ބުރާސްފަތި, 24 އޭޕްރިލް 2025

އާރޓިކަލް 157 : މީހެއްގެ މާތްކަން ދެނެގަނެވޭނީ ސީދާ ނައްޞަކުން ނުވަތަ ނައްޞަކުން ބާރުދޭ ފަރާތަކުންނެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

މީސްތަކުންގެ ތެރޭގައި އިންސާނީވަންތަކަމުގައި ހަމަހަމަކަން އޮތުމާއެކުވެސް، ޢަޤީދާއާއި ޢަމަލާއި އަޚްލާޤީ މިންގަނޑު ގެންގުޅޭ ގޮތެއްގެ ސަބަބުން ބައެއް މީހުން އަނެއްބަޔަކަށްވުރެ މާތްވެގެން ދެއެވެ. އަދި އިންސާނުންގެ ތެރެއިން ވަކިބަޔަކު މާތްކުރައްވާވެސް މިދުނިޔެއަށް މާތްﷲ ފޮނުއްވައެވެ. އެގޮތުން ރަސޫލުންނާއި ނަބީންނަކީ ދުނިޔެއަށް ފޮނުއްވި އެންމެމާތް އިންސާނުންނެވެ. ދެން ތިބިބަޔަކު މާތްކަމުގައި ކުރިއަރާދަނީ މާތްﷲ ފޮނުއްވި ރަސޫލުންނަށް ތަބާވެ، އެބޭކަލުންގެ ރިސާލަތަށް އީމާންވެ، ހެޔޮޢަމަލު ކުރުމުގައި ކުރިއަރައި ގޮސްގެންނެވެ. ވީމާ މީސްތަކުންގެ ތެރެއިން އެންމެމާތްކަން ލިބެނީ މާތްﷲ އަށާއި އަދި އީމާންކަމުގެ ދާއިރާގައި އެންމެ އީމާންކަން ވަރުގަދަ، ހެޔޮޢަމަލުގައި އެންމެ ކުރިއަރާދާ، މާތްﷲ އަށް އެންމެ ބިރުވެތިވުމާއެކު ނުބައިކަންކަމުން ދުރުހެލިވެ، އެކަލާނގެ ރަޙްމަތަށް ކުރާ އުންމީދާއެކު ހެޔޮޢަމަލު ކުރުމުގައި ނުހަނު ކުރިއަރާދާ މީހުންނެވެ. އަދި އެބަޔަކު އެންމެމޮޅަށް ދެނެވޮޑިގަންނަވަނީ އެންމެހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހު ﷲ سبحانه وتعالى އެވެ. ކުރުކޮށް ބުނަނީ ނަމަ އެބައިމީހުންނަކީ އެންމެ ތަޤްވާވެރީންނެވެ. އެފަދައިން ޤުރުއާނުގައި ވަނީ ސިފަކުރައްވާފައެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ﴾ سورة الحجرات:13 މާނައީ: [ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ﷲ ގެ ޙަޟްރަތުގައި އެންމެމާތްކަން ބޮޑު މީހަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ތަޤްވާވެރިޔާއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ކަލާނގެއެވެ.]

އެންމެހައިކަމެއްވެސް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ ކަމުގައިވާއިރު، މީސްތަކުންގެ ތެރެއިން އެންމެ މާތް މީހާއާއި އެންމެހައި މީސްތަކުންގެ ދަރަޖަތައްވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. ވަކިވަކި މީހުންގެ މާތްކަމުގެ ވާހަކަ އެކަލާނގެ ނުވަތަ އެކަލާނގެ ރަސޫލާ صلى الله عليه وسلم އެންގެވުމުން އަހަރެމެންނަށް އެއީ މާތް މީހެއްކަން އެނގިގެން ދެއެވެ. އެގޮތުން ނޫޙު، އިބްރާހީމް، މޫސާ، ޢީސާ عليهم السلام އަދި މުޙައްމަދު صلى الله عليه وسلم ގެ މާތްކަމާއި، އަދި އެނޫން އެންމެހައި ނަބީންގެ މާތްކަންވެސް އެކަލާނގެ ވަނީ ޚަބަރުދެއްވާފައެވެ. އަބޫބަކުރު، ޢުމަރު، ޢުޘްމާން، ޢަލީ، ބިލާލް، އަބޫޢުބައިދާ، ރަސޫލާގެ އަނބިއަނބި ކަނބަލުންނާއި އަދި އެނޫންވެސް އެންމެހައި ޞަޙާބީން رضي الله عنهم ގެ މާތްކަމުގެ ޚަބަރުވެސް ވަނީ ދެއްވާފައެވެ. އެފަދަ ވަކިޝަޚްޞުތައް ޢައްޔަނު ކޮށްފައި އެފަދަ ބޭކަލުން އެއީ މާތް ބޭކަލުން ކަމުގައި ދެންނެވިދާނެއެވެ. އެފަދައިން ޚަބަރު ދެއްވާފައި ނުވާ އެއްވެސް މީހަކު ޢައްޔަނުކޮށްފައި ބުނާކަށް ނޭނގޭނެއެވެ. ނަމަވެސް ޤުރުއާނާއި ސުންނަތުގެ ޢިލްމުގައި އިންތިހާއަށް ކުރިއަރާފައިވުމާއެކު، ޢަމަލުން ތަޤްވާވެރިކަމާއި ވަރަޢަވެރިކަން އެބޭކަލެއްގެ ފަރާތުން ފެންނަ ބޭކަލުން އެއީ މާތް ބޭކަލުންކަމުގައި ކަނޑައެޅެނީ، ރަސޫލާ صلى الله عليه وسلم ގެ ސުންނަތާއި އަޞްހާބު ބޭކަލުންގެ ގޮތްތައް މީސްތަކުންގެ މެދުގައި ފެތުރުއްވުމަށް، ނުހަނު ބޮޑު ޖިހާދެއް ކުރައްވާފައިވާތީއެވެ. އެފަދަ ބޭކަލެއް ޢައްޔަނުކޮށް، މާތްކަން ޤުރުއާނާއި ސުންނަތުގައި ބަޔާންކުރައްވާފައި ނުވާނެއެވެ. ނަމަވެސް އެކަމުގައި މާތްﷲ ލެއްވި ސުންނަތަކީ ޢިލްމުވެރި ބޭކަލުން އެއްބޭކަލަކު އަނެއްބޭކަލަކު ބަޔާންކޮށްދެއްވުމެވެ. އެއީ އެންމެފުރަތަމަ މާތްﷲ އެބޭކަލުންގެ މާތްކަން ބަޔާންކުރެއްވި ބޭކަލުންގެ ދޫފުޅުން، ޖެހިގެން އައި ޖީލުގެ މާތްކަމާއި ޢިލްމުވެރިކަމުގައި ކުރިއެރި ބޭކަލުން ވިދާޅުވެދެއްވާ ޘަނާ ވިދާޅުވެފައިވުމެވެ. އަދި އެއަށްފަހު އެބޭކަލުން އެއާ ޖެހިގެން އަންނަ ޖީލުގެ ބޭކަލުންނަށް ޘަނާ ވިދާޅުވުމެވެ. މިފަދައިން އެކިއެކި ޖީލުތަކުގެ ބޭކަލުން ސިލްސިލާކޮށް ޘަނާވިދާޅުވަމުން ގެންދަވައެވެ. އަދި މިއެންމެހައި ޘަނާއާ ތަޢުރީފުތަކެއް އެއްޖީލުން އަނެއްޖީލަށް ފޯރުވަމުންދާއިރު، ކިތަންމެ ފަހަކުން އަންނަ ޖީލަކަށް ވެސް އެޢިލްމު ލިބޭނޭހެން ފޮތްތަކުގައި ރައްކާކުރެވިފައިވެއެވެ.

މިދެންނެވުނު ބީދައިން ތާބިޢީ ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުންގެ މާތްކަން ވަނީ ބަޔާންކުރެވި ރެކޯޑުކުރެވިފައެވެ. އެގޮތުން އުވައިސް އަލްޤަރްނީ رحمه الله ހިމެނިވަޑައިގަންނަވައެވެ. އެތާބިޢީގެ މާތްކަން ބަޔާންވަނީ ސީދާ ރަސޫލާގެ ނައްޞުންނެވެ. އޭގެ އިތުރުން އެހެނިހެން ބޭކަލުންގެ ނައްޞުން މާތްކަން ބަޔާންވެފައިވާ ތާބިޢީންގެ ތެރޭގައި ސަޢީދު ބުން މުސައްޔިބު، ޢަލްޤަމާ، އަލްއަސްވަދު އަދި އަލްޙަސަނުލް ބަޞަރީ رحمهم الله ފަދަ ބޭކަލުން ހިމެނެއެވެ. އިބްނު އަބީ ޝައިބާ، ޞައްޙަ ސަނަދަކުން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((لَا تَزَالُونَ بِـخَيْرٍ مَا دَامَ فِيكُمْ مَنْ رَآنِي وَصَاحَبَنِي، وَاللهِ لَا تَزَالُونَ بِـخَيْرٍ مَا دَامَ فِيكُمْ مَنْ رَأَى مَنْ رَآنِي، وَصَاحَبَ مَنْ صَاحَبَنِ)) މާނައީ: [ތިމަން ނަބިއްޔާ ދެކެވަޑައިގެންނެވި ބޭކަލުންނާއި ތިމަންނަބިއްޔާ އާއެކުގައި އުޅުނު ބޭކަލުން ތިޔަބައިމީހުންގެ ތެރޭގައި ވާހައި ހިނދަކު ތިޔަބައިމީހުން ވާނީ ހެޔޮގޮތުގައެވެ. ﷲ ގަންދެއްވާ ޙަދީޘްކުރައްވަމެވެ. ތިމަން ނަބިއްޔާ ދެކެވަޑައިގެންނެވި ބޭކަލުން ދެކެވަޑައިގެންނެވި ބޭކަލުންނާއި، ތިމަން ނަބިއްޔާއާ އެކުގައި އުޅުއްވި ބޭކަލުންނާ އެކުގައި އުޅުއްވި ބޭކަލުން ތިޔަބައިމީހުންގެ ތެރޭގައި ވާހައި ހިނދަކު ތިޔަބައިމީހުން ވާހުށީ ހެޔޮގޮތުގައެވެ.] މިތަނުގައި މިބަޔާންވެގެން ދިޔައީ ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބުން رضي الله عنهم ނާއި ތާބިޢީ ބޭކަލުން رحمهم الله ގެ މާތްކަމުގެ ވާހަކައެވެ.

ހަމައެފަދައިން ހަތަރު މަޛްހަބުގެ އިމާމުން ކަމުގައިވާ އަލްއިމާމް މާލިކާއި އަލްއިމާމް ޝާފިޢީ އާއި އަލްއިމާމް އަޙްމަދާއި އަލްއިމާމް އަބޫޙަނީފާގެ رحمهم الله ގެ މާތްކަމާމެދު ތަޢުރީފު ކުރެއްވީ އެޒަމާނުގެ ބޮޑެތި އެހެނިހެން ދަންނަބޭކަލުންނެވެ. އަދި އޭގެ ފަހުން އަލްއިމާމް އަލްބުޚާރީ އާއި އަލްއިމާމް މުސްލިމް އާއި އަދި އެހެނިހެން ޙަދީޘްޢިލްމުގެ ދަންނަބޭކަލުންގެ މާތްކަންވެސް އެކިބޭކަލުން ބަޔާންކުރެއްވިއެވެ. މިފަދައިން ގުޅިފައިވާ ޗެއިނަކުން އެކިޒަމާންތަކުގެ ބޭކަލުންގެ މާތްކަމާއި ދީންވެރިކަމާއި ތަޤްވާވެރިކަން އެހެނިހެން ބޭކަލުން ވަނީ ބަޔާންކުރައްވާފައެވެ. ބާކީ ތިބި އެހެނިހެން މީހުން، މީސްތަކުންގެ ތެރެއިން މާތްކަމާއި ތަޤްވާވެރި ބޭކަލުން ދެނެގަތުމުގެ މިންގަނޑަކަށްވާނީ، ބޮޑެތި ތަޢުރީފާއި ޘަނާ ލިބިފައިވާ ދަންނަބޭކަލުންގެ ބަސްފުޅުތަކަށް ތަބާވުމެވެ.

ވީމާ މިދީނަކީ ހަވާނަފްސުގެ އެދުންތަކުގެ ދީނެއް ނޫނެވެ. މީހަކު ހަމަ ހިތަށްއަރާއިރަށް މީނާއާއި އޭނާ މާތްކޮށް ނެހެދޭނެއެވެ. ތަޤްވާވެރީންނާއި ދީންވެރިމީހުން ދެނެގަތުމަކީ ދީނުގެ އުޞޫލުތަކާއި މިންގަނޑުތަކުން، އެކަމުގެ އަހުލުވެރިންނަށް ނޫނީ ދެނެ ނުގަނެވޭނޭ ކަމެކެވެ. ބައެއް ޙާލަތްތަކުގައި މިއީ ނުހަނު މުހިންމު އުޞޫލަކަށް ވެގެންދެއެވެ. އެއީ ތަބާވާން ޙައްޤު ނޫން އެތަކެއް ބަޔަކަށް ނޭނގުމެއްގެ ތެރޭގައި ތަބާވެވި މީސްތަކުން ގެއްލި ހަލާކުވެގެންދާ ސަބަބެއް ކަމުގައި މިއުޞޫލަށް ތަބާނުވުން ވެގެންދާތީއެވެ.

އަޅަމެންނީ ފުރިހަމައަށް ޤުރުއާނާއި ސުންނަތުގެ މިންގަނޑުތަކުން، ދީނީ ހުރިހައި ކަމެއްވެސް ދެނެގަތުމަށް ގަދައަޅާ މަސައްކަތްކުރާ ބައެއްގެ ގޮތުގައި ލައްވާށިއެވެ. އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *