އާރޓިކަލް 153 : ޝަހާދަތް ޤަބޫލުވެވެނީ ވަކިކަންތައްތަކެއް ފުރިހަމަވެގެންނެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ކޮންމެމީހެއްގެ މަރަށްފަހު އަންނަން އޮތް ޙަޔާތަކީ އެމީހަކު މަރުވެދިޔަ ގޮތަކާ ގުޅޭގޮތުގެ މަތިން، އެމީހަކަށް ސުވަރުގެ ނުވަތަ ނަރަކަ ކަނޑައެޅޭ ދުވަހެވެ. އެދެތަން ހަމަލޮލަށް ދައްކާލުމަށްފަހު، އެތަނުން ކޮންތަނެއްތޯ އިޚްތިޔާރު ކުރާނީ ބުނެވިއްޖެނަމަ، އެއްވެސް އިންސާނަކު ނަރަކައާ ދިމާއަށް ނުދާނޭކަން ކަށަވަރެވެ. އޭގެ ބަދަލުގައި ކޮންމެ މީހަކުމެ އިޚްތިޔާރުކުރާނީ ސުވަރުގެ ވަނުމެވެ. ހަމަކޮންމެ އިންސާނަކު ބޭނުންވާނީ ސުވަރުގޭގެ ތަޅުދަނޑިއެވެ. ނަމަވެސް އެސުވަރުގޭގެ ތަޅުދަނޑިއަކީ މިދުނިޔޭގެ ދިރިއުޅުމުގައި ނުވަތަ މަރުވުމުގެ ކުރިން ހޯދަންޖެހޭ އެއްޗެކެވެ. ތާބިޢީ ބާކަލެއް ކަމުގައިވާ ވަހުބް އިބްނު މުނައްބިހް رحمه الله ވިދާޅުވިކަމަށް އިމާމް ބުޚާރީ މުޢައްލަޤުކޮށް ރިވާކުރެއްވިއެވެ:  (أَنَّهُ قِيلَ لَهُ أَلَيْسَ لَا إِلَهَ إِلَّا اللهُ مِفْتَاحُ الْـجَنَّةِ قَالَ: بَلَى وَلَكِنْ لَيْسَ مِفْتَاحٌ إِلَّا وَلَهُ أَسْنَانٌ فَإِنْ جِئْتَ بِـمِفْتَاحٍ لَهُ أَسْنَانٌ فُتِحَ لَكَ وَإِلَّا لَـمْ يُفْتَحْ لَكَ) މާނައީ: [އެތާބިޢީ ބޭކަލަށް ދެންނެވުނެވެ. لَا إِلَهَ إِلَّا اللهُ އަކީ ސުވަރުގޭގެ ތަޅުދަނޑި ނޫންތޯއެވެ؟ ވިދާޅުވިއެވެ: އާދޭހެވެ. އެހެންނަމަވެސް ތުނޑުތަކެއް ލާފައި ނޫނީ ތަޅުދަނޑިއެއް ނުހުންނާނެއެވެ. ވީމާ ތިބާ ތުނޑުތައް ލާފައިވާ ތަޅުދަނޑިއާއިގެން އަތުވެއްޖެނަމަ، ފަހެ އެތަން ތިބާއަށް ހުޅުވައިދެވޭނެތެވެ. އެހެންނޫނީ ތިބާއަކަށް އެތަނެއް ނުހުޅުވައިދެވޭނެއެވެ.]

ވީމާ ސުވަރުގޭގެ ތަޅުދަނޑީގައިވެސް ތުނޑުތަކެއްވެއެވެ. އެތުނޑުތަކަކީ ޖުމްލަ ހަތް ތުނޑެކެވެ. އެއީ އެޝަހާދަތުގެ ކަލިމަ ޞައްޙަވުމުގެ ޝަރުޠުތަކެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވާއިރު، އެއާއެކުގައި އެމީހާގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކެވެ. މާތްﷲ ގެ ޙަޟްރަތުގައި އެކަލިމަ ކިޔާމީހާގެ ކަލިމަ ޤަބޫލުވެވުމަށްޓަކައި، އެކަލިމަ ދުލުން ކިޔުމުގެ ކުރިއަށް އޭނާގެ ކިބައިގައި އެކަލިމައާއި މެދު ފުރިހަމަވާންޖެހޭ ކަންކަމެވެ. ނަމާދުކުރާއިރު އެނަމާދު ޞައްޙަވުމަށްޓަކައި، ވުޟޫހުރުމާއި ޠާހިރު ފޭރާމަކުން ޢައުރަ ނިވާކުރުމާއި ޤިބުލައަށް ކުރިމަތިލުމާއި ނަމާދުކުރާތަނާއި މީހާ ނަޖިހުން ޠާހިރުވެފައި ހުރުން ފަދަ ކަންކަން ބޭނުންވާ ފަދައިން ޝަހާދަތުގެ ކަލިމައަށް ބޭނުންވާ ކަންކަމެވެ.

لَا إِلَهَ إِلَّا اللهُ  މިކަލިމަ ކިޔާއިރު އެމީހަކު އެހެކިވަނީ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އެއްވެސް ފަރާތެއް ނުވާ ކަމަށެވެ. އެންމެފުރަތަމަވެސް އެހެން ދުލުން ކިޔާއިރު އެކިޔާ އެއްޗެއްގެ މާނަ އެނގެން ޖެހެއެވެ. އެކިޔަނީ ޙަޤީޤަތުގައިވެސް ތެދެއްކަން ހިތުގެއަޑިން ޔަޤީންކުރުމެވެ. އެކަލިމައިގައި އެވާ ވާހަކަތައް ހިތުގެއަޑިން ޤަބޫލުކޮށް އެކަންކަން ބަލައިގަތުމެވެ. އެކަލިމައިގައި އެބުނާ ވާހަކައާ އެއްގޮތަށް ޢަމަލުކުރުމެވެ. އެފަދައިން ޢަމަލުކުރުމުގައި ހިތުގައިވާ ނިޔަތް ރަނގަޅުވެ އިޚްލާޞްތެރިވުމެވެ. އެކަލިމައަށް ޢަމަލުކުރާއިރު ނުވަތަ ދުލުންބުނާއިރު ތެދުވެރި ހިތަކާއިގެން އެފަދައިން ކިޔައި ޢަމަލުކުރުމެވެ. އަދި އެންމެފަހު ކަމަކަށް އެކަލިމައިގައި ބުނާ އެއްޗެއް ހިތުގެއަޑިން ޤަބޫލުކޮށް ދުލުންކިޔާ، އެފަދައިން ޢަމަލުކުރާއިރު އެއެންމެހައި ކަމަކަށް ލޯބި ކުރުމެވެ.

ވީމާ މިކަލިމަ ދުލުންކިޔާ ކޮންމެމީހަކަށްމެ، އޭގެ ފުރިހަމަ މާނަ އެނގުމަކީ ސުވަރުގޭގެ ތަޅުދަނޑީގެ އެއް ތުނޑެވެ. އެއީ އެކަލިމަ ޞައްހަވުމުގެ ޝަރުޠެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿وَلَا يَمْلِكُ الَّذِينَ يَدْعُونَ مِن دُونِهِ الشَّفَاعَةَ إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ﴾ سورة الزخرف:86  މާނައީ: [އަދި އެކަލާނގެ ފިޔަވައި އެބައިމީހުން ދުޢާކުރާ އެއްވެސް ފަރާތަކަށް ޝަފާޢަތް މިލްކުވެގެން ނުވެއެވެ. (މާނައީ ޝަފާޢަތް މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. އެކަލާނގެ ލޯބިލިބިފައިވާ އަދި އިޛުނަ ލިބިފައިވާ މީހަކަށް މެނުވީ އެކަކަށްވެސް ޝަފާޢަތްތެރި ނުވެވޭނެއެވެ.) އެހެކިވާ އެއްޗެއް ދެނެހުރެ ޙައްޤަށް ހެކިވާ މީހާ ފިޔަވައެވެ.] ޙައްޤަށް ހެކިވުމަކީ އެކަލާނގެ ފިޔަވައި އެހެންފަރާތަކަށް އަޅުކަން ނުކުރަން ވެވޭ ހެއްކެވެ. އެއީ ޝަހާދަތުގެ ފުރަތަމަ ކަލިމައެވެ. އެފަދައިން ކިޔާމީހާއަށް އޭގެ ފުރިހަމަ މާނަ އެނގެންޖެހެއެވެ.

އެބުނެވޭ ބަހުގެ މާނައަކީ ހަމަތެދުކަން ޔަޤީންކުރުމީ ޝަހާދަތުގެ ދެވަނަ ޝަރުޠެވެ. ހިތުގައި އެއާއި މެދު އެއްވެސް ޝައްކެއް ނެތި އެކަމަށް ހެކިވުމެވެ. މިސާލަކަށް؛ އަލަށް އިސްލާމްވާ ނަޞާރާއަކު އޭނާ އެތައް ދުވަހެއް ވަންދެން ޤަބޫލުކުރަމުން ދިޔަ ގޮތް ކަމުގައިވާ ޢީސާގެފާނަކީ މާތްﷲ ގެ ދަރިކަލެއް ކަމަށް އޮތް ޤަބޫލުކުރުން އެއީ ބާޠިލު ޤަބޫލުކުރުމެއްކަން ހިތުގެ އަޑިން ޔަޤީންވާން ޖެހެއެވެ. އޭގެ ބަދަލުގައި ޝަހާދަތް ކިޔާއިރުވެސް، އޭނާ ކުރިން ޤަބޫލުކުރި ގޮތް އެއީ ހަމަ ތެދެއްކަމަށް ވެދާނޭ ކަމުގެ ޝައްކުގެ ވިސްނުމެއް އެއްވެސް ވަރަކަށް ހުރިނަމަ، އޭނާގެ ޝަހާދަތް ޞައްޙަ ނުވާހުއްޓެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا﴾ سورة الحجرات:15  މާނައީ: [ހަމަކަށަވަރުން މުއުމިނުންނަށް ވާކަން ކަށަވަރީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވެ، ދެން އެއަށްފަހު ޝައްކު ނުކުރާ މީހުންނެވެ.] ޝަހާދަތް ކިޔުމަށް ފަހުގައިވެސް އޭނާ އެހެކިވި ކަންތަކާއި މެދު ޝައްކު އުފެދިފައިވާނަމަ، އެމީހަކު ބޭރުފުށުން މުސްލިމެއްގެ ގޮތުގައި މީސްތަކުން ބަލައިގަތަސް، އެމީހަކު މާތްﷲ ގެ ޙަޟްރަތުގައި ވާހުށީ އެތެރެފުށުން ކާފިރުވެފައިވާ މީހަކަށެވެ. ވީމާ އޭނާއަކީ ޙަޤީޤަތުގައި ޢަޤީދާގެ ގޮތުން މުނާފިޤެކެވެ.

މިކަމުން އެނގިގެން ދަނީ މުސްލިމް މުޖްތަމަޢުގައި އުޅޭ ކާފިރުންވެސް، ޢާންމުކޮށް ދިވެހިންނެކޭ އެއްގޮތަށް ވާހަކައިގެ ތެރޭގައި ޝަހާދަތް ކިޔަސްވެސް، އޭގެ މާނަ ނޭނގި އެފަދައިން ކިއުމަކުން އޭނާ މުސްލިމަކަށް ނުވާނޭ ކަމެވެ. އަދި އެބުނާ އެއްޗެއްގެ މާނަ އެނގިފައި އެއާމެދު ޝައްކު އުފެދޭނަމަ ނުވަތަ ޤަބޫލުކުރުމުގެ ގޮތުން ނޫންގޮތަކަށް އެހެން ކިޔުމަކުން ވެސް އެބައިމީހުން މުސްލިމުންނަށް ނުވާނޭ ކަމެވެ.

އަޅަމެންނީ ފުރިހަމައަށް ދީނުގެ ޢިލްމު ލިބިގަނެ ހިތަށް އެޢިލްމު ނަގައިގަތުމަށް ގަދައަޅާ މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ލައްވާށިއެވެ. އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *