އާރޓިކަލް 156 : ކާބަފައިންގެ ގޮތްތަކަށް ތަޢައްޞުބުވުމަކީ މަގު ގެއްލޭ ސަބަބެކެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އަހަރެމެން ކޮންމެ މީހަކުވެސް ބޮޑުމާސިންގާ ޖަންގަޔަކަށް ނުވަތަ ފަރުބަދަމަތީ ހިސާބުގަނޑެއްގައި ނުވަތަ ކަނޑުމަތީގައި ދަތުރުކުރާނަމަ، ނުވަތަ ނުދަންނަ ބޮޑު ރަށަކަށް އެރޭ ހިނދު އެންމެ ކަންބޮޑުވާނެ އެއްކަމަކީ، އެތަނެއްގައި އުޅެނިކޮށް، މަގުއޮޅި ގެއްލިދާނެ ކަމުގެ ބިރެވެ. އެކަމަށް މިޒަމާނުގައި ކަންބޮޑު ވާވަރު، އަތުގައިވާ ސްމާޓު ފޯނުތަކުގެ ސަބަބުން ކުޑަވިޔަސް، މަގުގެއްލިދާނެ ކަމުގެ ބިރަކީ އަބަދުވެސް އޮންނަ ބިރެކެވެ. އެއީ ދުނިޔޭގައި ދިރިހުމަށް ބޭނުންވާތީ، އުފެދިފައި އޮންނަ ބިރެކެވެ. ނަމަވެސް މަރުވުމަށްފަހު، އަންނަން އޮތް ޙަޔާތުގައި އެމީހަކަށް ލިބޭނޭ ޢަޛާބާއި ޘަވާބު ކަނޑައެޅިގެން ދަނީ ދުނިޔޭގައި މީހާގެ ޢަޤީދާއާއި ޢަމަލުތައް ހުރިގޮތެއްގެ މައްޗަށެވެ. އެގޮތުން ރަސޫލާ صلى الله عليه وسلم ދުނިޔޭގައި އުޅުމަށް ދެއްކެވި މަގު ނޫން މަގެއް އިޚްތިޔާރު ކޮށްފި ނަމަ އެމީހަކު އެހެރީ ޙައްޤު ތެދުމަގުން އެއްކިބާވެފައެވެ. އެކަލޭގެފާނުގެ ތެދުމަގުގައި ހިމެނެނީ އެކަލޭގެފާނު އަހަރެމެންގެ ޤަބޫލުކުރުން ހުންނަންޖެހޭ ގޮތްކަމުގައި، ދޫކޮށްލެއްވި ޢަޤީދާއެވެ. އަހަރެމެންގެ އަޅުކަމާއި މުޢާމަލާތްތަކާއި އަޚްލާޤުގެ ގޮތުގައި ހުރުމަށް އިރުޝާދު ދެއްވި ގޮތްތަކެވެ. ސުވާލަކީ އެކަލޭގެފާނު ދޫކުރެއްވި ޢަޤީދާއާއި ޢަމަލުތަކުގެ މަތީގައި ތިމަންނާމެންނަށް ތިބެވެނީ ކިހާވަރަކަށް ކަމާއި، އެކަލޭގެފާނު ދޫކުރެއްވި ތެދުމަގުން އެއްކިބާވެ މަގުގެއްލިފައި ވޭތޯ ވިސްނާ ފިކުރުކުރަނީ ކިތައް ކިތައް މީހުންތޯއެވެ؟! މީހަކު ޙަޤީޤީ މަގު ގެއްލުމަކީ ޙަޤީޤަތުގައި އެއެއްނޫންތޯއެވެ؟!

މިމައުޟޫޢަށް ވާހަކަދައްކާއިރު އެންމެ މުހިންމު އެއްކަމަކީ، އެފަދައިން މީހަކު ތެދުމަގު ގެއްލިގެންދާން މެދުވެރިވާ ސަބަބުތައް ދެނެގަތުމެވެ. އޭގެ ތެރެއިން އެއްސަބަބަކީ ތިމަންނާގެ ޖީލުގެ ކުރިއަށް އޮތް ޖީލުގައި އުޅުނުމީހުން އުޅެފައިވާ ގޮތް ދޫނުކޮށް ހިފެހެއްޓުމުގެ ވިސްނުން ގެންގުޅުމެވެ. ދުނިޔެވީ ކަމެއްގައިނަމަ، އެއީ އެކަން އޮންނަންވާނޭ ގޮތް ނޫންކަމުގައި ވަކާލާތު ކުރާނެއެވެ. ނަމަވެސް ދީނާއި ދުނިޔެވީ ކަންކަމާއި ތަފާތުވާ ހިސާބަކީ ދުނިޔެވީ ކަންކަމަކީ އާވިސްނުންތަކަށް ތަރުހީބުދެވޭ ކަމަކަށް ވާއިރު، ދީނީ ކަންކަމަކީ އާކަންކަމަށް ތަރުހީބު ދެވޭ ކަންކަމެއް ނޫނެވެ. އެންމެންގެވެސް އެވިސްނުން ހުރުމުގެ ސަބަބުން، ކާބަފައިންގެ ތެރޭގައި އޮތްކަމަކާއި ތަފާތު ކަމެއް ދީނީގޮތުން މީހަކު ބުނެފިނަމަ އެކަން ބަލައިނުގަންނަނީ ތިއީ އާކަމެކޭ ކިޔާފައެވެ. ވީމާ ދީނީގޮތުން ޙަޤީޤަތުގައި އާކަމަކަށް ވާގޮތް މީހުންނަށް މިތިބެނީ އޮޅުންއަރާފައެވެ. ނުވަތަ ވާނުވާ ނޭނގުމެއްގެ ތެރޭގައެވެ.

ޙަޤީޤަތުގައިވެސް ދީނީ ކަންކަމަކީ އަހަރެމެން އެންމެންވެސް މިދެކޭ ފަދައިން އޭގެ ތެރޭގައި ނެތް އާކަންތައްތަކެއް އޭގެތެރެއަށް ގެނެވިގެންވާނޭ ކަމެއް ނޫނެވެ. އަދި އެފަދަ އާކަމެއް ގެނެވުމަކީ ނުހަނު ނުރައްކާތެރިވެގެންވާ އަދި ބޮޑުވެގެން ފާފައެކެވެ. ސަބަބަކީ ދީން ގޮސް ނިމޭނީ ރަސޫލާ صلى الله عليه وسلم އާ ހަމައަށެވެ. ދީން އޮތްގޮތް އަދި އޮންނާންވާނެ ގޮތް ފުރިހަމަ ކޮށްދެއްވީ އެމާތް ނަބިއްޔާ صلى الله عليه وسلم އެވެ. އެހެންވުމުން ޙަޤީޤަތުގައި އެއްވެސް އާކަމެއް ނުވަދެ ސަލާމަތުން އޮންނާނީ އެނަބިއްޔާ ދޫކުރެއްވި ޢަޤީދާ އާއި ކަންކަމުގެ ތެރެއަށެވެ. ކާބަފައިންގެ ޢަޤީދާއާއި ކުރި ކަންކަމުގެ ތެރެއަކަށް ނޫނެވެ. އަދި ތެދު މަގު ގެއްލިފައިވާ މީހާއަކީ، ކާބަފައިންގެ ގޮތްތަކުގައިވާ ޙައްޤު ގޮތްތަކާއި ބާޠިލު ގޮތްތަކަކީ ކޮބައިކަން ދެނެނުގަނެ، އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ކާބަފައިން އުޅުނު ދީނީ ކޮންމެ ގޮތެއް އެއީ ރަނގަޅުގޮތް ކަމަށް ބަލައިގަނެ އެގޮތުގައި ދޫނުކޮށް ހިފަހައްޓައިގެން ހުންނަމީހާއެވެ. އެއަށް މިކިޔަނީ ކާބަފައިންގެ ގޮތްތަކަށް ތަޢައްޞުބު ވުމެވެ.

ވީމާ ކާބައިފައިންގެ ގޮތްތަކަށް ތަޢައްޞުބުވުމަކީ އެއީ އެކިދީންތަކުގެ މީހުންވެސް، ރަނގަޅު ގޮތް އިޚްތިޔާރު ކުރުމާ އެންމެބޮޑަށް އެއްކިބާ ކުރުވާ އެއްސަބަބެވެ. މައްކާގެ މުޝްރިކުންގެ ގާތަށް ރަސޫލާ صلى الله عليه وسلم ވަޑައިގެންނެވުމުން އެބައިމީހުން އެނަބިއްޔާއަށް ތަބާނުވުމަށް ދެއްކި އެއް ބަހަނާއަކީ، ތިޔައީ ތިމަންމެންގެ ކާބަފައިންގެ ތެރޭގައި ދަންނަ ވާހަކަތަކެއް ނޫނޭއެވެ. ތިމަންމެންނަށް އެންމެ ރައްކާތެރިގޮތަކީ އެގޮތުގައި ހިފައިގެން ތިބުމޭއެވެ. މިކަންކަން ބަޔާންކުރައްވާ މާތްﷲ ވަޙީކުރެއްވިއެވެ: ﴿وَإِذَا قِيلَ لَهُمُ ٱتَّبِعُواْ مَآ أَنزَلَ ٱللَّهُ قَالُواْ بَلْ نَتَّبِعُ مَآ أَلْفَيْنَا عَلَيْهِ ءَابَآءَنَآ ۗ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْقِلُونَ شَيْـًٔا وَلَا يَهْتَدُونَ﴾ سورة البقرة:170  މާނައީ: [އަދި ﷲ ބާވައިލެއްވި ތަކެއްޗަށް ތިޔަބައިމީހުން ތަބާވާށޭ އެބައިމީހުންނަށް ބުނެވިއްޖެ ހިނދު އެބައިމީހުން ބުނެއެވެ. އަދިކިއެއްހެއްޔެވެ. އަހަރެމެން ތަބާވާނީ އެގޮތެއްގެ މަތީގައި އަހަރެމެންގެ ކާބަފައިން ތިބެނިކޮށް އަހަރެމެންނަށް ފެނުނު ގޮތަށެވެ. އެއީ އެބައިމީހުންގެ ކާބަފައިންނަށް އެއްޗެއް ނުވިސްނުނު ކަމުގައިވީ ނަމަވެސް ހެއްޔެވެ. އަދި އެބައިމީހުން ހިދާޔަތުގެ މަތީގައި ނެތްކަމުގައި ވީނަމަވެސް ހެއްޔެވެ.] ވީމާ ކާބަފައިން ތިބީ ރަނގަޅު ގޮތުގެ މަތީގައިތޯ ބެލުމެއްނެތި އަހަރެމެންގެ ކުރިން އުޅުނު ބައެއްގެ ފަރާތުން އަހަރެމެންނަށް ފެންނަ ކޮންމެ ގޮތަކަށް ތަބާވުމީ މީހާ މަގު ގެއްލިދާނޭ ކަމެއްކަން މިއާޔަތުން ދޭހަވެއެވެ.

ކުރިންވެސް ބުނެވުނު ފަދައިން ހިދާޔަތް އޮތީ ކޮންބައެއްގެ އަތުގައި ހެއްޔެވެ؟ ޝައްކެއްވެސް ނެތެވެ. ހިދާޔަތް އޮތީ ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި އުޅުނު އަޞްޙާބު ބޭކަލުންގެ ޒަމާނުގައެވެ. ވީމާ އެޒަމާނެއްގައި ދީނީ ގޮތުން އެންމެ ރަނގަޅު ގޮތް އޮތް ކާބަފައިންގެ ޒަމާނަކީ އެޞަޙާބީންގެ ޒަމާނެވެ. އެޞަޙާބީންގެ ޒަމާނުގައި އޮތް ދީނީ ކަމެއް ހޯދައިގެން މީހަކު ކޮށްފިނަމަ، އެކަމަކީ އަހަރެމެންގެ ކުރިއަށް އޮތް ޖީލުގެ މީހުން ކޮށްއުޅުނު ކަމަކަށް ނުވިޔަސް، އެއީ ދީނީ ގޮތުން އާކަމެއް ގެނައި މީހަކަށް ނުވާނެއެވެ. ނަމަވެސް އެކަން ވެގެންދާނީ ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވުމަށެވެ. އަދި އެއިރުގައި ތިބި ކާބަފައިން އެތިބިގޮތް ވާނީ މަގުގެއްލިފައިވާ ގޮތަކަށެވެ.

އަހަރެމެންގެ މައްޗަށް ދީނީގޮތުން ވާޖިބުވެގެންވަނީ، ދީނީ ގޮތުން ކާބަފައިން ތިބިގޮތެއް ބަލައިގެން އެގޮތުގެ މަތީގައި ތިބުމެއް ނޫނެވެ. އަދިކިއެއްހެއްޔެވެ! އެގޮތް އެއީ ބިދުޢައަކަށް ވެސް ވެދާނެތެވެ. ނުވަތަ ބާޠިލު ކޮންމެވެސް ފިރުޤާއެއްގެ ޢަޤީދާއަކަށް ގެންގޮސްދާނޭ ގޮތަކަށްވެސް ވެދާނެއެވެ. ވީމާ ބައެއް މީހުން މިގެންގުޅޭ އުޞޫލަކީ އޭގެ ޒާތުގައި ނުހަނު ނުރައްކާތެރި، މީހާ މަގުފުރެދިގެން ދާނޭ އުޞޫލަކަށް ވެސް ވެދާނެއެވެ.  ކޮންމެ މީހަކަށް، މިފަދަ ޙާލަތްތަކުގައިވެސް ކަންކުރަންވީ ގޮތުގެ އިރުޝާދު ދެއްވި މާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވަނީ، ޤުރުއާނާއި ސުންނަތުގައި ފުރިހަމައަށް ވަރުގަދައަށް ހިފުމަށެވެ. އަދި ޚުލަފާއުއްރާޝިދޫން ކަމުގައިވާ އަބޫބަކުރު، ޢުމަރު، ޢުޘްމާން، ޢަލީ رضي الله عنهم ގެ ގޮތްތަކުގައި ފުރިހަމައަށް ހިފުމަށެވެ. މީހާ ތެދުމަގުން އެއްކިބާވުމުން ސަލާމަތްވުން އޮތީ ހަމައެކަނި އެގޮތުގައެވެ. އަލްޙާކިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: ((إنِّي قَدْ تَركْتُ فِيْكُمْ مَا إِنِ اعْتَصَمْتُمْ بِهِ فَلَنْ تَضِلُّوا أَبَدًا، كِتَابَ اللَّهِ وَسُنَّةَ نَبيِّهِ)) މާނައީ: [ހަމަކަށަވަރުން އެއެއްޗަކުން ތިޔަބައިމީހުން ރައްކާތެރިކަން ލިބިގަތުމަށް އޭގައި ހިފައިފިނަމަ، އެއްގޮތަކަށްވެސް ތިޔަބައިމީހުން މަގުގެއްލިގެން ނުދާނޭ އެއްޗެއް ތިމަންނަބިއްޔާ ތިޔަބައިމީހުންގެ ތެރެއަށް ދޫކުރެއްވީމެވެ. އެއީ ﷲ ގެ ފޮތާއި އެކަލާނގެ ނަބިއްޔާގެ ސުންނަތެވެ.]

އަޅަމެންނީ ފުރިހަމައަށް ޤުރުއާނާއި ސުންނަތުގައާއި އަޞްޙާބު ބޭކަލުންގެ ގޮތްތައް ހޯދާ އެއަށް ޢަމަލުކުރުމަށް ފަރުވާތެރިވާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *