އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ޖަލްސާއަކާއި ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ޖަލްސާގެ ޝަރަފްވެރި މެހްމާނަކީ މާލެ ސިޓީގެ މޭޔަރ އަލްފާޟިލް އާދަމް ޢާޒިމެވެ.
މިއަދު ހެނދުނު 00:7 ގައި ގުރުއާނުގެ ބަރަކާތުން މި ރަސްމިއްޔާތު ފައްޓައިދިނީ ގްރޭޑް 8 އީގެ ދަރިވަރު އަމީން ފަޒީލެވެ. ދެންއޮތީ، ކެޑޭޓުންގެ ޑްރިލް އާއެކު ހައުސް ތަކުގެ ދިދަ އާއި ޤައުމީ ދިދަ އާއި ސްކޫލްގެ ދިދަ ނެގުމެވެ.
ގައުމީ ދިދަ ނަންގަވައިދެއްވީ މާލެ ސިޓީގެ މޭޔަރ އަލްފާޟިލް އާދަމް ޢާޒިމެވެ.
ސްކޫލްގެ ދިދަ ނަންގަވައި ދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ.
ސްކޫލްގެ ހަތަރު ހައުސް ކަމަށްވާ ޖަނަވަރީ، ކާމިނީ، ހުވަނދުމާ، ޗާނދަނީ ހައުސްގެ ދިދަ ނެގީ ހަތަރު ހައުސްގެ ސާނަވީ އާއި މަތީ ސާނަވީގެ ކެޕްޓަނުންނެވެ.
އެއަށްފަހު އަޙްމަދިއްޔާގެ ބްރާސް ބޭންޑްގައި ސްކޫލްގެ ލަވަކުޅުނެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ޚާއްޞަ ޖަލްސާ ކުރިއަށް ގެންދިޔައެވެ. ޖަލްސާ ތަޢާރަފްކޮށް ހުށަހަޅައިދިނީ 7 އޭގެ ޢާއިޝަތު މަލައިކާ މުނައްވަރެވެ.
ދެންއޮތީ މަރުހަބާ ދެންނެވުމުގެ ގޮތުން ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދުގެ ވާހަކަފުޅުދެއްކެވުމެވެ. ޕްރިންސިޕަލްގެ ވާހަކަފުޅުގައި ސްކޫލްގައި އަލަށް ޢިމާރާތްކުރި 10 ބުރީގެ އާ ޢިމާރާތުގެ މަސައްކަތް ނިމި، މިއަހަރު ނިމޭހިސާބުގައި ހުޅުވޭނެކަމަށް ވިދާޅުވިއެވެ.
އަދި މިކަމުގެ ސަބަބުން ކިޔަވައިދިނުމުގައި އިހުނަށްވުރެ ބޮޑު ފަސޭހަތަކެއް، ޓީޗަރުންނަށާ، މެނޭޖުމަންޓަށް ލިބިގެންދާނެކަމާއި އެއީ ދަރިވަރުންނަށް ވެސް ލިބިގެންދާ، ވަރަށްބޮޑު ފަސޭހައެއްކަމަށް ވިދާޅުވިއެވެ.
ޕްރިންސިޕަލްގެ ވާހަކަފުޅުގައި ހުޅުމާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ، އަހްމަދިއްޔާގެ އާ ޢިމާރާތުގެ ކޮންސެޕްޓު ޑްރޯވިން ނިމި، އެޑިއުކޭޝަނަށް މިނިސްޓްރީ އަށް ފޮނުވާފައިވާކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. އެއީ، އަޙްމަދިއްޔާގެ އުޖާލާ މުސްތަގުބަލަށް ތަނަވަސްކަން ލިބި، ޚިދުމަތަށް އަލިކޮށްދޭނެ، އިތުރު ދަންމަރަކަށް ވެގެންދާނެކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.
ޖަލްސާގެ ހާޒިރީންނާ މުޚާޠަބުކޮށް ވާހަކަފުޅުދެއްކެވީ ޝަރަފްވެރި މެހްމާން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމެވެ. ޝަރަފްވެރި މެހްމާންގެ ވާހަކަފުޅުގައި އަޅުގަނޑުމެން އެންމެންވެސް ބޭނުންވާނީ ތުއްތު ކުދިން މޮޅުވެގެން ބޮޑެތި މީހުންނަށް ވެގެންދާއިރުގައި އެކުދިންނަކީ އަޚްލާގު ރަނގަޅު ކުދިންތަކަކަށްވެގެންދާންކަމުގައި ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ދުވަހާގުޅޭގޮތުން 9 އޭގެ ދަރިވަރު ޢާއިޝަތު ލަޢާލީ ވާހަކަދެއްކިއެވެ.
އޭގެފަހުން އޮތީ 42 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ކުއިޒް މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމުދިނުމެވެ. ކުއިޒް މުބާރާތުން 1 ވަނަ ޙާޞިލްކުރީ 11 އޭގެ ދަރިވަރު މަރިޔަމް މިންހަތު މުޙައްމަދެވެ.
އެއަށްފަހު އޮތީ ޚާއްޞަ ދުޢާއެއް ކިޔުމެވެ. އިސްވެ ދުޢާ ވިދާޅުވީ ސީނިއަރ ލީޑިންގ ޓީޗަރ މުޙައްމަދު ރިޟާ އެވެ.
ޖަލްސާ ނިމުނީ ސްކޫލް ލަވައިންނެވެ.
ދެން އޮތީ އަހަރީ ދުވަހުގެ ޚާއްޞަ ކޭކު ފެޅުމެވެ. ކޭކު ފަޅުއްވާދެއްވީ ޝަރަފްވެރި މެހްމާން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދެވެ.