށް ހައްލު ލިބޭ ގޮތަށް. އެއީ ދަރިވަރުންގެ ކިޔެވުމަށް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ނުވަތަ އުނދަގޫތަކެއް ކުރިމަތިނުވާނެ ގޮތެއްގެ މަތިން" ނާޒިމް ވިދާޅުވިއެވެ.
ދިރާސީ އައު އަހަރު ފެށޭ ތާރީޚު ކުރިން އޮތް ގޮތަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމީ ތަޢުލީމާ ބެހޭ ވުޒާރާއިން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވައިގެންކަން ނާޒިމް ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ނެރުއްވި ނޫސްބަޔާނެއްގައިވަނީ މިބަދަލުގެ ސަބަބުން ގްރޭޑް 9 އަދި 10ގައި ކިޔަވަމުންދާ ދަރިވަރުންނަށް އެއްވެސް ބަދަލެއް ނާންނާނެކަމުގައެވެ.
" ކުރިންވެސް ރޭވިފައިވާގޮތަށް މިދަރިވަރުން އޯލެވެލް އިމްތިހާނު ހަދާނީ މޭ/ޖޫން ގައެވެ. އަދި މަންހަޖު ފުރިހަމަ ކުރުމުގައި އެއްވެސް ވަރަކަށް ކްލާސްރޫމް ލާރނިންގ ޓައިމް ގެއްލިގެން ނުދާނެއެވެ." ނޫސްބަޔާނުގައި ވެއެވެ.
5 ސެމެސްޓަރަށް ބަހާލައިގެން ގެނެވޭ މިބަދަލުގެ ސަބަބުން ދިވެހިރާއްޖޭގެ ފިސްކަލް އަހަރާއި ތަޢުލީމީ އަހަރު އެލައިންކުރެވި އޭގެ މަންފާ ސްކޫލް ހިންގުމުގެ ނިޒާމަށް ލިބިގެންދާނެކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ރަށުންބޭރުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އަހަރުގެ ތެރެއިން ލިބޭ ޗުއްޓިތައް މިހާރު ލިބެމުންދާ މިންވަރަށްވުރެ މަދުވެގެން ނުދާނެކަމަށްވެސް ނޫސްބަޔާނުގައިވެއެވެ.
މިކަމާގުޅޭ އިތުރު މަޢުލޫމާތު މިިސްޓްރީގެ ފަރާތުން ޢާއްމުކުރަމުން ގެންދާނެކަންވެސް މިނިސްޓރީއިން ހާމަކޮށްފައިވެއެވެ.
ޒަމާނުއްސުރެ ރާއްޖޭގައި ދިރާސީ އަހަރު ފަށަމުން އައީ ޖެނުއަރީ މަހުގައެވެ. ދިރާސީ އަހަރު ފެށުން އޮގަސްޓް މަހަށް ބަދަލުކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ. އެއީ ކޮވިޑްގެ ޙާލަތުގައި ދޮޅު އަހަރަށް 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ދިގު ދަންމާލުމަށްފަހުގައެވެ.