ޕްރީ ޕްރައިމަރީގެ ޤުރުއާން މުބާރާތުގެ އިނާމު ދީފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޤުރުއާން މުބާރާތްނިމި، ބައިވެރިވި ދަރިވަރުންގެ ތެރެއިން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމު ދީފިއެވެ.

މިއަދު ބޭއްވުނު ޖަލްސާގައި އިނާމުތައް ބައްސަވާދެއްވީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ.  އެގޮތުން ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ވެސް ޕްރިންސިޕަލެވެ. މީގެ އިތުރުން މި ޖަލްސާގައި މި ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ އައިޝަތު ޝީތާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ހަމައެއާއެކު ސްކޫލްގެ ބައެއް އިސްފަރާތް ތަކުންވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި މުބާރާތަކީ މިދިޔަ ނޮވެމްބަރ 2023ގައި ކުރިޔަށްގެންދިޔަ، އިންޓަރކްލާސް ޤުރުއާން މުބާރާތެކެވެ. މިއަދުގެ އިނާމު ދިނުން އޮތީ  އެލް.ކޭ.ޖީ އަދި ޔޫ.ކެ.ޖީގެ ބައިން ވަނަވަނައަށް އައިސްފައިވާ ދަރިވަރުންނަށެވެ. މިބައިގައި ބައިވެރިވެފައިވަނީ ޖުމުލަ 81 ދަރިވަރުންނެވެ. މި ދަރިވަރުން ކިޔެވީ ހިތުން ކިޔެވުމުގެ ބައެވެ. އެއީ މިފަދަ ތުއްތު ތުއްތު ދަރިވަރުންނަށް ކިޔެވުމަށް ފަސޭހައަކަށެވެ.

ޕްރީ ޕްރައިމަރީ ދަރިވަރުންނަށް ޢަމާޒުކޮށްގެން ސްކޫލުން މިފަދަ މުބާރާތްތައް ބޭއްވުމުގެ މަޤްޞަދަކީ، ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި އެކު ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ފަރިތަކަމާއިއެކު، ރީތި ރާގުތަކަށް ކީރިތި ޤުރުއާން ކިޔެވުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމެވެ.

މިފަދަ މުބާރާތްތައް އިންތިޒާމްކޮށް ހިންގުމަކީ ބުރަކަމެއް ނަމަވެސް ހީވާގިކަމާއެކު ސްކޫލްގެ ޤުރުއާން ޑިޕާޓުމެންޓުން ވަނީ މި މުބާރާތް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *