الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ޝަހާދަތުގެ ދެކަލިމައިގެ ތެރެއިން ފުރަތަމަ ކަލިމަ ކަމުގައިވާ لَا إِلَهَ إِلَّا اللهُ ގައި ޖުމްލަ ހަތް ޝަރުޠު ހިމެނެއެވެ. ޝަރުޠޭ ބުނެވޭ ބަހުގެ މާނައަކީ އެކަންކަމާ ނުލައި ޞައްޙަ ނުވާނޭ ވާހަކައެވެ. އެއީ ކަމެއް ފުރިހަމަވުމަށް ބޭނުންވާ އެއްޗެއް ނޫނެވެ. ނަމަވެސް ޝަރުޠަކީ ކަމެއް ޞައްޙަވުމަށް، ނުވަތަ މާތްﷲ ގެ ޙަޟްރަތުގައި ޤަބޫލުވުމަށް ބޭނުންވާ އެއްޗަކަށް ކިޔާ ނަމެކެވެ. އަދި އުޞޫލު ފިޤުހުގެ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ޝަރުޠުތައް އަންނާނީ ޝަރުޠު ހަމަވާންޖެހޭ ކަންތައް ކުރުމުގެ ކުރިންނެވެ. އެގޮތުން ޝަހާދަތް މާތް ﷲ ގެ ޙަޟްރަތުގައި ޤަބޫލުވުމަށް، ހަތް ޝަރުޠެއްވެއެވެ؛ އެއީ ޢިލްމާއި އެކު އެނގުމާއި، ޔަޤީންކުރުމާއި، ޤަބޫލުކުރުމާއި، ތަބަޢަވުމާއި، އިޚްލާޞްތެރިވުމާއި، ތެދުވެރިވުމާއި، ލޯބިކުރުމެވެ.
ވީމާ އެކަލިމައިގެ މާނަ އެނގުމާއެކު އެމާނައިގައި އެބުނާ އެއްޗަކާއިމެދު ހިތުގައި ޔަޤީންކަން އޮތުމާއެކު އެބުނެވޭ ވާހަކަ ޤަބޫލުކުރުމަށް އަވަސްވެގަތުން ވެއެވެ. އެޤަބޫލު ނުކޮށް ރައްދުކުރުމަކީ މައްކާގެ ބައެއް މުޝްރިކުން ކަންކުރިގޮތެވެ. އަދި މިއަދު ބައެއް ކާފިރުންގެ ކަންތައް ހުންނަގޮތެވެ. ކިތަންމެ ވަރަކަށް ޝަހާދަތުގެ ދެކަލިމައިގައި ބުނާ ވާހަކަ އެބައިމީހުންގެ ކަންފަތްތަކަށް އަޑުއިވުނަސް، ﷲ سبحانه وتعالى ގެ އެއްކައުވަންތަކަމުގެ ވާހަކަތައް އަޑުއިވުނަސް، އެބައިމީހުންގެ އިލާހުންތަކުގެ ބާޠިލުކަން އަޑުއިވުނަސް ޤަބޫލު ކުރުމެއް ނުވެއެވެ. އިހުގައި އުޅުނުމީހުންވެސް ރަސޫލަކު ވަޑައިގަންނަވާތަނުން ދޮގުކުރެއެވެ. އެބައިމީހުންނަށް އެނަބިއްޔެއްގެ ރިސާލަތުގެ ތެދުކަން ޔަޤީންކޮށްދިނުމަށް މުޢުޖިޒާތްތައް ދެއްކެވުމުން މަދުބަޔަކު ގޮތްދޫކުރިކަމުގައި ވިޔަސް ގިނަބަޔަކު އެމުޢުޖިޒާތްތަކަށްވެސް ގުޑާ ނުލައެވެ. ނަމަވެސް އެބައިމީހުންނަށް އެމަންޒަރު ފެނުމުން ހިތުގައި އެއީ ޙައްޤު ރަސޫލެއްކަން ޔަޤީންކުރެވުނަސް އެކަން ޤަބޫލުކުރުމަށް ދެކޮޅު ހަދައެވެ. އޮމާންކޮށް އޮންނަ ހިލައެއްގެ މައްޗަށް ހިތަންމެ ސާފުޠާހިރު ފެނެއް އެޅިޔަސް އެހިލަގަނޑު އެއްވެސް ފެންފޮދެއް ބަލައިނުގަންނަ ފަދައިންނެވެ. ބުޚާރީ އާއި މުސްލިމްގައި ރިވާވެގެންވީ ޙަދީޘެއްގައި ވެއެވެ: ((مَثَلُ مَا بَعَثَنِي اللَّهُ بِهِ مِنَ الهُدَى وَالعِلْمِ، كَمَثَلِ الغَيْثِ الكَثِيرِ أَصَابَ أَرْضًا، فَكَانَ مِنْهَا نَقِيَّةٌ، قَبِلَتِ الـمَاءَ، فَأَنْبَتَتِ الكَلَأَ وَالعُشْبَ الكَثِيرَ، وَكَانَتْ مِنْهَا أَجَادِبُ، أَمْسَكَتِ الـمَاءَ، فَنَفَعَ اللَّهُ بِـهَا النَّاسَ، فَشَرِبُوا وَسَقَوْا وَزَرَعُوا، وَأَصَابَتْ مِنْهَا طَائِفَةً أُخْرَى، إِنـَّمَا هِيَ قِيعَانٌ لَا تُـمْسِكُ مَاءً وَلَا تُنْبِتُ كَلَأً، فَذَلِكَ مَثَلُ مَنْ فَقُهَ فِي دِينِ اللَّهِ، وَنَفَعَهُ مَا بَعَثَنِي اللَّهُ بِهِ فَعَلِمَ وَعَلَّمَ، وَمَثَلُ مَنْ لَـمْ يَرْفَعْ بِذَلِكَ رَأْسًا، وَلـَمْ يَقْبَلْ هُدَى اللَّهِ الَّذِي أُرْسِلْتُ بِهِ)) މާނައީ: [ތިމަން ނަބިއްޔާ ހިދާޔަތާއި ޢިލްމާއި އެކު ﷲ ފޮނުއްވުމުގެ މިސާލަކީ ބިމަކަށް ގިނަގުނަ ވާރޭ ވެހުމުގެ މިސާލެވެ. ދެންފަހެ އެބިންތަކުގެ ތެރޭގައި ގަސްފޯދޭ ސާފުބިން ވެއެވެ. އެބިން ފެން ލިބިގަނެ ގަސްތަކާއި ގިނަގުނަ ވިނަތައް ހައްދައެވެ. އަދި އޭގެ ތެރޭގައި ހަރުބިން ވެއެވެ. އެބިން ފެންތައް ހިފަހައްޓައެވެ. އެއަށްފަހު މީސްތަކުންނަށް އެ ހިފެހެއްޓިފައިވީ ފެނުން ﷲ ފައިދާ ދެއްވަތެވެ. ފަހެ އެބައިމީހުން އެއިން ފެންބޮއި ގަސްތަކަށް ފެންދީ ގަސް ހައްދައެވެ. އަދި އެއިން އެހެންބައެއް ބިމަކީ ގަހެއް ނުފަޅާ ބިންތަކެވެ. އެބިން ފެން ލިބި ނުގަންނަތާ ގަހެއްވެސް ނަހައްދައެވެ. ފަހެ އޭގެ މިސާލަކީ ﷲގެ ދީން ފިޤުހުވެރިވެ ތިމަން ނަބިއްޔާ އެޢިލްމަކާއިގެން ފޮނުއްވި ޢިލްމު އެނގި އެއިން އެހެންމީހުންނަށް ފައިދާ ކޮށްދިން މީހާގެ މިސާލެވެ. އަދި އެއިން އެއްވެސް އެއްޗެއް ބޮލަށް ނުވަދެ ﷲ ގެ ހިދާޔަތާއި ތިމަން ނަބިއްޔާ އެކަމަކާއިގެން ފޮނުއްވުނު އެއްޗެއް ޤަބޫލުނުކުރި މީހާގެ މިސާލެވެ.]
ޝަހާދަތުގެ ފުރަތަމަ ކަލިމައިގެ ދެން އޮންނަ ޝަރުޠަކީ މާތްﷲ އަށް ފުރިހަމައަށް ބޯލަނބާ ކިޔަމަންވެ އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވެ އެކަލާނގެއަށް ތަބާވުމެވެ. އެކަން އަންގަވާ މާތްﷲ ވަޙީކުރެއްވިއެވެ: ﴿وَمَنْ يُسْلِمْ وَجْهَهُ إِلَى اللَّهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى﴾ سورة لقمان:22 މާނައީ: [ހެޔޮގޮތުގައި އެމީހެއްގެ މޫނު ﷲ އަށް ކިޔަމަންތެރި ކުރިމީހާއީ ހަމަކަށަވަރުންވެސް އަލްޢުރްވަތުލްވުޘްޤާ ގައި ހިފަހައްޓައިފި މީހެކެވެ.] މާނައީ لَا إِلَهَ إِلَّا اللهُ މިކަލިމައިގައި ހިފަހައްޓައިފި މީހެކެވެ.
އިބްނު ރަޖަބްގެ "އަލްޖާމިޢުލް ޢުލޫމް ވަލްޙިކަމް" ގައި ގެންނަވާފައި ޙަދީޘެއްގައި ވާގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعًا لِـمَا جِئْتُ بِهِ)) މާނައީ: [އެމީހަކު ތިމަން ނަބިއްޔާ ގެނެސްދެއްވި އެއްޗަކަށް އޭނާގެ ހަވާނަފްސު ތަބާ ކުރުވުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އީމާން ނުވާނެތެވެ.] އެނަބިއްޔާ ގެނެސްދެއްވާ ކޮންމެ އެއްޗަކީ އެނަބިއްޔާ ފޮނުއްވި އިލާހު ކަމުގައިވާ މާތްﷲ އަމުރުކުރައްވާ އެކަމަކަށް ތަބާވާން އެންގެވި ކަންކަމެވެ. ވީމާ ނަބިއްޔާ ގެނެސްދެއްވި ކަންކަމަށް ބޯލަނބާ ކިޔަމަން ގަތުމަކީ ޝަހާދަތުގެ ދެކަލިމައިގެވެސް ޝަރުޠެކެވެ.
އަޅަމެންގެ ކިބައިގައި އީމާންކަމަށް ބޭނުންވާ ޝަރުޠުތައް ފުރިހަމަ ކޮށްދެއްވާ، ސުވަރުގޭގެ ނިޢުމަތް ލިބިގެންދާނޭ ބައެއްގެ ގޮތުގައި އަޅަމެން ލައްވާށިއެވެ. އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.