ބުރާސްފަތި, 17 އޭޕްރިލް 2025

ސާނަވީ ހިޔާ ޢީދު ވަރަށް ކުލަގަދަ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަދަބީ ޖަމްޢިއްޔާ " ދަރިވަރުންގެ ހިޔާ " ގެ ފަރާތުން މިއަހަރުގެ ޢީދު 2024 ބާއްވައިފިއެވެ.

މިއަހަރު ހިޔާޢީދު އެންމެ މި ބޭއްވީ ސާނަވީ ގްރޭޑްތައް ކަމަށްވާ 9،8،7 އަދި 10ގެ ދަރިވަރުންނަށެވެ. މި ދަރިވަރުންނަށް ވަނީ 10 މުބާރާތެއް ބާއްވާފައެވެ. ހިޔާ ޢީދު ގެ ހަރަކާތްތައް ފެށުނީ މިމަހުގެ 8 ވަނަ ދުވަހުގެރެއެވެ. އެރޭ 4 މުބާރާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ، މަޒުމޫނު ލިޔުމާއި، ވާހަކަ ލިޔުމާއި، ދަތުރުނާމާ އާއި އަދި އަތުލިޔުމެވެ.

ހިޔާ ޢީދުގައި ޖަނަވަރީ ހައުސްގެ ދަރިވަރުން

މިއަދު ހެނދުނު 8:45 ގައި އޮތީ މުބާރާތްތައް ހުޅުވުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދިވެހި މާއްދާގެ އިސް ކޯޑިނޭޓަރ މުޙައްމަދު ސަލީމެވެ. މިއަދު އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ބަހުސް މުބާރާތެވެ.

ފުރަތަމަ ބަހުސްގައި ބައްދަލުކުރީ، ހުވަނދުމާ ހައުސް އާއި ޖަނަވަރީ ހައުސް އެވެ. ބަހުސް ކުރި މައުޟޫއަކީ، ދަރިވަރުންނަށް ބޮޑަށް ފައިދާވާނީ، ދިވެހި މީޑިއަމަށް ކިޔަވައިދީގެންނެވެ. މައުޟޫޢާއި އެއްކޮޅަށް ވާހަކަދެއްކީ ހުވަނދުމާ ހައުސް އެވެ. މައުޟޫޢާއި ދެކޮޅަށް ޖަނަވަރީ ހައުސް ހައުސް އެވެ. މި ބަހުސުން މޮޅުވެ ފައިނަލަށް ދަތުރުކުރީ ޖަނަވަރީ ހައުސް އެވެ.

ދެވަނަ ބަހުސުގައި ބައްދަލުކުރީ، ޗާންދަނީ ހައުސް އާއި ކާމިނީ ހައުސް އެވެ. މައުޟޫޢަކީ، ބަވަނަވުމުގެ ސަބަބުން ދަރިވަރުންނަށް ބޮޑަށް ލިބޭނީ ފައިދާއެވެ. މައުޟޫޢާއި އެއްކޮޅަށް ވާހަކަދެއްކީ، ޗާނދަނީ ހައުސް އެވެ. މައުޟޫޢާއި ދެކޮޅަށް ވާހަކަދެއްކީ، ކާމިނީ ހައުސްއެވެ. މިބަހުސުން މޮޅުވެ ފައިނަލަށް ދިޔައީ ޗާނދަނީ ހައުސްއެވެ.

ހިޔާ ޢީދުގައި ހުުވަނދުމާ ހައުސްގެ ދަރިވަރުން

މިއަދު ހެނދުނު 9:30 ން ހަވީރު 5:00 އަށް  ފާރުނޫސް ހެދުން ކުރިއަށް ގެންދިޔައެވެ. ނޫސް ހެދުމުގެ މުބާރާތް ކުރިއަށް ގެންދިޔައީ، ހޯލުގައި ކޮންމެ ހައުސަކަށް ކަނޑައެޅިފައިވާ ޖާގައިގައެވެ.

މެންދުރުކުރި 11 ޖެހިއިރު ކުރިއަށް ގެންދިޔައީ ބަނދި ކިޔުމެވެ. މިގޮތުން ކޮންމެ ހައުސަކުން 3 ދަރިވަރުން ބަނދި ކިޔާފައިވެއެވެ.

11:30 ގައި ބޭއްވީ ރައިވަރު ކިޔުމެވެ. ރައިވަރު ކިޔާފައިވަނީވެސް ހައުސަކުން 3 ދަރިވަރުންނެވެ. ކޮންމެ ދަރިވަރަކުވެސް 3 ބަހުގެ ރައިވަރަކާއި 6 ބަހުގެ ރައިވަރެއް ކިޔާފައިވެއެވެ.

12 ޖެހިއިރު ބޭއްވީ އަދިބުންގެ ބައޮގްރަފީ ހުށަހެޅުމެވެ. ހަތަރު ހައުސުން 4 ބޭފުޅެއްގެ ބައޮގްރަފީ ހުށަހަޅާފައިވެއެވެ.

2:15 ގައި އޮތީ ނޫސް ކޮންފަރެންސެވެ. ނޫސް ކޮންފަރެންސް ގައި ނޫސް ހަދާ ކުދިންނަށް މަޢުލޫމާތުދީ ދަރިވަރުން ކުރި ސުވާލުތަކަށް ޖަވާބުދިނީ އަޙްމަދިއްޔާ ސްޓޫޑެންޓް ކައުންސިލް ގެ އިސް ދަރިވަރުންނެވެ. އޭގެ ތެރޭގައި ސްކޫލްގެ ކެޕްޓަނާއި ވައިސް ކެޕްޓަނުންނާއި ގޭމްސް ކެޕްޓަނާއި ޖަމްޢިއްޔާ ތަކުގެ ރައީސުންނާއި ކްލަބްތަކުގެ ލީޑަރުން ހިމެނެއެވެ.

ހިޔާ ޢީދުގައި ކާމިނީ ހައުސްގެ ދަރިވަރުން

2:45 ގައި އޮތީ އަދަބީ ކުއިޒް މުބާރާތެވެ. މި މުބާރާތުގައިވެސް ކޮންމެ ހައުސްއަކުން 3 ދަރިވަރުން ބައިވެރިވިއެވެ. ކުއިޒް ކުރިއަށް ގެންދިޔައީ 3 ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ކޮންމެ ދަރިވަރަކަށް ވަކިވަކިން ސުވާލު ކުރާ ގޮތަށެވެ. ދެ ވަނަ ބުރުގައި މުޅި ޓީމުން ޖަވާބުދޭ ގޮތަށެވެ. ދެން އޮތީ އަވަސް ބުރެވެ. 60 ސިކުންތުގެ ތެރޭގައި ކުރެވޭ ސުވާލުތަކަށް ޖަވާބުދޭ ގޮތަށެވެ.

އެއަށްފަހު ކުރިއަށް ގެންދެވުނީ، ޚަބަރު ކިޔުމުގެ މުބާރާތެވެ. މި މުބާރާތުގައި ކޮންމެ ހައުސަކުން 2 ދަރިވަރުން ޚަބަރު ކިޔާފައިވެއެވެ.

މިއަދު އެންމެ ފަހުގެ އައިޓަމަކަށް އޮތީ ބަހުސްގެ ފައިނަލެވެ. ބައްދަލުކުރީ، ޖަނަވަރީ ހައުސް އާއި ޗާނދަނީ ހައުސް އެވެ.

ހިޔާ ޢީދުގައި ޗާނދަނީ ހައުސްގެ ދަރިވަރުން

ބަހުސްކުރި މައުޟޫޢަކީ، ދަރިވަރުންގެ ހިތްތަކުގައި ގައުމިވަންތަކަން އަށަގެންނުވޭނީ ގައުމިއްޔަތު ވަކި މާއްދައެއްގެ ގޮތުގައި ކިޔަވައިދީގެންނެވެ. ހިޔާޢީދުގެ ހަރަކާތްތައް ނިންމާލީ 5:00 ގައެވެ.

މިއީ ވަރަށް ކާމިޔާބު ޢީދެއްކަމުގައި ދަރިވަރުންނާއި ހައުސްތަކުގެ އިސް މުދައްރިސުންވަނީ ފާހަގަކޮށްފައެވެ. ހިޔާޢީދުގައި ބޭއްވި މުބާރާތްތަކުގެ ނަތީޖާ ވަރަށްއަވަހަށް ފާޅުކުރެވިގެންދާނެ ކަމުގައި ދަރިވަރުންގެ ހިޔާއިން މަޢުލޫމާތު ވަނީ މަޢުލޫމާތުދީފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *