އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަރ ކްލާސް ފުޓްބޯޅަ އަދި ހޭންޑްބޯޅަ ފެސްޓިވަލް ނިމި ވަނަވަނަ ތަކަށް އިނާމާއި މެޑެލް ދީފިއެވެ.
މި ފެސްޓިވަލްގެ މަޤުޞަދަކީ ދަރިވަރުންގެ ދުޅަހެޔޮކަމާއި، އުނގެނުމުގެ އިތުރުން ކުޅިވަރުގައި ދަރިވަރުން ޝާމިލް ކުރުމެވެ. އެގޮތުން މިދިޔަ އަހަރު 2023ގައި ބޭއްވި ފެސްޓިވަލްގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރައިމަރީގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ. މިއީ ޚާއްޞަކޮށް ޕްރައިމަރީ ގްރޭޑް ތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބާއްވާ ބޮޑު އެއް ފެސްޓިވަލެވެ.
މި ފެސްޓިވަލަކީ ކޮންމެ އަހަރަކު ވެސް ވަރަށް ކުލަގަދަކޮށް ބާއްވަމުން އަންނަ ބޮޑު ހަރަކާތެކެވެ. މި ފެސްޓިވަލްގައި އަންހެން ކުދިންނަށް ޚާއްޞަކޮށް ކުރިއަށް ގެންދަނީ ހޭންޑްބޯޅައެވެ. ހަމައެއާއެކު ފިރިހެން ކުދިންނަށް ޚާއްޞަކޮށްފައިވަނީ ފުޓްބޯޅައެވެ.
މި މުބާރާތް ވަރަށް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު މި ހަރަކާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް އައި ދަރިވަރުންނަށް މެޑެއްޔާއި، އިނާމުދިނުން ބޭއްވީ މިމަހުގެ 25 ވީ އާދިއްތަދުވަހުގެ މެންދުރުފަހުއެވެ. ދަރިވަރުންނަށް އިނާމާއި މެޑެލް ދެއްވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުހައްމަދު ރަޝީދެވެ.
މި ފެސްޓިވަލަކީ ދަރިވަރުންނާއި، ޓީޗަރުންގެ އިތުރުން ބެލެނިވެރިންގެ މެދުގައި ވަރަށް ފޯރިގަދަ މުބާރާތެކެވެ. ސްކޫލުގައި މިފަދަ ހަރަކާތްތައް ހިންގުމުން ސްކޫލާއި ބެލެނިވެރިންނާއި އޮންނަ ގާތްކަން އިތުރަށް ވަރުގަދަވެގެން ދެއެވެ. މީގެއިތުރުން ދަރިވަރުންގެ ހިތްތަކުގައި ކުޅިވަރަށް އޮންނަ ޖޯޝާއި ފޯރި މިފަދަ ފެސްޓިވަލްތަކުން ފެނިގެން ދެއެވެ.