الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ޝަހާދަތުގެ ފުރަތަމަ ކަލިމަ ދަލީލު ކޮށްދެނީ ދެކަމަކަށެވެ. ފުރަތަމަ ކަމަކީ މާތްﷲ ފިޔަވައި އަޅުކަން ވެވޭ އެންމެހައި ފަރާތްތަކެއްގެ ކިބައިން ބަރީއަވުމެވެ. އެކަމަށް ނަފްރަތު ކުރުމާއެކު އެއިން ޒައްރެއްގެ މިންވަރާވެސް ކައިރި ނުވުމެވެ. އެކަމަށް ފުރަތަމަވެސް ބޭނުންވަނީ ޝިރުކަކަށްވާނޭ ފަދަ ކުޑަނަމަވެސް ކަމެއްގެ، ފުރިހަމަ ޢިލްމު ހުރުމެވެ. ވީމާ އެކަލިމަ ޙަޤީޤީ މާނައިގައި ކިޔައިފި ނަމަ ކުޑަ ނަމަވެސް ޝިރުކަކަށް ހިނގައިދާނޭ ކަމެއް، ދެނެގަނެ އެޢިލްމެއް ހޯދުމަށް މަސައްކަތްކުރާނެއެވެ. އަދި އެކަންކަން އެނގުމަށްފަހު، އެއިން ކަމަކާއި ކައިރިވެސް ނުވާނެއެވެ. އަދި އެއަށްފަހު ތިމާކުރާ އަޅުކަން ހަމައެކަނި ކުރިމަތިކުރާނީ މާތްﷲ އަށް އެކަންޏެވެ. އެދެކަންތައް ދަލީލުކޮށްދޭ ކަންތައް ހިތުގެ އަޑިން ހެކިވާނަމަ، އެކަމަށް ބޭނުންވާ ޝަރުޠުތަކުގެ ތެރޭގައި އެހެކިވާ ހެކިވުމަށް ތެދުވެރިވުމާއި، އިޚްތިލާޞްތެރި ނިޔަތަކާއި އެކު ހެކިވުމާއި އެހެކިވާ ކަންތަކަށް ލޯބިކުރުން ހިމެނެއެވެ.
ﷲ ގެ ޙަޟްރަތުގައި ޤަބޫލުވެވޭ ފަދައިން، އެކަމަށް ހެކިވާ މީހާ، އެކަލިމަ ދަލީލުކޮށްދޭ ކަންތަކަށް ތެދުވެރިވާނެއެވެ. ހިތުގައި އޮންނާނީ ދުލުންވެސް އެކިޔާ ގޮތަށެވެ. އަދި ބޭރުފުށުގެ ޢަމަލުތައްވެސް ހުންނާނީ ހިތާއި ދުލާއި ދިމާވާ ފަދައިންނެވެ. ބޭރުފުށުން ދުލުންނާއި ޢަމަލުން ރަނގަޅަށް ހެކިވެ، ހިތް އެއާ ޚިލާފަށް އޮތްނަމަ އޭނާ ވާނީ މުނާފިޤަކަށެވެ. އަދި ދުލުން ހެކިވި ގޮތާއި ޚިލާފަށް ޢަމަލުތައް ހުރި ނަމަ އެއީ ޝިރުކުކުރާ މީހެއްގެ ހައިސިއްޔަތު ލިބި އޭނާ ދީނުން ބޭރުވާނެއެވެ. ވީމާ އެކަލިމައަށް ތެދުވެރިވުން ލާޒިމްވެގެން ވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ (2) وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ﴾ سورة العنكبوت:2-3 މާނައީ: [ތިމަންނާމެން އީމާންވެއްޖައީމޭ ބުނާ މީހުން ދަންނާށެވެ. އެބައިމީހުން އިމްތިޙާނު ނުކޮށް ދޭކޮށްލެވޭނޭ ކަމަށް މީސްތަކުން ހީކުރަނީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން އެބައިމީހުންގެ ކުރިން އިސްވެދިޔަ މީހުން ތިމަންއިލާހު އިމްތިޙާނު ކުރެއްވީމުއެވެ. ފަހެ، ހަމަކަށަވަރުންވެސް ތެދުވެރިވީމީހުން އެންގޭނޭ ގޮތް ﷲ ހައްދަވާނެތެވެ. އަދި ދޮގުވެރީން އެނގޭނޭ ގޮތްވެސް އެކަލާނގެ ހައްދަވާނެކަން ކަށަވަރެވެ.] ވީމާ ޝަހާދަތުގެ ކަލިމަ ކިޔާ އީމާންވާ މީހަކު، އެމީހެއްގެ ހެކިބަހުގެ ތެދުވެރިކަމާއި ދޮގުވެރިކަމާއި ދެމެދުގައި އޭނާގެ ބުނުން ބުރަވަނީ ކޮން ދިމާލަކަށްކަން އެމީހެއްގެ އަމިއްލަ ނަފްސަށް ދެނެގަނެވޭފަދަ އިމްތިޙާނުތައް އެމީހަކަށް ކުރިމަތިވާނެއެވެ. އަދި ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((مَا مِنْ أَحَدٍ يَشْهَدُ أَن لَا إِلَهَ إِلَّا الله وَأَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ صِدْقاً مِنْ قَلْبِهِ إِلَّا حَرَّمَهُ اللهُ عَلَى النَّارِ)) މާނައީ: [ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި އެކަލާނގެ ރަސޫލާކަމަށް އެމީހެއްގެ ހިތުން ތެދުވެރިކަމާއެކު ހެކިވާ އެއްވެސް މީހަކު ﷲ އެމީހަކަށް ނަރަކަ ޙަރާމް ކުރެއްވުން ނޫނީ ނުވެއެވެ.]
ހަމައެފަދައިން އެޝަހާދަތަށް ހެކިވާ މީހަކު ހެކިވާންވާނީ އިޚްލާޞްތެރި ކަމާއެކުގައެވެ. އެމީހަކު ޙަޤީޤަތުގައިވެސް އެންމެހައި ޝިރުކަކުން ދުރުހެލިވާންޖެހޭނެއެވެ. އެއީ ބޭރުފުށުގެ ޝިރުކު ކަމުގައި ވިޔަސް އަދި އެތެރެފުށުގެ ޝިރުކު ކަމުގައި ވިޔަސް މެއެވެ. އެމީހަކު އެފަދައިން ހެކިވުމުގައި، ދުނިޔެވީ އެއްވެސް އެދުމެއް އޮވެގެން ނުވާނެއެވެ. އެމީހެއްގެ ނިޔަތް އެހެކިވާ ހެކިވުމުގައި ރަނގަޅުވާން ޖެހޭނެއެވެ. ޙަޤީޤަތުގައިވެސް އޭނާ އެފަދައިން އެކިޔަނީ އެންމެހައި ޝިރުކަކުން ބަރީއަވުމަށް ކަމުގައި ވާންޖެހޭނެއެވެ. ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((أَسْعَدُ النَّاسِ بِشَفَاعَتِي مَنْ قَالَ لَا إِلَهَ إِلَّا اللهُ خَالِصاً مِنْ قَلْبِهِ أَوْ نَفْسِهِ)) މާނައީ: [(ޤިޔާމަތްދުވަހުން) ތިމަން ނަބިއްޔާގެ ޝަފާޢަތް ލިބުމުގައި އެންމެ ބާއްޖަވެރި މީހަކީ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާކަމަށް، އެމީހެއްގެ ހިތުގައި ނޫނީ ނަފްސުގައި އިޚްލާޞްތެރިކަމާއެކު ބުނާ މީހާއެވެ.]
ޝަހާދަތުގެ ފުރަތަމަ ކަލިމައިގައި ހިމެނޭ ހަތްވަނަ ޝަރުޠަކީ އެކަލިމައިން ދަލީލު ކޮށްދޭ ކަންތަކަށް ލޯބިކުރުމެވެ. އަދި އެކަލިމައާއި ފުށޫއަރާ ކަންކަމަށް ހިތުގެއަޑިން، ނިހާޔަތަށް ނަފްރަތު ކުރުމެވެ. މި ލޯބީގެ މުރާދު ހިތަށް ގެނައުމަށްޓަކައި އަހަރެމެންގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި އަނބީންނާއި ދަރީންނާއި މުދަލާއި ގެދޮރާއި ސަވާރީތަކަށް ލޯބިކުރާ ވަރު ވިސްނާލުން ބުއްދިވެރިއެވެ. އަދި އެއަށްފަހު، އެއެންމެހައި ކަންކަމަށްވުރެ ޝަހާދަތުގެ ކަލިމަ ދަލީލުކޮށްދޭ ކަންކަމަށް، މާނައީ މާތްﷲ އަށް އެކަނި އަޅުކަން އަދާކުރުމަށް ތިމާ ލޯބިކުރެވޭތޯ އަމިއްލަ ނަފްސާއި ސުވާލުކުރުމުން، އެލޯބި އޮތްމިންވަރު އަމިއްލައަށްވެސް އަންދާޒާ ކޮށްލެވޭނެއެވެ. ވީމާ މިއީ ކުޑަކަމެއް ކަމުގައި ދެކިގެން ނުވާނެއެވެ. އެފަދަ ލޯތްބެއް ނެތްނަމަ، ގަދައަޅާ އެލޯބި ނަފްސަށް ގެނައުމަށް މަސައްކަތް ކުރަންޖެހެއެވެ. ނޫނީ ޝަހާދަތުގެ ދެކަލިމައަށް ހެކިވުމުގައި އުނިކަން ލިބިގެންވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿يَا أَيُّهَا الَّذِينَ آمَنُوا مَنْ يَرْتَدَّ مِنْكُمْ عَنْ دِينِهِ فَسَوْفَ يَأْتِي الله بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ الله وَلَا يَخَافُونَ لَوْمَةَ لَائِمٍ﴾ سورة المائدة:54 މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ ދީނުން މުރުތައްދުވެއްޖެ މީހާ، ފަހެ، ދަންނާށެވެ. އެހައިރުން ﷲ އެބައެއްގެ ދެކެ ލޯބިވެވޮޑިގެންވާ އަދި އެބަޔަކު އެކަލާނގެއަށް ލޯބިވާ ބަޔަކު އެކަލާނގެ ގެންނަވާނެތެވެ. އެބައިމީހުންނީ މުއުމިނުންނަށް ހިތްތިރި ކާފިރުންގެ މައްޗަށް ގަދަފަދަ ބައެކެވެ. ﷲ ގެ މަގުގައި ޖިހާދުކުރާ އަދި އެބައިމީހުންނީ ޢައިބުގެ ބަސްބުނާ މީހެއްގެ ޢައިބުގެ ބަހަކަށް ބިރުގަންނަ ބައެއްވެސް ނޫނެވެ.]
އަޅަމެންނީ ޝަހާދަތުގެ ދެކަލިމައިގެ ޝަރުޠު ފުރިހަމަ ކުރުމާއެކު އެކަލިމައަށް ހެކިވެގެން ތިބި ބާއްޖަވެރިކަން ލިބިގެންވާ ބައެއްގެ ގޮތުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.