ކަމޯން ދިވެހިބަސް

ކޮންމެ ކަމެއްވެސް އަލަށް  ތަޢާރުފުވެ، ދަސްވާންފެށުމުން އެކަމަކީ ވަރަށް މޮޅުކަމަކަށްވެ، އެކަމަކާމެދު ފަޚުރުވެރިވެވެއެވެ. އަދި ކިބުރުވެރިވެވި، ކުރެވޭ ނުކުރެވޭކަމެއް ވެސް ނޭނގި މަގުއޮޅި ގެއްލިގެންދާ ތަން ވެސް އާދެއެވެ. މި ބީދައިން އަޅުގަނޑުމެންގެ މި ރާއްޖެއަށް އިނގިރޭސިބަހުގެ ތަޢުލީމު ތަޢާރުފުވެ އެބަސް ދަސްވާންފެށުމާ ގުޅިގެން އާ ކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭފަދައިން އުޅެވެމުން ދިޔައެވެ. އިނގިރޭސިބަހުގެ ބަސްކޮށާރުގައި އެންމެ ދެ ތިން ލަފްޒު ހުންނަ މީހާ ވެސް ހިފެހެއްޓުމެއްނެތި އެ ބަސް ބޭނުންކުރަމުން ގެންދިޔައެވެ. ނަތީޖާއަކަށްވެގެން ދިޔައީ ދިވެހިބަހުގެ ބަސްކޮށާރުގެ ބަސްތައް ގެއްލެމުން ގޮސް ބަނގުރޫޓްވެ ބިކަވެގެން ދިޔުމެވެ. ހަމައެއް ލަމައެއް ނެތި ބަސް ބޭނުން ކުރެވެމުން ދިޔުމުގެ ސަބަބުން ބަހުގެ އޮމާންކަމާއި ރީތިކަން ގެއްލި ކުރަކިވެ ހުތުރުވެގެން ދިޔުމެވެ. ދިވެހިބަސް “ދިންގްލިޝް”އަށް ބަދަލުވެގެންދިޔުމެވެ.

މިއަދު އަޅުގަނޑުމެން ދިވެހި ބަހުން ވާހަކަ ދައްކާއިރު ދިވެހިބަހާއި އިނގިރޭސިބަސް މަސްހުނިކޮށްގެން ވާހަކަދެއްކުން މިވަނީ އާދައިގެ ކަމަކަށްވެފައެވެ. އަޅުގަނޑުވެސް ޤަބޫލު ކުރަމެވެ. ބަހުގެ ތެރެއަށް ބޭރުބަސް ވަނުމަކީ މައްސަލައެއް ނޫނެވެ. އެކަން ނުވުމަކީ މުސްތަޙީލު ކަމެކެވެ. އަޅުގަނޑުމެންގެ މި ދިވެހިބަސް ވެސް އުފެދި ބޮޑުވެ، ތަރައްޤީވަމުން އައިސްފައިވަނީ ބޭރުބަސް ވަދެ، އެބަސް ބޭނުން ކުރުމުގެ ތެރެއިންނެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް ހަމައެއް ލަމައެއް އޮންނަންވާނެއެވެ. ވަކި ޙައްދެއް އިމެއް، ޙުދޫދެއް އޮންނަންވާނެއެވެ. އެކަމުން ނިކުންނާނެ ނަތީޖާއަކާމެދު ވިސްނައިލަންވާނެއެވެ. ލޯބީ ސިޓްކޮށްލާ! ލޯބީ އީޓްކޮށްލާ! ލޯބީ ޑްރިންކް ކޮށްލާށޭ ބުނުމުން ދިވެހިބަސް، ކީއްކުރަންތޯ އިނގިރޭސިބަސް ވެސް ނޭނގި ކުއްޖާ މަގު އޮޅިގެންދަނީ ކަމާމެދު ޝައްކެއް ނެތެވެ. މައިންބަފައިން އެމީހުންގެ ދަރީން އިނގިރޭސިބަހަށް މޮޅުކުރުމަށް މި ކުރާ މަސައްކަތުގެ ނަތީޖާއަކީ އެ ކުއްޖާއަށް އެއް ބަހެއް ވެސް ރަނގަޅަށް ބޭނުންކުރާން ނޭނގި، ބަހަށް ދަށްވެ، ކިޔެވުމަށް ވެސް ދަށްވެގެންދިޔުމެވެ. ޖަރުމަނުވިލާތުގެ ފިލޯސަފަރެއްކަމުގައިވާ ގިއޮތީ ބުނެފައިވާ ގޮތުގައި ދެވަނަބަހެއް ދަސްކުރަމުންދާ ކުދިންނަށްއެ ބަހާ އެއްވަރަށް އެކުދިންގެ މާދަރީ ބަސް ރަނގަޅަށް ދަސްކޮށްނުދެވޭ ނަމަ އެއްވެސް ބަހަކަށް މޮޅެއް ނުވާނެއެވެ. މި ބުނުމަށް ވޭތުވެދިޔަ 35 ވަރަކަށް އަހަރުތެރޭގައި ކުރެވުނު 150ހަށް ވުރެން ގިނަ ދިރާސާތަކުން ތާއީދުކޮށްފައިވެއެވެ. ހަމަ މިއާއެކު ބީ.ޕީ ބިއްލާރޑް ބުނެފައިވަނީ ކުއްޖާ ވިސްނައި އޭނާގެ ހުވަފެންތައް ކުރަހައިލަނީ އޭނާގެ މާދަރީބަހުންނެވެ. ވީމާ މާދަރީ ބަހަށް ފަރިތަވުމަކީ ޢިލްމު ހޯދުމަށް ފަސޭހަވެ، ކުއްޖާގެ ވިސްނުން ތަރައްޤީވެގެންދާނޭ ކަމެކެވެ. އެކަމަކު މިއަދު އަޅުގަނޑުމެންގެ ދަރިން އިނގިރޭސި ބަހަށް މޮޅުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑުމެންގެ މާދަރީ ބަސްކަމުގައިވާ ދިވެހިބަހަށް މިވަނީ ވަރަށް ބޮޑަށް އިހުމާލުވެވިފައެވެ.

އަޙްމަދިއްޔާ ގައި މާދަރީބަހުގެ ދުވަސް ފާހަގަކުރުން 2020

މިއަދު ދިވެހިބަހުގެ މުއްސަނދި ބަސްކޮށާރުގެ ތެރެއިން ގިނަ ޢަދަދެއްގެ ބަސް ވަޅުޖެހި ގެއްލި ގޮސް، ޢާންމު ގޮތެއްގައި ބޭނުންކުރެވެމުން އަންނަނީ ވަރަށް މަދު ޢަދަދެއްގެ ލަފުޒުކޮޅެކެވެ. ޚާއްޞަކޮށް ޒުވާން ޖީލަށް ދިވެހިބަހުގެ ބަސްކޮށާރުގެ ތެރެއިން އެނގެނީ ވަރަށް މަދު ލަފުޒެކެވެ. ފަންސާހަކަށް ލަފުޒު އެނގޭކުދިން މަދޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ކުދިންގެ ބަސްކޮށާރުގެ ތެރޭގައި ހިމެނެނީ   ހަމައެކަނި  ދޯ، އިނގޭ، އެހެންތަ، އާއި، މި ފަދަ މަދު ދެތިން ހަތަރު ލަފުޒެކެވެ. “އައި އަށް ޔޫގެ ސިޓުއޭޝަން އަންޑަރސްޓޭންޑްވޭ ދޯ….ސޯ ދެޓްސް އޯކޭ ވާނެ.   އައިގެ ޑޭޑް ކުޑަކޮށް ސްޓްރިކްޓްވާނެ ބަޓް މަމް ވަރަށް އޯކޭވާނެ! އައި ޓްރައި ކުރާނަން…އައި މީން…..!”މިއީ މިއަދުގެ ދިވެހި ބަހެވެ. މަދަރުސާކުދިންގެތެރޭގައި “އަހަރެން” “ކަލޭ” ފަދަ ބަސްތައް ހުތުރު ބަސްކަމުގައިވެ އެބަސްތަކުގެ މައްޗަށް  “އައި” އާއި “ޔޫ” ބާރުގަދަކޮށްފިއެވެ. ފުރިހަމަ ދިވެހިބަހުން ވާހަކަދައްކަން ދަސްވެ މުސްކުޅިވެފައިވާ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައިވެސް ހަފުތާގެ ދުވަސްތަކަށާއި ހިސާބު އަދަދުތަކަށް ދިވެހިބަހުން ކިޔާ ނަންތައް ހަނދާންނެތި ހިނގައްޖެއެވެ. މިފަދަމީހުންގެތެރޭގައި ވެސް “އޯކޭ”، “ބިޒީ” ފަދަ ލަފުޒުތައް ޢާންމުވެއްޖެއެވެ.

މި މަގުން ކަންތައް ހިނގަމުންގޮސް މިއަދާހަމައަށް އައި އިރު އަޅުގަނޑުމެން ހަމައެކަނި ބަހުގެތެރެއަށް އިނގިރޭސިބަސް ވައްދައި މަސްހުނިކޮށްގެން ވާހަކަ ދައްކަނީއެއްނޫނެވެ. ބަސް ބޭނުންކުރާނެ ގޮތެއްވެސް ނޭނގެނީއެވެ. ބަހުގެ ހަމަތަކާއި އުޞޫލު ވެސް ނޭނގެނީއެވެ. އޭނަ ހޭންފެށިއޭ ބުނުމުގެ ބަދަލުގައި “އޭނާގެ އަނގަ ހޭންފެށިއޭ” ބުނެވެން ފަށައިފިއެވެ. ހިނިތުން ވުމުގެ ބަދަލުގައި ހިނިތުން ދޭން ފަށައިފިއެވެ. ކަރުނަ ފޭބުމުގެ ބަދަލުގައި ކަރުނައެއް ވެއްޓެން ފަށައިފިއެވެ. ގަހުގައި  ދޮން އަނބެއް އިނުމުގެ ބަދަލުގައި ދޮން އަނބުއެއް އޮންނަން ފަށައިފިއެވެ. ޖަވާބު ދިނުމުގެ ގޮތުން ދެތިންބަހެއް ބުނެލުމުގެ ބަދަލުގައި “އަޅާލުމުގެ ދެތިން ބަސް ދޭން”ފަށައިފިއެވެ. އަދި މިވަރުން ނިމުނީއެއް ނޫނެވެ. ކަންބޮޑުވާންޖެހޭ ކަމަކީ މިއަދުގެ ކިޔަވާ ކުދިންގެތެރޭގައި އެއްވެސް ވަރަކަށް ދިވެހިބަހުން ވާހަކަ ނުދައްކާ ގިނަ ޢަދަދެއްގެ ކުދިން އެބަ ތިބިކަމެވެ. ކުޑަކޮށް ދިވެހިބަހުން ވާހަކަދައްކަން އެނގުނުކަމުގައި ވިޔަސް  ދިވެހިބަހަށް ކޮށިކަމުން ދިވެހިބަހުން ވާހަކަދައްކަން އުނދަގޫވުމުގެ ސަބަބުން ވާހަކަ ނުދައްކާ ކުދިން ވެސް މަދެއް ނޫނެވެ. އަޅުގަނޑުމެންގެ ކިޔަވާކުދިންގެ މިއަދުގެ ޙާލަކީ މިއީކަމުގައިވާ ނަމަ މާދަމާ ދިވެހިބަހުން ވާހަކަ ދައްކާނެ ބަޔަކު އެއްވެސް ވަރަކަށް ނެތިދިޔުމަކީ ދުރުކަމެއް ނޫނެވެ.

މަދަރުސާތަކުގެ ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރު ދަށްވަމުން ދިޔުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ސަރުކާރުގެ އިސް މުއައްސަސާތަކުގެ ލިޔެ ކިޔުންތަކަށާއި އެހެނިހެންވެސް ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުގެ ރަސްމީ ލިޔެކިޔުންތަކަށް ވެސް މި ކަމުގެ ނޭދެވޭ އަސަރުތައް ކުރުމުވެ. މިގޮތުން ބައެއް ލިޔުންތައް ކިޔައިލުމުން ބުނަން އުޅޭ އެއްޗެއްގެ މާނަ ދޭހަކުރަން ވެސް ދަތިވާފަހަރު އާދެއެވެ.” ސާދަ އޭޕްރީލް ހަމަ މިއަދާ ދެއަހަރުގެ ކުރިން” “ސުނާމީގެ ކުރީގެ ދަރަނިތަކަށް ބައި އަޅައި” “ވިއްސާ ކައިރިއަށް ފޯމު ލައި”ފަދަ ޢިބާރާތްތައް އަޅުގަނޑުމެންފަދަ ވިސްނުން ކޮށި މީހުންނަށް ދޭހަކުރަން އުނދަގުލެވެ. “ކުޑަކުދިން ބޮޑެތި މީހުންނަށް އިނގިރޭސި ބަސް ކިޔަވައިދެމެވެ.”މިފަދައިން ލިޔެ ދަމައިފައި ހުންނަ ފޮތިގަނޑުތައް ފެނުމުން އެތަންތަނަށް ދިޔުމުން އެނގެނީ އެއީ ކުޑަކުދީންނާއި ބޮޑެތި މީހުންނަށް ކިޔަވައިދޭ ތަންތަންކަމެވެ. ފޮތް ވިއްކާ ފިހާރަތަކުން ފޮތްލިސްޓު ލިބެން ހުންނާނެ ވާހަކަ އޮތުމުން ފޮތް ލިސްޓު ބަލައި ދިޔުމުން އެނގެނީ އެތަނުން ލިބެނީ ފޮތްކަމެވެ. ފޮތްލިސްޓެއް ނޫންކަމެވެ. ފިހާރަތަކުން ހަނޑުލާއި ފުށާއި ކަނޑުމަހުގެ ބަދަލުގައި ލިބެނީ ހަންޑުލާއި ފުކާއި ކަނޑުމަހެވެ.. ހަމަ މިއާއެކު ތިކިޖެހިތާނަ ބޭނުން ކުރުމުގައި ހަމައެއް ލަމައެއް ނެތެވެ.އަލިފު ޢައިނަށް، ހާ  ޙާ އަށް ބަދަލުކޮށްގެން ލިޔުމުގެ އިތުރުން މައްދިވެހި ބަހުގެ ބަސްބަހުގައިވެސް ތިކި ޖަހާފައިވާތަން ދަނީ ފެންނަމުންނެވެ. މިގޮތުން “ރަޝުގެ ޢާބާދީގެ ބޮޑުބައެއްވަނީ މާލެއަށް ޙިޖުރަކޮށްފައެވެ.” “ރަޢީސުލް ޖުމްޙޫރީއްޔާ ޢަލް ޢުސްތާޒު މަޢުމޫނު ޢަބްދުލް ޤައްޔޫމަށް ވަރަށް ޙޫނު މަރުހަބާއެއް ދެންނެވިއެވެ.”އިސްލާމްދީނަށް ފުރައްޞާރަކޮށްފަދަ ޢިބާރާތްތައްވެސް ފެނެއެވެ.” މީގެ އިތުރުން ތިކިޖަހަންޖެހޭ އަކުރުތަކުގައި ތިކި ނުޖެހުމާއި ޖަހަންނުޖެހޭ އަކުރުތަކުގައި ތިކިޖެހުމާއި ނުބައިކޮށް ތިކިޖެހިތާނަ ބޭނުންކުރުން ޢާއްމުވެއްޖެ އެވެ.

އަޙްމަދިއްޔާ ގައި މާދަރީބަހުގެ ދުވަސް ފާހަގަކުރުން 2020
އަޅުގަނޑުމެންފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޤައުމަކަށް އިނގިރޭސި ބަސްފަދަ ބައިނަލްއަޤްވާމީ ބަހެއް ދަސްކުރުމަކީ މިއަދު ކޮންމެހެން ލާޒިމުކަމެކެވެ. އެހެނީ އެ ބަހާ ނުލައި އުޅެވޭވަރަށް އަޅުގަނޑުމެން ފުދުންތެރިއެއް ނޫނެވެ. ވިޔަފާރިއާއި ބޭސްފަރުވާއާއި ތަޢުލީމުފަދަ އަސާސީ ކަންތައްތަކަށްވެސް މިޖެހެނީ އެހެންބައެއްގެ މައްޗަށް ބަރޯސާވެގެން ތިބޭށެވެ. ނަމަވެސް ހިތާމަ ކުރަންޖެހޭ ކަމަކީ ކުރީގައި ދިވެހިބަހުގެ ބަސްބުރިތަކެއް ބޭނުންކުރަން އެނގޭ ކުދިން ތިބިކަމުގައިވިޔަސް މިއަދު އެފަދައިންވެސް ދިވެހިބަހުން ވާހަކަ ދައްކައިލެވޭވަރުވާ ކުދިން ނެތްކަމެވެ. އެއްވެސްވަރަކަށް ދިވެހިބަހުން ވާހަކަނުދައްކާ ކުދިން ޢާންމުވަމުންދާ ކަމެވެ. މި ވަރުންދާނަމަ އަޅުގަނޑުމެންގެ މި ދިވެހިބަސް އަދި މީގެ ދެ ޖީލެއްގެ ފަހުން މުޅިން މަރުވެ ހިނގައިދާނެކަމުގެ ބިރުބޮޑެވެ. އަޅުގަނޑުމެންނީ ތަރައްޤީއަށް ލޯބިކުރާ ތަހުޒީބު ބަޔަކަށް ވާން ބޭނުންނަމަ ޤައުމުގެ ޙާލަތު މިނޫން ގޮތަކަށް ބަދަލުކުރަން އެބަ ޖެހެއެވެ. ތަރައްޤީއަކީ ހަމައެކަނި އިނގިރޭސިބަހުން ވާހަކަދެއްކުން ނޫންކަން އެނގެން އެބަޖެހެއެވެ. ހުރިހައި މާނައެއްގައިވެސް ތަރައްޤީވެފައިވާ ބަޔަކަށްވާން އެބަ ޖެހެއެވެ. އަޅުގަނޑުމެންގެ ދީނާއި އަމިއްލަ ޤައުމާއި އަމިއްލަ ބަހާއި އަމިއްލަވަންތަ އާދަކާދައާމެދު ފަޚުރުވެރިވާ ބަޔަކަށްވާން ޖެހެއެވެ. ލިބިފައިވާ މި ތަރިކަތަކުގެ މަތީގައި  ޤައުމު ބިނާކޮށް، ތަހުޒީބުވެފައިވާ ބަޔަކު ދިރިއުޅޭ ހިތްފަސޭހަ ރާއްޖެއަކަށް މި ރާއްޖެ ހަދަމާ ހިނގާށެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ފުރިހަމަ ލިޔުމެއް. ދަރިވަރުންނާގުޅޭ ދަރިވަރުން ސަމާލުވާންޖެހޭ ކަންތައްތައް ހިމަނާފައިވޭ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *