އަޙްމަދިއްޔާ އިންޓަނޭޝަނަލް 42 އަހަރު ފުރުމުގެ މުނާސަބަތުގައި ޕެރޭޑެއް މިއަދު ބާއްވައިފިއެވެ. މި ޕެރޭޑް ބޭއްވީ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. ޕެރޭޑް ފެށީ މިއަދު ހަވީރު 4:45 ގައި ހުޅުމާލޭ ސިންތެޓިކް ޓްރެކުންނެވެ.
މި ޕެރޭޑް ބޭއްވީ އަހަރީ ދުވަހުގެ މުނާސަބަތުގައި ގިނަ ބަޔަކު ބައިވެރި ކުރުމަށާއި އަދި ޔުނިފޯމް ހަރަކާތްތަކުގެ ގިނަ ކުދިންނަށް ހަރަކާތުގައި ބައިވެރިކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުންކަމަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު "އަޙްމަދިއްޔާ 1982″ އަށް މަޢުލޫމާތު ދެއްވިއެވެ.
މި ހިންގާލުމަށް ބެލެނިވެރިންނާއި ދަރިވަރުންނާއި މުދައްރިސުންނާއި ސްކޫލްގެ މެނޭޖްމެންޓްގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
ޕްރިންސިޕަލް ވިދާޅުވީ، މިކަހަލަ ފުރުޞަތު ތަކަކީ، ދަރިވަރުންނަށް ސްކޫލްގެ މާހައުލުގެ ތެރޭގައި އެކުދިން ކިޔަވާ ދުވަސްވަރުގައި ލިބެންޖެހޭ ފުރުޞަތުތަކެއްކަމަށް ގަބޫލުފުޅުކުރައްވާކަމާއި އެއީ، މިކަހަލަ ހަރަކާތްތަކުގައި ބައިވެރިވެވޭނީ، ސްކޫލް ދައުރުގައިކަމަށްވާތީ ކަމުގައެވެ.
"ސްކޫލްދައުރު ނިމުމަށްފަހު އަމަލީ މައިދާނަށް ނުކުތުމުގެ ކުރިން މިކަހަލަ ފުރުޞަތުތައް ކުދިންނަށް ހޯދައިދިނުމަށް ސްކޫލްތަކުން ވަރަށްބޮޑަށް މަސައްކަތްތައް ކުރަންޖެހޭނެކަމަށް އަޅުގަނޑު ދެކެން.
އެގޮތުން ބޭންޑްގެ ހަރަކާތް ކެޑެޓް ސްކައުޓް ގައިޑް ހަރަކާތް އަދި އެހެނިހެން ކަންކަމުގައިވެސް ގިނަ ދަރިވަރުން ބައިވެރި ކުރުވާ އެކުދިންނަށް އެކަންކަމުގައި ހުރި މުހިއްމުކަމާއި އެކަންކަމުގައި އެކުދިން ސްކޫލް ދައުރުގައި ބައިވެރިވުމުގެ ފުރުޞަތު ހަމަޖައްސައިދިނުމަކީ މުހިއްމު ކަމެއްކަމުގައި އަޅުގަނޑުދެކެން." ޕްރިންސިޕަލް ވިދާޅުވިއެވެ.
ކުދިންގެ ތައުލީމީ ހަޔާތުގައި ސްކޫލްދައުރު ހޭދަކުރަމުންދާއިރުގައި އެކުދިންނަށް މިކަހަލަ ފުރުސަތުތައް ހޯދައިދިނުމަކީ އެ ސްކޫލަކުން ކުރަންޖެހޭ ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމާއި އަބަދުވެސް އަޙްމަދިއްޔާއިން ދަރިވަރުންނަށް ލިބެންހުރި މިކަހަލަ ފުރުޞަތުތަކުގެ ބޭނުން ހިފޭނެގޮތަކަށް އިންތިޒާމްކުރަން ވަރަށް ބޭނުން ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.
އަޙްމަދިއްޔާގެ 42 ވަނަ އަހަރީ ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް މިއަހަރުބަނީ ބާއްވާފައެވެ. އެގޮތުން އަހަރީ ދުވަހާއިގުޅިގެން ޚާއްޞަ އެސެމްބްލީއެއް ބޭއްވުމާއި ސާނަވީ އާއި މަތީ ސާނަވީގެ ދަރިވަރުންނަށް ހުޅުވާލައިގެން ސްކޫލާބެހޭ ކުއިޒް މުބާރާތެއްބޭއްވުން ހިމެނެއެވެެ. އަދި އެކިއެކި އުމުރުފުރާތަކުގެ ދަރިވަރުން ބައިވެރިކޮށްގެން ކުޅިވަރު މުބާރާތްތަކެއްވެސް ވަނީ ބާއްވާފައެވެ.