އަޅުގަނޑުމެންގެ ދަރިފުޅު ފޭލްވުމުން ސަލާމަތްވީ އަޙްމަދިއްޔާއިން ކޮށްދިން މަސައްކަތުން! ހާސްފަށުން ޝުކުރިއްޔާ އަޙްމަދިއްޔާ!

އަޅުގަނޑުމެންގެ ދަރިފުޅަކީ ސަރުކާރުގެ އެންމެ މަޝްހޫރު ސްކޫލެއްގައި ކިޔަވަމުން އައި ދަރިވަރެކެވެ. ދަރިފުޅަކީ ކިޔަވަން މަސައްކަތްކުރަމުން އައި ދަރިވަރެކެވެ. ބަރާބަރަށް ސްކޫލަށްގޮސް އަދި ކުރަންދޭ މަސައްކަތްތައްވެސް ކުރެއެވެ.

ސްކޫލުން އެއްބަސްނުވި ނަމަވެސް ކިޔަވައިދިނުމުގައި ބޮޑެތި މައްސަލަތަކެއް ހުރެއެވެ. ނަތީޖާއަކަށްވީ ގްރޭޑް 8 ނިންމިއިރު ލިބުނު ނަތީޖާއަށް ބިރުގަންނަން ޖެހުމެވެ. ޙައްލުކުރާނެ ގޮތަކާއިމެދު ވިސްނަމުންދަނިކޮށް ރައްޓެއްސަކު ދިން ލަފާ ޤަބޫލުކޮށް އަޙްމަދިއްޔާ ގެ ހަވީރު ކްލާހަށް ވައްދައި ޓިޔުޝަންދޭން މަސައްކަތް ފެށީމެވެ.

ގްރޭޑް 9 ނިމުމުން އަޙްދިއްޔާގެ ޕްރިންސިޕަލާ ސީދާ އަޅުގަނޑު ގުޅީމެވެ. އެ ދަރިފުޅުގެ ހާލަތު އަޅުގަނޑު ޕްރިންސިޕަލް ރަޝީދަށް ދެންނެވީމެވެ. ދަރިފުޅަށް ޖާގައެއް ހަމަޖައްސައި ދިނުމަށް ނުހަނު އާދޭހާއެކު އެދުނީމެވެ. ވިދާޅުވީ ޖާގަތައް ހުރީ ފުލްކޮށް ކަމަށެވެ. އެހެންނަމަވެސް ތިޔަ ދަރިވަރަށް ކޮންމެވެސް ގޮތެއް ހަމަޖައްސަވައި ދެއްވާނެކަމަށް ވިދާޅުވެ ވަރަށްބޮޑު އުއްމީދެއް އަޅުގަނޑަށް ދެއްވިއެވެ.

ޖެހިގެންއައިދުވަހު އަޅުގަނޑަށް ގުޅުއްވާފައި ޖާގަ ހަމަޖައްސަވައިދެއްވިއެވެ. އެހެންކަމުން، އަޙްމަދިއްޔާގެ ޔުނިފޯމް ކްލާހަށް ގްރޭޑް 10 އަށް ބަދަލުކުރީމެވެ. ބެލީ ފީ ދައްކަންޖެހުމެއްނޫނެވެ. ދަރިފުޅަށް ކިޔަވައިދިނުމަށެވެ. ނަތީޖާ ދަންނަވަންތޯއެވެ. ﷲ ގެ ވާގިފުޅާއިއެކު ދަރިފުޅު އޯލެވެލްގައި ބައިވެރިވި ހުރިހާ މާއްދާތަކުން އަޅުގަނޑުމެން އެންމެ އުފާވާ ފެންވަރުގައި ވަނީ ފާސްވެފައެވެ.

އަޅުގަނޑުގެ ދަރިފުޅަށް އެފަދަ ރަނގަޅު ނަތީޖާއެއް ހޯދުނީ ﷲ ވާގިފުޅާއިއެކު އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ކޮށްދިން ގިނަގުނަ މަސައްކަތްތަކުންނެވެ. އަޅުގަނޑުގެ އިތުރު ދެދަރިން ވަނީ ސަރުކާރު ސްކޫލަކުން އޯލެވެލް ހަދައިފައެވެ. އިމްތިހާނަށް ތައްޔާރުކުރަން އަހްމަދިއްޔާ އިން ކޮށްދިން މަސައްކަތާއި ގާތަކަށްވެސް މަސައްކަތް ކޮށެއް ނުދެއެވެ.

އަޅުގަނޑުގެ އޮތީ އެންމެ ބޭނުމެކެވެ. އެއީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން އަޅުގަނޑުގެ ދަރިފުޅަށް ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރުމެވެ. ހުރިހާ ޓީޗަރުންނަށާއި ހީވާގި ޕްރިންސިޕަލަށާއި ހިންގުންތެރިންނަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

ޝުކުރު ދަންނަވަން މާލަސްވެސް ވެއްޖެއެވެ. އެކަމަށްޓަކައި މާފަށްވެސް އެދެމެވެ.

– ބެލެނިވެރިއެއް

 

އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ އިއްޔެ "މިއަދު" ނޫހުގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *