މިއަދަކީ، ދިވެހިރާއްޖޭގެ ޅެންވެރިންގެ ދުވަހެވެ. 1998 ވަނައަހަރުން ފެށިގެން ސަރުކާރުން ގެންދަވަނީ ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަސް ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންނެވެ. މި ދުވަސް ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ސަރުކާރުން ނިންމެވީ ދިވެހި ޅެންވެރިކަމުގެ ޝާޢިރުއްޝަބާބު އަލްއުސްތާޛް އިބްރާހީމް ޝިހާބު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ދުވަސް ހަނދާނަށް ގެނައުމުގެ ގޮތުންނެވެ. އިބްރާހީމް ޝިހާބު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 15 ޖަނަވަރީ 1988 ގައެވެ. އަލްއުސްތާޛް އިބްރާހީމް ޝިހާބަކީ ދިވެހި ޅެންވެރިކަމަށް ގިނަގުނަ ޚިދްމަތްތަކެއް ކުރެއްވި ޝާޢިރެކެވެ. ޅެންވެރިކަމުގެ ޝާޢިރުއްޝަބާބުގެ އިތުރަށް އެމަނިކުފާނަކީ ޅެންވެރިކަމުގެ ގުލްފާމެވެ އަދި ޘާޤިބުވެސް މެއެވެ.
މިއަހަރު ޅެންވެރިންގެ ދުވަސް ސަރުކާރުން ތަޚްޞީޞް ކުރައްވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދައިރާއިން ޚާއްޞަކޮށް ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ގދ. ތިނަދޫ، އަލިދޯދި، އަލްފާޟިލް ޢަބްދުﷲ ޢަފީފް (އަފީފުބެ) އަށެވެ. މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޝިޢާރަކީ، "ޤައުމީ ގޮވުމަށް އިޖާބަދޭން ކެރިގެން ދާނަން ފުރާނަދޭން" މި ލަވަޔަށެވެ. މިއީ ޢަބްދުﷲ ޢަފީފްގެ ޤައުމީ ޖޯޝުން ފުރިގެންވާ ލަވައެކެވެ.

މި ޝިޢާރުން ރަމްޒުކޮށްދެނީ ޤައުމީ ދިރުމާއި ޤައުމުގެ ގޮވުމަށް އިޖާބަދޭން ކެރިގެން ނިކުތުމަށް ކުރެވޭ އިލްތިމާސެކެވެ. އަދި ދީނުގައި ސާބިތުވުމާއެކު ބަހާއި ސަގާފަތު ފެތުރުމަށް ގޮވައިލައްވައެވެ. ހަމައެހެންމެ މި ޝިޢާރު ހިމެނޭ ޅެމަކީ ޤައުމީ މުނާސަބަތު ތަކުގައި ޖޯޝީ ރާގެއްގައި ސަގާފީ ބޮޑުބެރުގެ އަސަރާއި މިއުޒިކާއެކު ތައްޔާރުކުރައްވާފައިވާ ފަންނުވެރި ހުށަހެޅުމެކެވެ. މިއީ ޤައުމީ ގޮތުން މުޖުތަމަޢަށް ވަރަށް ރަނގަޅު މެސެޖެއް ދެއްވާފައިވާ ޅެމެކެވެ.

މިއަދު ރާއްޖޭގެ ހުރިހާ މަދަރުސާއެއްގައިވެސް ޅެންވެރިންގެ ދުވަހާއި ގުޅިގެން ތަފާތު ހަރަކާތްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޤައުމީ ޅެން ކިޔުމާއި ޅެމުން ޑްރާމާ ހުށަހެޅުމާއި ޚާއްޞަ އެސެންބްލީ ބޭއްވުމާއި ޅެންވެރިންނާއެކު ހަވީރުކުރުން ހިމެނެއެވެ. މި ހަރަކާތްތައް މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ދިވެހިރާއްޖޭގެ ޅެންވެރިންގެ ދުވަސް ލިޔުންތެރިންގެ ގުޅުމުގެ ފަރާތުންވެސް ދަނީ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަމުންނެވެ. މިދިޔަ އަހަރު ޅެންވެރިންގެ ދުވަސް ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ފާހަގަކުރީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ގުޅިގެންނެވެ. އެ ޖަލްސާ ބޭއްވީ އަޙްމަދިއްޔާގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ލިޔުންތެރިންގެ ގުޅުމުން ޚާއްސަކުރެއްވި ޅެންވެރިޔަކީ، މަޝްހޫރު ޅެންވެރިޔާ އަލްފާޟިލް ރޯނުގޭ ޙަސަން މަނިކެވެ. އެ ޖަލްސާގައި ޙަސަން މަނިކުގެ ޅެންވެރިކަމުގެ މައްޗަށް ވާހަކަދެއްކުމާއި ޅެން ހުށަހެޅުމާއި އަޙްމަދިއްޔާގެ ލައިބްރަރީ އަށް ފޮތް ހަދިޔާ ކުރުމާއި ޅެންވެރިޔާ ގެ 8 ވަނަ އަދަދު ނެރުން އޮތެވެ.
އަލްފާޟިލް ރޯނުގޭ ޙަސަން މަނިކަކީ ޅެންވެރިކަމުގެ ރޮނގުން ތަފާތު ދާއިރާތަކުން ޅެން ހައްދަވާފައިވާ އަދި މިހާރުވެސް ޅެން ހައްދަވަމުން ގެންދަވާ ވަރަށް ކުޅަދާނަ ޝާޢިރެކެވެ.