ކެމްބްރިޖް އިންޓަރނޭޝަނަލް އެޑިއުކޭޝަނުން ކެމްބްރިޖް ނޮލެޖް ޕާރޓްނަރެއްގެ ގޮތުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ބަލައިގެންފިއެވެ.
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކެމްބްރިޖުގެ ނޮލެޖު ޕާރޓްނަރެއްގެ ގޮތުގައި އަޙްމަދިއްޔާ ބަލައިގަނެ، އެކަން އިފްތިތާޙްކޮށްދެއްވީ ކެމްބްރިޖް އިންޓަރނޭޝަނަލް އެޑިއުކޭޝަންގެ ދެކުނު އޭޝިއާގެ ރީޖަނަލް ޑިރެކްޓަރު މަހޭޝް ސްރިވަސްތާވާ އާއި ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އެންޑް އެސެސްމަންޓްގެ އިންޓަރނޭޝަނަލް ބިޒްނަސް އެންޑް ޕްރޮޑަކްޓް ސޮލިއުޝަންސްގެ ސީނިއަރ މެނޭޖަރ ޕްރިޔާނާ މުކަރްޖީގެ އިތުރުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.
އަޙްމަދިއްޔާ އަކީ ކެމްބްރިޖްގެ ފޮތްތައް ބޭނުންކޮށްގެން އެ ކަރިކިއުލަމް އާ އެއްގޮތަށް ނާސަރީން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.
އަޙްމަދިއްޔާ އަކީ ރާއްޖޭގައި ގްރޭޑް 10 އާ ހަމައަށް ހުރިހާ ގްރޭޑެއްގައި ކެމްބްރިޖް ސިލަބަހަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.
އަޙްމަދިއްޔާ ކެމްބްރިޖުގެ ނޮލެޖު ޕާރޓްނަރަކަށް ވުމުން ކެމްބްރިޖާއި އަޙްމަދިއްޔާއާ ދެމެދު މަޢުލޫމާތާއި، ވަސީލަތްތަކާއި ތަޖުރިބާ ހިއްސާކުރެވި، ގުޅިގެން ކުރެވޭ މަސައްކަތުގެ ލާބައާއި މަންފާ އަޙްމަދިއްޔާއަށާއި މުޅިރާއްޖެއަށް ލިބިގެންދާނެއެވެ.