އާރޓިކަލް 159 : ޛިކުރު ކުރުމުގައި ދޫ ހީވާގިކުރުން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ހެޔޮޢަމަލު ކުރުމުގައި ކުރިއަރާ ދާން މަސައްކަތްކުރާ މީހުންގެ އެންމެ ޢާންމު އެއް ސިފައަކީ ހުސްވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. ހުސްވަގުތަކީ އޭނާ އާޚިރަތާއި ދުނިޔޭގެ ކާމިޔާބަށް ކުރަންޖެހޭ ކަންކަން ކޮށްފައި ދެން އޮންނަ ވަގުތުތަކުގެ ވާހަކައެވެ. ގިނަފަހަރަށް އެވަގުތުތައް ގިނަމީހުން ހޭދަކުރަނީ އެކަމުން ދުނިޔެވީ އަދި އުޚުރަވީ ފައިދާއެއް ލިބޭގޮތަކަށް ނޫނެވެ. އެބައިމީހުންގެ ހުސް ވަގުތުތައް ދަނީ ބޭކާރުވެގެންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ނަމަވެސް އޭގެ ބަދަލުގައި އާޚިރަތުގެ ލާބައާއި މަންފާއަށް އިންތިހާއަށް މަސައްކަތްކޮށް އަންނަންއޮތް ދުވަސް ކާމިޔާބު ކުރުމުގެ ވިސްނުމުގައި ހުންނަމީހަކަށް އެވަގުތުތަކަކީ ވަރަށް މުހިންމު އެއްޗެކެވެ. އަދި އަރާމުކޮށްލަން ތަނެއްގައި އޮށޯވެލައިގެން ނުވަތަ އިށީނދެނގެން އިން ނަމަވެސް އޭނާގެ އެވަގުތުތަކަކީ އެއްގޮތަކަށްވެސް ބޭކާރު ވަގުތުތަކަކަށް ނަހަދައެވެ. ސަބަބަކީ އެވަގުތުތަކުގައިވެސް އޭނާ ކުރަމުންދާނީ އިންތިހާއަށް ގިނަގުނަ ޘަވާބުތަކެއް ހޯދުމަށް ކުރެވޭ މަސައްކަތެކެވެ. އެއީ ކިހިނަކުން ހެއްޔެވެ؟ އެއީ ދުލުގެ ހީވާގިކަމުންނެވެ. ހަށިގަނޑުގެ އެހެނިހެން ގުނަވަންތައް ކަންނެއްކަމުގައި ވީނަމަވެސް އެމީހެއްގެ ދުލަކީ ނުހަނު ހީވާގި އެއްޗަކަށް ހަދައެވެ. އެއީ އަބަދުވެސް އެދުލުން އޮންނަނީ ޛިކުރު ކޮށްލަކޮށްލައެވެ. ކޮންފަދަ ކުޑަކުޑަ ކަމަކުން ކޮންފަދަ ގިނަގުނަ ޘަވާބާއި ދަރުމައެއް އެއްކުރާމީހެއް ހެއްޔެވެ؟

އޮށޯވެގެންވެސް އޭނާގެ ހީވާގި ދުލުން ޛިކުރު ކުރެއެވެ. އިށީނދެގެންވެސް އޭނާގެ ހީވާގި ދުލުން ޛިކުރު ކުރެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ﴾ سورة آل عمران:191 މާނައީ: [އެބައިމީހުންނީ ކޮޅަށް ހުރެގެންނާއި އިށީނދެ އިނދެގެންނާއި އެބައިމީހުންގެ އަރިކަށިމައްޗަށް އޮށޯވެ އޮވެގެން ﷲ އަށް ޛިކުރުކުރާ މީހުންނެވެ. އަދި އުޑުތަކާއި ބިން ހެއްދެވުމާއި މެދު އެބައިމީހުން ފިކުރުކޮށް ހަދައެވެ. އޭ މިއަޅާގެވެރި އިލާހެވެ. މިތަކެތި އިބައިލާހު ހެއްދެވީ ބާޠިލު ގޮތުގައެއް ނޫނެވެ. އިބައިލާހު ހުސްޠާހިރުވަންތަ ކަމާއެވެ. ފަހެ، އަޅަމެން ނަރަކައިގެ ޢަޛާބުން ދިންނަވާނދޭވެ!] މިއާޔަތުގެ ޢާންމު މާނައިގައި، ޞާލިޙު ރަނގަޅު މުއުމިނުންނަކީ ކޮޅަށް ހުރެ، އިށީނދެ އިނދެ އަދި އޮށޯވެގެންވެސް މާތްﷲ ގެ މަތިން ހަނދުމަކޮށް އެކަލާނގެއަށް ޛިކުރު ކުރާމީހުންނެވެ. ދުލުން އެކަލާނގެ ހުސްޠާޙިރުވަންތަ ކަމުގެ ބަސްތައް ބުނާމީހާއެވެ. އަދި ޘަނާއާއި ތަޢުރީފުގެ ޛިކުރުތަކަށްފަހު، އެބައިމީހުން އެކަލާނގެއަށް އާދޭސް ދަންނަވައެވެ. އެކަލާނގެއަށް ދެންނެވޭނެ އެންމެބޮޑު ދެންނެވުމަކީ އެކަލާނގެ ޢަޛާބުން ސަލާމަތް ކޮށްދެއްވުމެވެ. މިއާޔަތުގެ ޚާއްޞަ މާނައިގައި އާޔަތުގައި އެބަޔާން ކުރައްވަނީ، ޛިކުރު ކުރުމުގެ ހައިއަތުތަކުގެ ތެރެއިން އެންމެމާތް ކަމެއްގެ ގޮތުގައި މާތްﷲ ލެއްވި ނަމާދުގެ ވާހަކައެވެ. މާނައަކީ އެބައިމީހުން ކޮޅަށް ތިބެ ނަމާދުގައި ޛިކުރުކުރާ ވާހަކައެވެ. އަދި ކޮޅަށް ނުތިބެވޭނަމަ، އެބައިމީހުން އިށީނދެ އިނދެގެން އެކަލާނގެ ހަނދުމަކޮށް ނަމާދުގައި ޛިކުރު ކުރާ ވާހަކައެވެ. އަދި އިށީނދެ އިނދެގެން ނަމާދު ނުކުރެވޭ ނަމަ އެއް އަރިއަކަށް އޮށޯވެ އޮވެގެން ނަމަވެސް ނަމާދުގައި ޛިކުރުކުރާ ވާހަކައެވެ.

ޛިކުރުމުގެ ޙަޤީޤީ މާނައަކީ ހަމައެކަނި ދުލުން ((سُبْحَانَ اللهِ)) ނުވަތަ ((الـْحَمْدُ لِلَّهِ)) ނުވަތަ ((لاَ إِلَهَ إِلاَّ اللهُ)) ނުވަތަ ((اللهُ أَكْبَرُ)) ނުވަތަ ((وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ)) މިފަދައިން ބަސްތައް ބޭރުކޮށްލުމެއް ނޫނެވެ. ނަމަވެސް އޭގެ ޙަޤީޤީ މާނައަކީ އެކިޔާ އެއްޗެއްގެ މާނަވެސް އެނގިގެން އެތަކެތި ކިޔުމެވެ. އެއީ ޛިކުރު ކުރުމަކީ އެކަލާނގެ ހަނދުމަ ކުރުމެވެ. އެތަކެތީގެ މާނަ ނޭނގި އެކަލާނގެ ހަނދުމަ ކުރަންވާ ގޮތުގައި ހަނދުމަ ކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި ޛިކުރު ކުރުމުގެ އެންމެބޮޑު އެއްބޭނުމަކީ އެކަލާނގެއާ ކުއްތަންވުމެވެ. އެކަލާނގެއާ ކުއްތަންވުމުގައި އެކަލާނގެ މަޢުރިފާކޮށް ދެނެގަންނަން ޖެހެއެވެ. ޛިކުރު ކުރުމަކީ އެކަލާނގެ މަޢުރިފާކޮށް ދެނެގަތުމުގެ ވަޞީލަތެކެވެ. އޭރުން އެއިން ކޮންމެ ޢިބާރާތެއް ކިޔުމާއެކު އެކަލާނގެ މަތިން ހަނދުމަވުމާއެކު، އެކަލާނގެ ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެއް ދެނެގަނެވެއެވެ. އެކަލާނގެ ކޮންމެ ސިފަފުޅަކީ އެކަލާނގެ ދެނެގަތުމުގައި ހިމެނޭ ޢިލްމެކެވެ. އެހެންވުމުން ޛިކުރުކުރުމުގައި ދޫ ހީވާގި ކުރުމާއެކު، އެމީހަކު އެދަނީ މާތްﷲ އާ ކުއްތަންވަމުންނެވެ.

ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައި ވައެވެ: ((أَنَّ فُقَرَاءَ الـمُهَاجِرِينَ أَتَوْا رَسُولَ اللهِ ـ صلى الله عليه وسلم ـ فَقَالُوا : يَا رَسُولَ اللهِ ذَهَبَ أَهْلُ الدُّثُورِ بِالدَّرَجَاتِ العُلَي وَالنَّعِيمِ الـمُقِيمِ ، يُصَلُّونَ كَمَا نُصَلِّي ، وَيَصُومُونَ كَمَا نَصُومُ ، وَلَـهُمْ فَضْلُ أَمْوَالِـهِمْ يَحُجُّونَ بِـهَا وَيَعْتَمِرُونَ وَيُجَاهِدُونَ ، فَقَالَ أَلَا أُعَلِّمُكُمْ شَيْئـًا تُدْرِكُونَ بِهِ مَنْ سَبَقَكُمْ وَتَسْبِقُونَ بِهِ مَنْ بَعْدَكُمْ وَلَا أَحَدٌ يَكُونُ أَفْضَلَ مِنْكُمْ إِلَّا مَنْ صَنَعَ مِثْلَ مَا صَنَعْتُمْ ؟ قَالُوا : بَلَى يَا رَسُولَ اللهِ ، قَالَ : تُسَبِّحُونَ وَتَحْمَدُونَ وَتُكَبِّرُونَ خَلْفَ كُلَّ صَلَاةٍ))  މާނައީ: [ހަމަކަށަވަރުން މުހާޖިރުންގެ ފަޤީރުން ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ. މުދާވެރިމީހުން މަތިވެރި ދަރަޖަތަކާއި ދެމިގެންވާ ނިޢުމަތްތަކަށް ވާޞިލުވެއްޖެއެވެ. އެބައިމީހުން އަހަރެމެން ނަމާދު ކުރާ ފަދައިން ނަމާދުކުރެއެވެ. އަދި އަހަރެމެން ރޯދަހިފާ ފަދައިން ރޯދަ ހިފައެވެ. އޭގެ އިތުރުން އެބައިމީހުންގެ އަތުގައި ހުންނަ މުދަލުން ހައްޖުވެ ޢުމްރާވެ ޖިހާދުކުރެއެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ތިޔަބައިމީހުންގެ ކުރިއަރާ ދިޔަ މީސްތަކުންނާ އަރާ ހަމަކުރެވޭނޭ، އަދި ތިޔަބައިމީހުންގެ ފަހުން އަންނަމީހުންނަށް ވުރެ ކުރިއަރާ ދާނޭ ކަމެއް ބުނެދެންތޯއެވެ؟ އަދި އެއީ ތިޔަބައިމީހުން ކުރި ފަދައިން އެކަން ކޮށްގެން ނޫނީ ތިޔަބައިމީހުންނަށް ވުރެ އެކަކުވެސް މާތްނުވާނޭ ކަމެކެވެ. އެބޭކަލުން ދެންނެވިއެވެ: އާއެކެވެ. އޭ ﷲ ގެ ރަސޫލާއެވެ. ޙަދީޘްކުރެއްވިއެވެ: ތިޔަބައިމީހުން ކޮންމެ ނަމާދަކަށްފަހު، ތަސްބީޙަ ކިޔާށެވެ. އަދި ޙަމްދުކުރާށެވެ. އަދި ތަކްބީރުކިޔާށެވެ.]

ވީމާ މިފަދަ ވަގުތުތަކުގައި އެކަނޑައެޅިފައިވާ ޛިކުރުތަކާއި ޢާންމުކޮށް ލިބޭ ހުސް ވަގުތުތަކުގައި ޛިކުރުންކޮށް ދޫ ހީވާގި ކުރުމަކީ ކޮންފަދަ ބޮޑު ދަރުމައާއި ޘަވާބު ލިބެނިވި ކަމެއްހެއްޔެވެ؟ އަދި އޭގެ އިތުރުން މިފަދައިން ޛިކުރު ކުރުމާއި، މާތްﷲ މަތިން ހަނދުމަކުރުން މަދު މީހުންނަކީ މުނާފިޤުންގެ ސިފަތަކުން ސިފަ ލިބިގެންފާ މީހެކެވެ. މުނާފިޤުންގެ ވާހަކަ ބަޔާންކުރައްވާ ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا﴾ سورة النساء:142  މާނައީ: [އަދި އެބައިމީހުން މަދުން ނޫނީ ﷲ އަށް ޛިކުރު ނުކުރެއެވެ.] މާނައީ އެބައިމީހުންގެ ފިކުރުގައި އެކަލާނގެ ހަނދުމަވުން ވަރަށް ކުޑަވާހަކައެވެ.

އަޅަމެންނީ މާތްﷲ ގެ މަތިން ގިނަގިނައިން ހަނދުމަކޮށް އެކަލާނގެއަށް ޛިކުރުމުގައި ގިނަވަގުތު ހޭދަކުރާ ބަޔެއްގެ ގޮތުގައި ލައްވާށިއެވެ. އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *