އާރޓިކަލް 160 : މާތްﷲ އަށް ކުއްތަންވާ މީހުން ކުއްތަންވުމުގައި ބެހިގެންވާ ބައިތައް

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

މީސްތަކުން ދީނީގޮތުން ކުރިއަރާވަރަކަށް އޭނާ ވެގެންދަނީ ދީންވެރި މީހަކަށެވެ. ޙަޤީޤީ ދީންވެރިކަމަކީ އެތެރެފުށުން އިޚްލާޞްތެރި ނިޔަތަކާއެކު ހަމައެކަނި މާތްﷲ އާ ތިމާ ގާތްކަން ހޯދުމުގެ ގޮތުން ވާޖިބުތައް އަދާކުރުމުގެ އިތުރުން ސުންނަތް ޢަމަލުތައް އަދާކުރުމުގައި ކުރިއަރުމެވެ. ކުރަން އަމުރުކުރެވިފައިވީ ވާޖިބުތައް އަދާނުކުރާނަމަ ނުވަތަ އެކަމުގައި ފަރުވާކުޑަކުރާނަމަ އެމީހަކު ފާފަވެރިވެއެވެ. ވީމާ ވާޖިބު ކަންކަމަކީ އެކަކަށް އެކަމެއް ދޫކޮށްލުން ހުއްދަވެގެން ނުވާނޭ ކަންކަމެވެ. ހަމައެފަދައިން ދީނުގައި އެކަމެއް ނުކުރާން އެންގެވި އެއްވެސް ކަމެއް ކޮށްފިނަމަވެސް އެމީހަކު ފާފަވެރިވާނެއެވެ. ވީމާ ދީނުގައި ޙަރާމް އެއްވެސް ކަމެއް ކުރުންވެސް ހުއްދަވެގެން ނުވާނެއެވެ. ﷲ سبحانه وتعالى އަށް ކުއްތަންވާން އެދޭމީހެއްގެ އެކަމަށް ހުރަސް އަޅާނޭ އެއްކަމަކީ އިސްވެ މިދެންނެވުނު ކަންކަމެވެ. އެގޮތުން މީހަކު ﷲ سبحانه وتعالى އަށް ކުއްތަންވުމަށް ހެޔޮޢަމަލުތައް ކުރަމުން ދާހިނދު އިސްވެ ބުނެވުނު ކަންކަން އޭނާގެ ކިބައިގައި ހުރެއްޖެނަމަ، އޭނާ އެބޭނުންވާ އެކަލާނގެ ވިލާޔަތު ޙާޞިލުވުމަށް ހުރަސްއެޅިގެން ދެއެވެ. އަދި އޭގެ ސަބަބުން އޭނާ ﷲ سبحانه وتعالى އާ ގާތްވުމުގެ ބަދަލުގައި އެކަލާނގެއާ ދުރުވެގެން ދެއެވެ. މިހެން މިކަން ވުމުގެ ސަބަބުން ކޮންމެ މުސްލިމަކީ މާތްﷲ ގެ ޙަޟްރަތުގައި އެއްދަރަޖައެއް ލިބިގެންވާ ބައެއް ނޫނެވެ. ޝަހާދަތް ކިޔާ އިސްލާމްވެގެން ތިބި އެންމެހައި މުސްލިމުން ﷲ سبحانه وتعالى އާ ގާތްކަން ލިބިގެންވުމުގައި، ތިން ބަޔަކަށް ބެހެއެވެ.

އެންމެ ފުރަތަމަ ބަޔަކީ ހެޔޮކަންކަމުގައި ކުރިއަރާދާ މީހުންނެވެ. އެއީ ފަރުޟު ކުރައްވާފައިވާ ކަންކަން ކުރުމުގެ އިތުރުން ސުންނަތްތައް އަދާކުރުމުގައި ގަދައަޅާ މަސައްކަތްކޮށް މާތްﷲ ގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ އުފުލުމަށް އެދިގެން މަތީދަރަޖަތަކަށް ވާޞިލުވާނޭހެން ގިނަގުނަ ހެޔޮޢަމަލުތައް ކުރުމުގައި ކުރިއެރުމަށް މަރުވުމާއި ހަމައަށް މަސައްކަތް ކުރުމުގައި ވަރުބަލިކަމެއް ނެތް މީހާއެވެ. އެއީ ނަބީންނާއި ރަސޫލުން ފަދައިން ހެޔޮޢަމަލުތައް ކުރާމީހުންނެވެ. ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުންނީ އެފަދަ ނަމޫނާ ބޭކަލުންނެވެ. އެބޭކަލުން ފަދައިން ހެޔޮޢަމަލުތަކުގައި ކުރިއަރާދިއުމަށް އެބޭކަލުންނެކޭ އެއްހަމައެއްގައި ޢަމަލުތައް ކުރެވުނަސް، އެބޭކަލުންގެ އީމާންކަމުގެ މަތީދަރަޖަތަކާއި އެއްހަމައަށް އިޚްލާޞްތެރިކަމާއެކު ގިނަގުނަ ޢަމަލުތައް ކުރުމުގައި ނުދާނެތެވެ. ސަބަބަކީ އެއީ އެންމެ ހެޔޮ އުންމަތް ކަމުގައިވުމެވެ.

ދެވަނަ ބަޔަކީ ޢަމަލުތަކުގައި އިޤްތިޞާދުކޮށް، ކުރަންޖެހޭ ކަމެއް އެކަނި ކޮށް ޙަރާމް ކުރައްވާފައިވާ ކަމަކުން އެކަނި ދުރުހެލިވެފައިވާ މީހާއެވެ. އޭނާއަށް ޤުރުއާނުގައި ދެވިފައިވާ ނަމަކީ މުޤްތަޞިދު މީހާއެވެ. އެއީ ﷲ ގެ އަމުރުފުޅުތަކަށް ރައްކާތެރިވާމީހާއެވެ. އަދި އެކަލާނގެ ނަހީކުރެއްވި ކަންކަމުން ފުރިހަމައަށް ދުރުހެލިވެގެންވާ މީހާއެވެ. ނަމަވެސް ސުންނަތް ދަރަޖައިގެ ކަންކަންކޮށް އީމާންކަމުގެ މަތީ ދަރަޖަތައް ޙާޞިލުކުރުމަށް މަސައްކަތް ނުކުރާ މީހާއެވެ. އޭނާ ވާޖިބުތައް ފުރިހަމައަށް އަދާކުރި ކަމުގައިވިޔަސް އެކަންކަން އެންމެފުރިހަމައަށް އަދި އެންމެ ޘަވާބާއި ދަރުމަ ގިނަވާނޭ ގޮތަކަށް ކުރުމަކަށް އަޅައެއް ނުލާނެއެވެ. ވީމާ އޭނާއަކަށް ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނޭ ޢަމަލުތަކެއް ނުވެއެވެ. އަދި އޭނާގެ މައްޗަށް ޢަޛާބު އަންނާނޭ ޢަމަލުތަކެއްވެސް އޭނާ ނުކުރެއެވެ.

ތިންވަނަ ދަރަޖައަކީ ﷲ  ކުރަން އެންގެވި ކަންކަމުގައި ފަރުވާކުޑަކޮށް ވާޖިބުތައް އަޅާފައިވާ މީހުންނެވެ. އަދި އެކަލާނގެ ނުކުރަން އެންގެވި ކަންކަމަށް އަރައިގަނެ ފާފަވެރިވެފައިވީ މީހުންނެވެ. އެބައިމީހުން ކީރިތި ޤުރުއާނުގައި ސިފަކުރައްވާފައިވަނީ އަމިއްލަ ނަފްސަށް އަނިޔާވެރިވީ މީހުންގެ ގޮތުގައެވެ. އެބައިމީހުންނީ ވެސް އީމާންކަމުގެ އަހުލުވެރިންނެވެ. އެބައިމީހުންގެ އީމާންކަން ބަލިކަށި ބަޔަކަށްވުމުން، އެބައިމީހުންގެ އީމާންކަން ހުރިވަރެއްގެ މިންވަރަކުން އެބައިމީހުންނީވެސް އެމިންވަރަކާއި އެކަށީގެންވާ ގޮތުގެމަތީން ﷲ އާ ގާތްކަމެއް ލިބިގެންވާ މީހެކެވެ. ނުބައިކަމާއި ޘަވާބު އެމީހަކަށް ޖަމާވެފައިވެއެވެ. އެބައިމީހުން ނަރަކައަށް ވެއްދެވުމަށް އެކަލާނގެ އިރާދަކުރައްވައިފި ނަމަވެސް އެތަނުގައި އަބަދަށް ދެމި ނުތިބޭނެއެވެ. ޛައްރެއްގެ މިންވަރުވެސް އީމާންކަން ހުރެއްޖެ ނަމަ އެމީހަކީ ސުވަރުގެ ވަންނާނެ މީހެކެވެ.

މާތްﷲ ވަޙީކުރެއްވިއެވެ: ﴿ ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌ لِّنَفْسِهِ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّهِ ۚ ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ﴾ سورة فاطر:32  މާނައީ: [އެއަށްފަހު ތިމަންއިލާހުގެ އަޅުންގެ ތެރެއިން ތިމަންއިލާހު އިޚްތިޔާރުކުރެއްވި މީހުންނަށް ފޮތް (ޤުރުއާން) ދެއްވީމެވެ. ފަހެ، އޭގެ ތެރޭގައި އެމީހެއްގެ ނަފްސަށް އަނިޔާވެރިވީ (ނުބައިކަންކަންކުރި) މީހުންވެއެވެ. އަދި އޭގެ ތެރޭގައި ވާޖިބުތައް އަދާކޮށް ޙަރާމްކަންކަމުން ދުރުހެލިވީ މީހުންވެއެވެ. އަދި އޭގެ ތެރޭގައި ﷲ ގެ އިޛުނަފުޅާއެކު ހެޔޮކަންކަމުގައި ކުރިއަރާދިޔަ މީހުންވެއެވެ. (އެޤުރުއާން ދެއްވުމީ) އެއީ ބޮޑުވެގެންވާ މަތިވެރިކަން ލިބިގެންވާ ކަމެކެވެ.] ވީމާ އެހުރިހައި އެންމެންނީވެސް އެކަލާނގެ ބާވައިލެއްވި ޤުރުއާނަށް އީމާންވެ އެއަށް ތަބާވިމީހުންނެވެ. ތިންދަރަޖައިގެ މީހުންނަކީވެސް އީމާންކަމުގެ އަހުލުވެރިންނެވެ. ﷲ އާ އެމީހަކާ ދެމެދު އޮންނަ ވިލާޔަތު އުފެދިފައި އޮންނާނީ މީގެ ތެރެއިން އެމީހަކު ހުރި ދަރަޖައަކާ އެއްމިންވަރަކަށެވެ. "ފަތާވާ މުހިންމާ" ގެ 83 ވަނަ ޞަފްޙާގައި އައްޝައިޚް ޢުޘްއިމީން رحمه الله ވިދާޅުވިއެވެ: [އެއްވެސް މީހަކީ ތަޤްވާވެރި މުއުމިނެއް ކަމުގައިވާނަމަ، އެމީހަކީ ﷲ ގެ ވަލީއެކެވެ. އެހެން އެކަން ނުވާނަމަ އެމީހަކީ އެއީ ﷲ ގެ ވަލީއެއް ނޫނެވެ. (މާނައީ މާތްﷲ އާ އެއްވެސް މިންވަރަކަށް ގާތްކަމެއް ލިބިގެން ނުވާމީހެކެވެ.) އެމީހެއްގެ ކިބައިގައި ކުޑަނަމަވެސް އީމާންކަމެއް އޮވެ ކުޑަނަމަވެސް ތަޤްވާވެރިކަމެއް ވާނަމަ އޭނާގެ ކިބައިގައި އެފަދަ ކުޑަމިންވަރެއްގެ ވިލާޔަތެއް އޮންނާނެއެވެ.]

އިބްނުލް ޤައްޔިމް رحمه الله (751ހ) ގެ ތަފްސީރުގައި ގެނެސްދެއްވި ރިވާޔަތެއްގައިވެއެވެ: އައްޠަބަރާނީ ރިވާކުރެއްވިއެވެ: އަބުއްދަރްދާއި رضي الله عنه ވިދާޅުވިއެވެ: (އިސްވެދިޔަ އާޔަތް) ކިޔަވާ ވިދާޅުވުމަށްފަހު، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: "(އެބަސްފުޅުގެ މާނައީ: ) ދެންފަހެ ކުރިއަރާދިޔަ މީހުންނީ ޙިސާބެއްނެތި ސުވަރުގެ ވަންނާނެ މީހުންނެވެ. ދެންފަހެ މުޤްތަޞިދު މީހުންނީ ލުއި ހިސާބު ބެއްލެވުމަކުން ހިސާބު ބެއްލެވޭ މީހުންނެވެ. ދެންފަހެ އަނިޔާވެރިއަކީ ހައްޔަރުވެފައި އެތައްއިރަކު އިނުމަށްފަހު، ﷲ ގެ ފާފަ ފުއްސެވުން ލިބޭމީހާއެވެ."

އިސްވެބަޔާންވެ އެދިޔައީ މާތްﷲ އަށާއި އެކަލާނގެ ރަސޫލާއަށް ފުރިހަމައަށް އީމާންވެފައިވި މުއުމިނުންގެ ވާހަކައެވެ. މީހާ މުސްލިމަކަށްވެ ހުރުމަށް ކޮންމެހެން ބޭނުންވާ އީމާންކަން މުގުރާލާފައިވާ މީހުންނެއް ނޫނެވެ. ވީމާ އެފަދައިން ދީނުގެ ޢަޤީދާއާ ގުޅޭކަންކަން މުގުރާލާމީހުން އެކަލާނގެ ރަޙްމަތުން ދުރުވެފައިވާނެ ވަރު މިފަދަ އާޔަތްތަކުން ޢިބްރަތް ލިބިގަންނަން ޖެހެއެވެ. މީހާގެ ޢަޤީދާއާއި ވިސްނުން ކޮންމެހެންވެސް ޞަޙާބީ ބޭކަލުންގެ ހުރި ގޮތަށް ހުރުމަކީ ކޮންމެހެން ލާޒިމް ކަމެކެވެ. އެއަށްފަހު އެއީމާންކަމަށްފަހުގައި، ޢަމަލުތައް ކުރުމުގެ މިންވަރާއި ގުޅިފައިވާ އީމާންކަމުގައި އެކިމީހުން ތިންބަޔަށް ބެހިފައިވާކަން ނައްޞުތަކުގެ އަލީގައި އެނގެއެވެ.

އަޅަމެންނީ ސުވަރުގެ ވަނުމަށް ފަސޭހަވެގެންވީ މިންވަރަކަށް ހެޔޮޢަމަލުތަކުގައި ކުރިއަރާ ގޮސްފައިވާ ބައެއްގެ ގޮތުގައި ލެއްވުންއެދި ﷲގެ ހަޟްރަތަށް ދަންނަވަމެވެ. އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *